Majlis 2024

އއ. މާޅޮހަށް ދިޔަ މީހަކަށް އެ ރަށުން ހަދިޔާއަކަށް ދިން ކަށިކެޔޮވަކެއް: މިރީ ރާއްޖޭގައި އެންމެ ބޮޑަށް ކަށިހެޔޮ ހެދޭ ރަށް

މާޅޮހުގެ ކަށިކެޔޮ ވާހަކައިން ވެސް ހިތްހަމަޖެހުން ލިބޭ

މިރަށު މީހުން ބުނާ ގޮތުން ކަށިކޭލަކީ އެ މީހުންގެ ފަހުރު. އެ މީހުން އަމިއްލައަށް މުހާތަބުކޮށް އުޅެނީ ވެސް 'ކަށިކެޔޮ މީހުން'ގެ ގޮތުގައި

އއ. މާޅޮސް: މި ރަށުގެ ކައުންސިލްގެ ލޯގޯގައި އިންނަނީ ކަށިކެޔޮވަކެކެވެ. ކައުންސިލްގެ ރަސްމީ ޓީޝާޓުގައި ބޮޑު ކަށިކެޔޮވަކެއްގެ ފޮޓޯ އެވެ. އަންހެން މުވައްޒަފުންގެ ބުރުގާ ޑިޒައިންކޮށްފައި ހުންނަނީ ވެސް ކަށިކެޔޮ ރަމްޒުކޮށްދޭ ބައިތައް ހިމަނައިގެންނެވެ. ފުޓުބޯޅައަށް މަރުދޭ މި ރަށުގެ ޓީމުގެ ދިދައިގައި ވެސް، ދޮންވެ ފައްކާވެފައިވާ ކަށިކެޔޮވަކެއްގެ މިސާލެވެ. 

ދަތުރުވަރެއްގައި މާޅޮހަށް އާދެވުމުން އެ ރަށުގެ މީހުންނާ އެ ސުވާލުކުރީމެވެ. އެންމެން ވެސް ފަހުރުވެރިވެލާފައި ބުނަނީ އެއީ 'ކަށިކެޔޮ މީހުން' ކަމަށެވެ. އަދި އެއީ، އެމީހުންގެ ބަހުން ނަމަ، 'ކަށިކެޔޮ އައިލެންޑް' އެވެ. ރަށުތެރެއަށް އަރާލައި، ކުޑަކޮށް ބަލައިލުމުން އެއީ ހަގީގަތެއްކަން އެނގިއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކަށިކެޔޮވާ އޮންނަނީ މިރަށުގަ އެވެ. އެންމެ އަޅައިގެން އެއްޗަކީ ވެސް އުސްކޮށް ހެދިފައިވާ ކަށިކެޔޮވަލެވެ. ދިވެހި ދިގު ރުކަކާ އެއްވަރަށް، ކައިރިކައިރީގައި، އެކި ގޮތްގޮތަށް ގަސްތައް މައްޗަށް އަރައިގެން ގޮސްފައިވާއިރު ބައެއް ގަސްތަކުގައި ބޮޑެތި ކަށިކެޔޮގަނޑުތައް ދޮންވެފައި ހުއްޓެވެ.

މާޅޮހު ކަށުކެޔޮ ވާ: މިއީ ކަށިކެޔޮގަހުން ފުރިފައިވާ ރީތި ވަލެއް (ފޮޓޯ/އައިމިނަތު ޝިފްލީން)
މާޅޮހު ކަށިކެޔޮ ގަސްތައް ވަރަށް މައްޗަށް ހެދިފައިހުރޭ (ފޮޓޯ/އައިމިނަތު ޝިފްލީން)

އެހާ މަތިން ކަށިކެޔޮގަނޑު ކަނޑާ ވައްޓާލައިފި ނަމަ، ބިމުގައި ޖެހޭއިރަށް ވައްތައް ނެއްޓޭނެކަން ޔަގީނެވެ. އެހެންވެ ބޮޑެތި އެ ކެޔޮގަނޑުތައް ކަނޑާނެ ގޮތާ މެދު ސުވާލު އުފެދުނެވެ. އެހާ ހިމަ، ދިގު ގަސްތަކަށް އެރުމަކީ ފަސޭހަކަމަކަށް ނުވާނެ އެވެ.

ކަރުމައްޗަށް ނަގައިގެން ގަސްތަކާ ދިމާލަށް ބަލަހައްޓައިގެން، އެކަމާ ވިސްނަން  ހުއްޓާ، ކައިރިން މެދު އުމުުރުގެ ފިރިހެނަކު ދިޔަ އެވެ. އޭނާގެ އަތުގައި ދިގު ދަނޑިއެއް އޮތުމުން މިއީ ކަށިކެޔޮ ކަނޑަން އުޅޭ މީހެއް ކަމަށް ހިތައި، އެ ކަނޑާނެ ގޮތަކާ މެދު ސުވާލުކުރީމެވެ.

"ކަށިކެޔޮ ކަނޑާނީ ހަމަ ގަހަށް އަރައިގެން،" ހަމައެކަނި އިތުރު ތަފްސީލެއް ނުދީ އެހެން ބުނެލާފައި އެ ފިރިހެން މީހާ ދިޔަ އެވެ. 

ދެން ދިމާވީ ހަސަން މުފީދު އާދަމް، 54، އާ އެވެ. މާޅޮހުގައި ކަށިކެޔޮކަނޑާ ފަސް ވަރަކަށް މީހުން އުޅޭއިރު، އޭނާއަކީ އޭގެ ތެރެއިން އެކެކެވެ.

މާޅޮހު ކައުންސިލުން އެ ރަށަށް ޒިޔާރަތް ކުރި މީހަކަށް ހަދިޔާއަކަށް ކަށިކެޔޮ އަރިއެއް ދެނީ
މާޅޮހު ކައުންސިލުން އެ ރަށަށް ޒިޔާރަތް ކުރި މީހަކަށް ހަނދާނީ ފިލައެއް ދޭއިރު، ކައުންސިލް މެމްބަރަކު ކަށިކޭލުން ޑިޒައިންކޮށްފައިވާ ޓީޝާޓެއް ލައިގެން

މުފީދު ބުނިގޮތުގައި މާޅޮހު ކަށިކޭލޭ ބުނުމުން، އެ ބޭނުން ނުވާނެ މީހަކު ނުހުންނާނެ އެވެ. ދޮންވެ ފައްކާވުމުން، އޮށާ ޖެހެންދެން އެ ކާލެވޭނެ އެވެ. އެއަށް ވުރެ ފޮނި ކަށިކޭލެއް އެހެން ތާކުން ލިބިދާނެ ކަމަކަށް އޭނާ ގަބޫލެއް ވެސް ނުކުރެ އެވެ.

"ކަށިކެޔޮ ހުންނާނެ ރަށްރަށުގައި. އެކަމަކު މާޅޮހު ކެޔޮހާ މީރު ކޭލެއް ލިބިދާނެހެން ހިޔެއް ނުވޭ،" ކަށިކެޔޮ ކެނޑުމުގައި 30 ހަކަށް އަހަރު އުޅުނު މުފީދު ކިޔައިދިނެވެ.

އޭނާ ބުނިގޮތުގައި ޑިމާންޑް ބޮޑުކަމުން ކަށިކެޔޮ ގަސްތައް ރީތިކޮށް ބެލެހެއްޓުމަށް، ރަށު މީހުން ހާއްސަ ސަމާލުކަމެއް ދެ އެވެ. އެ ގަސްތަކުން ކޮންމެ މީހަކަށް ވެސް ކަށިކެޔޮ ކެނޑޭނެ އެވެ. އެއީ ރައްޔިތުންގެ މިލްކެވެ. އެކަމަކު ކަނޑާ ކޮންމެ ކަށިކެޔޮގަނޑެއްގެ އަގެއްގެ ގޮތުން، ރަށު ކައުންސިލަށް 30 ރުފިޔާ ދައްކަން ޖެހެ އެވެ. ދިގު އެ ގަސްގަހަށް އަރައި، ކަށިކެޔޮ ކަނޑައިދޭ މީހާއަށް ވެސް ހަމަ އެ ވަރުގެ އަގެއް ދޭން ޖެހެ އެވެ.

މާޅޮހު މީހަކު ކަށިކެޔޮ ކަނޑައިގެން ދަނީ: މިއީ ރައްޔިތުންގެ މިލްކެއް
މީހަކު ކަށިކެޔޮ ކެނޑުމަށް ފަހު ދަނޑި ކޮނޑަށް ލައިގެން ދަނީ. އެ ރަށުގައި ކަށިކެޔޮ ކަނޑައިދޭ ތިބެނީ މަދު ބަޔަކު

އެ ކެޔޮގަނޑު ގެންގޮސް، އާއްމުކޮށް 100 ރުފިޔާއަށް ނޫނީ 80 ރުފިޔާއަށް ބާޒާރުގައި ވިއްކާލެވެ އެވެ. ބައެއް ފަހަރަށް 250 ރުފިޔާ އަށް ވެސް އަގު އަރަ އެވެ.

ހިމަދިގުކޮށް ހެދިފައި ހުންނަ ކަށިކެޔޮގަހަށް އަރަނީ، ރުކަށް އަރާ ގޮތަށް ޅާނބެއްގެ އެހީގަ އެވެ. ދެން ކެޔޮގަނޑާ ކައިރިއަށް ދެވުމުން، ދަނޑިއެއް ބޭނުންކޮށްގެން އެ ވައްޓާލަނީ އެވެ. އަހަންނަށް ހީކުރެވުނީ ގޯސްކޮށެވެ. ކަށިކެޔޮގަނޑު އެހާ މަތިން ވައްޓާލުމުން، ބިމުގައި ޖެހި އޭގެ ވައްތައް ނެއްޓިގެންނެއް ނުދެ އެވެ. އެކަމަކު މާ ބޮޑަށް ދޮންވެފައި ހުއްޓާ ވައްޓާލައި ފަހަރެއްގައި ބައެއް ކަށިކެޔޮގަނޑު ހަލާކުވެ އެވެ. އެފަދަ ކަމެއް ދިމާވެއްޖެ ނަމަ، އެ ކެޔޮގަނޑު އެއްކޮށް ވިއްކުމުގެ ބަދަލުގައި ވަކިވަކިން ވަކެއް ރުފިޔާއެއްގެ މަގުން ވިއްކަނީ ކަމަށް މުފީދު ބުންޏެވެ.

އޭނާ ބުނިގޮތުގައި އެހާ ދިގު ގަހަކަށް އަރައިގެން ކަށިކެޔޮ ކަނޑައިދޭނެ، އެ ރަށުގައި ތިބެނީ މަދު ބައެކެވެ. އެހެންވެ،  ކަނޑައިދޭނެ މީހަކު ނުވެއްޖެއްޔާ، އެކަން ކުރާނެ މީހުން ގޮވައިގެން ވެސް ބީރައްޓެހިން އެ ރަށަށް އަންނަ ކަމަށް އޭނާ ބުންޏެވެ.

"ކޮއްކޯ ބުނަން، އަޅުގަނޑު ފޯނަށް ވެސް އަބަދު މީހުން ގުޅާނެ [ކަށިކެޔޮ ކަނޑަން]. އަޅުގަނޑު ބުނަން ކެޔޮގަނޑެއް ގަހުން ހޯދާފައި ދައްކާށޭ، އޭރުން ގޮސް ކަނޑައިދޭނަމޭ،" ކަރުމައްޗަށް ޖަހައިގެން، ގަހުން ކެޔޮ ހޯދުމަކީ އުނދަގޫ ކަމެއްކަން ފާހަގަކުރަމުން މުފީދު ބުންޏެވެ.

މާޅޮހަށް ޒިޔާރަތްކުރި މީހަކަށް ކަށިކޭލުން މަރުހަބާ ކިޔާއިރު، އަންހެނުން ކޮމެޓީގެ މެމްބަރުންގެ ކަށިކެޔޮ ހިމަނައިގެން ޑިޒައިންކޮށްފައިވާ ބުރުގާ އަޅައިގެން

ކަށިކޭލަށް އޮންނަ ޑިމާންޑް ބޮޑެވެ. ކަށިކޭލުން ކުރިން ހަދާ ބާވަތްތަކުގެ ބަދަލުގައި މިހާރު ކެށިކެޔޮ މިލްކު ޝޭކު، ކަށިކެޔޮ ކޭކް އަދި ކަށިކެޔޮ ސައި ވެސް ހަދަ އެވެ. މިއީ ރާއްޖޭގައި މިހާރު އެހާ އާންމު ބާވަތެއް ނޫނެވެ. އެހެންކަމުން މިރަށަށް އެކި މީހުންގެ ނަޒަރު ވަރަށް ބޮޑަށް އޮންނަނީ ހުއްޓިފަ އެވެ.

މުފީދު ބުނި ގޮތުގައި ބައެއް ދުވަސްވަރު ކެޔޮގަނޑުތައް ދޮންވޭތޯ ފާރަ ވެސް ލަ އެވެ. ކަށިކެޔޮވެލަށް ގޮސް، އެ ހަރުވޭތޯ ނުވަތަ ދޮންވޭތޯ ކަރުމައްޗަށް ޖަހައިގެން ހުރެ އެތައް އިރެއް ހޭދަކުރެ އެވެ. އެކަމަކު ޖެހިގެން އަންނަ ދުވަހު އެހެން މީހަކު ގޮސް އެ ކެޔޮގަނޑު ކަނޑާލިޔަސް މައްސަލައެއް ނުޖެއްސޭނެ ކަމަށް އޭނާ ބުންޏެވެ.

މާޅޮހު ކެޔޮވަލުގައި ދެ ވައްތަރެއްގެ ކަށިކެޔޮ ހުރެ އެވެ. މުފީދުގެ ބަހުން ނަމަ އެއީ 'ވިޔާނުދާ ކޭލާއި''ރަނގަޅު ކޭލެ'ވެ. ވިޔާނުދާ ކޭލަކީ ނަރުތައް ބޮޑެތި، މާ ފުއް ނޫން ކަށިކޭލެވެ. ދެން ހުންނަނީ ވަރަށް ފޮނި އަދި އަނގަޔަށް މީރު ކަށިކޭލެވެ.

ކަށިކެޔޮވެލުގައި އަހަރެން ހުއްޓާ ވެސް ދެ އަންހެނަކު، ކެޔޮގަނޑުތަކެއް ކަނޑައިގެން ދިޔަ އެވެ. ބަރޯއަކަށް ލައިގެން ހަތަރު ކަށިކެޔޮގަނޑު ހިފައިގެން އެމީހުން ދިޔައީ ބަޔަކަށް ހަދިޔާއަކަށް ފޮނުވުމަށެވެ.

ކަށިކޭލަކީ އަނގައަށް މީރު، ފައިދާ ހުރި މޭވާއެކެވެ. އެންމެ މަޝްހޫރީ ކަށިކޭލު ކަންޖެވެ. ކަށިކޭލު ފޯއްގެ ނަމުގައި ބައެއް މީހުން އެ ކައްކައިގެން ހިލަ އެވެ. ކަށިކޭލު ފަންޏަކީ ވެސް ކުރިން ވެސް އަދި މިހާރު ވެސް މަޝްހޫރު ބުއިމެކެވެ.

ނ. ލަންދޫ މީހުންގެ ފަހުރަކީ ކުއްޅަވަކެވެ. އެ ރަށަށް އަރާ މީހުންނަށް މަރުހަބާ ކިޔުމަށް ކުއްޅަވަކުގެ ބުއިންތައް ލިބޭއިރު، ފައިބައިގެން ދާނީ ހަދިޔާއަކަށް ބޮޑު ކުއްޅަވައް ކޮތަޅެއް ހިފައިގެންނެވެ. ހަމަ އެގޮތަށް ކަށިކެޔޮގަނޑެއް ބޭނުން ވެއްޖެ ނަމަ އަންނަންވީ މިރަށަށެވެ. މާޅޮހަށެވެ. 

ކޮމެންޓް (3)

ަހަސަނު

27 މާރިޗު 2022
ކަށިކެޔޮ އޮތްރަށަކަށް އަދި ނުދެވެނީ ތި ރިޕޯޓަރުންނަށް ދޭބަލަ ހދ.ކުނބުރުދޫ ވަލަށް ވަދެލަން
1 0

ރާބެހާޖީ

26 މާރިޗު 2022
މިދެން ކޮންވާހަކައެއް. ލަންދޫ މީހުން ކުއްޅަވައްލުމަކީ ފައްކާކަމެއް. މާޅޮހު ކަށިކޭލޭ ބުންޏަށް ކަހުރަވަކެކޭވެސް މީހަކު ހީނުވާނެ. ކަންކަމަށްކުރަފި އެރުވުން
0 9

ނާއްކޮ

27 މާރިޗު 2022
@ރާބެހާޖީ ލަންދޫ ކުއްޅަވަކޭ ބުންޏަސް އެކަށްޗެއްވެސް ހިތަށް ނާރާ. އެކި ރަށްރަށުގެ މީހުން ފަޚްރުވެރި ވާނީ އެކި ކަންކަމާ..ތިކަހަލަ މީހުނާ ހެދި ޤައުމު ކުރި ނާރަނީވެސް...
5 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް