ނަބީހު ސައޫދީ އަރަބިއްޔާގެ ކިންގް އަބްދުލްއަޒީޒް ގުރުއާން މުބާރާތުގައި ބައިވެރިވުމަށް ކުރި 13 ދުވަހުގެ ދަތުރުގައި މައްކާގެ ކްލޮކް ޓަވަރުގައި ފޮޓޯއަކަށް ހުއްޓިލައިގެން.

ނަބީހުގެ އާދަޔާހިލާފު ދަތުރާއި އަޖާއިބުކުރަނިވި ހުނަރު ގެނެސްދިން އުއްމީދު

އައިމިނަތު މި އިންޓަވިއު ދިންއިރު ވެސް ހުރީ ފެންކަޅިވެފަ އެވެ. އެކަމަކު އެއީ މިއަދު އަނެއްކާވެސް އުފާވެރިކަމުގެ ކަރުނަކަން ޔަގީނެވެ. މިއީ ނަބީހު ގޮވައިގެން ސައޫދީގައި ހޭދަކުރި 13 ދުވަހުގެ ދަތުރާއި ނަބީހުގެ އާދަޔާހިލާފު ދަތުރުގެ ވާހަކަ އެވެ.
10 އޮކްޓޯބަރު 2022
1

މީގެ 20 އަހަރު ކުރިން އައިޖީއެމްއެޗުގައި އަލަތު ފިރިހެން ދަރިފުޅު ވިހައިގެން، އެ ސޮރާ ދިމާލަށް ބަލަހައްޓައިގެން އޮވެ އައިމިނަތު މުހައްމަދު އުފަލުން ފެންކަޅިވަމުންދިޔަ ދުވަހަކީ އޭނާގެ ހަޔާތުގައި ވަރަށް އާދަޔާހިލާފު ދުވަހެކެވެ. ބުނެދޭން ނޭނގޭ އެތައް އިހުސާސްތަކެއް އުތުރިއަރައި ބަންޑުންވަމުންދިޔަ ދުވަހެކެވެ.

އެ ދުވަހުގެ އެ އާދަޔާހިލާފު އިހުސާސް އޭނާ ކިޔައިދިނީ މިހެންނެވެ.

"އަޅުގަނޑަށް އެންމެ ފުރަތަމަ ލިބުނީ ދެ އަންހެން ކުދިން. ތިންވަނަ ދަރިއަކަށް ބަލިވެއިން ދުވަހުން ފެށިގެން ވެސް އަޅުގަނޑު ދުއާކޮށް އުއްމީދުކުރަމުން ދިޔައީ އަޅުގަނޑަށް ފިރިހެން ކުއްޖަކު ދެއްވާތޯ. ﷲގެ ރަހުމަތްފުޅުން އަޅުގަނޑުގެ އެ އުއްމީދު ހާސިލުވިކަން އެނގުނީ ބަނޑަށް ހަތް މަހުގައި ކުރި ސްކޭނަކުން،" އޭގެ ދެ މަސް ފަހުން އުރާލަން ލިބުނު އަލަތު ފިރިހެން ދަރިފުޅާ އެކު ހިތުގައި އުމުރަށް ބިންވަޅުނެގިގެން ދިޔަ ހަނދާންތައް އާކޮށް އައިމިނަތު ކިޔައިދިނެވެ.

އެ ފިރިހެން ދަރިފުޅަށް އައިމިނަތުގެ ދެމަފިރިން ދިން ނަމަކީ 'ނަބީހު' އެވެ. 'ނަބީހު' ގެ ނަމުގެ މާނަ އަކީ އާދަޔާހިލާފެވެ. ނަމަވެސް އުފަންވިއިރު ބަރުދަނުގައި 4.1 ކިލޯ ހުރި، ފުށްގަނޑެއްހާ އެ ލޯބި ދަރިފުޅުގެ އާދަޔާހިލާފު ސިފަތަކާ އެކު ދިރިއުޅުން އާދަޔާހިލާފު ދަތުރަކަށް ބަދަލުވެގެން ހިނގައިދާނެ ކަމަކަށް އެ ދެމަފިރިންގެ ހިތަކަށް ވެސް ނާރަ އެވެ.

"ނޯމަލް ދެ އަންހެން ކުދިން އަޅުގަނޑުގެ ތިބީ. ހިތަކަށް ވެސް ނާރާނެތާ ނަބީހު ވެދާނެއޭ ތަފާތު ކުއްޖަކަށް،" އައިމިނަތު ބުނެލި އެވެ.

އެކަމަކު އުފަންވި ދުވަހު ވެސް ނަބީހަކީ އާދަޔާހިލާފު ކުއްޖެކެވެ. އަދި އޭގެ 20 އަހަރު ފަހުން، މުޅި ރާއްޖެ ފަހުރުވެރިވާ ވަރުގެ ހުނަރުވެރި ހާފިޒެއްގެ ގޮތުގައި އައިމިނަތުގެ އެ ދަރިފުޅު، އަހުމަދު ނަބީހު އަބްދުލްގާދިރުގެ ނަމުގައި ވިދައިބަބުޅަމުން އަންނައިރު މިއީ ހަގީގަތުގައި ވެސް އަޖާއިބުން އަޖާއިބުކުރަނިވި ވާހަކައެކެވެ. އަދި އުއްމީދުން ފުރިގެންވީ ހުނަރުވެރިއެއްގެ ވާހަކަ އެވެ.

އޭނާގެ މި ޒުވާން ދަތުރުގައި އުއްމީދު ގެނެސްދިނީ އައިމިނަތުގެ ދެމަފިރިންނަށް އެކަންޏެއް ނޫނެވެ. ނަބީހުގެ ވާހަކަ އިން އެހެން އާއިލާތަކަށް ގެނެސްދޭ އުއްމީދާއި އުފާވެރިކަން އަދި ވަކިން ބޮޑެވެ. ސަބަބަކީ އޯޓިސްޓިކް ކުއްޖަކަށް މުސްތަގުބަލެއް ނެތް ކަމަށް ގަބޫލުކޮށްގެން ތިބި އެތައް ބަޔަކަށް ނުވަތަ އޯޓިޒަމް ހުންނަ ކުދިން ލިބިގެން މާޔޫސްވެފައި ތިބި އެތައް އާއިލާއަކަށް ނަބީހުގެ މި އާދަޔާހިލާފު ދިރިއުޅުން ނަގައިދިން އަގުބޮޑު ފިލާވަޅެވެ. ދެއްކި ނަމޫނާ އެވެ.

ސައޫދީގެ ދަތުރުގައި ނަބީހު އޭނާގެ މަންމަ އާއި ބައްޕައާ އެކު ފޮޓޯއަކަށް ހުއްޓިލައިގެން.

"ތެދުތެދަށް ބުނަނީ ނަމަ، (އޯޓިޒަމް ހުންނަ ކުއްޖަކު) ލިބުނީމަ ވަރަށް ގިނަ މީހުން ތިބެނީ މާޔޫސްވެފައި، އުއްމީދު ގެއްލިފައި. ދެން ކުރިއަށް ދާނެ ގޮތެއް ނޭނގިފައި، ހަދާނެ ގޮތެއް ނޭނގިފައި ވަރަށް މީހުންނަށް ތިބެވެނީ،" ވަރަށް ދުއާކޮށްގެން ލިބުނު އަލަތު ފިރިހެން ދަރިފުޅު އޯޓިސްޓިކްކަން އެނގުނު ދުވަހު ލިބުނު ޝޮކާއި ހިތާމަ ހިއްސާކުރަމުން އައިމިނަތު ކިޔައިދިނީ އެންމެންގެ އިހުސާސެވެ.

"ވަރަށް ގިނަ މީހުން ޑިޕްރެޝަން އަށް ގޮސް، ދެމަފިރިން ވަރިވެ އެ ކުއްޖާ އެންމެފަހުން ބިކަވެ އިތުރަށް ނިކަމެތިވެގެން މި ދަނީ. ދަރިފުޅާ ހަވާލުވާނެ މީހަކު ނުވެ، އެކަކު ބޮލުން އަނެކަކު ބޮލަށް ޖަހަމުން އެ ކުއްޖާއާ ހަވާލުވާނެ މީހަކު ނުވެ ދަނީ."

ނަމަވެސް އައިމިނަތު ނިންމީ ދަރިފުޅާ އެކު ވީހާލެއްގައިވާށެވެ. ކަރުނައިން ދެ ލޯ ތެންމާލިޔަސް އެ ދަރިފުޅު އުރާލައިގެން ދެވުނު އެންމެ ދުރަކަށް ދާށެވެ.

"އަޅުގަނޑު ނަބީހް ލިބިގެން، މާޔޫސްއެއް ނުވަން. ބަލިކުއްޖަކަށް ވުމަކުން، ދެރަވިޔަސް، އުއްމީދު ކަނޑައެއް ނުލަން ދުވަހަކު ވެސް، އަދިވެސް، މިހާރު ވެސް، މި ވަގުތު ވެސް،" އައިމިނަތު ކިޔައިދިނެވެ.

"އެހެންވީމަ އަޅުގަނޑު ބުނެލަން ބޭނުންވަނީ ބަލި ކުއްޖަކު ލިބުނަސް، އެއްވެސް ހިތްބުރަކަމެއް ނެތި، މާޔޫސްވުމެއް ނެތި، ކެތްތެރިކަމާ އެކުގައި އެ ކުއްޖާ ގޮވައިގެން ކުރިއަށް ދާށޭ ދިރިއުޅުގައި. އެއްވެސް މީހަކަށް ނޭނގޭނެއޭ ތަގުދީރުގައި ލިޔުއްވާފައި އޮތީ ކީކޭ ކަމެއް."

އައިމިނަތު މި އިންޓަވިއު ދިންއިރު ވެސް ހުރީ ފެންކަޅިވެފަ އެވެ. އެކަމަކު އެއީ މިއަދު އަނެއްކާވެސް އުފާވެރިކަމުގެ ކަރުނަކަން ޔަގީނެވެ. އައިމިނަތުގެ ދެމަފިރިން އިހަށް ދުވަހު އެ އައީ ނަބީހު ގޮވައިގެން ސައޫދީ އަރަބިއްޔާ އަށް ގޮސް އެ ގައުމުގެ ޝަރަފުވެރި 'ކިންގް އަބްދުލް އަޒީޒް ހޯލީ ގުރުއާން' މުބާރާތުގައި ނަބީހު ކިޔަވައި އެ މުބާރާތުގެ ފައިނަލްގައި ވާދަކުރި ތާރީހީ އަދި ޝަރަފުވެރި މަންޒަރުން ހިތާއި ނަފުސު ފުރާލައިގެންނެވެ.

މުބާރާތުގައި ނަބީހް ކިޔަވަނީ: މިއީ މި މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ހާފިޒަކު ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރު.

ސައޫދީގައި ހޭދަކުރި 13 ދުވަހުގެ އެ ދަތުރު އައިމިނަތު އާއި ނަބީހަށް ހާއްސަވާ އެހެން އެތައް ސަބަބެއް ވެސް އޭނާ ކިޔައިދިނެވެ. ދެމައިންނަށް ދެ އުމުރާ ކުރުމުގެ ފުރުސަތު ލިބުމާއި އެ ހުރިހާ މަތިވެރި އަޅުކަމެއް، މީހަކަށް އަދާކުރަން ލިބޭނެ އެންމެ ފަސޭހަ ދަރުބާރުގައި ފުރިހަމަކުރުމުގެ ނަސީބު ލިބުމަށް ވުރެ ވެސް ހާއްސަ ސަބަބެއް އޭނާ އަދި ކިޔައިދިނެވެ.

"އަޅުގަނޑުގެ ބައްޕަ މުސްކުޅިވެގެން ނިމިގެންދިޔައިރު ވެސް ބައްޕަ އުމްރާއަކަށް ފޮނުވާނެ ތަނަވަސްކަމެއް ވެސް ނެތް މީހެއް އަޅުގަނޑަކީ. އެކަމަކު މި ކުއްޖާގެ އުމުރުން އެންމެ 20 އަހަރުގައި އަޅުގަނޑަށް އެ ނަސީބު މި ލިބުނީ މި ދަރިފުޅާ އެކު ފެށި ދަތުރުގެ ސަބަބުން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" އައިމިނަތު އަސަރާއެކުގައި ކިޔައިދިނެވެ.

"ނަބީހުއަށްޓަކައި ވި ގުރުބާނީ އާއި އުފުލި ބުރައިގެ އަގު ﷲ ތައާލާ އަޅުގަނޑުމެންނަށް ދެއްވި ގޮތް، މިންވަރު ކުރެއްވި ގޮތް ކިހާ ފުރިހަމަތޯ؟ މިކަމަށް އަޅުގަނޑު ﷲ އަށް ޝުކުރުވެރިވަން. އެކަމަކު މި އުފާވެރިކަން ބަޔާންކޮށްދޭނެ ގޮތެއް އަޅުގަނޑަކަށް ނުވިސްނޭ."

އައިމިނަތު ބުނީ ނަބީހުގެ ސައޫދީ ދަތުރުން އެ އާއިލާގެ އެތައް ހުވަފެނަކާއި އުއްމީދެއް ހަގީގަތަކަށް ވެގެންދިޔައިރު މިއީ އަބަދުވެސް ދުއާކޮށް އެދިއެދި ތިބި ފުރުސަތެއް ކަމަށެވެ.

"އަޅުގަނޑު އަބަދުވެސް އުއްމީދުކުރި ކަމެއް ނަބީހް ގޮވައިގެން މައްކާ އަށް ދިއުމަކީ. ޓީވީ އިން މައްކާ ފެނުނީމަ ނަބީހް އަބަދުވެސް، އެންމެ ތުއްތުއިރު ވެސް އެ ސޮރަށް ބުނެވުނު ގޮތަކަށް ބުނާނެ އޭނަ ގޮވައިގެން އެތަނަށް ދާން. މައްކާ އަށް ދާން ބޭނުންވާ ވާހަކަ،" އުފަލުން ފޮޅިފައި އިނދެ އައިމިނަތު ކިޔައިދިނެވެ.

"އެންމެފަހުން އެ ހުވަފެން ވެސް ހަގީގަތަކަށްވީއޭ މާތްﷲގެ އިރާދަފުޅާ އެކު. މި އުފާވެރިކަން ބަޔާން ވެސް ނުކޮށްދެވޭނެ މިގޮތަށް ކިތަންމެ ގިނަ އިރަކު، ކިތަންމެ ވާހަކައެއް ދެއްކިޔަސް. އަޅުގަނޑު ބުނާނީ މިއީ އަޅުގަނޑުމެން ސަޖިދައިގައި ތިބޭ ވަރުގެ ކަމެއް."

ނަބީހު އޭނާގެ މަންމައާ އެކު ހަރަމްފުޅުގައި: ގުރުއާން މުބާރާތުގައި ބައިވެރިވުމަށް ކުރި ދަތުރަކީ ނަބީހު އާއި އޭނާގެ މަންމަގެ ފުރަތަމަ އުމްރާ ދަތުރު ވެސް މެ.

ނަބީހުގެ ހިތުގައި އަބަދުވެސް އެންމެ ގަދައީ ގުރުއާނުގެ ނޫރު

ކައްކާ އުނދުނުގައި ރޯކޮށްފައިވީ ހުޅަށް އަތް ލެވިގެން ނަބީހަށް އޭގެ އެއްވެސް އަސަރެއް ނުކުރެ އެވެ. ބައްޕައާ އެކު ސައިކަލްގައި ދުއްވާލަން ދިޔަ ދުވަހެއްގައި، ސައިކަލްގެ ހޫނު ސައިލަންސަރުގައި ޖެހި ފައި ފިހިގެން ވެސް އޭނާ އަށް އެއްވެސް އަސަރެއް ނުކުރެ އެވެ. ދަރިފުޅުގެ ކިބައިން މިފަދަ އާދަޔާހިލާފު ސިފަތަކެއް ފާހަގަކުރެވެން ފެށިއިރު ދެން ފާހަގަކުރެވުނު އަނެއް ހާއްސަކަމަކީ ގުރުއާނާއި ބަންގީގެ އަޑަށް އަދި ގުރުއާނުގެ އާޔަތްތަކާއި ސޫރަތްތައް ލިޔެފައިވީ ލިޔުންތަކަށް ނަބީހުގެ ހިތުގައި އުފެދިފައިވީ ހާއްސަ ޝައުގުވެރިކަމެވެ.

ސިވިއާ އޯޓިޒަމްގެ ސަބަބުން ނަބީހަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާ އެކު އޭނާގެ ކިބައިން އެންމެ ފުރަތަމަ ފާހަގަކުރެވޭ ސިފައަކީ ބަސްމޮށުންތެރިކަމުގައިވީ ނުކުޅެދުންތެރިކަމެވެ. ޖުމްލަ ހަދައިގެން ރަނގަޅަށް ވާހަކަ ދައްކާކަށް އޭނާއަކަށް ނޭނގެއެވެ. އަދި މިހާރު އަބަދުވެސް ފެންނާނީ ވަރަށް ބަސް އަހައިގެން، ވަރަށް މަޑުން، ވަރަށް އެކަނި އިންނަތަނެވެ.

ނަމަވެސް ގުރުއާނާއި ބަންގީގެ އަޑު ކަންފަތުގައި ޖެހިއްޖެ ނަމަ އެއީ ދެން މުޅިން އެހެން ނަބީހެކެވެ.

"ކުރިން، އޯޓިޒަމް އަށް ޑައިގްނޯޒްކުރި ފުރަތަމަ މަރުހަލާގައި ވަރަށް ހަލަބޮލިކޮށް މީހަކަށް މައިތިރި ވެސް ނުކުރެވޭ ވަރަށް ހަލަނިކޮށް އުޅޭނީ ނަބީހް. ނަމަވެސް ގުރުއާނަށް އުފެދުނު ޝައުގުވެރިކަމާ އެކު އެއްކޮށް މައިތިރިވެއްޖެ،" އައިމިނަތު ކިޔައިދިނެވެ.

"ގުރުއާނުގެ އާޔަތްތަކެއް ނުވަތަ ސޫރަތްތަކެއް ލިޔެފައިވާތަން ފެނުނަސް ހުއްޓޭނެ. ދެ ނަމާދު ދޭތެރޭގައި ޓީވީ އިން ފޮނުވާ ގުރުއާން ވެސް ބަލަން ޓީވީ ކުރިމަތީގައި ކޮޅަށް ހުއްޓި ހުންނާނެ ނިމެންދެން، ނުވެސް އިށީންނާނެ ތަނެއްގައި. ކޮޓަރީގައި ހުއްޓައި ބަންގި ގޮވާއަޑު ޓީވީ އިން އިވުނަސް، ދުވެފައި ނުކުމެގެން އައިސް ޓީވީ ކުރިމަތީގައި ހުއްޓި ހުންނާނެ ބަންގި ނިމެންދެން."

"އުމުރުން ދެ އަހަރާއި ބައިގައި ވެސް އަޅުގަނޑު ހަނދާން އެބަހުރި، ހިނގާލަންދާއިރު ވެސް، މަގުމަތިން ދާއިރު، ފިހާރަތަކުގައި ވިއްކަން ބަހައްޓާފައި ހުންނަ ގުރުއާނުގެ އާޔަތްތަކާއި ސޫރަތްތަކުގެ ސުވެނިއާ ފްރޭމްތައް ފެނުނީމަ ވެސް ނަބީހް ގޮސް ހުއްޓޭނެ އެތަނެއްގައި،" ނަބީހު އެތަނުން ނުގޮސްގެން ގަޑި ދެ ގަޑިއިރު ވަންދެން އެގޮތަށް ފިހާރަތައް ކައިރީގައި އޭނާ ގޮވައިގެން އޭނާ އުފާކޮށްދޭން ހުންނަ ހަނދާންތަކުން އައިމިނަތު ކިޔައިދިނެވެ.

ތިން މަސް ދުވަހުން ގުރުއާން ހިތުން ކިޔައި އެއްވަނަ ދަރަޖައިގައި އުމުރުން 14 އަހަރުގައި ނަބީހް ހާފިޒުކަމުގެ ސަނަދު ހާސިލުކުރިއިރު އޭނާ އަކީ އައިމިނަތު ބުނާ ގޮތުން ނަމަ މީހަކު ގުރުއާން ކިޔަވަން ދަސްކޮށްދީގެން ނުވަތަ ތަޖުވީދަށް ކިޔަވަން ދަސްކޮށްދީގެން ގުރުއާން ހިތު ދަސްކުރި ކުއްޖެއް ނޫނެވެ.

ނަބީހް ހަރަމްފުޅު ތެރޭގައި ފޮޓޯއަކަށް ހުއްޓިލައިގެން: ކުރިން އަބަދުވެސް ޓީވީއިން އެންމެ ގިނައިން ބެލި މަންޒަރަކީ މައްކާ.

"އެއްވެސް ގުރުއާން ކްލާހަކަށް ނަބީހު ބަލައިނުގަތީމަ އަޅުގަނޑު ގަނެދިނީ ޑިޖިޓަލް ގުރުއާނެއް. ދެން ދީލަތި މީހަކު އެހީވެގެން ގެއަށް ގެނައީ ނަބީހަށް ގުރުއާން ކިޔަވަން ދަސްކޮށްދޭނެ ގާރީއަކު. އެކަމަކު އޭނާ އައިސް ވަގުތުން ލަފާދިނީ ނަބީހު ގުރުއާން ހިތު ދަސްކޮށްފައިވާ ކަމަށް،" އައިމިނަތު ބުންޏެވެ.

"ނަބީހު އެގޮތަށް ގުރުއާން ހިތު ދަސްކުރަމުން ދިޔަކަން އަޅުގަނޑަށް އެންމެ ފުރަތަމަ އެނގުނީ އޭނާގެ އުމުރުން 4-5 އަހަރުގައި. އެއް ރޭ ރޭގަނޑު، ބަގަރާ ސޫރަތުން ވަރަށް ބޮޑު ތަނެއް ކިޔަން ފެށީ ނިދަން އޮށޯވެލައިގެން އޮވެފައި. ދެން އަޅުގަނޑު ދުވެފައި ގޮސް ހަތިމު ނަގައިގެން ގޮސް ބެލީ މީނަ މި ކިޔަނީ ރަނގަޅަށްތޯ. ބެލިއިރު ރަނގަޅަށް މި ކިޔަނީ އެންމެ ކުށެއް ވެސް ނުޖެހި، އަޅުގަނޑަށް ލިބުނީ ޝޮކެއް."

ނަމަވެސް ނަބީހުގެ މި އާދަޔާހިލާފު ދަތުރާއި ހުނަރު ގެނެސްދިން ޝޮކުން މުޖުތަމައުއެއް ވަނީ ހޭލައި ހޭލުންތެރިވެފަ އެވެ. ނަބީހު އޭނާގެ ދަތުރު ފެށިއިރު އޯޓިޒަމްއާ މެދު އޮތް ހޭލުންތެރިކަން މި މުޖުތަމައުގައި ހަގީގަތުގައި ވެސް ވަރަށް ކުޑަ އެވެ. ނަމަވެސް އޭނާގެ މި އާދަޔާހިލާފު ވާހަކައިގެ ފުރަތަމަ ބާބުތައް ކިޔައިދޭން ކިތަންމެ އުނދަގުލަސް މިހާރު މިއީ އެންމެނަށް ވެސް ފިނިކަން ގެނެސްދޭ ވާހަކައެކެވެ.

"މިހާރު ހުރިހާ އެންމެން ވެސް ނަބީހު ދެކެ ވަރަށް ލޯބިވޭ. ޓެކްސީއަކަށް އެރިޔަސް، ނަބީހުކަން އެނގިއްޖެއްޔާ ވަރަށް ގިނަ ޓެކްސީ ޑްރައިވަރުން އެ ދަތުރަކަށް އަގެއް ވެސް ނުނަގާނެ. އެހާ ވެސް މީހުން ލޯބިވޭ. މީހުން ގުޅާފައި އެބަ ބުނޭ ނަބީހު ގުރުއާން ހިތު ދަސްވިކަން އެނގުނު ދުވަހަކީ ތިމަންނަމެންގެ ކުދިން ވެސް ބޭރަށް ނެރެން ފެށި ދުވަހޭ،" އައިމިނަތު ފަހުރުވެރިކަމާ އެކުގައި ކިޔައިދިނެވެ.

"މުޅި މުޖުތަމައުން މިހާރު ނަބީހު ބަލައިގެންފި. އޭގެ ސަބަބުން މި ލިބޭ ހިތްހަމަޖެހުމަކީ އަޅުގަނޑަށް މިގޮތަށް ބަޔާންކޮށްދޭން ވެސް ނޭނގޭ ކަހަލަ އިހުސާސެއް."

ކޮމެންޓް (1)

ޙުސައިން

10 އޮކްޓޯބަރު 2022
މާޝާﷲ... ކެތްތެރި،ހިތްވަރުގަދަ، ރަހުމާއި،އޯގާތެރިކަމުން ފުރިގެންވާ ހިތެއްގެ މަންމަ އެއް އަބަދުވެސް ކާމިޔާބީ އަށް އެދެން
36 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް