ފްރާންސްގެ ރައީސް އެމިނިއުއަލް މެކޯން ސަޕޯޓަރުންނާ ބައްދަލު ކުރައްވަނީ -- ފޮޓޯ/ ރޮއިޓާސް

ފްރާންސް

ފްރާންސް ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް މެކޯންއަށް ގެއްލިއްޖެ

މެކޯން އަށް ޖެހިފައިވަނީ އިދިކޮޅު ފަރާތްތަކާ މަޝްވަރާކުރަން

ފްރާންސްގެ ރައީސްކަމުގެ މަގާމު ދެ ވަނަ ފަހަރަށް އެމެނިއުނަލް މެކޯން ކާމިޔާބު ކުރެއްވިތާ ދެ މަސް ނުވަނީސް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާތު ފިޔަ އާއި ކަނާތު ފިޔަ ވަރުގަދަކުރުމުން މެކޯންގެ ކޯލިޝަނަށް އަގުލަބިއްޔަތު ގެއްލިއްޖެ އެވެ.

މެކޯން ގޮވާލައްވަމުން ދިޔައީ ވަރުގަދަ އަގުލަބިއްޔަތެއް އެ މަނިކުފާނަށް ދިނުމަށެވެ. އެހެން ނަމަވެސް އޭނާގެ ސެންޓަރިސްޓް ކޯލިޝަނަށް ގިނަ ގޮނޑިތަކެއް ގެއްލި ފްރާންސްގެ ސިޔާސަތު ވަނީ އެފުށްމިފުށަށް ޖެހިފަ އެވެ.

މެކޯން މި ފަހުން އައްޔަން ކުރެއްވި ބޮޑު ވަޒީރު އެލިޒަބަތު ބޯން ވިދާޅުވީ މި ހާލަތު ރަނގަޅު ނޫން ކަމަށެވެ. އަދި ވިދާޅުވީ ފަހުގެ ތާރީހެއްގައި ފްރާންސްގެ މަޖިލީސް މިފަދަ ގޮތަކަށް ނަތީޖާ ނުކުމެފައި ނުވާ ކަމަށެވެ.

މިއީ ފްރާންސްގެ އެތެރެ އާއި ބޭރަށް ވެސް ރަނގަޅު ގޮތެއް ނޫން ކަމަށާއި މަޖިލީހުގެ މެޖޮރިޓީ ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ބޮޑު ވަޒީރު ވިދާޅުވި އެވެ.

މަޖިލީހުގެ އިންތިހާބުގެ މެކޯންއަށް ގެއްލުމަށް ފަހު އެ މަނިކުފާނު ވޭތުވެ ދިޔަ ދެ ދުވަހު މަސައްކަތް ކުރެއްވީ ޕާޓީތަކާ ވާހަކަ ދައްކަވައިގެން މެދު މިނުގެ ހައްލެއް ހޯއްދެވޭތޯ އެވެ. ނަމަވެސް އިދިކޮޅު ޕާޓީތަކުން މެކޯން އާ ގުޅިގެން މަސައްކަތްކުރަން ބޭނުމެއް ނުވި އެވެ. ގައުމާ މުހާތަބު ކުރައްވައި އިއްޔެ ޓީވީ މެދުވެރިކޮށް ދެއްކެވި ވާހަކައިގައި މެކޯން ވަނީ އެހެން ވިދާޅުވެފަ އެވެ. މެކޯން ވިދާޅުވީ އިދިކޮޅު ޕާޓީތައް ބޭނުންވަނީ އިދިކޮޅު ޕާޓީތަކުގެ ގޮތުގައި ދެމި ތިބުމަށް ކަމަށެވެ.

މިއީ މަޖިލީސް އިންތިހާބަށް ފަހު މެކޯން ފުރަތަމަ އާންމުކޮށް ވާހަކަ ދެއްކެވި ފުރަތަމަ ފަހަރެވެ. މެކޯންގެ ސެންޓަރައިޓް ޓުގެދާ ކޯލިޝަނުން ވަނީ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ހޯދައިފަ އެވެ. އެއީ 245 ގޮނޑި އެވެ. އެހެން ނަމަވެސް އަގުލަބިއްޔަތު ހަމަކުރުމަށް އިތުރު 44 ގޮނޑި ބޭނުންވެ އެވެ. މެކޯން އަށް ސަރުކާރު ހިންގޭ ވަރުވި ނަމަވެސް އެކަން ވާނީ އިދިކޮޅު ޕާޓީތަކާ އެކު މަޝްވަރާތައްކޮށްގެންނެވެެ.

އެންމެ ބޮޑު އިދިކޮޅު ކޯލިޝަން، ވާތުފިޔައިގެ ނޫޕުސް ކޯލިޝަނުން ވަނީ މަޖިލީހުގެ 131 ގޮނޑި ހޯދައިފަ އެވެ.

ހަރުކަށި ކަނާތު ފިޔައިގެ ލީޑަރު މެރައިން ލެޕެންގެ ނޭޝަނަލް ރެލީ ޕާޓީންވަނީ 89 ގޮނޑި ހޯދައިފަ އެވެ. އެއީ އެ ޕާޓީއަށް ރެކޯޑެކެވެ.

މިފަދަ ސިޔާސީ ހާލަތަކީ ފްރާންސްގެ ތާރީހުގައި ވެސް ވަރަށް އާދަޔާ ހިލާފު ކަމެކެވެ.

ބޮޑުކޮށް ބައިބައިވުން

މެކޯން ވިދާޅުވީ ގާނޫނު ހަދާ މަޖިލީހުގެ ބައިބައި ވުމަކީ ގައުމަށް އެއްގޮތަކަށް ވެސް ރަނގަޅު ގޮތެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ ކަންކަން ނިންމުމަށް ފުޅާ އަގުލަބިއްޔަތެއް ބޭނުންވާނެ ކަމަށެވެ. އެހެން ނަމަވެސް އޭނާ ވިދާޅުވީ ހަރުކަށި ގޮތްތައް އިސް ނުކުރައްވާނެ ކަމަށާއި ކެމްޕޭންގެ ވައުދުތަކާ އެއްގޮތަށް ކަންކަން ކުރައްވާނެ ކަމަށެވެ. އެ މަނިކުފާނުގެ ވައުދުތަކުގެ ތެރޭގައި ހިމެނެނީ ފަރުދުން މާލީ ގޮތުން ބާރުވެރި ކުރުވުމާއި ޓެކްސް ކުޑަ ކުރުމާއި މުސްކުޅި ކުރާ އުމުރު 62 އަހަރުން 65 އަހަރަށް މަތި ކުރުމެވެ.

މެކޯން އިދިކޮޅަށް ގޮވާލެއްވީ ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އެ ޕާޓީތަކުން ކޯލިޝަން ސަރުކާރުގައި ބައިވެރިވާނެތޯ ނޫނީ، ވަކި ވަކި ބިލްތަކަށް ވޯޓު ދޭ ގޮތަށް ތިބޭނީތޯ ނިންމަން އެދޭ ކަމަށެވެ. 

އެހެން ނަމަވެސް އެންމެ ބޮޑު ވާތު ފިޔައިގެ ޕާޓީގެ ލީޑަރާއި ކަނާތު ފިޔައިގެ ޕާޓީގެ ލީޑަރު ވިދާޅުވެފައި ވަނީ ސަރުކާރު ކޯލިޝަންގައި ބައިވެރިވުމަކީ އެ މީހުންގެ މަސްލަހަތާ ގުޅިފައިވާ ކަމެއް ނޫން ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް