މާލޭގައި ހުރި ބޭރު ފައިސާ ގަނެ ވިއްކާ ތަނެއް. (ދައުރު ފައިލް ފޮޓޯ)

ބޭރު ފައިސާ މާރުކުރުމާ ގުޅޭ އުސޫލު ހަރުކަށިކުރުން މަޑުޖައްސާލައިފި

ބޭރު ފައިސާ މާރުކުރުމާ ގުޅޭ ގަވައިދުތައް އިސްލާހުކޮށް، އުސޫލުތައް ހަރުކަށިކުރަން ނިންމާފައި އޮތީ މިދިޔަ އަހަރުގެ އޮކްޓޯބަރު ހިސާބުގައި
16 ނޮވެމްބަރު 2022
1

ޔޫކްރެއިން-ރަޝިޔާ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވެސް ކުރިމަތިވެފައިވާ ނުތަނަވަސްކަމުގެ ސަބަބުން ބޭރު ފައިސާ މާރުކުރުމާ ގުޅޭ ގަވައިދަށް ގެންނަ އިސްލާހުތަކަށް އަމަލުކުރުން މަޑުޖައްސާލާފައިވާ ކަމަށް މަރުކަޒީ ބޭންކުން ބުނެފި އެވެ.

އެނގުން މުހިންމު - ކަޅު ބާޒާރުގައި އަގުބޮޑުކޮށް ޑޮލަރު ވިއްކުން ހުއްޓުވުމުގެ ގޮތުން ބޭރު ފައިސާ މާރުކުރުމާ ގުޅޭ ގަވައިދުތައް އިސްލާހުކޮށް، އުސޫލުތައް ހަރުކަށިކުރަން ނިންމާފައި އޮތީ މިދިޔަ އަހަރުގެ އޮކްޓޯބަރު ހިސާބުގަ އެވެ. ނަމަވެސް، އެމްއެމްއޭއިން އަންނަނީ އެކަން އަދި މުޅިން ނުނިމޭ ކަމަށް ބުނެ އާ އިސްލާހުތަކަށް އަމަލުކުރުން ލަސްކުރަމުންނެވެ.

މި ވަގުތު އިކޮނޮމީ ދަށްވެފައި ހުރި ހާލަތުގައި އެހާ ބޮޑެތި ބަދަލުތަކެއް ގެންނަން ރަނގަޅެއް ނޫނޭ އަޅުގަނޑުމެންނަށް ފެންނަނީ. އިގްތިސާދު ރަނގަޅުވީމައޭ މިކަހަލަ ބޮޑެތި ބަދަލުތައް ގެންނަން ވާނީ. އެއީ އޭގައި އޮތް ގޮތަކީ.

އަލީ ހާޝިމް / އެމްއެމްއޭގެ ގަވަރުނަރު

ވީ ކިހިނެއް؟ - އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް މިދިޔަ އާދިއްޔަ ދުވަހު ބަޖެޓް ކޮމިޓީއަށް ވަޑައިގަތުމުން މެންބަރުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެ ކަންބޮޑުވުންތަކާ ގުޅިގެން ގަވަރުނަރު ވިދާޅުވީ: 

  • އެ ގަވައިދުތައް ތަންފީޒުކުރުމާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތްތަކާ އެކު އަންނަނީ އަދިވެސް މަޝްވަރާކޮށް، ހިޔާލު ހޯދަމުން

  • ދެ ދާއިރާއެއްގެ ބޭފުޅުންނާ އެކު މަޝްވަރާކޮށް ނިމިއްޖެ؛ މިހާރު ކުރަމުން އަންނަ ކަމަކީ އެ ބަދަލުތަކުން އިގްތިސާދަށް ކުރާނޭ އަސަރުތަކާ ގުޅޭ ދިރާސާތަކެއް ހެދުން

  • މި ވަގުތަކީ އިގްތިސާދު ހަމަޖެހިފައި އޮތް ވަގުތަކަށް ނުވާތީ އާ ބަދަލުތައް އަންނާނެ ކަންކަން މިވަގުތު ތަންފީޒުކުރުން ރަނގަޅެއް ނޫން 

  • ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދަށް ގެންނަ ބަދަލުތަކުން އެކަމުގެ ވަށައިގެންވާ އިގްތިސާދުގެ ތެރޭގައި ހުރި ގިނަ ކަންކަމަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭނެ

"މި ވަގުތު އިކޮނޮމީ ދަށްވެފައި ހުރި ހާލަތުގައި އެހާ ބޮޑެތި ބަދަލުތަކެއް ގެންނަން ރަނގަޅެއް ނޫނޭ އަޅުގަނޑުމެންނަށް ފެންނަނީ. އިގްތިސާދު ރަނގަޅުވީމައޭ މިކަހަލަ ބޮޑެތި ބަދަލުތައް ގެންނަން ވާނީ. އެއީ އޭގައި އޮތް ގޮތަކީ،" ގަވަރުނަރު ވިދާޅުވި އެވެ.

އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް 2023 ވަނަ އަހަރުގެ ބަޖެޓާ ގުޅޭ ގޮތުން ބަޖެޓް ކޮމިޓީއަށް އެ އިދާރާގެ ފަންނީ ލަފާދެއްވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ފާހަގަކޮށްލެވޭ ކަމެއް - މީގެ ކުރިން އެމްއެމްއޭ އިން ބުނެފައިވާ ގޮތުގައި، ބޭރު ފައިސާ މާރުކުރުމުގެ ގަވައިދަށް ގެންނަ ބަދަލު ވަރަށް ބޮޑަށް ފޯކަސްކޮށްފައި ވަނީ ޑީ-ޑޮލައިރައިޒޭޝަން ނުވަތަ ޑޮލަރާ ބަރޯސާވާ މިންވަރު ކުޑަކުރެވޭނޭ ގޮތްތަކަކަށް ބަލައިގެންނެވެ. މީގެ އިތުރަށް، ޑޮލަރު ގަނެ ވިއްކުމުގައި އޮންނަ ބިދޭސީންގެ ރޯލު ކުޑަކުރުން ފަދަ ކަންކަން ވެސް ހިމެނުމަށް ރާވާފައިވާ ކަމަށް އެމްއެމްއޭ އިން އޭރު ބުނެފައިވެ އެވެ.

ސަރުކާރުން ވެސް ބުނެފައި ވަނީ އެ ގަވާއިދުތަކުގެ ސަބަބުން ބޮޑު އަގުގައި ޑޮލަރު ވިއްކުމުގެ ކަޅު ބާޒާރަށް ހައްލުތަކެއް ގެނެވޭނެ އެވެ.

ފަސް މަންޒަރު - ރާއްޖޭގައި ޑޮލަރުގެ މުއާމަލާތް ކުރެވޭނެ ރަސްމީ ރޭޓަކީ 15.42 ކަމަށް ހަމަޖައްސާފައި އޮތް ނަމަވެސް، އާންމު ގޮތެއްގައި ޑޮލަރުގެ ގަނެ ވިއްކަނީ އެއަށް ވުރެ މާ ބޮޑު އަގުތަކެއްގަ އެވެ. އެއީ ޝަކުވާ ބޮޑުވިޔަސް، ހައްލުނުވެފައި އޮތް މައްސަލައެކެވެ.

  • ހުއްދަ އޮންނަ މަނީ އެކްސްޗޭންޖުތަކުން ވެސް މި ދުވަސްކޮޅު ޑޮލަރު ވިއްކަނީ 17ރ. އާއި 19ރ.އާ ދެމެދުގައި

  • ޑޮލަރު ބޮޑުކޮށް ގަނެ ވިއްކުމުގެ ވިޔަފާރީގައި އުޅެނީ ގިނައިން ބިދޭސީން

  • ބިދޭސީން ލައްވާ އެކަން ކުރުވަނީ ޑޮލަރުން އާމްދަނީ ލިބޭ ބޮޑެތި ވިޔަފާރިވެރިން ކަމަށް ތުހުމަތުކުރެވޭ

ކޮމެންޓް (1)

ހިތަދޫ 2

16 ނޮވެމްބަރު 2022
19ރ ޖަހާފަ ތިޔޮތީ ކަނޑައެޅިގެން ދޮގެއް އަދި ތީގެ މަދްސަދަކީ ކޮބައިކންވެސް އިނގޭ، ނޫސްވެރިކަމޯ މިވެސް!
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް