Majlis 2024

ކޮވިޑް-19 ޖައްސާ ކޮރޯނާވައިރަސް: ޗައިނާއިން ފުރިހަމަ މައުލޫމާތު ނުލިބުމަކީ ސައިންސްވެރިންގެ ކަންބޮޑުވުމެއް

ކޮރޯނާވައިރަސް

އޮމިކްރޮންއާ ގުޅިފައިވާ ތަފާތު ވޭރިއަންޓަކަށް ސަމާލުކަން

އެކްސްބީބީ.1.5 ވޭރިއަންޓަކީ އެމެރިކާގައި މިހާރު އެންމެ ގިނައިން ބަލި ޖެހޭ ސަބަބު
7 ޖެނުއަރީ 2023

މުހިންމު ނުކުތާތައް

ޗައިނާގެ ބައެއް މީހުން އަމިއްލަށް ކޮވިޑް ޖެހި، އޭގެ ދިފާއު ހޯދަނީ

އާ ވޭރިއަންޓްގައި އާ ގާބިލްކަން ހުއްޓަސް އިންސާނީ ދިފާއީ ނިޒާމް ވެސް އޭގެ ރޯލު އަދާކުރޭ

ސައިންސްވެރިން ބުނަނީ އެކްސްބީބީ.1.5 އިން އިތުރު ނުރައްކަލެއް އަދި ނެތް ކަމަށް

ރާއްޖޭގެ ކާމިޔާބު ވެކްސިން ޕްރޮގްރާމްއާ އެކު ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަތުމުގައި ހޯދި ކުރިއެރުން ފުރިހަމަ އެވެ. މިހާރު އަހަރެމެންގެ ގިނަ މީހުންނަށް ކޮވިޑް-19އާ މެދު ވިސްނާލާނެ ވަގުތެއް ވެސް ނުވެ އެވެ.

އެކަމަކު އެ ބަލި ޖައްސާ ކޮރޯނާވައިރަސްގެ އެކި ވޭރިއަންޓްތައް އެކި ގޮތްގޮތަށް، އެކި މިންވަރަށް އަދި އެކި ހަލުއިމިނުގައި ދުނިޔޭގެ ބައެއް ގައުމުތަކުގައި އަދިވެސް ދަނީ ފެތުރެމުންނެވެ. އެމެރިކާގައި މިހާރު ވެސް ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 60،000އިން މަތީގަ އެވެ. ދުނިޔޭގައި ދުވާލަކު ގާތްގަނޑަކަށް ބައި މިލިއަން މީހުން ޕޮޒިޓިވްވެ އެވެ.

އެކަމަކު މިއީ ކޮންޓްރޯލް މިންވަރެކެވެ. މިހާރު އޮތް ހަމައެކަނި ބިރަކީ ޗައިނާގެ އަސްލު ހާލަތު އެ ގައުމުން ބޭރަށް ނޭނގުމެވެ. ޗައިނާ ސަރުކާރަކީ މައުލޫމާތު ސިއްރުކުރާ ބަޔަކަށް ވާތީ، ދުވާލަކު ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދެއް ހާމައެއްނުކުރެ އެވެ.

އެކަމަކު 'ޒީރޯ ކޮވިޑް' ސިޔާސަތުގެ ދަށުން ތިން އަހަރުގެ ބޮޑު ބަންދަކަށް ފަހު މިދިއަ މަހު ހުޅުވާލައި، ކޮވިޑް-19ގެ ހަރުކަށި އެތައް ފިޔަވަޅެއް އުވާލުމުން ވަރަށް ބާރަށް އެ ބަލި ފެތުރި، ހޮސްޕިޓަލްތައް ވެސް ފުރިއްޖެ އެވެ. ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގައި އެހާ ބާރަށް ބަލި ފެތުރޭ ނަމަ، ވައިރަސްގެ އާ ވޭރިއަންޓްތަކަށް އޮތް ފުރުސަތު ވެސް ބޮޑެވެ.

އެކަމަކު މި ވަގުތު ސައިންސްވެރިންގެ ލޯ ހުއްޓިފައި ވަނީ ކޮވިޑް-19ގެ ގިނަ ކޭސްތަކުގެ ސަބަބަކަށް ވާ އޮމިކްރޮންއާ ގުޅިފައިވާ އާ ވޭރިއަންޓަށެވެ. މި ވަގުތު އެ ވޭރިއަންޓަށް ނިސްބަތްކުރަނީ އެކްސްބީބީ.1.5ގެ ނަމުންނެވެ. 

އެންމެ ފަހުގެ ތަހުލީލުތަކުން އެނގޭ ގޮތުގައި އެމެރިކާގައި ކޮވިޑް-19 ޖެހޭ %40 މީހުންގެ ހަށިގަނޑަށް ވަދެފައިވަނީ އެކްސްބީބީ.1.5 ވޭރިއަންޓެވެ. ޑިސެމްބަރު މަހު ފެށުނު އިރު އެ ނިސްބަތް ހުރީ އެންމެ %4 ގަ އެވެ. ކްރިސްމަސްގެ ކުރިން އެ ނިސްބަތް %21.7އަށް އެރި އެވެ. އަދި ޑިސެމްބަރު ނިމުނު އިރު އެ ހުރީ %40ގަ އެވެ. އެހެންކަމުން މިހާރު އެމެރިކާގައި އެންމެ ގިނަ ބަޔަކު ޕޮޒިޓިވް ވަނީ އޮމިކްރޮންގެ އެކްސްބީބީ.1.5 ވޭރިއަންޓަށެވެ.

މިއީ ކިހިނެއް އުފެދުނު ވޭރިއަންޓެއް؟

ކެމްބްރިޖްގައި ހުންނަ ވެލްކަމް ސެންޖާ އިންސްޓިޓިއުޓްގައި ހަފުތާއަކު މަދުވެގެން 5،000 ކޮވިޑް-19 ސާމްޕަލް ދިރާސާކޮށް، އެކި ވޭރިއަންޓްތަކުގެ ހަރަކާތްތައް ބަލަ އެވެ. އެ އިންސްޓިޓިއުޓްގެ ޑރ. އީވާން ހެރިން، ބީބީސީއަށް، ވިދާޅުވީ އެކްސްބީބީ.1.5 އަކީ އޮމިކްރޮންގެ ސަބް ދެ ވޭރިއަންޓެއް އެއްވަގުތެއްގައި އެކެއްގެ ގަޔަށް އަރައިގެން އައި ބަދަލަކަށް ވުން ކައިރި އެވެ.

"ވައިރެސްގެ ބައެއް، އޭގެ އެހެން ވައްތަރެއްގެ ބަޔަކާ ގުޅި، އެއްވެ، އޭގެ ފަހުން ބަލިޖެއްސުން، އެއީ އެންމެ ގާތް ގޮތަކީ،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިޔުއެޗްއޯ އިން ބުނި ގޮތުގައި އޮމިކްރޮންއާ ގުޅިފައި ހުރި އެހެން ސަބް ވޭރިއަންޓްތަކަށް ވުރެ އެކްސްބީބީ.1.5ގައި ބަލި ފެތުރުމުގެ ގާބިލްކަން ބޮޑެވެ. އެކަމަކު އޮމިކްރޮންގެ އެހެން ވޭރިއަންޓްތަކަށް ވުރެ އެކްސްބީބީ.1.5އިން ކޮވިޑް-19ގެ ނުރައްކާތެރިކަން ވަކި ބޮޑުވާކަން މިހާތަނަށް ފާހަގަވެފައި ނެތް ކަމަށް، ޑަބްލިޔުއެޗްއޯ އިން ބުންޏެވެ.

އިންސާނީ ދިފާއީ ނިޒާމް ވެސް އޭގެ ބައި އަދާކުރޭ

ވައިރަސްއަކީ އޭގެ ޒާތުގައި ބަދަލުވަމުން، ބައެއް ފަހަރަށް ބާރު ކެނޑެމުން އަނެއް ބައި ފަހަރަށް ބާރު ވަރުގަދަކުރުމުގެ ގާބިލްކަން ލިބިފައިވާ އެއްޗެކެވެ. މިސާލަކަށް ކޮންމެ އަހަރަކު ފުލޫ ވެކްސިން ޖަހަން ޖެހެނީ، ފުލޫ ވައިރަސް އަބަދުވެސް ބަދަލުވާތީ، އެ ބަދަލުވުމާ އެއްގޮތަށް ވެކްސިން ވެސް ތައްޔާރުކުރާތީ އެވެ. ކޮވިޑް-19ގެ ވެކްސިނަށް ވެސް، އެކި ވޭރިއަންޓްގެ ތަފާތުތަކަށް އަމާޒުކޮށް ވެކްސިން ބަދަލުކުރެ އެވެ.

އެކްސްބީބީ.1.5 ވޭރިއަންޓް، އޮމިކްރޮންއާ ގުޅިފައި ހުރި އެހެން ސަބް ވޭރިއަންޓްތަކާ ތަފާތަކީ، ސައިންސްވެރިން ބުނާ ގޮތުގައި، ހަށިގަނޑަށް ހިމާޔަތް ލިބޭ އެންޓިބޮޑީސްއަށް ފިލުމުގެ ބާރު އެއަށް ލިބިފައި އޮތުމެވެ. އަދި ސެލްތަކުގެ ތެރެއަށް ވަދެގަތުމުގެ ކުޅަދާނަކަން ވެސް އޭގައި ބޮޑެވެ. އެހެންކަމުން ވެކްސިން ޖަހާފައި ހުއްޓަސް ސިއްހަތު ރަނގަޅު މީހުންނަށް ބަލި ޖެއްސުމުގެ ގާބިލްކަން އެއަށް ލިބިގެންވާ ކަމަށް، ސައިންސްވެރިން ބުނެ އެވެ.

ޒީރޯ ކޮވިޑް ސިޔާސަތަށް ފަހު ޗައިނާގެ ކޮވިޑް ފިޔަވަޅުތައް ކުއްލިއަކަށް އުވާލުމުން ކޭސްތައް ގިނަވެ ހޮސްޕިޓަލްތައް ވަނީ ފުރިފައި

ޔުނިވަސިޓީ އޮފް ކެލިފޯނިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. އޮޓޯ ޔަންގް ވިދާޅުވި ގޮތުގައި އެ ބާރުތައް އެކްސްބީބީ.1.5އަށް ްލިބިފައި އޮތަސް އިންސާނީ ދިފާއީ ނިޒާމްގައި ވެސް ކާމިޔާބު ދިފާއުތައް އެބަ ހުއްޓެވެ. އެހެންކަމުން ވައިރަސްގެ ވަކި ބަޔަކަށް ދިފާއު ފޫއަޅުވާލެވުނަސް ހަށިގަނޑުގެ ޓީ-ސެލް އިން ވައިރަސްގެ މައިގަނޑު ކަމަށްވާ ޕްރޮޓީންގެ ކަށިތައް ދެނެގަންނަން ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން ޓީ-ސެލްއިން ވައިރަސްއަށް ހަމަލާދޭން ފަށަ އެވެ.

"ބަލި ބޮޑުވެގެން ދިޔަ ނުދޭން ހަރަސް އަޅަނީ އެ އެއްޗެހި [ޓީ-ސެލް]،" ނިއު ޔޯކް ޓައިމްސްއާ ވާހަކަ ދައްކަވަމުން ޑރ. ޔަންގް ވިދާޅުވި އެވެ.

ކަންބޮޑުވާން ޖެހޭ ހަމައެކަނި ކަމަކަށް އޮތީ އެހެން ބައްޔެއްގެ ސަބަބުން ދިފާއީ ނިޒާމް ބަލިކަށިވެފައިވާ މީހުންނަށް އާ ވޭރިއަންޓްގެ ސަބަބުން ކޮވިޑް-19ގެ ހާލަތު ގޯސްވެދާނެތީ އެވެ. ވެކްސިންގެ ޑޯޒް ފުރިހަމަކޮށްފައިވާ އަދި ދޭތެރެ ދެތެރެއިން ފުރިހަމަކުރަމުން އަންނަ މީހުންނަށް އާ ވޭރިއަންޓުން ބަލި ބޮޑުވުމުގެ ނުރައްކަލެއް އަދި ނެތެވެ.

ޗައިނާގައި އަމިއްލައަށް ކޮވިޑް ޖެހެނީ

ޗައިނާ ސަރުކާރުން މިއޮތް ހުރިހާ ދުވަހު ގެންގުޅުނު ސިޔާސަތު އެއްގޮތަކަށް ވެސް ކަމުނުދާކަން، އެ ގައުމުގެ ރައްޔިތުން ވެސް ބުނެ އެވެ. 'ޒީރޯ ކޮވިޑް' ސިޔާސަތު ދޫކޮށްލީ ކުއްލިއަކަށެވެ. އެ ފިޔަވަޅާ އެކު ކޮވިޑް-19ގެ ކޭސްތައް ކުއްލިއަކަށް މައްޗަށް ދާނެކަން އެނގޭ އިރު، އެ ހާލަތަށް ހޮސްޕިޓަލްތައް ތައްޔާރެއް ނޫނެވެ. އެހެންކަމުން ހާލު ބޮޑު މީހުންނަށް އެނދެއް ނުލިބި، އެތައް ބަޔަކު ވަނީ މަރުވެފަ އެވެ.

އެކަމަކު ޗައިނާގެ އެތައް ލައްކަ ބަޔަކު ތިބީ ގައުމުން ބޭރުވެލައި، ދުނިޔެ ދެކިލަން ވެސް ތައްޔާރުވެގެންނެވެ. ބައެއް މީހުން އެ ދަތުރު ފެށުމުގެ ކުރިން އަމިއްލައަށް ވެސް ދަނީ ކޮވިޑް ޖަހެމުންނެވެ. ޝަންހާއީގެ އުމުރުން 27 އަހަރުގެ ޒުވާން ފިރިހެނަކު، ނަން ސިއްރުކޮށް ބީބީސީއާ ވާހަކަ ދައްކަމުން ބުނީ، އޭނާގެ ދަތުރު ޕްލޭން ބަދަލުކުރަން ބޭނުންނުވާތީ އަމިއްލައަށް ވައިރަސްއަށް ޖާގަ ދިން ކަމަށެވެ.

 ޗައިނާގެ ބޯޑަރު ހުޅުވާލުމަކީ ރައްޔިތުންނަށް ބޮޑު އުފަލެއް:  ކުރިއަށް އޮތީ ޗައިނާގެ ޓޫރިސްޓުން ރާއްޖެއަށް ވެސް ގިނަވާނެ ދުވަސްތަކެއް

"އަހަންނަށް ޔަގީންކަން އޮތް މާ ބޮޑު ނުރައްކަލެއް ނެތި ސަލާމަތްވާނެކަން. އަހަރެން ބޭނުމެއް ނޫން ދަތުރު މަތީގައި ބަލިވާކަށް،" ކޯޑުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ޒުވާނާ ބުންޏެވެ.

ބަލި ޖެހުމުގެ ކުރިން އޭނާއަށް ހީކުރެވިފައި ނެތީ މުޅި ގައިގައި ރިއްސާނެ ކަމެވެ. އެހެންވެ، ކޮވިޑް-19ގެ އަސްލު އުނދަގޫ އޭނާ އުއްމީކުރި ވަރަށް ވުރެ ބޮޑެވެ.

ޝަންހާއީގެ އުމުރުން 26 އަހަހަރުގެ އަންހެނަކު ބުނި ގޮތުގައި ރަހުމަތްތެރިޔަކަށް ކޮވިޑް-19 ޖެހުމުން އޭނާ ކައިރިއަށް ޒިޔާރަތްކުރީ ގަސްދުގައި ބަލި ޖައްސާށެވެ. އެކަމަކު ބަލިން ރަނގަޅުވުމަކީ އޭނާ ހީކުރި ވަރަށް ވުރެ ވޭން ގަދަ ކަމަކަށް ވި އެވެ.

"އަހަރެން ހީކުރީ ރޯގާ ޖެހިލާފައި ރަނގަޅުވާނެއޭ، އެކަމަކު އެއަށް ވުރެ މާ ތަދު ބޮޑު ކަމެއް މިއީ،" ޒުވާނާ ބުންޏެވެ.

ރާއްޖެއަކީ ޗައިނާގެ ޓޫރިސްޓުންގެ ހުވަފެނީ މަންޒިލެކެވެ. އެހެންކަމުން ކުރިއަށް އޮތީ ޗައިނާގެ ޓޫރިސްޓުންތަކުން ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓްހައުސްތައް ފުރާލުމުގެ ދުވަސްތަކެއް ކަމަށް، އިންޑަސްޓްރީގެ ބައެއް ތަޖުރިބާކާރުން ލަފާކުރެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް