ނެޓްފްލިކްސް އިން މިފަހުން ހާމަކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، 10 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެ ކުންފުންޏަށް ވަނީ ސަބްސްކްރައިބަރުން ގެއްލިފައި. (ފޮޓޯ/ ދަ ވާޖް)

ނެޓްފްލިކްސް އިން ލައިވް ސްޓްރީމިން ފަށަން ވިސްނަނީ

މިއީ އާމްދަނީ އާއި ކަސްޓަމަރުންގެ އަދަދު ދަށަށް ދާތީ ނެޓްފްލިކްސް އިން އަޅަން ވިސްނާ ފިޔަވަޅެއް

މުހިންމު ނުކުތާތައް

"ނެޓްފްލިކްސް އިސް އަ ޖޯކް ފެސްޓް" މިދިޔަ އަހަރު ބޭއްވި

ވާދަވެރި ޑިސްނީ ޕްލަސް އިން ވަނީ ލައިވް ސްޓްރީމިންގެ ހިދުމަތް ފަށާފަ

10 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެ ކުންފުންޏަށް ވަނީ ސަބްސްކްރައިބަރުން ގެއްލިފަ

ބައެއް ކަހަލަ ކޮންޓެންޓުތައް ލައިވްކޮށް ސްޓްރީމް ކުރުމުގެ ފުރުސަތު ކަސްޓަމަރުންނަށް ހުޅުވާލުމަށް ވިސްނަމުން އަންނަ ކަމަށް ނެޓްފްލިކްސް އިން ބުނެފި އެވެ.

ނެޓްފްލިކްސް އިން ލައިވް ސްޓްރީމް ކުރުމަށް ވިސްނާ ކޮންޓެންޓުތަކުގެ ތެރޭގައި ސްޓޭންޑް އަޕް ކޮމެޑީ އާއި ޝޯތަކުގެ ރީޔުނިއަން އިވެންޓުތައް ހިމެނޭ ކަމަށް ޑެޑްލައިން ނޫހުން ވަނީ ރިޕޯޓުކޮށްފަ އެވެ.

ނެޓްފްލިކްސްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ލައިވް ސްޓްރީމެއް ކޮށްފައި ވަނީ މި އަހަރު "ނެޓްފްލިކްސް އިސް އަ ޖޯކް ފެސްޓް"ގެ ނަމުގައި ބޭއްވި އިވެންޓެކެވެ. އެތައް ދުވަހަކަށް ކުރިއަށް ދިޔަ މި އިވެންޓުގައި އަލީ ވޮންގް، ޖެރީ ސެއިންފެލްޑް އަދި ޖޯން މުލާނީ ފަދަ 130އަށް ވުރެ ގިނަ ކޮމީޑީއަނުން ވަނީ ބައިވެރިވެފަ އެވެ.

ނެޓްފްލިކްސް އިން ލައިވް ސްޓްރީމިން ހިދުމަތާ ބެހޭ ގޮތުން އިތުރު ތަފްސީލެއް ހާމަކޮށްފައި ނުވި ނަމަވެސް ނެޓްފްލިކްސްއާ ވަރަށް ގާތުން ވާދަކުރާ ޑިސްނީ ޕްލަސް އިން ވަނީ މި އަހަރުގެ ކުރީކޮޅު ލައިވް ސްޓްރީމިންގެ ހިދުމަތް ފަށާފަ އެވެ. ޑިސްނީ ޕްލަސް އިން އެންމެ ފުރަތަމަ ލައިވްކޮށް ދައްކާފައި ވަނީ މިދިޔަ ފެބްރުއަރީ މަހު އޮތް އެކަޑެމީ އެވޯޑްސްގެ ނޮމިނޭޝަންތަކެވެ. މީގެ އިތުރުން ވެސް، މަޝްހޫރު "ޑާންސިން ވިތު ދަ ސްޓާސް" މުބާރާތް ވެސް ޑިސްނީން މި އަހަރުގެ ފަހުކޮޅު ލައިވްކޮށް ފެންނާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

11 ދުވަހަށް ކުރިއަށް ދިޔަ ނެޓްފްލިކްސްގެ ފުރަތަމަ ލައިވް ސްޓްރީމިން އިވެންޓުގެ ތެރެއިން. (ފޮޓޯ/ ނެޓްފްލިކްސް ލައިފް)

ނެޓްފްލިކްސް އިން މިފަހުން ހާމަކުރި މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ މާލީ ހިސާބުތަކުން ދައްކާ ގޮތުގައި، 10 އަހަރުގެ ތެރޭގައި ފުރަތަމަ ފަހަރަށް އެ ކުންފުންޏަށް ވަނީ ސަބްސްކްރައިބަރުން ގެއްލިފަ އެވެ. ނަމަވެސް، ނެޓްފްލިކްސްއާ ބަލާއިރު މި މުއްދަތުގެ ތެރޭގައި ޑިސްނީއަށް ވަނީ 7.9 މިލިއަން ކަސްޓަމަރުން ލިބިފަ އެވެ.

އާމްދަނީ އާއި ކަސްޓަމަރުންގެ އަދުދު ދަށަށް ދާތީ، އެކައުންޓުގެ ޕާސްވޯޑް ހިއްސާ ނުކުރެވޭނެ ގޮތް ހެދުމާއި އިޝްތިހާރު ހިމެނޭ އަގުހެޔޮ ޕެކޭޖެއް ތައާރަފް ކުރުން ފަދަ ބައެއް ފިޔަވަޅުތައް އަޅާނެކަމުގެ އިޝާރާތެއް ނެޓްފްލިކްސް އިން ވަނީ ދީފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް