ވާހަކަ

ވާހަކަ: ކަތި ފިޔަވަޅު

އެއް ކޮޓަރިއެއްގައި އުޅޭ ސާދާއަށް ސާނިޔާގެ ކިބައިން ހިތްހަމަނުޖެހޭ އާދަތައް ފެންނަށް ފެށިއެވެ.

އެޕިސޯޑް 2

ސާނިޔާ މާލެއައީ އެހެން ބޭނުމެއްގައެވެ.

ފާހާނާއަށް ވަދެ ފެންވަރާލައިގެން ސާނިޔާ ނުކުތެވެ. ނުކުމެވުނީ ސާދާ ކުރި މައްޗަށެވެ. ސާދާ ހިނިތުންވެލިއެވެ. އެ ހިނިތުންވުމުގެ ރައްދުގައި ސާނިޔާ މޫނު ހަދާލިއެވެ. ސާދާ އިތުރު އެއްޗެއް ނުބުނެ އެނދުގައި އިށީނދެލިއެވެ. ސާނިޔާ ފެން ހިއްކި ތުވާލި އެނދު މައްޗަށް އެއްލާލިއެވެ. އަދި ލޯގަނޑު ކައިރީ ހުރެ ފުނާ އަޅަން ފެށިއެވެ. ފެންތިކި ޖަހަމުން ދިޔަ އިސްތަށިގަނޑު އޮޅާލާފައި ހުޅިއެއް ޖެހިއެވެ. އަދި ނުކުމެގެން ދިޔައެވެ. މަންޒަރު ބަލަން އިން ސާދާ ބަލާލީ އެނދުމަތީ ގުޅަކޮށްފައި އޮތް ތުވާއްޔަށެވެ. ޗޮކެއް ކަނޑާލާފައި ތުވާލި ހިފައިގެން ނުކުމެ ބޭރުގައި ހުރި ރޯނެއްގައި އަޅާލިއެވެ. ފަހަތަށް އެނބުރިލި ވަގުތު ކުރިމަތީގައި ހުރީ ސާނިޔާއެވެ.

"އަހަރެން އެހާ ހިތްހަމަޖެހޭ ކަމެއް ނޫން ތި ކުރީ؟" މޫނުމަތިން ފޫހިކަން ދައްކާލަމުން ސާނިޔާ ބުންޏެވެ.

"ކޮން ކަމެއް؟ ގުޅަ ކޮށްފައި އެނދުމަތީ އޮތް ތުވާލި ނިއުޅާލުންތަ؟ ނޫނީ ބޭރުގައި ތުވާލި ހިއްކަން އެޅުންތަ؟" ސާދާ ހަށަން ބަދެލަމުން އެހިއެވެ.

"އަހަރެންގެ ހުއްދައާ ނުލައި އަހަރެންގެ އެއްޗެއްސާ ބެހުން،" ސާނިޔާ ރުންކުރުވެފައި ބުންޏެވެ.

"އަހަރެން ވެސް އެހާ ހިތްހަމަޖެހޭ ކަމެއް ނޫން ކޮޓަރިތެރޭގައި ނުބައި ވަސް ހިފާ ގޮތަށް އަންނައުނު ގެންގުޅުމަކީ،" ސާދާ މިހެން ބުނެފައި ގޭތެރެއަށް ވަނެވެ. ސާނިޔާ އެއްވެސް އެއްޗެއް ނުބުނެ ސާދާ ވަދެގެން ދަންދެން ބަލަހައްޓައިގެން ހުއްޓެވެ.

"ދަރިފުޅާ. މިގޭ މީހުން ބުނާ ގޮތް ހަދާތި. ރުޅި އަންނަ ކަހަލަ ކަމެއް ނުކޮށް ވޭތޯ ބަލާތި. ރަނގަޅަށް ކިޔަވާތި އިނގޭ. މިގޭ ބޭބެ އާއި ނާހިދާއްތަގެ ބަސް އަހައިގެން އުޅޭތި." ހާރޫނު ވާހަކަ ދެއްކީ ސާނިޔާއާއެވެ. ދެބަފައިން ތިބީ އެތެރެގޭގައި ހުރި އުނދޯއްޔެއްގައެވެ.

ސާނިޔާއަކީ ރުންކުރު ކުއްޖެކެވެ. ހާރޫނުގެ އަށް ދަރިންގެ ތެރެއިން ވެސް އެންމެ ރުޅިގަދަ އަންހެން ދަރިއެވެ. ހާރޫނަށް އެކަން އެނގެއެވެ. ވުމާއެކު ނަސޭހަތް ދިނީ ސާނިޔާ ހިތްހަމަޖެހޭ ގޮތަށެވެ. އެކަމަކު އެންމެ ލޯބިވާ ދަރިއަކީ ވެސް ސާނިޔާއެވެ. އޭގެ ސަބަބުން އާއިލާތެރޭގައި މަސްލަހަތު ކިތަންމެ ފަހަރަކު ގެއްލެއެވެ. އެކަމަކު ހާރޫނަކީ އެ ލޯބި ފޮރުވާ ބައްޕައެއް ނޫނެވެ. ހާރޫނަކީ އަތްމަތި ތަނަވަސް މީހެކެވެ. ޒަމާނަށް ބަލާ އިރު އުތުރުގެ އަތޮޅުތަކުގައި މުއްސަނދިންގެ ތެރޭގައި ގުނާލެވޭ މީހެކެވެ. އޮޑިދޯނިފަހަރާއި ފަޅު ރަށްތައް އޮންނަ މީހެކެވެ. ވިޔަފާރި ވެސް ކުރާ މީހެކެވެ.

"ދެން ބައްޕަ ދައްކާ ވާހަކަ. އަހަރެން ހަނދާން އެބަ ހުރި އަހަރެން އައީ ކިޔަވަންކަން،" ހާރޫނުގެ ކޮނޑުގައި ބޯ އަޅާލަމުން ސާނިޔާ ބުންޏެވެ.

ހާރޫނު ފުރީ އޭގެ ދެ ދުވަސް ފަހުންނެވެ. ސާނިޔާ ކިޔަވަން އައީ ޓީޗަރުކަމެވެ. ދުވަސްވަރަކީ 80ގެ އަހަރުތަކެވެ. މާލޭ މަގުތަކުގައި ގާ އަޅަން ފެށީ ގާތްގަނޑަކަށް އެ ދުވަސްވަރުއެވެ. ގާ ނުޖަހައި އޮތް މަގަކުން ސާނިޔާ ހިނގަމުން ދިޔައީ ފަރި ގޮތަކަށެވެ. ސާނިޔާއަކީ ރީތި ކުއްޖެކެވެ. ބޮޑު ފުރޮޅުލީ ބައިސްކަލުތަކުގައި ދާ ޒުވާނުން ހިތްދަމައިގަންނަ ކަހަލަ ގޮތެއް ހުންނަ ކުއްޖެކެވެ. މީހަކު ބަލާހެން ހީވަންޏާ އިތުރަށް ފޮނި ދައްކާލައެވެ.

ސާނިޔާއަށް ގެއަށް އާދެވުނު އިރު، އިރު އޮއްސެނީއެވެ. ނާހިދާ އިނީ ބޭރު ފެންޑާގައެވެ.

"މިއަދު ހާދަ ލަސްވީ،" ނާހިދާ އަހާލިއެވެ.

ހެމުން ނަށަމުން ގޭތެރެއަށް ވަން ސާނިޔާއަށް އެއަޑެއް ނީވުނެވެ. ސާނިޔާގެ ހިޔާލުގައި ހުރީ މަގުމަތިން ފެނުނު ޅަފުރައިގެ ދެތިން ޒުވާން ފިރިހެން ކުދިންނެވެ. ނާހިދާ ބަލަހައްޓައިގެން އިނދެފައި ގޭތެރެއަށް ވަނެވެ. އަދި ސާނިޔާގެ ކޮޓަރިއަށް ވަނެވެ.

"ދައްތަ ބުނީ ހާދަ ލަހުންނޭ މިއަދު ގެއަށް ތިއައީ،" އެނދުމަތީގައި އޮތް ސާނިޔާ ގާތު ބުންޏެވެ. ސާނިޔާ ފުންމައިގެން ތެދުވިއެވެ. އަދި ހިނގަމުން ގޮސް ނާހިދާ ގާތަށް ހުއްޓުނެވެ.

"ސާނިޔާގެ ބައްޕަ އަހަރެމެންނަށް ވަރަށް އިތުބާރު ކޮށްފައި ސާނިޔާ މިގެއަށް ލާފައި އެ ދިޔައީ. ބައްޕަމެން ދެރަވެ ލަދުގަންނަ ވަރުގެ ކަމެއް ނުކުރާތި އިނގޭ،" ނިތްކުރިމަތިން ވެއްޓިފައި އިން އިސްތަށިކޮޅު ކަންފަތުގައި އަޅުވައި ދެމުން ނާހިދާ ބުންޏެވެ. ނާހިދާއަށް ގޭގައި ދެން އުޅޭ ދެ ކުދިންނަށް ވުރެ ބޮޑަށް ސާނިޔާއަށް އިސްކަން ދެވެއެވެ. ސަބަބެއް ނެތިއެއް ވެސް ނޫނެވެ. ހާރޫނު ފޮނުވާ ހަދިޔާ ފޮށިގަނޑުތަކުންނެވެ. އޭގައި ހުންނަނީ ނާހިދާއަށް އެންމެ މީރު އެއްޗެއްސެވެ. މަދުރޮށްޓާއި ތެލުލި ރިހާކުރެވެ. ތެލުލި ބަނބުކޭލާއި ތެލުލި އަލައެވެ. މާޅޮސް ކޭލާއި ފުސް ކޭލެވެ.

ސާނިޔާ އިތުރު އެއްޗެއް ނުބުނުމުން ނާހިދާ ނުކުމެގެން ދިޔައެވެ. ސާނިޔާ އަނެއްކާވެސް ގޮސް އެނދު މައްޗަށް ވެއްޓިގަތެވެ. އެ ވަގުތު ފާހާނާއިން ނުކުތީ ސާދާއެވެ. ސާނިޔާގެ މޫނު މައްޗަށް ހިތްހަމަނުޖެހުން ފާޅުވިއެވެ. ސާދާއަކީ ސާނިޔާއަށް ވުރެ ހަމުގެ ކުލަ އަލި ކުއްޖެކެވެ. އިސްތަށިގަނޑު ފަންވެފައި ދިގެވެ. ސާނިޔާއަށް ވުރެ އިސްކޮޅުން ދިގެވެ. ނަމަވެސް އުމުރުގެ ގޮތުން ސާދާ ދެ އަހަރު ހަގެވެ.

"މަންމާ! މި ސާނިޔާ ކީއްވެތަ މާ ފާޑަކަށް އެ ހުންނަނީ؟ ހިނިތުންވެލާފައި އަނގައިން ވެސް ނުބުނޭ. އަބަދު ހުންނަނީ ރުޅި މޫނު ހަދާފައި،" ކަޅު ސައި ތައްޓަށް ފާރޮށި ކިބައެއް ލަމުން ސާދާ ބުންޏެވެ.

"ނޭނގެ. މަންމައަކަށް ފާހަގައެއް ނުވޭ. ވެދާނެ މާހައުލު ބަދަލުވީމަ ކަމަށް. ދަރިފުޅު ހިތްހަމަނުޖެހެންޏާ އެހެން ކޮޓަރިއަކަށް އޭނަ ބަދަލު ކޮށްފާނަން،" ނާހިދާ ގޮނޑީގައި އިށީންނަމުން ބުންޏެވެ.

"ނޫން. ބަހައްޓާ،" ސާދާ ފޫހިވެފައި ބުންޏެވެ. ސާދާއަކީ މައިންބަފައިންގެ ނިންމުންތަކަށް ފާޑުކިޔާ ކުއްޖެއް ނޫނެވެ. މައިންބަފައިން ކުރާ އެކަހަލަ އެއްވެސް ކަމަކާ ބެހި އުޅޭ ކުއްޖެއް ނޫނެވެ. ވުމާއެކު ހިތްހަމަނުޖެހިފައި ހުރެގެން ވެސް އެކަމަށް އެއްޗެއް ނުބުނީއެވެ.

"އައްސަލާމް އަލައިކުމް،" ދޮރާށިން ބޯދިއްކޮށްލަމުން އަމީނާ ސަލާން ގޮވާލިއެވެ. އަމީނާއަކީ ނާހިދާގެ އަވަށްޓެރިއެކެވެ. އަމީނާ ފެނުމާއެކު ދުން ގުޑުގުޑާ ރޯކޮށްގެން ސިލުނބަށް ފުމެން އިން ނާހިދާ އިޝާރާތް ކުރީ އެތަނަށް އައުމަށެވެ. އަމީނާގެ ދަރިފުޅު ސިޔާމް އާއި ސާދާ ކިޔަވަނީ އެއް ކުލާހެއްގައެވެ. އެހެންކަމުން އެ ދެ ކުދިންގެ ރައްޓެހިކަން ވެސް ވަނީ ބަދަހިވެފައެވެ. އަމީނާމެންގެ ގެ ހުންނަނީ ނާހިދާގޭގެ ދޮރުމަތީގައެވެ. ފެންވަރުގެ ގޮތުން ބަލާ ނަމަ އަމީނާމެން މާ ތަނަވަހެވެ.

ދެ މީހުން ވާހަކަ އޮލަކުރަމުން ދިޔައީ ގުޑުގުޑާގެ ދުންގަނޑު ދަމަމުންނެވެ. އެކި މީސްމީހުންގެ ވާހަކަތަކެވެ. ސްކޫލު ކައިރީ ތިބޭއިރު ކުދިން ބަލާ ގޮސް ތިބޭ މީހުންގެ ވާހަކައިން ފެށިގެން ގޭދޮށު އަވައްޓެރިންގެ ބަދިގޭގެ ވާހަކަތަކެވެ. ދެ މީހުންނަކީ ޒަމާން ވީ ދެ ރަހްމަތްތެރިންނެވެ. ފޮރުވިފައި އޮންނާނީ މަދު ކަމެކެވެ. ގޭތެރޭގެ ވާހަކަތަކުން ފެށިގެން ދަރިންގެ ވާހަކަ ވެސް ހިއްސާ ކުރާ ދެ މިތުރުންނެވެ. ދެ މީހުންނަށް ހޭވެރިކަން ވީ މެންދުރު ނަމާދުގެ ބަންގީގެ އަޑަށެވެ. އަމީނާ ޖޯލިން ތެދުވެގެން ދާން ހިނގައިގަތުމާއެކު ފެނުނީ ދޮރާށި ކައިރީ ތިބި ސާދާ އާއި ސިޔާމްއެވެ. ދެ ކުދިން ވެސް ތިބީ ޔުނީފޯމްގައެވެ. އަމީނާގެ ތުންފަތުގައި ހިނިތުންވުން ކުޅެލިއެވެ. އަދި ނާހިދާއަށް އެ މަންޒަރު ދެއްކިއެވެ. އެ ވަގުތު ނާހިދާ ވެސް ހިނިތުންވެލިއެވެ. ނިތް އަރުވާލީ އެކަމަށް ރުހޭ ކަން ދައްކަމުންނެވެ.

ސާދާއާއެކު ސިޔާމް ވެސް އެ ގޯތިތެރެއަށް ވަނެވެ. ސާދާ ދިޔައީ ޔުނީފޯމް ބަދަލު ކުރާށެވެ. ސިޔާމް އައިސް ހުއްޓުނީ އަމީނާ ގާތުގައެވެ.

"ސިޔާމް. މިހާރު ހާދަ ނުފެނެއޭ. ކީއްވެތަ އެހާ މަދުން މިގެއަށް އަންނަނީ؟" ނާހިދާ އިން ޖޯލިން ތެދުވަމުން ސިޔާމްއާ ގާތަށް ޖެހިލިއެވެ. ލަދުރަކި ސިޔާމް އެއަށް ޖަވާބު ދިނީ ހިނިތުންވުމަކުންނެވެ.

"ގިނަގިނައިން އަންނައްޗޭ އިނގޭ،" ނާހިދާ ބުންޏެވެ. ސިޔާމް ބޯ ޖަހާލިއެވެ. ގެއަށް ދިޔުމަށް ދޮރާށިން ނުކުންނަން ދިޔަ ދެމައިންނަށް ހުއްޓެވުނެވެ.

- ނުނިމޭ -

ކޮމެންޓް

Placeholder

ވާހަކަ

ވާހަކަ