ހުޅުމާލޭގައި 'ކޯލިވިން ހައުސިން' އިމާރާތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގެ ތެރެއިން. (ފޮޓޯ/ އެޗްޑީސީ)

ބޯހިޔާވަހިކަން

ހުޅުމާލޭގައި 'ކޯލިވިން ހައުސިން' އިމާރާތް ކުރަން ފަށައިފި

މިއީ ބޮޑު ކުލި ދައްކައިގެން މާލެ ސަހަރައްދުގައި ކިޔަވާކުދިންނަށް އަދި ވަޒީފާ އަދާކުރާ ފަރާތްތަކަށް ހާއްސަ ކޮށްފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުއެއް
30 ޑިސެމްބަރު 2022
2

މާލެ ސަރަހައްދުގައި އުޅޭ ކިޔަވާ ކުދިންނާއި އެކަނި ކުލި ބޮޑުކޮށް ތަންތަން ހިފައިގެން އުޅޭ ފަރާތްތަކަށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުޅުމާލޭގައި އިމާރާތްކުރާ 'ކޯލިވިން ހައުސިން'ގެ ބިންގާ އަޅައިފި އެވެ.

ވީ ކިހިނެއް؟ - ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއްޔެ މީޑިއާތަކަށް ފޮނުވި ނޫސްބަޔާނެއްގައި ވާގޮތުން:

  • މި މަޝްރޫއުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ހޮންކޮންގެ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީއާ؛ މަޝްރޫއުގެ އަގު ހާމަކޮށްފައެއް ނުވޭ

  • 15 ފަންގިފިލާގެ އިމާރާތުގައި ދެ ވަނަ ފަންގިފިލާއިން ނުވަ ވަނަ ފަންގިފިލާއަށް ހުންނާނީ ޓްވިން-ޝެއަރިން ކޮޓަރި؛ ބާކީ ފްލޯތަކުގައި ހުންނާނީ ސިންގަލް ކޮޓަރި

  • މި އިމާރާތުގެ ކޮޓަރިތައް ކުއްޔަށް ދޭނީ ދިވެހިންނަށް އެކަނި

ތަފްސީލް - އަސާސީ ހިދުމަތްތަކަށް ބޭނުންވާ ބަދިގެ ފަދަ ތަންތަން އެހެން ކޮޓަރިތަކުގައި އުޅޭ މީހުންނާ ހިއްސާކޮށްގެން ދިރިއުޅޭ ގޮތަށް ފަރުމާ ކުރެވޭ އިމާރާތުގައި:

  • ކޮންމެ ފަންގިފިލައެއްގައި ބަދިގެއެއް ހުންނާނެ

  • އައުޓްޑޯ ޖިމްއާއި ޕޭންޓްރީގެ ހިދުމަތް ލިބޭނެ

  • ޒަރޫރީ އަދި އަސާސީ ބޭނުންތަކަށް ލޯންޑްރީ އާއި ފިހާރަ ހުންނާނެ

މާލެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކުން ކިޔެވުމަށާއި އާމްދަނީ ހޯދުމަށް ކުރާ މަސައްކަތުގެ ސަބަބުން އާންމު ގޮތެއްގައި މަހަކު 5،000 ރ. ހަމައެކަނި ކުލީގެ ގޮތުގައި ދައްކާ ކަމަށް އެޗްޑީސީން ހެދި ދިރާސާއަކާ ހަވާލާދީ ނޫސްބަޔާނުގައިވެ އެވެ. އެގޮތުން:

  • ދިރާސާގައި ބައިވެރިވި މީހުންގެ ތެރެއިން %56 މީހުން މި މަޝްރޫއުއަށް ޝައުގުވެރިކަން ފާޅުކުރި ކަމަށްވޭ

  • އެފަދަ ގެދޮރުވެރިކަމެއްގައި އަހަރަކަށް ވުރެ ގިނައިން އެމީހުން ދިރިއުޅޭނެ ކަމަށް ލަފާ ކުރެވޭ

އެނގުން މުހިއްމު - ކިޔެވުމަށް ނުވަތަ ވަޒީފާ އަދާ ކުރުމަށް މާލެ ސަރަހައްދުގައި ވަކިން ތަންތަން ކުއްޔަށް ހިފައިގެން އުޅޭ ގިނަ ޒުވާނުންގެ އާމްދަނީގެ ބޮޑު ބައެއް ހޭދަކުރަން ޖެހެނީ ކުލި ދެއްކުމަށެވެ. މީހަކާ ނީނދެ އުޅޭ ސިންގަލް ފަރާތްތަކަށް އެކަށީގެންވާ ބޯހިޔާވަހިކަން ނުލިބޭ ކަމުގެ ޝަކުވާ އަކީވެސް އާންމުކޮށް އިވޭ ވާހަކައެކެވެ.

މިއީ އެފަދަ ފަރާތްތަކަށް ހާއްސަކޮށް އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ރާއްޖޭގައި ހިންގޭ ފުރަތަމަ މަޝްރޫއުއެވެ.

ކޮމެންޓް (2)

ފުރާނަ

31 ޑިސެމްބަރު 2022
ވަރަށް ރަނގަޅު. މަ ކާފަ ވާން ވާ އިރަށް ތި ތަނުގައި އުޅެލަން ލިބޭނެ ކަމަށް މި ބަލަނީ
0 0

ހަސަން

31 ޑިސެމްބަރު 2022
ތި ވެސް ލިބެނީ ވަކި ބަޔަކަށް ވިއްޔަ. ހައްގު އެންމެންނަށް ލިބޭނެ ގޮތެއް ހަމަ ޖައްސާ ދީބަލަ
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް