Majlis 2024

ޕޮލެންޑު އަތުން ބަލިވުމުން ސައުދީ ކުޅުންތެރިން މާޔޫސްވެފައި

ސައުދީގެ ނަސީބު ދެރަ، އެކަމަކު ފުރުސަތެއް ނުގެއްލޭ

ޔޫރަޕުގެ ރަން ބޫޓު ހޯދާފައިވާ ލެވަންޑޮވްސްކީގެ ފުރަތަމަ ވޯލްޑް ކަޕް ގޯލާ އެކު ޕޮލެންޑުން މެޗު ކާމިޔާބުކުރީ 2-0އިން
26 ނޮވެމްބަރު 2022

ސައުދީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު ނަމަވެސް، އުފެއްދި ހަމަލާތަކާއި ޕެނެލްޓީ ވެސް ގޯލަކަށް ބަދަލު ނުކޮށްލެވި، ވޯލްޑް ކަޕުގައި މިއަދު ޕޮލެންޑް އަތުން 2-0އިން ބަލިވެއްޖެ އެވެ. އެކަމަކު ގަދަ 16 އަށް ދިއުމުގެ ފުރުސަތު އަދި ނުގެއްލެ އެވެ.

ރިކޯޑު އަދަދަކަށް ރީނދޫ ކާޑު ފެނުނު މެޗުގައި ދެ ޓީމުން ވެސް ކުޅުނީ ފިޒިކަލް ގޭމެކެވެ. ޕޮލެންޑުގެ ފުރަތަމަ ގޯލު ޖެހީ ސައުދީގެ ހަމަލާއެއް ހުއްޓުވުމަށް ފަހު ޕޮލެންޑުގެ އެންމެ ފަހަތުން ތަނަވަސް ކުރި ފުރުސަތެއްގަ އެވެ. ބާސެލޯނާގެ ފޯވަޑް ލެވަންޑޮވްސްކީ ދިން ޕާހަކުން މެޗުގެ 39 ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކޮށްދިނީ ޒިއެލިންސްކީ އެވެ.

ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައިވަނިކޮށް ނަތީޖާ ހަމަހަމަކޮށްލަން ސައުދީއަށް ޕެނެލްޓީއެއް ލިބުނެވެ. ނަމަވެސް ކެޕްޓަން އައްދައުސަރީ ފޮނުވާލި ބޯޅަ، ޔުވެންޓަސްއަށް ކުޅޭ ތަޖުރިބާކާރު ކީޕަރު ޝެސްނީ ވަނީ މަތަކޮށްފަ އެވެ. ރީބައުންޑުވި ބޯޅަ ގޯލަށް ފޮނުވައިލުމުން ވެސް ޝެސްނީގެ އަތުން ސަލާމަތެއް ނުވި އެވެ.

ޝެސްނީ، ސައުދީގެ ޕެނަލްޓީ މަތަކުރަނީ

ސައުދީން ދެ ވަނަ ހާފުގައި ވެސް މެދުކެނޑުމެއް ނެތި ޕޮލެންޑުގެ ގޯލަށް ދިޔައީ ނުރައްކާ ކުރަމުންނެވެ. އެކަމަކު އުފެއްދި ފުރުސަތުތައް މަދު ނަމަވެސް، ނުރައްކާ ބޮޑު ހަމަލާތައް ފެނުނީ ޕޮލެންޑުގެ ފަރާތުންނެވެ. އެގޮތުން، ލީޑު ފުޅާކުރަން ރަނުގެ ދެ ފުރުސަތުގައި ޖެހި ދެ ބޯޅަ ވެސް މަތަވީ ގޯލުގެ ދަނޑިއާ ހެދި އެވެ.

ޕޮލެންޑަށް ހަމަޖެހުމެއް ލިބުނީ، ސައުދީގެ ޑިފެންޑަރަކަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، 81 ވަނަ މިނެޓުގައި ލެވަންޑޮވްސްކީ ޖެހި ގޯލަކުންނެވެ. މިއީ މިދިޔަ ސީޒަނުގެ ރަން ބޫޓު ވެސް ހޯދި ލެވަންޑޮވްސްކީ ވޯލްޑް ކަޕްގައި ޖެހި ފުރަތަމަ ގޯލެވެ.

ވޯލްޑް ކަޕްގައި އަލަށް ގޯލް ޖެހުމަށްފަހު ލެވަންޑޯސްކީ އުފާފާޅު ކުރަނީ.

މި ނަތީޖާއާ އެކު ގްރޫޕް ސީގެ ތާވަލަށް ވެސް ބޮޑު ބަދަލެއް ވަނީ އައިސްފަ އެވެ. ސައުދީ ކުޅުނު ފުރަތަމަ މެޗުގައި އާޖެންޓީނާ ބަލިކުރިއިރު، ޕޮލެންޑުގެ ފުރަތަމަ މެޗުގައި މެކްސިކޯއާ އެކު ވީ އެއްވަރެވެ. މިއަދުގެ މެޗުން މޮޅުވުމާ އެކު ޕޮލެންޑު ވަނީ ހަތަރު ޕޮއިންޓާ އެކު ތާވަލުގެ އެއް ވަނައަށް ޖެހިލައިފަ އެވެ. ތިން ޕޮއިންޓާ އެކު ދެ ވަނައިގައި ސައުދީ އޮތް އިރު، ޕޮއިންޓަކާ އެކު ތިން ވަނައިގައި މެކްސިކޯ އެވެ.

ފުލުގައި އޮތް އާޖެންޓީނާއަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އާޖެންޓީނާ އާއި މެކްސިކޯ ބައްދަލުކުރާނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް