ދީނީ އިލްމުވެރިޔާ އާދަމް ނިޝާން: އޭނާގެ ބަންދަށް އިތުރު ތިން ދުވަސް ވަނީ ޖަހާފައި.

ނިޝާންގެ ބަންދަށް 3 ދުވަސް؛ އިންޓެލް ރިޕޯޓުގައި ހައްސާސް މައުލޫމާތު އެބަހުރި

މި މައްސަލައިގައި ތަހުގީގުގެ މުއްދަތު އިތުރުކުރުމަށް ހުށަހެޅުމަށް ފުލުހުން ވަނީ ނިންމާފައި

ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަން މިދިޔަ ޖޫން މަހު ގަލޮޅު ދަނޑުގައި ބޭއްވި ހަރަކާތުގެ ތެރެއަށް ވަދެގަނެ ހަމަނުޖެހުން ހިންގި މައްސަލައިގައި ހައްޔަރު ކުރި ދީނީ އިލްމުވެރިޔާ އާދަމް ނިޝާންގެ ބަންދަށް އިތުރު ތިން ދުވަސް އިއްޔެ ކްރިމިނަލް ކޯޓުން ޖަހައިފި އެވެ. ކޯޓު އަމުރުގައިވާ ގޮތުން، ނިޝާންއާ ގުޅޭ ގޮތުން ފުލުހުން ތައްޔާރު ކުރި އިންޓެލިޖެންސް ރިޕޯޓުގައި "ހައްސާސް" މައުލޫމާތު ހިމެނެ އެވެ.

މައްސަލައިގެ ފެށުން - މިދިޔަ ޖޫން މަހުގެ 21 ވަނަ ދުވަހު ގަލޮޅު ދަނޑުގައި ބައިނަލްއަގުވާމީ ޔޯގާ ދުވަސް ފާހަގަކުރަނިކޮށް، ޝަހާދަތުގެ ދެ ކަލިމަ ލިޔެފައި ހުރި ދިދަތަކެއް ހިފައިގެން ތިބި ބަޔަކު ވަނީ ގަލޮޅު ދަނޑަށް ވަދެގަނެ، ބޭރުގެ ޑިޕްލޮމެޓުން ހިމެނޭ ގޮތަށް ބައެއް މީހުންނަށް ހަމަލާ ދީ، އެ ތަނުގައި ހުރި ބައެއް ތަކެއްޗަށް ވެސް ގެއްލުން ދީފަ އެވެ. އެ މައްސަލައިގައި ނިޝާން ހިމެނޭ ގޮތަށް 21 މީހަކު އޭރު ހައްޔަރު ކުރި އެވެ.

ވީ ކިހިނެއް؟ - ނިޝާންގެ ބަންދަށް މީގެ ކުރިން ކޯޓުން ދިފައިވާ މުއްދަތު ހަމަވާތީ އިއްޔެ ހެނދުނު ކޯޓަށް ހާޒިރު ކުުރުމުން ކޯޓުން ވަނީ އިތުރު ތިން ދުވަހު ނިޝާން ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ.

ތަފްސީލު - ނިޝާންގެ ކޯޓު އަމުރުގައި ބުނެފައި ވަނީ، އިއްޔެ ނިޔަލަށް އޭނާ ބަންދުގައި ހުންނަތާ 42 ދުވަސް ހަމަވެފައިވާ ކަމަށާއި ތަހުގީގުގެ މުއްދަތު އިތުރު ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ހުށަހެޅުމަށް ފުލުހުން ނިންމާފައިވާ ކަމަށެވެ.

އޭނާގެ މައްޗަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި ހިމެނެނީ:

  • ގަލޮޅު ދަނޑު ސަރައްހަދުގައި ނިޝާން ހަރަކާތްތެރިވާ މަންޒަރު ފެންނަ ސްނެޕްޝޮޓްތަކެއް 

  • އިންޓެލިޖެންސް ރިޕޯޓް

"ހުށަހެޅިފައިވާ އިނެޓެލިޖެންސް ރިޕޯޓުގައި ހައްސާސް މައުލޫމާތު ހިމެނޭ،" އިތުރު ތަފްސީލު ނުހިމަނުއްވައި ގާޒީ މުހައްމަދު މިސްބާހު ލިޔުއްވި އަމުރުގައި ބުނެފައިވެ އެވެ.

އަމުރުގައި އިތުރަށް ބުނީ:

  • އާންމު އުސޫލަކީ އިންޓެލިޖެންސް ރިޕޯޓު ހެއްކެއްގެ ގޮތުގައި ބަލައިނުގަތުން

  • ނަމަވެސް، ނިޝާން ބަންދުގައި ބަހައްޓަން އެދިފައި ވަނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށް ވާތީވެ، އެ ގާނޫނުގެ ދަށުން ތުހުމަތު ކުރާ މައްސަލަތަކުގައި އިންޓެލިޖެންސް މައުލޫމާތަކީ ހެއްކެއްގެ ދަރަޖައިގެ، ކުށް ސާބިތުކުރުމުގެ ވަސިލަތެއް 

  • އެއްވުމުގައި ނިޝާން ދެއްކި ވާހަކަތަކުން އެ ވަގުތާއި ހާލަތާއި ތަނަށް ބަލާއިރު އެއީ އާންމު މަސްލަހަތު ގެއްލި، ހަމަނުޖެހުމަށް ސީދާ ގޮތުން މަގުފަހިކުރުވި ކަންކަން ކަމަށް ބެލެވޭ

ގުޅުން ހުރި ކަމެއް - ނިޝާން ހައްޔަރުކޮށް އޭނާގެ ބަންދު އެކި ފަހަރު މަތިން އިތުރުކުރަމުން ދާއިރު، އޭނާ ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު އޭނާގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރި އެވެ. އެ މައްސަލަ ހައި ކޯޓުން ބެލުމަށް ފަހު އިއްޔެ ހުކުމް ކޮށްފައި ވަނީ ނިޝާން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނިންމީ ރަނގަޅަށް ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް