Majlis 2024

ރެޑް ކްރެސެންޓުގެ ވޮލަންޓިއަރުން. (ފޮޓޯ/ ރެޑް ކްރެސެންޓް)

ރަތް ޖެކެޓުން އާދަޔާހިލާފް ހިތްވަރު؛ އޮތީ ލޯތްބާއި އިހުތިރާމް

7 ޑިސެމްބަރު 2021
2009 އިން ފެށިގެން ރާއްޖޭގައި ދިވެހި ރެޑް ކްރެސެންޓް ގާއިމްކުރި ފަހުން ހިލޭ ސާބަހަށް މަސައްކަތް ކުރުމަށް އެތައް ދިވެހިންނެއް ވަނީ ނުކުމެފައި

މުޖުތަމައުގައި ޖަމާއަތުގެ ފައިދާއަށް ކަށިން ހިތްވަރު ނެރެގެން މަސައްކަތް ކުރާ ދަރުމަވެރިންނަށް ހިތުގެ އެންމެ ފުން މިނުން ޝުކުރު އަދާކުރަން ޖެހެ އެވެ.

ބޮޑު ކަމެއް ނުވަތަ ކާރިސާއަކާ ކުރިމަތިލާން ޖެހޭ ކޮންމެ ވަގުތެއްގައި، ހަނދުފަޅިއެއް ޖަހާފައި ހުރި އެ ރަތް ޖެކެޓު ލައިގެން ހިދުމަތަށް، ކުރީ ސަފަށް އަރަނީ އަމިއްލަ މަސްލަހަތަށް ވުރެ މުޖުތަމައުގެ މަސްލަހަތު އިސްކޮށްގެންނެވެ. މުޖުތަމައުއަށް އަނބުރާ ދިނުމުގެ ބޭނުމުގަ އެވެ. ރަތް ޖެކެޓުގައި ދެ ޖިންސުގެ އެކި އުމުރު ފުރައިގެ އެކި މީހުންނެވެ. ރަތް ޖެކެޓުގައި  ނުކުންނީ އެންމެ މަގްސަދަކަށްޓަކަ އެވެ: އިންސާނިއްޔަތަށްޓަކަ އެވެ. 

ދުނިޔޭގެ އެންމެ ބޮޑު ހިއުމެނިޓޭރިއަން ނެޓްވޯކް، އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓް 192 ގައުމެއްގައި ހަރަކާތްތެރިވެ އެވެ. އަދި 2009 އިން ފެށިގެން ރާއްޖޭގައި ދިވެހި ރެޑް ކްރެސެންޓް ގާއިމްކޮށްފައިވާ އިރު، މި ޖަމިއްޔާގައި ހިލޭސާބަހަށް މަސައްކަތްކުރަން އެތައް ދިވެހިންނެއް ވަނީ ނުކުމެފަ އެވެ. މިދިޔަ އަހަރު އެކަނި ވެސް 71،000 ގަޑި އިރަށް ވުރެ ގިނަ ވަގުތު ވޮލަންޓިއަރުން މަސައްކަތްކޮށްފައިވެ އެވެ. 

މާލެ، ކުޅުދުއްފުށީ އަދި އައްޑޫގައި ޔުނިޓުތައް ވަނީ ގާއިމްކޮށްފަ އެވެ. އެ މީހުން އެ ކުރަނީ އަގު އަދާ ނުކުރެވޭނެ އަދި މިންނެތް ބުރަ މަސައްކަތެކެވެ. މި ވޮލަންޓިއަރުންނަށް އެކަނި ބަލައިލިޔަސް އެކަން އެނގޭނެ އެވެ.

އާމިނަތު ނާޒިއާ

އާމިނަތު ނާޒިއާ

އުމުރުން ހަގެވެ. ޕެންޑެމިކްއާ ގުޅިގެން އޭނާ ރެޑް ކްރެސެންޓާ ގުޅެން ހިތްޖެހުނެވެ. އޭނާއަށް ހިތްވަރު ލިބުނީ އެހެން ދަރުމަވެރިންގެ ފަރާތުންނެވެ. ރެޑް ކްރެސެންޓާ މިދިއަ އޮގަސްޓް މަހު ގުޅި ކުޑަ ދުވަސްކޮޅެއްގައި އޭނާ ވަނީ ތަމްރީންތައް ހޯދައިފަ އެވެ. މިގޮތުން ޓްރެއިނިން އިން ސައިކޮލޮޖިކަލް ފަސްޓް އެއިޑް އެންޑް ސްޓާންޑަޑް އެއިޑްގެ އިތުރުން ފަސްޓް އެއިޑް ޓްރެއިނިން އޮފް ޓްރެއިނާސް ފުރިހަމަކުރި އެވެ.

އިވެންޓެއްގައި ނާޒިއާ ހަރާކާތްތެރިވަނީ

ނާޒިއާ މަސައްކަތްކުރަނީ ބަލިމީހުން އެއް ތަނުން އަނެއް ތަނަށް އުފުލުމުގަ އެވެ. އެހެންކަމުން ހާލު ދެރަ ބަލިމީހުންނާ އެންމެ ގާތުން މަސައްކަތް ކުރާ އެކަކަށް އޭނާ ވާނެ އެވެ. ނާޒިއާ ބުނާ ގޮތުން އޭނާއަށް އެންމެ މުހިއްމީ އެހެން މީހުންނާ އޮންނަ ގުޅުމެވެ. އެހެން މީހަކަށް އެހީތެރިކަމެއް ބޭނުންވާ ހިނދެއްގައި ފޯރުކޮށްދެވުމަކީ އުފަލެކެވެ. އެއީ ބަލިމީހުން ޓްރަންސްފާ ކުރުން ކަމުގައިވިޔަސްމެ އެވެ.  އަދި އެމީހުންގެ މޫނުމަތިން ފެންނަ ހިނިތުންވުމަކީ އޭނާގެ ހިތްވަރެވެ. ރަނގަޅު ކަމެއްގައި ބައިވެރިވެވުނު ކަމުގެ އިހްސާސް ކުރެވެ އެވެ.

މަރިޔަމް ޝިފާނާ ހުސެއިން

މަރިޔަމް ޝިފާނާ ހުސެއިން

މަރިޔަމް ޝިފާނާ ދިވެހި ރެޑް ކްރެސެންޓާ ގުޅުނީ މީގެ 10 އަހަރު ކުރިންނެވެ. ރާއްޖޭގައި ރެޑް ކްރެސެންޓް ގާއިމްވުމުގެ ކުރިން އޭނާ ރެޑް ކްރެސެންޓް މަސައްކަތުގައި ބައިވެރިވީ އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ރެޑް ކްރޮސް އެންޑް ރެޑް ކްރެސެންޓްގެ ޖަމާއާތާ ގުޅުމަށް ފަހު އެވެ.

ޝިފާނާ ދެކޭ ގޮތުގައި މުޖުތަމައުއަށް ރަނގަޅު ބަދަލެއް ގެނެވޭނެ އެއް ކަމަކީ ވޮލަންޓިއާކުރުމެވެ. ރެޑް ކްރެސެންޓްގައި މި ހޭދަކުރި ދިގު ދަތުރުގައި އޭނާ ވަނީ ގިނަ ޓްރެއިނިންތަކެއް ފުރިހަމަކޮށްފަ އެވެ. އަދި ޖަމާއަތަށްޓަކައި އޭނާގެ ހިދުމަތް ވެސް ފާހަގަކޮށްލެވެ އެވެ.

މަރިޔަމް ޝިފާނާ ހުސެއިން އިވެންޓެއްގެ ތެރެއިން

ވޮލަންޓިއަރެއްގެ ގޮތުގައި އޭނާ މަސައްކަތް ކުރި އަހަރުތަކުގެ ތެރޭގައި ތަފާތު އެކި ތަޖުރިބާކުރި އެވެ. އެކަމަކު ޕެންޑެމިކް ތެރޭގައި އިންފެކްޝަން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާ އެކު ވޮލަންޓިއަކުރުމަށް ފަހު ގެއަށް ދަރިން ކައިރިއަށް ނުދެވުމަކީ ކުރިމަތިވި އެންމެ ބޮޑު ދައްޗެވެ.  މަސައްކަތުގެ ތެރޭގައި އޭނާއަށް އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މިފަހުން، 2021 ގައި ރެޑް ކްރެސެންޓުން ލޯފަން މީހުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ ފަސްޓް އެއިޑް ޕްރޮގްރާމެވެ.

ވޮލަންޓިއަ ކުރުމުގެ ރޫހު އޭނާގެ ބޮޑެވެ. އޭނާ ދެކޭ ގޮތުގައި މީހުންގެ ފުރާނަ ސަލަމާތް ކުރުމަށް އެހީތެރިވެ، އެކި ކާރިސާގައި ހާލުގައި ޖެހޭ މީހުންނަށް އެހީތެރިވުމާއި މީހަކަށް ފުރަތަމަ އެހީ ދިނުމަށް ބައިވެރިވުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެކެވެ.

އޭނާގެ އުއްމީދަކީ ވެސް ހެޔޮހިތުން އޭނާ ކުރާ މި މަސައްކަތުގައި ދެމިހުރުމެވެ. އަދި ވޮލަންޓިއަރެއްގެ ގޮތުން އޭނާގެ މަސައްކަތުން އެހެން މީހުންނަށް ހިތްވަރު ލިބި މި މަސައްކަތުގައި ބައިވެރިވުމެވެ. ޖިސްމާނީ އަދި ނަފްސާނީ އެތައް ފައިދާއެއް އެކުލެވޭތީ އެވެ.

އަހުމަދު ގޯޑާ މޮސްތަފާ ގޯޑާ

  • ކުޅުދުއްފުށީގައި ދިރިއުޅޭ މިސްރުގެ ރައްޔިތެއް، ގޯޑާ ރެޑްކްރެސެންޓާއި ގުޅި ވަނީ ވޮލަންޓިއާ ކުރުމަށް ފަށާފައި
  • ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ހަރަކާތްތަކުގައި އޭނާވަނީ ބައިވެރިވެފައި
  • އޭނާ ދެކޭ ގޮތުގައި ރެޑްކްރެސެންޓް ގައި ވޮލަންޓިއާ ކުރުމަށް ލިބުމަކީ ބޮޑު އުފަލެއް

މިސްރުގެ ރައްޔިތެއް ކަމުގައިވާ އަހުމަދު ގޯޑާ މުސްތަފާ ގޯޑާއަކީ ކުޅުދުއްފުށީގައި ދިރިއުޅޭ މީހެކެވެ. ކުޅުދުއްފުށީގައި ހުންނަ ދިވެހި ރެޑް ކްރެސެންޓުގެ ޔުނިޓުން އެދުނީ އޯ ލެވެލް ފުރިހަމަކޮށްފައިވާ ވޮލަންޓިއަރުން ހޯދާށެވެ. އޭނާ އެކަމަށް އިޖާބަދިނެވެ.  މި އަހަރުގެ ޖުލައި މަހުން ފެށިގެން އޭނާ އަންނަނީ ރަސްމީކޮށް ވޮލަންޓިއާ ކުރަމުންނެވެ. ގޯޑާ ބުނާ ގޮތުގައި އޭނާ ހުރީ އެފަދަ ފުރުސަތަކަށް ބަލަބަލަ އެވެ.

ފަސްޓް އެއިޑު ދިނުމަށް ތަމްރީންވެފައިވާ ގޯޑާ ވަނީ ކުޅުދުއްފުށީގައި ބޭއްވި ގިނަ ހަރަކާތްތަކުގައި ބައިވެރިވެފަ އެވެ. އޭނާ ބުނާ ގޮތުގައި ކުޑަކުދިންގެ ދުވަހުގެ ހަރަކާތްތަކާއި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވުމާއި ރަށުތެރެ ސާފު ކުރުމަށް އޭނާ ބައިވެރިވި ބައިވެރިވުން ހަނދާނަކުން ނުފިލާނެ އެވެ.

އަހުމަދު އާޒިމް

އަހުމަދު އާޒިމް، ކުޅުދުއްފުށީ ވޮލަންޓިއަރެއް
އާޒިމް ސެޝަން ކުރިއަށް ގެންދަނީ

ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމެއްގެ ތެރެއިން އަހުމަދު އާޒިމް ދިވެހި ރެޑް ކްރެސެންޓާ ގުޅުމަށް ފުރުސަތު ލިބުނެވެ. ކުޅުދުއްފުށީގައި މަސައްކަތް ކުރާ އާޒިމް އެމަޖެންސީ ރެސްޕޮސްންސް ޓްރެއިނިން ހެދުމަށް ފަހު ފަސްޓް އެއިޑާ އަދި ސައިކޮލޮޖިކަލް ސަޕޯޓް ވެސް ފޯރުކޮށްދެ އެވެ. އޭނާގެ މަސައްކަތަކީ އަބަދު އުފާވެރި މާހައުލެއް ވެސް ނޫނެވެ. ހަނިމާދޫ ސަރަހައްދުގައި 2019 ގައި ބޯޓެއް ބަންޑުން ޖަހާލުމުގެ ހާދިސާއެއް ހިނގާ އެ ބޯޓުގައި ތިބި މީހުންނަށްް އޭނާ ވަނީ ސައިކޯސޯޝަލް ސަޕޯޓް އަދި ސައިކޮލޮޖިކަލް ފަސްޓް އެއިޑް ދީފަ އެވެ.

މީގެ އިތުރުން ވެސް ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އަމާޒުކޮށްގެން ހިންގާ އެކި ޕްރޮގްރާމްތަކުގައި އާޒިމް ވަނީ ބައިވެރިވެފަ އެވެ. އޭނާ ބުނާ ގޮތުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބެނީ މިފަދަ މީހުންނަށް އެހީތެރިވުމުން އެމީހުންގެ މޫނުމަތިން ފެންނަ ހިނިތުންވުމުންނެވެ.

ވޮލަންޓިއަ ކޮށްގެން އޭނާއަށް ތަފާތު ގިނަ ކަންކަން ދަސްވުމަށް ފުރުސަތު ލިބުމަކީ ވެސް ހިތްހަމަޖެހުމެއް ކަމަށް އޭނާ ދެކެ އެވެ. ތަފާތު އެކި ދާއިރާތަކުން އެކި މީހުންނާ ބައްދަލުވެ އެކީގައި މަސައްކަތްކޮށްލުމަށް ލިބޭ ފުރުސަތެއް ކަން ވެސް އޭނާ ފާހަގަކުރެ އެވެ.

ކުޅުދުއްފުށީ އަފީފުއްދީން ސުކޫލް ކުދިންނަަށް އާޒިމް ސެޝަނެއް ކުރިއަށް ގެންދަނީ
އާޒިމް ސެޝަން ކުރިއަށް ގެންދަނީ

ރައުޝާ އާދަމް ވަހީދު

އާޒިމް ކަހަލަ ވޮަލަންޓިއަރުން ނަމޫނާއެއްގެ ގޮތަށް ބަލައިގެން މަސައްކަތް ފެށި އެކަކީ ރައުޝާ އެވެ. ކުޅުދުއްފުށީ ޔުނިޓުގައި 2019ގައި ސްޓޭންޑާޑް ފަސްޓް އެއިޑްޓްރެއިނިންއަށް ފަހު އޭނާގެ މަސައްކަތް ފެށި އެވެ. އޭނާ އަށް އެންމެ ހަނދާނުން ނުފިލާ މަސައްކަތަކީ ކޮވިޑް-19ގައި ރެޑް ކްރެސެންޓް އިން ގާއިމްކުރި ސޯޝަލް ސަޕޯޓް ޑެސްކްގްގައި މަސައްކަތް ކުރި ދުވަސްތަކެވެ. ދެން ހާބާ މޮނިޓަރިން މަސައްކަތެވެ. މުސްތަގުބަލުގައި ރައުޝާގެ ވިސްނުމަކީ ގިނަ ޓްރެއިނިންތައް ފުރިހަމަކޮށްގެން އޭނާގެ ހުނަރާއި ސްކިލްތައް އިތުރުކުރުމެވެ. މަގްސަދަކީ ކުޅުދުއްފުއްޓާއި ގައުމަށް އަދި އިންސާނިއްޔަތަށް ހިދުމަތް ކުރުމެވެ.

ރައުޝާ، ކުޅުދުއްފުށީގައި ހަރަކާތްތެރިވާ ވޮލަންޓިއަރެއް

އާއްމުންގެ ހިތުގައި ވެސް މި ވޮލަންޓިއަރުންނަށް ހާއްސަ ގަދަރަކާއި އިހްތިރާމެއް އޮންނާނެކަން ޔަގީނެވެ. އިންސާނިއްޔަތަށް ކުރަމުން އަންނަ މަސައްކަތް ކައިރިން ފެންނާނެ އެވެ. ތަޖުރިބާ ކުރެވިފައި ހުރެދާނެ އެވެ. އަނެއް ބައި ފަހަރު ތަންކޮޅެއް ދުުރުން ވެސް މެއެވެ. އާއްމުން މި ޖަމާއަތުގެ މަސައްކަތްތައް ބަލައިގަނެ އެވެ. ހިތާހިތުން ޝުކުރުވެރިވެ އެވެ.

ދަރުމަވެރިންނަށް ފަހުރުވެރިވާނެ ބަޔަކު ވެސް ފަހަތުގައި ތިބޭނެކަން ޔަގީނެވެ. މިއީ ވެސް އަހަރުމެންގެ މުޖުތަމައުގެ ކޮންމެވެސް ބައެއްގެ ދަރިންތަކަކަށް ވުމުންނެވެ. ކޮންމެވެސް އެއް މައިންބަފައިންތަކެއްގެ ތަރުބިއްޔަތާއި ތައުލީމާއި އުޅުމާއި ދަސްކޮށްދީފައިވާ ބަޔަކަށް ވީތީ އެވެ. މުުޖުތަމައުގައި އެންމެ އަޅާލުން ބޭނުންވާ ބަޔަކަށް ސާފު ހިތަކުން، ލޯތްބާއި ކުލުނު އަދި މަދަދު ފޯރުކޮށްދޭން ދަސްކޮށްދެވިފައިވާތީ އެވެ.

އެހެން މީހުންގެ އިހްސާސްތައް ދަންނަ ބަޔަކަށް ހެދުމަށް އަދި އިހްތިރާމާ އެކު ހިތް ތިރިކޮށް ދަސްކޮށްދީފައިވާ ޓީޗަރުންތަކެއް ތިބޭނެ އެވެ. އަދި ވޮލަންޓިއަރުންގެ ކިބައިގައި އެހީތެރިވުމުގެ ރޫހާއި ހަކަތައަށް ހިތްވަރުދޭން ބާރުދޭން އެކީގައި މަސައްކަތް ކުރާ އެހެން ވޮލަންޓިއަރުން ވެސް ތިބޭނެ އެވެ. އެއް ރޫހެއްގައި މަސައްކަތް ކުރުން ދަސްވެފައިވާ ކޮންމެވެސް އެއް ކޮމިއުނިޓީއަކަށް ނިސްބަތްވާ ބަޔަކަވާ ވާނެތީ އެވެ.

މި ޒުވާން ވޮލަންޓިއަރުންގެ ގުރުބާނީ އަދި އާދަޔާ ހިލާފް ހިތްވަރަށް އޮތީ ޝުކުުރުވެރި ހިތެކެވެ. އަދި އެއް ރޫހެއްގައި ހުއްޓުމެއް ނެތި ގައުމަށް، ރައްޔިތުންގެ ލާބައަށް ކުރާ މަަސައްކަތައް ވެސް އޮތީ ހަމަ ޝުކުރުވެރި ހިތެކެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް