ހުޅުމާލޭގައި ހުންނަ އެޗްޑީސީގެ ހެޑްކުއާޓާ: އެ ކުންފުނީގެ ތެރެއިން ހިޔާނާތަށް މަގުފަހިވާ ކަންކަން ހިންގާފައިވާ ކަމަށް އޮޑިޓަށް ވަނީ ފާހަގަވެފައި

އެޗްޑީސީ

ކުރީ ސަރުކާރުގެ އެޗްޑީސީ: އެތައް މިލިއަނެއްގެ ހިޔާނާތާއި އިސްރާފު

2017 އަދި 2018 ވަނަ އަހަރު މުދަލާއި ހިދުމަތް ހޯދުމަށް އެޗްޑީސީއިން ހިންގާފައިވާ އަށް މުއާމަލާތެއްގެ މައްސަލަތަކެއް އޮޑިޓް އޮފީހުން ކުރި ހާއްސަ އޮޑިޓަކުން ވަނީ ފެންމަތިވެފައި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ބަލަހައްޓާ، ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން(އެޗްޑީސީ)އިން ހަރަދުކުރި އެތައް މިލިއަން ރުފިޔާއެއް ހިޔާނާތަށް ތުހުމަތުވާ ގޮތަށް ހަރަދުކޮށް، ބޭކާރުކޮށްފައިވާކަން އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލި އެ ކުންފުނީގެ ހާއްސަ އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެ އެވެ.

ވީ ކިހިނެއް؟ - އެޗްޑީސީއިން 2017 އަދި 2018 ވަނަ އަހަރު ހިންގާފައިވާ މުއާމަލާތްތަކާއި ކުންފުނީގެ ކޭޝްފްލޯ މެނޭޖުކުރުމުގައި ދަތިތައް ދިމާވި ސަބަބު ހޯދުމަށް ހެދި އެ ހާއްސަ އޮޑިޓް ރިޕޯޓުގައި ކޮރަޕްޝަނަށް ތުހުމަތުވާ ގޮތަށް ހިންގާފައިވާ އަށް މުއާމަލާތެއްގެ މައްސަލަ ވަނީ ފާހަގަކޮށްފަ އެވެ.

އިއްޔެ އާންމުކުރި އެ ރިޕޯޓްގައިވާ ގޮތުން އެތައް މިލިއަން ރުފިޔާއެއްގެ މަސައްކަތްތައް އަމިއްލަ ފަރާތްތަކާ ހަވާލުކޮށްފައި ވަނީ ބިޑް ކުރުމެއް ނެތި އެވެ. އަދި އެޗްޑީސީއާ ގުޅުމެއް ނެތް އެތައް ކަމަކަށް ފައިސާ ހަރަދުކޮށް އެތައް މިލިއަން ރުފިޔާއެއް އިސްރާފުކޮށްލާފައިވާކަން ވެސް އޮޑިޓްގައި ފެންމަތިކޮށްފައި ހުރި މައްސަލަތަކުގައި ފާހަގަކޮށްފައިވެ އެވެ.

ބިމެއް ސާފުކުރަން 10 މިލިއަނަށް އަމިއްލަ ބަޔަކަށް

އޮޑިޓްގައި ފާހަގަކުރި ގޮތުގައި ވޯޓާ ތީމް ޕާކު ތަރައްގީކުރަންް ކަނޑައެޅި ބިން ސާފުކޮށް ހުސްކުރުމުގެ މަސައްކަތުގެ ބައެއް ކަންކަން ކުރުމަށް އަމިއްލަ ކުންފުންޏަކާ ހަވާލުކުރީ 10.04 މިލިއަން ރުފިޔާއަށެވެ. އެހެން ނަމަވެސް، އެ މަސައްކަތް އެ ފަރާތާ ހަވާލުކުރީ އިއުލާނު ނުކޮށް، ސިންގަލް ސޯސް އުސޫލުން ކަމަށް ރިޕޯޓްގައިވެ އެވެ. ރިޕޯޓްގައި ފާހަގަކުރި ގޮތުގައި އެއީ ކުންފުނީގެ ޕްރޮކިޔުމެންޓު އުސޫލާ ހިލާފަށްކޮށްފައިވާ ކަމެކެވެ.

މީގެ އިތުރަށް އެ މަސައްކަތާ ހަވާލުވި ކުންފުނިން މަަސައްކަތް ނިންމުމަށް އެއްބަސްވި ތާރީހަށް މަސައްކަތް ނުނިންމުމުން 60 ދުވަހުގެ މުއްދަތު އެ ކުންފުންޏަށް އިތުރުކޮށްދީފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ. އަދި އެއަށް ފަހު އެ ކުންފުންޏަށް އިތުރަށް 6.87 މިލިއަން ރުފިޔާ ދީފައިވާ މައްސަލަ ވެސް އޮޑިޓަށް ވަނީ ފާހަގަކުރެވިފަ އެވެ. ރިޕޯޓްގައި ބުނީ އެ ފައިސާ ދީފައިވަނީ ކުރިން އެ މަސައްކަތް ކުރަން އެއްބަސްވެފައިވާ ސްކޯޕް އޮފް ވޯކަށް ބަދަލު ނުގެނެސް ކަމަށެވެ.

އެ މަސައްކަތް އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފައި ވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބެލެވޭތީ މައްސަލަ އޭސީސީ އަށް ފޮނުވަން ރިޕޯޓްގައި ވަނީ ލަފާދީފަ އެވެ.

މަގު ބައްތި ގަތުމަށް ހަވާލުކުރީ ބިޑް ނުކޮށް

އޮޑިޓް ރިޕޯޓްގައި ބުނި ގޮތުގައި ހުޅުމާލޭޭ މަގުތައް އަލިކުރަން ބޭނުންވާ ބައްތި އާއި އެކަމާ ގުޅޭ ސާމާނު ގަތުމާއި އެތަކެތި މަގުތަކުގައި ހަރުކުރުމުގެ މަސައްކަތް ބޭރު ކުންފުންޏަކާ ހަވާލުކުރީ ބިޑަކަށް ނުލައި ސިންގަލް ސޯސް އުސޫލުންނެވެ. އެހެން ނަމަވެސް 26.9 މިލިއަން ރުފިޔާއަށް ބިޑަކަށް ނުގޮސް 'ސިންގަލް ސޯސް' އުސޫލުން އެ މަސައްކަތް ބަޔަކާ ހަވާލުކޮށްފައި ވަނީ އެގޮތަށް އެކަން ކުރަން ޖެހޭ އެކަށީގެންވާ ސަބަބެއް ނެތި ކަމަށް ރިޕޯޓްގައި ފާހަގަކުރި އެވެ.

ރިޕޯޓްގައި ބުނި ގޮތުގައި އެ މަސައްކަތް އެ ކުންފުންޏާ ހަވާލުކުރުމުގެ ކުރިން އެ މަސައްކަތުގެ އެސެސްމެންޓު އަދި އިލެކްޓްރިކަލް ލޭއައުޓް ޑިޒައިނިން މަރުހަލާ ކުރިއަށް ގެންގޮސްފަ އެއް ނުވެ އެވެ. މީގެ އިތުރަށް މަގުބައްތިތައް ހަރުކުރުމުގެ މަސައްކަތް ވެސް އެތަކެތި ސަޕްލައި ކުރި ކުންފުންޏާ ހަވާލުކޮށްފައި އެތަކެތި ގަތުމުގެ އެއްބަސްވުމުގައި އެ ތަކެެތި ހަރުކުރުމަށް އެ ކުންފުންޏާ ހަވާލުކުރުމާ ގުޅޭ އެއްވެސް މާއްދާއެއް ހިމަނާފައި ނެތި ސިންގަލް ސޯސް އުސޫލުން ކަމަށް ވެސް ރިޕޯޓްގައިވެ އެވެ.

ރިޕޯޓްގައި ތުހުމަތު ކުރީ އެކަމުގައި ވެސް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށެވެ. އެހެންވެ، އެ މައްްސަލަ އޭސީސީ އަށް ހުށަހަޅަން ރިޕޯޓްގައި އެދިފައިވެ އެވެ.

ގުޅުމެއް ނެތް ކަންކަމަށް ކުންފުނީގެ ވަސީލަތްތައް ބޭނުންކޮށްފައި

އެޗްޑީސީގެެ ބެލުމުގެ ދަށުގައި ހުރި މުހައްމަދު ގާސިމް ޕްރީ ސްކޫލު އިމާރާތް ބަލަހައްޓަން 2 ޖުލައި 2018 އިން 1 ނޮވެމްބަރު 2018ގެ ނިޔަލަށް އަމިއްލަ ފަރާތަކާ ހަވާލު ކުރި އިރު އެ މުައްދަތުގައި އެ އިމާރާތުގައި ކުރިއަށް ގެންގޮސްފައިވާ މަސައްކަތަކީ އެޗްޑީސީގެ މަސައްކަތާ ގުޅުމެއް ނެތް މަސައްކަތެއްކަން އޮޑިޓް ރިޕޯޓްގައި ފާހަގަކުރި އެވެ. އެހެން ނަމަވެސް ރިޕޯޓްގައި ބުނެފައި ވަނީ، އަދި އެ މަސައްކަތްތައް ކުރުމުގައި ކުންފުނީގެ ބައެއް މުވައްޒަފުންނާއި ވަސީލަތްތައް ވެސް ބޭނުންކޮށްފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން އޮޑިޓާ ޖެނެރަލްގެ އޮފީހުން ލަފާދީފައި ވަނީ އެޗްޑީސީގެ މަސައްކަތާ ގުޅުމެއް ނެތް މަސައްކަތްތަކެއްގައި 2017 އަދި 2018 ވަނަ އަހަރު އެ ކުންފުނީގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުންކޮށްފައިވާ ކަމަށް ބެލެވޭތީ އެ މައްސަލަ ތަހުގީގު ކުރުމަށް އޭސީސީ އަށް ހުށަހެޅުމަށެވެ.

ޔޫތް ސިޓީ ޕްރޮމޯޝަންގެ ނަމުގައި އެހެން ކެމްޕޭނެއް

އޮޑިޓް ރިޕޯޓްގައި ދެން ފާހަގަކުރި މައްސަލައަކީ، ހުޅުމާލެ ޔޫތު ސިޓީ ޕްރޮމޯޓު ކުރުމަށް ކަމަށް ބުނެ އެޗްޑީސީ އިން ހަރަދުކޮށްގެން 2018 ވަނަ އަހަރުގެ ޖުލައި އަދި އޮގަސްޓު މަހު ތައްޔާރުކޮށްފައިވާ ބެނާ އަދި ޕޯސްޓަރު ހަރަދުތަކަކީ ހުޅުމާލޭ ޔޫތު ސިޓީ ޕްރޮމޯޓު ކުރުމަށްވުރެ ބޮޑަށް އެޗްޑީސީގެ މަސައްކަތާ ގުޅުމެއް ނެތް ހަރަކާތްތަކަށް ކޮށްފައިވާ ހަރަދެއް ކަމަށް ބެލެވޭ މައްސަލަ އެވެ.

ނަމަވެސް އެ ތަކެތި ތައްޔާރުކުރަން އެޗްޑީސީ އިން 135،407 ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށް އޮޑިޓް ރިޕޯޓްގައިވެ އެވެ.

ރިޕޯޓްގައި ފާހަގަކުރި ގޮތުގައި ޔޫތް ސިޓީ ޕްރޮމޯޝަންގެ ނަމުގައި ހެދި ބެނާތަކާއި ޕޯސްޓަރުތަކުގެ ތަފްސީލު ބެލިއިރު އެެ ތަކެތީގައި ބޭނުންކޮށްފައިވާ ލިޔުންތަކަކީ ހުޅުމާލެ އަދި ޔޫތު ސިޓީގެ ބްރޭންޑް ޕްރޮމޯޓް ކުރުމަށްވުރެ ބޮޑަށް އަމިއްލަ ފަރާތަކުން ރާވާ ހިންގި، އެޗްޑީސީގެ މަސައްކަތާ ގުޅުމެއް ނެތް ހަރަކާތެއްގެ ޕްރޮމޯޝަނެކެވެ.

އޮޑިޓް ރިޕޯޓްގައި ބުނީ ކުންފުނީގެ މަގުސަުދުތަކުގެ ތެރޭގައި ނުހިމެނޭ އަދި ކުންފުންޏަށް ކޮންމެހެން ބޭނުން ނުވާ ހަރަދުތައް ކުންފުނީގެ ޕްރޮކިޔުމެންޓު ޕޮލިސީ އާ ހިލާފަށް ކުރާނަމަ، ކުންފުނީގެ ވަސީލަތްތައް ނަމަހަގޮތުގައި، ވަކި ފަރާތެއްގެ އަމިއްލަ މަންފާއަށް ބޭނުންކުރުމަށް މަގުފަހިވެ، ކޮރަޕްޝަނަށް މަގުފަހިވާނެ ކަމަށެވެ.

ހިޔާވަހި މަޝްރޫއަށް އުސޫލާ ހިލާފަށް 193 މިލިއަން

'ހިޔާވަހި'ގެ ނަމުގައި އެޗްޑީސީއިން ކުރިއަށް ގެންގޮސްފައިވާ ހައުސިން މަޝްރޫއަކަށް ކުންފުނީގެ އާމްދަނީއިން 193.7 މިލިއަން ރުފިޔާ ހަރަދުކުރުމުގެ ސަބަބުން ކުންފުންޏަށް މާލީ ގޮތުން އަސަރުކުރި މައްސަލައެއް އޮޑިޓްގައި ފާހަގަކުރި އެވެ. އަދި އެޗްޑީސީގެ ބަޖެޓްގައި ނުހިމަނާ ކުރި އެ ހަރަދުގެ ސަބަބުން ކުންފުނިން ހިންގުމަށް ކަނޑައަޅާފައިވާ ޕްރޮޖެކްޓުތައް ހިންގުމަށް ބޭނުންވާ ފައިސާ ހޯދަން ދަތިވި ކަމަށް ރިޕޯޓްގައިވެ އެވެ.

އެ މަޝްރޫއާ ގުޅޭ ގޮތުން އޮޑިޓް ރިޕޯޓްގައި ބުނީ:

  • ހިޔާވަހި މަޝްރޫއު ކުރިއަށް ގެންދަން ހުޅުވާލި ބީލަމުގެ ދައުވަތުގައި އެ މަޝްރޫއަށް ފައިނޭންސް ކުރާނެ ކަމަށް ބުނެފައިވަނީ އެޗްޑީސީއިން

  • ނަމަވެސް އެ މަޝްރޫއަށް އިއުލާނު ކުރުމުގެ ކުރިން މަޝްރޫއު ހިންގަން ބޭނުންވާ ފައިސާ ހޯދަން އެޗްޑީސީ އިން ބީއެމްއެލް އާ މުއާމަލާތްކޮށްފައިވީ ނަމަވެސް އެ ލޯނު ހަމަޖެހިފައެއް ނުވޭ

  • އަދި 19 ޖެނުއަރީ 2017 ގައި އެ މަސައްކަތް ކުރުމަށް އަމިއްލަ ކުންފުންޏަކާއެކު އެޗްޑީސީ އިން ސޮއިކުރި އިރުވެސް ލޯނު ހަމަޖެއްސުުމަށް ބީއެމްއެލް އާއެކު އެއްބަސްވުމެއް ގާއިމް ކޮށްފައި ނުވޭ

  • ލޯނު ހަމަޖެހިފައި ނެތަސް މަސައްކަތް ހަވާލުކުރި ކުންފުންޏަށް އެޗްޑީސީގެ އާމްދަނީއިން އެޑްވާންސްގެ 97 މިލިއަން ރުފިޔާ ދިން

  • ހިޔާވަހި މަޝްރޫއަށް ހަވާލުވި ކުންފުނީގެ އަމިއްލަ ފައިސާއިން 45.4 މިލިއަން ރުފިޔާ ހަރަދުކުރާނެ ކަމަށް އެއްބަސްވުމުގައި އޮތް ނަމަވެސް 51.2 މިލިއަން ރުފިޔާ އެޗްޑީސީއިން އިތުރަށް މަޝްރޫއަށް ހަރަދުކުރި

އޮޑިޓް ރިޕޯޓުގައި ބުނީ، ކުންފުުނިން ހިންގުމަށް ކަނޑައަޅާފައިވާ މަޝްރޫއުތަކަށް ކުންފުނިން ފާސްކޮށްފައިވާ ބަޖެޓުގައި ހިމަނާފައިވާ ގޮތަށް ފައިސާ ހަރަދުކުރުމަށް އެދޭ ކަމަށެވެ. އަދި ކުންފުނީގެ ކޭޝްފްލޯ އިން ރިކަރަންޓު ހަރަދުތަކާއި ކުންފުނިން ނަގާފައިވާ ލޯނުތައް އަނބުރާ ދައްކަން ޖެހޭ ފައިސާ އަނބުރާ ދެއްކުމަށްފަހު ނޫނީ ކެޕިޓަލް ހަރަދު ނުކުރުމަށް ވެސް އޮޑިޓްގައި ވަނީ ލަފާދީފަ އެވެ.

އެނގުން މުހިންމު - މީގެ އިތުރަށް 2018ގެ ރިޔާސީ އިންތިހާބު ބޯމަތިވެފައިވަނިކޮށް ކުއްލިއަކަށް131 މުވައްޒަފަކު އިއުލާން ކުރުމެއް ވެސް ނެތި އެޗްޑީސީއަށް ވެއްދި މައްސަލައެއް ވެސް ވަނީ އޮޑިޓްގައި ފެންމަތިކޮށްފަ އެވެ. އޮޑިޓްގައިވާ ގޮތުގައި އެކަން ވެސް ކޮށްފައި ވަނީ އުސޫލުތަކާ މުޅިން ހިލާފަށް މުވައްޒަފުން އިތުރަށް ނަގަން ޖެހޭ ސަބަބެއް ވެސް ނެތި އެވެ.

ކޮމެންޓް (1)

ހަލިމްބެ

3 ޖެނުއަރީ 2023
ތީ ހަމަ ސޯލިހު އަންގައިގެން އޮޑިޓް އޮފީޙުން ނެރޭ ސިޔާސީ ރިޕޯޓް. މި ރިޕޯޓަރަށް ވެސް ހީވަނީސަރުކާރުން ނޫނީ އެޗް.ޑީ.ސީ ލައްކަ ލާރި ދީގެން އުޅޭހެން. މި ސަރުކާރުން ކުރާ ތިޔަކަހަލަ ކަންކަން ވެސް ފަޅާ އަރާނެ ދުވަސް އަދި އަންނަނާނެ. ފަރީހާ ބަލަން ހުންނާތި.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް