ޝާހުރުކް ހާން

ބޮލީވުޑް

ޝާހު ރުކް ހާންގެ 30 އަހަރު ފާހަގަކުރުމަށް 'ޕަތާން'ގެ ޕޯސްޓަރު

މުހިންމު ނުކުތާތައް

އޭނާގެ ތިން ފިލްމެއް އަންނަ އަހަރު ނުކުންނާނެ

ދާއިރާގައި 30 އަހަރު ހޭދަކުރުމަށް ފަހު ޝާހު އަދިވެސް ހުރީ ގަދަކޮށް

އޭނާ ބުނީ ބޭނުންވަނީ މުނިފޫހިފިލުވައިދިނުމުގައި ދެމިހުންނަން ކަމަށް

ބޮލީވުޑްގެ ސުޕަސްޓާ ޝާހު ރުކް ހާން މުނިފޫހިފިލުވުމުގެ ދާއިރާގައި މަސައްކަތް ކުރާތާ 30 އަހަރު ފުރުން ފާހަގަ ކުރުމަށް، އޭނާގެ ކުރިއަށް އޮތް އެކްޝަން ފިލްމު 'ޕަތާން'ގެ ޕޯސްޓަރު ވަނީ ދައްކާލައިފަ އެވެ.

ވޭތުވެދިޔަ ހަތަރު އަހަރު އާ ފިލްމަކުން ފެނިފައިނުވާ ޝާހުގެ 'ޕަތާން' ނެރޭނީ އަންނަ އަހަރުގެ ޖެނުއަރީ 25ގަ އެވެ. އެ ފިލްމުގެ ފުރަތަމަ ޕޯސްޓަރު ސޯޝަލް މީޑީއާގައި އާއްމުކުރި އިރު 56 އަހަރުގެ ޝާހު ހުރީ އިސްތަށިގަނޑާއި ތުނބުޅި ދިގުކޮށްފަ އެވެ. ޕޯސްޓަރުން ފެންނަނީ އޭނާ ޝޮޓްގަންއެއް ހިފައިގެން ހުންނަ ތަނެވެ.

އަންނަ ޖެނުއަރީގައި ނުކުންނަ 'ޕަތާން'ގެ ފުރަތަމަ ދައްކާލުން

ސްޕައި/ތުރިލާ ޖޯންރާގެ 'ޕަތާން'ގެ ޑައިރެކްޓަރަކީ ސިދާތު އާނަންދު އެވެ. މި ފިލްމުން ދެން ފެންނަ ތަރިންގެ ތެރޭގައި ޖޯން އަބްރަހަމް އާއި ދީޕިކާ ޕަދުކޯން ހިމެނެ އެވެ.

ފިލްމީ ދާއިރާގައި އުޅޭތާ 30 އަހަރު ފުރުމާ ގުޅޭގުތުން ޝާހު ބުނެފައިވަނީ އެކަން ފާހަގަކުރުމަށް އެންމެ ރަނގަޅު ގޮތަކީ މެދުކެނޑުމެއް ނެތި މުނިފޫހިފިލުވުމުގެ އުފެއްދުންތައް ތައްޔާރުކުރުމުގައި އުޅުން ކަމަށެވެ.

އެންމެ ފުރަތަމަ ޓީވީ ސިލްސިލާތަކުގައި މަސައްކަތް ކުރި ޝާހު ބޮލީވުޑަށް ތައާރަފްވީ 1992 ވަނަ އަހަރުގެ ފިލްމު 'ދީވާނާ' އިންނެވެ. އެއަށް ފަހު 'ކަބީ ހާ، ކަބީ ނާ'، 'ޗަމަކްތާރު' އަދި 'ރާޖޫ ބަންގަޔާ ޖެންޓްލްމޭން' ފަދަ ފިލްމްތަކުން މީހުންގެ ހިތް ދަމައިގަންނަ ކަހަލަ "ބޯއި-ނެކްސްޓް-ޑޯ" ރޯލުތަކުން އޭނާ ފެނުނެވެ. އަދި އޭނާގެ އެކްޓިން އެެހެން ހަރުފަތަކަށް ގެންގޮސް ތަފާތު ރޯލްތަކެއް 'ބާޒީގަރު'، 'ޑަރް' އަދި 'އަންޖާމް' ފަދަ ފިލްމްތަކުން ދައްކާލި އެވެ.

'ދިލްވާލޭ ދުލްހަނިޔާ ލޭޖާއޭނގޭ'، 'ކަބީ ހުޝީ ކަބީ ގަމް' އަދި 'ދޭވްދާސް' އަކީ ޝާހުގެ ހިޓް ފިލްމްތައް ކަމުގައިވެ މުޅި އިންޑިއާގެ ވެސް އެންމެ ބޮޑު އެއް ސުޕަސްޓާރަށް އޭނާ ވަނީ ވެފަ އެވެ. ދުނިޔޭގައި އޭނާގެ 3.5 ބިލިއަން ފޭނުން ތިބި ކަމަށްވެ އެވެ. މުޅި ދުނިޔޭގެ ނިސްބަތުން ވެސް ފާހަގަކޮށްލެވޭ ތަރިންގެ ތެރޭގައި ޝާހު ހިމެނެ އެވެ. އޭނާ 100 އަށް ވުރެ ގިނަ ފިލްމުގައި މަސައްކަތްކޮށްފައިވާ އިރު ބައިނަލްއަގުވާމީ ގިނަ އެވޯޑްތަކެއް ވެސް ހޯދާފައިވެ އެވެ.

ޝާހުގެ ޓްރޭޑްމާކް ޕޯޒްތަކެއް ފޭނުންގެ މެދުގައި މަގުބޫލެވެ. ދެ އަތް ހުޅުވާލައިގެން ހިނިތުންވެގެން ހުންނަ ޕޯޒަށް ބޮޑު ތަރުހީބެއް އަބަދުވެސް ފޭނުންގެ ފަރާތުން ލިބޭ އިރު ސޯޝަލް މީޑީއާގައި މީމްއެއްގެ ގޮތުގައި ވެސް މި ޕޯޒް ބޭނުން ކުރެ އެވެ.

އެކްޓިން އާއި ދައްކުވައިދޭ ކެރެކްޓާތަކުން ޝާހު ގިނަ ބައެއްގެ ލޯބި ހޯދަ އެވެ. އެމެރިކާގެ މެގަޒިން 'ނިއުސްވީކް' އިން 2008 ވަނަ އަހަރު ވަނީ ދުނިޔޭގައި އެންމެ ނުފޫޒުގަދަ 50 މީހުންގެ ތެރޭގައި އޭނާ ހިިމަނާފަ އެވެ.

ޝާހުގެ 30 އަހަރާ ބެހޭގޮތުން ވާހަަކަ ދައްކަމުން 'ޕަތާން'ގެ ޑައިރެކްޓަރު އާނަންދު ބުނީ އެ ފިލްމުގެ ފުރަތަމަ ތަސްވީރު ދައްކާލަން މިއަށް ވުރެ ރަނގަޅު މުނާސަބަތެއް ނެތް ކަމަށެވެ. އޭނާ ބުނިގޮތުގައި އިންޑިއާގައި އެކްޝަން ޖޯންރާއަށް އާ ބެންޗްމާކްތަކެއް ކަނޑައަޅާނެ އެކްޝަން އެ ފިލްމުން ފެނިގެންދާނެ ކަމަށެވެ. 

ޝާހުގެ އިތުރު ދެ ފިލްމެއް ވެސް އަންނަ އަހަރު ރިލީޒްކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ޖޫން މަހު ނެރޭ 'ޖަވާން' އާއި ޑިސެމްބަރުގައި ނެރޭ 'ޑުންކީ' އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް