ދީނީ އިމާމު އަލް ސޮދުރުގެ ސަޕޯޓަރުން އުފާފާޅުކުރަނީ: އެ މީހުން ބުނީ އެއީ ވަރަށް ބޮޑު އުފަލެއް ކަމަށް. (ފޮޓޯ/ ރޮއިޓާސް)

އިރާގު

އިޒްރޭލާ ގުޅުން ގާއިމުކުރުމަކީ ޖިނާއީ ކުށަކަށް އިރާގުން ހަދައިފި

އިޒްރޭލާ ގުޅުން ގާއިމު ކުރުމަކީ ޖިނާއީ ކުށެއް ކަމަށް އިރާގުން ކަނޑައަޅައި ގާނޫނެއް ފާސްކޮށްފި އެވެ. އަދި އެ ގާނޫނާ ހިލާފުވާ ފަރާތެއްގެ އަދަބަކީ މަރުގެ އަދަބު ނޫނީ އުމަރަށް ޖަލަށް ލުން ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.

އެ ގާނޫނު މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރީ އިރާގުގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 329 މެންބަރުންގެ ތެރެއިން 275 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

އިރާގުގެ ރައްޔިތުންގެ މަޖިލީހުން ނެރުނު ބަޔާނެއްގައި ބުނީ އެ ގާނޫނަކީ "ސީދާ ރައްޔިތުންގެ ވިންދާ އެއްގޮތަށް" ފާސްކުރި ގާނޫނެއް ކަމަށެވެ.

މިއީ އިރާގުގެ ގާނޫނު ހަދާ މަޖިލީހުން އެއްގަލަކަށް އެރުނު ހަމައެކަނި މައްސަލަ އެވެ. ގައުމުގެ ރައީސަކު ހޮވުމަށް ވެސް ވަނީ އެއްބަސްވުމަކަށް ނާދެވިފަ އެވެ. އަދި ސަރުކާރެއް ވެސް ވަނީ އެކުލަވާނުލެވިފަ އެވެ. އެ ކަންކަން ނުވެ ދިގުލައިގެން ގޮސްފައިވަނީ ހިޔާލު ތަފާތުވުންތައް ބޮޑުވެގެންނެވެ.

އިރާގުން ދުވަހަކު ވެސް އިޒްރޭލް ބަލައިގެންފައެއް ނުވެ އެވެ. އަދި އިރާގު ރައްޔިތެއް އިޒްރޭލަށް ދިއުން މަނަލެވެ. އިޒްރޭލާ އެކު ވިޔަފާރި ކުރުމަށް ހުއްދައެއް ނޯވެ އެވެ. ދެ ގައުމުން ސިޔާސީ ގުޅުން ގާއިމުކޮށްފައެއް ނުވެ އެވެ.

އާ ގާނޫނު ބުނާ ގޮތުން، އިރާގުގެ ކުންފުންޏަކުން އިޒްރޭލުގެ ކުންފުންޏަކާ އެކު ވިޔަފާރިގެ މުއާމަލާތެއް ހިންގުމަކީ ރިސްކް އޮތް ކަމެކެވެ. އެފަދަ މުއާމަލާތެއް ކޮށްފި ނަމަ އެއީ ގާނޫނާ ހިލާފުވުން ކަމަށް ބެލެވިދާނެ އެވެ. އެ ގާނޫނަކީ އިރާގުގެ ކޮންމެ ރައްޔިތަކު އަދި ދައުލަތާއި މިނިވަން މުއައްސަސާތަކުގެ އިތުރަށް، އިރާގުގައި މަސައްކަތް ކުރާ ބިދޭސީންގެ މައްޗަށް ވެސް ހިނގާނެ ގާނޫނެއް ކަމަށް އިރާގު ނިއުސް އެޖެންސީ (އައިއެންއޭ) އިން ބުންޏެވެ.

ކާމިޔާބު ނިންމުމެއް

އެ ބިލް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ނުފޫޒު ގަދަ ޝައިހު އަދި ދީނީ އިމާމު މުގުތަދާ އަލް ސޮދުރުގެ ޕާޓީންނެވެ. އެ ޕާޓީއަކީ އެމެރިކާ އާއި އިޒްރޭލާ ގުޅުން ގާއިމު ކުރުމާ ދެކޮޅު ޕާޓީއެކެވެ. މިދިޔަ އޮކްޓޫބަރު މަހު ބޭއްވި އިންތިހާބުގައި އެ ޕާޓީން ވަނީ ގިނަ ގޮނޑިތަކެއް ހޯދައިފަ އެވެ.

އިމާމު ވިދާޅުވީ އެ ގާނޫނު ފާސްކުރެވުމަކީ "ވަރަށް ބޮޑު ކާމިޔާބީއެއް" ކަމަށެވެ. އެކަން ފާހަގަ ކުރުމަށް އޭނާ ވަނީ ސަޕޯޓަރުން މަގުތަކަށް ނުކުމެ އުފާ ފާޅުކުރުމަށް ގޮވާލަައްވައިފަ އެވެ.

އެއަށް ފަހު، އެތައް ސަތޭކަ ބަޔަކު ވަނީ އިޒްރޭލާ ދެކޮޅު ސްލޯގަންތައް ހިފައިގެން ބަގުދާދުގެ މެދުތެރެއަށް އެއްވެ އުފާފާޅުކޮށްފަ އެވެ. އެ އެއްވުން އޮތީ ތަހުރީރު މައިދާނުގަ އެވެ. އެ މީހުން އެ ތަނަށް އެއްވީ ސޮދުރުގެ ޓުވީޓަކަށް ފަހު އެވެ. ސޮދުރުގެ ޓުވީޓްގައި ގޮވާލެއްވީ ޝުކުރުގެ ސަޖިދައެއް ކުރުމަށް ފަހު އުފާ ފާޅުކުރުމަށެވެ.

ސޮދުރުގެ ޕާޓީގެ މެންބަރުން ވިދާޅުވީ އެފަދަ ބިލެއް ހުށަހެޅީ، އިޒްރޭލާ އެކު ސިއްރު ގުޅުންތަކެއް ގެންގުޅޭ، އިރާނުން މަދަދުދޭ ސުންނީންނާއި ކުރުދީންނާ އެކު، ސޮދުރުގެ ޕާޓީން ކޯލިޝަން ހަދަން މަސައްކަތް ކުރާ ކަމަށް ވާދަވެރި ޕާޓީތަކުން ކުރާ ތުހުމަތަކީ އަސާސެއް ނެތް ތުހުމަތެއްކަން ދެއްކުމަށް ކަމަށެވެ.

އިރާގުގެ އުތުރުން ކުރުދީން ކޮންޓްރޯލް ކުރާ، އިރުބިލީ ސިޓީއަށް އީރާނުން މި އަހަރުގެ ކުރީކޮޅު ވަނީ މިސައިލް ހަމަލާތަކެއް ދީފަ އެވެ. އެއީ އިޒްރޭލުގެ ޖާސޫސީ ބޭސްއަކަށް ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެ އެވެ. އަދި އެއީ ތެލުގެ ވިޔަފާރި ކުރާ ބާޒު ކަރީމްގެ ކޭއޭއާރު ގްރޫޕްގެ ސީއީއޯގެ އަވަށް ކަމަށް ވެސް އެ ގައުމުން ބުންޏެވެ. އެ ހަމަލާތަކުގައި ވަނީ ބޮޑެތި ގެއްލުންތަކެއްވެފަ އެވެ.

ކޭއޭއާރު ގްރޫޕަށް ކުރާ ތުހުމަތަކީ ސިއްރިޔާތުގައި އިޒްރޭލަށް ތެޔޮ ވިއްކާ ކަމުގެ ތުހުމަތެވެ.

އިރާގުގެ ކުރުދިސްތާން ރީޖަނަކީ މުސްތަގިއްލު ގޮތެއްގައި ހިންގާ ސަރަހައްދެކެވެ. އިޒްރޭލާ އެކު ގުޅުން ގާއިމު ކުރުމަށް އެ ސަރަހައްދުން ކޮންފަރެންސުތަކެއް ބާއްވައި ވާހަކަ ދައްކަމުން އަންނަތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ. ބުރާސްފަތި ދުވަހު ފާސްކުރި ގާނޫނަކީ އެއާ ވެސް ގުޅިގެން ފާސްކުރި ގާނޫނެކެވެ.

އެ ކޮންފަރެންސްތައް ބޭއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ އިޒްރޭލާ ގުޅުން ގާއިމު ކުރުމަށް އަރަބި ބައެއް ގައުމުތަކުން ހިންގި ހަރަކާތްތަކަށް ފަހު އެވެ.

މެދުއިރުމަތީގެ ބައެއް ގައުމުތަކުގެ ތެރޭގައި ހިމެނޭ، ޔުނައިޓެޑް އަރަބި އެމިރޭޓްސް އާއި ބަހުރައިނުން ވަނީ އިޒްރޭލާ އެކު ގުޅުން ގާއިމުކޮށްފަ އެވެ. އެއީ ސަރަހައްދުގައި އީރާނަކީ ނުރައްކަލެއް ކަމަށް އެ ފަރާތްތަކަށް ގަބޫލު ކުރެވޭތީ އެވެ. އެ ގުޅުންތައް ގާއިމުކުރުމުގެ މޭސްތިރިއަކީ އެމެރިކާ އެވެ.

ސައުދީ އަރަބިއްޔާއަކީ މެދުއިރުމަތީގައި އެމެރިކާއާ ގާތް ގުޅުމެއް ގެންގުޅެމުން އަންނަ ގައުމެކެވެ. ސައުދީން ބުނަނީ އިޒްރޭލާ އެކު ސިޔާސީ ގުޅުން ގާއިމު ކުރާނީ ފަލަސްތީނަކީ މިނިވަން ދައުލަތެއްކަން ގަބޫލުކޮށް އެ މަގާމު ދިނުމުން ކަމަށެވެ. އަދި 1967ގެ ހަނގުރާމާގައި އިޒްރޭލުން ހިފާފައިވާ ބިންތަކުގެ މައްސަލަ ހައްލުކުރުމުކީ ވެސް ސައުދީގެ ޝަރުތެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް