ދުންފަތަށް ނޫނެކޭ ބުނުމަށް އިލްތިމާސެއް ކުރަނީ (ފޮޓޯ/އެޗްޕީއޭ)

ސިއްހަތު

ކުއްލި މަރުތަކާ މެދު ހައިރާންވެވޭނެ ޖާގައެއް ނެތް

ގައިން ގަޔަށް ނާރާ ބަލިތައް މެދުވެރިކުރުވާ ހިރާސްތައް ރާއްޖޭގައި ހުރީ 'ވަރަށް މަތީގައި' ކަމުގެ އިންޒާރު އެޗްޕީއޭ އިން ދޭ

މުހިންމު ނުކުތާތައް

ރާއްޖޭގައި %21 އަންހެނުން އަދި %29 ފިރިހެނުން މަރުވަނީ ހިތުގެ ބައްޔެއްގައި ނުވަތަ ސްޓްރޯކް ޖެހިގެން

ރާއްޖޭގައި މިހާރު ހުރި ދުންފަތުގެ ގަވާއިދުތަކަށް އަމަލުކޮށް ތަންފީޒުކޮށްގެން އެކަނި ވެސް، ހައެއްކަ އަހަރު ތެރޭ 'ވަރަށް ބޮޑު ބަދަލެއް' އަންނާނެ

ދުޅަހެޔޮ އެންމެ އާދައަކުން ނުފުދޭ؛ 'ވަށައިޖެހޭ ބަދަލެއް' ދިރިއުޅުމަށް ގެންނަން ޖެހޭ

އިއްޔެ އެކަނި ވެސް ޒުވާނުންގެ ކުއްލި މަރުގެ ދެ ހަބަރެވެ. ފުޓުބޯޅަ ކުޅެން ދަނޑަށް އަރާ ހުރި 35 އަހަރުގެ މީހަކާއި ޖަލުގެ ޑިއުޓީގައި ހުރި 32 އަހަރުގެ އޮފިސަރެކެވެ.

ސިއްހީ މާހިރުން ފެށުނީއްސުރެ ދެމުން ގެންނަނީ އެއް އިންޒާރެކެވެ.

"މިހާރު ކުއްލި މަރު ވަރަށް ގިނައޭ ކިޔާފައި ނޫސްތަކުގައި ހެޑްލައިން ޖަހާ އިރުގައި އޭގެ ގްރައުންޑް ރިއަލިޓީއަކީ، ކުއްލި މަރަށް ދިމާވާނެ ހުރިހާ ބިހޭވިއާއެއް އަހަރެމެންގެ ތެރޭގައި އެބަހުއްޓޭ،" ޖަލު އޮފިސަރުގެ މަރުގެ ހަބަރު ލިބުމުގެ މަދު ގަޑިއިރުތަކެއް ކުރިން، ބުރާސްފަތިދުވަހުގެ ރޭ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން، ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ވިދާޅުވި އެވެ.

ދުނިޔޭގެ ހިތުގެ ދުވަހު ހިތުގެ ބަލިތަކާ ބެހޭގޮތުން ޓީވީއެމްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ދިވެހިންގެ އާއްމު ދިރިއުޅުމުގެ ހަގީގަތްތަކާއި އެ ކަންކަމުގެ ނަތީޖާއަށް ހަސަން އަލިއަޅުވާލެއްވި އެވެ: މުޅި ސަރަހައްދަށް ބެލިޔަސް، ދިވެހިރާއްޖެއަކީ ފަލަ މީހުން، ނިސްބަތުން އެންމެ ގިނަ ގައުމެވެ. ދުންފަތުގެ ދުމުގެ އަސަރު ނުކުރާ މީހެއް، ދިވެހިރާއްޖޭގައި ހުންނާނެ ހެނެއް ހިއެއް ނުވެ އެވެ. ކިތަންމެ ބައިވަރު މޭވާ އާއި ތަރުކާރީ ލިބެން ހުއްޓަސް ގޮސް ގަންނަނީ އެހެން އެއްޗެއްސެވެ. ފައިދާހުރި ކާނާގެ ބަދަލުގައި ކައި އުޅެނީ ހޮޓާ، ކެފޭ، ރެސްޓޯރެންޓްތަކުން ލިބޭ "އޮފު އަރައަރާ ހުންނަ ތެޔޮ ހެދިކާ" އާއި އެ ނޫން ވެސް، ގެއްލުންހުރި ބާވަތްތަކެވެ. ރަނގަޅަށް އަރާމުކޮށް، ނިދައެއް ނޫޅެ އެވެ. ދިރިއުޅުމުގެ ޕްރެޝަރުތަކާއި ސްޓްރެސްއާ ހެދި މީހުންގެ ނަފްސާނީ ދުޅަހެޔޮކަން ވަނީ ހީނަރުވެފަ އެވެ. 

[ދިރާސާ] އަދި ޕަބްލިޝް ނުކުރިޔަސް، މައުލޫމާތު މިހާރު އެނގޭ މީހެއްގެ ހައިސިއްޔަތުން ދަންނަވާލާނީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ފެންވަރުގައި، އަޅުގަނޑު މި ދެންނެވި ކަހަލަ އާދަތައް އަޅުގަނޑުމެންގެ ތެރޭގައި ހުރީ

ހަސަން މުހައްމަދު / އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު

އައިޖީއެމްއެޗުގައި މަސައްކަތްކުރައްވާ ހިތުގެ ބަލީގެ ޑޮކްޓަރު މުހައްމަދު ޝަނީޒް ނަޖުމީ ހަމަ އެ ޕްރޮގްރާމްގައި ދެއްވީ، ހިތުގެ ބަލި ހުރިކަން އެނގޭ ހިސާބަށް އަދި ނުދާ އެތައް ބަޔަކު ވެސް ތިބެދާނެ ކަމުގެ އިންޒާރެވެ.

"މިސާލަކަށް، އަޅުގަނޑުމެންނަށް ފެންނަ ކޮންމެ ހާޓް އެޓޭކެއް، ނޫނީ ކޮންމެ ބަލި މީހަކަށް، މުޖުތަމައުގައި ގާތްގަނޑަކަށް އުޅޭނެ 80-90 ވަރު [މީހުން]،" ޑރ. ޝަނީޒް ވިދާޅުވި އެވެ.

ދުޅަހެޔޮ އެންމެ އާދައަކުން ނުފުދޭ ކަމާއި ދިރިއުޅުމަށް "ވަށައިޖެހޭ ބަދަލެއް" ގެންނަން ޖެހިފައިވާކަން ފާހަގަކުރައްވައި އޭގެ ސަބަބު ހަސަން ދެއްކެވީ ކަސްރަތަށް ގޮސް އުޅޭ ޒުވާނުން ވެސް އެހެން ކަންކަން ހަނދާން ނައްތާލާ ކަމުގެ މިސާލުންނެވެ.

"ފަތަން ދާ ޒުވާނާ ވެސް ފަތަން މޫދަށް ފުންމާލުމުގެ ކުރިން ދެތިން ސިނގިރޭޓު ބޯލާފައި، ވޭޕްކޮށްލާފައި، ނޫނީ އެނާޖީ ޑްރިންކެއް ބޯލާފައި، ފަތާ ނިމިގެން ގޮސް ޖަންކް ފުޑް ކާލާފައި ބުއިންތަކެއް ބޮއެފައި، ހަމަ އެ ގޮތަށް ވަނީ. ކުޅެން ދަނޑަށް އަރާ އިރު ވެސް، ގޭޓު ކައިރީގައި ތިބެގެން ސިނިގރޭޓެއް ބޯލާފައި ދެން، ދަނީ،" އާއްމުކޮށް ފެންނަ ބައެއް މަންޒަރުތައް ހަސަން ސިފަކޮށްދެއްވި އެވެ.

ޑރ. ޝަނީޒް ލަފާކުރައްވާ ގޮތުގައި ރާއްޖޭގައި ޒުވާނުން ހިތުގެ ބައްޔަށް ހުށަހެޅުމުގައި ދުންފަތުގެ އިސްތިއުމާލުގެ ދައުރު ބޮޑެވެ. އޭނާ ވިދާޅުވީ ހަގު އުމުރުގައި ހިތުގެ ބަލި ހުންނަ މީހުންގެ %90-95 އަކީ ދުންފަތް ބޭނުންކުރާ މީހުންކަން ޔަގީންކަމާ އެކު އެނގިވަޑައިގަންނަވާ ކަމަށެވެ.

"ޖެނެޓީކަލީ [ހިތުގެ ބަލި ވާރުތަ] ވެގެން، ޅަ އުމުރުގައި އާއްމުގޮތެއްގައި [ފަރުވާ ހޯދަން] އަންނާނީ. އެކަމަކު ވެސް، ދުންފަތުގެ އިސްތިއުމާލުކުރާތީ، މިކަހަލަ ކަމެއް ދިމާވާނެ އުމުރަށް ވުރެ މާ އަވަސް އުމުރެއްގައި މި ޖެހެނީ ހާޓް އެޓޭކް،" ރާއްޖޭގައި ވަރަށް ހަގު އުމުރުތަކުގެ ޒުވާނުންނަށް ވެސް ހާޓް އެޓޭކް ޖެހޭކަން ފާހަގަކުރައްވައި ޑރ. ޝަނީޒް ވިދާޅުވި އެވެ.

"ރާއްޖޭގައި 20-40ގެ އުމުރުފުރާގައި ވެސް އަޅުގަނޑުމެންނަށް އެންމެ ގިނައިން ފެންނަނީ ކޮލެސްޓްރޯލް ޖަހައިގެން އަންނަ ހިތުގެ ބްލޮކްތައް."

ހިތުގެ ބަލީގެ ޑޮކްޓަރު މުހައްމަދު ޝަނީޒް ނަޖުމީ ޓީވީއެމްގެ ޕްރޮގްރާމެއްގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަދައްކަވަނީ

އަބަދުވެސް، ބަލިވުމުގެ ކުރިން، އެއްގޮތަކަށް ވެސް ބަލި އައުމުގެ ފުރުސަތު ވީހާ ބޮޑަށް ދަށްކުރަން ހުރިހާ މަސައްކަތެއް ކުރަން ޖެހޭނެ

ޑރ. މުހައްމަދު ޝަނީޒް ނަޖުމީ

މިފަހުން ހަދައި ނަތީޖާ އާއްމުކުރަން ތައްޔާރުވަމުން އަންނަ ގައުމީ ފެންވަރުގެ ދިރާސާއަކާ ހަވާލާދެއްވައި ހަސަން ވިދާޅުވިގޮތުގައި، ދިރިއުޅުމުގެ ނޭދެވޭ އާދަތަކުގެ ސަބަބުން، ގައިން ގަޔަށް ނާރާ ބަލިތަކަށް ހުށަހަޅާ ހިރާސްތައް ރާއްޖޭގައި ހުރީ "ވަރަށް މަތީގަ" އެވެ.

"[ދިރާސާ] އަދި ޕަބްލިޝް ނުކުރިޔަސް، މައުލޫމާތު މިހާރު އެނގޭ މީހެއްގެ ހައިސިއްޔަތުން ދަންނަވާލާނީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ ފެންވަރުގައި، އަޅުގަނޑު މި ދެންނެވި ކަހަލަ އާދަތައް އަޅުގަނޑުމެންގެ ތެރޭގައި ހުރީ،" ނަތީޖާ އަދި އާއްމު ނުކުރާތީ ސީދާ އަދަދުތައް ހާމަނުކުރައްވައި އޭނާ ވިދާޅުވި އެވެ.

ރާއްޖޭގައި %84 މީހުން މަރުވަނީ ނުވަތަ ނުކުޅެދުންތެރިކަމަށް ދަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ސަބަބުންކަން ފާހަގަކުރައްވައި ހަސަން ވިދާޅުވިގޮތުގައި އޭގެ ތެރޭގައި ހިތުގެ ބައްޔާއި ސްޓްރޯކްގައި މަރުވާ މީހުން ވެސް ގިނަ އަދަދަކަށް ހިމެނެ އެވެ. އެގޮތުން، އޭނާ ވިދާޅުވީ، ރާއްޖޭގައި %21 އަންހެނުން އަދި %29 ފިރިހެނުން މަރުވަނީ ހިތުގެ ބައްޔެއްގައި ނުވަތަ ސްޓްރޯކް ޖެހިގެން ކަމަށެވެ. އަދި މަރު ނުވިޔަސް، ހިތުގެ ބަލީގައި، ނުކުޅެދުންތެރިކަމުގައި ނުވަތަ ދިރިއުޅުމަށް މަސައްކަތެއް ނުކުރެވި އަބަދު ޗެކަޕް ހަދަން ޖެހޭ ހާލަތުގައި އަދި މަސައްކަތް ކުރެވޭ އުމުރުގެ އެހެން މީހެއްގެ ވަގުތު ވެސް ބޭނުންވާ އެތައް ބަޔަކު އުޅެމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ފަތަން ދާ ޒުވާނާ ވެސް ފަތަން މޫދަށް ފުންމާލުމުގެ ކުރިން ދެތިން ސިނގިރޭޓު ބޯލާފައި، ވޭޕްކޮށްލާފައި، ނޫނީ އެނާޖީ ޑްރިންކެއް ބޯލާފައި، ފަތާ ނިމިގެން ގޮސް ޖަންކް ފުޑް ކާލާފައި ބުއިންތަކެއް ބޮއެފައި، ހަމަ އެ ގޮތަށް ވަނީ. ކުޅެން ދަނޑަށް އަރާ އިރު ވެސް، ގޭޓު ކައިރީގައި ތިބެގެން ސިނިގރޭޓެއް ބޯލާފައި ދެން، ދަނީ

ހަސަން މުހައްމަދު / އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރު

ހަސަން ވިދާޅުވިގޮތުގައި ގައިން ގަޔަށް ނާރާ ބަލިތައް ކޮންޓްރޯލްކުރުމަށް ސަރުކާރުން ޕްލޭންތައް ހަދައި ހުރިހާ އިދާރާތައް ހިމެނޭ ސްޓިއަރިން ކޮމިޓީއަކުން މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި ބަލިތަކުން މީހުން ރައްކާތެރިކުރުމަށް އެޗްޕީއޭ އިން އާއްމުން ހޭލުންތެރިކޮށް، ގައިޑްލައިންތައް ނެރެ، ހިދުމަތް ދޭ މީހުން ތަމްރީންކޮށް، ގެންނަން ޖެހޭ ސިޔާސަތުތަކަށް ވަކާލާތުކުރަމުން ގެންދާ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް، ދުޅަހެޔޮ އާދަތައް އެންމެ ކުޑައިރުއްސުރެ އަށަގަންނުވަންޖެހޭކަން ފާހަގަކުރައްވަމުން ހަސަން ވިދާޅުވީ، މިއީ ވަކިވަކި ފަރުދުންނާއި މައިންބަފައިންނާއި ޓީޗަރުންނާއި ވިޔަފާރިތައް ފަދަ، މުޖުތަމައުގައި ހިމެނޭ އެންމެންގެ މަސައްކަތުން ނޫނީ ހައްލުވާނެ މައްސަލައެއް ނޫން ކަމަށެވެ. އަދި ނަމޫނާ ދެއްކުމުގެ މުހިއްމުކަން އޭނާ ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން މި ފޮނުވަނީ ދަރިން - ވަރަށް ދުޅަހެޔޮ ކަމެއް - ކުޅިވަރު ދަސްކޮށްދޭން. ދާއިރުގައި، 'ތިޔަ ކުދިން މިތާ ކުޅޭށޭ' ކިޔާފައި ކޯޗު ނެތިގެން، ބަލައިލާ އިރު [ހުންނަނީ] ނުކުމެލާފައި ސިނގިރޭޓެއް ބޯލަން،" ހަސަން ވިދާޅުވި އެވެ.

ސްކޫލްތަކުގައި ކުދިންނަށް ފައިދާހުރި ކާނާ އާއި ކަސްރަތު ހޯދައިދިނުމަށް ގަދައަޅައި ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް "ސްކޫލް ނިމިގެން ދެން އެ ކުދިންނަކީ ޖަންކް ފުޑް ކައި، އެނާޖީ ޑްރިންކް ބޮއެ، އީ-ސިނގިރޭޓު ބޮއެ، ގޮސް ފަލަވަމުން ގޮސް، މުޅިން އަންހެލްދީ ލައިފްސްޓައިލްއަކަށް" ދާ ޒުވާނުންނަށް ވެގެންދާ ސަބަބު ވެސް ހަސަން ދެއްކެވި އެވެ.

"ކީއްވެތޯ ބަލައިލާ އިރު މި ވާގޮތަކީ އެ ކުއްޖާއަށް ސްކޫލުން ކިތަންމެ ރަނގަޅަށް މީތި ކިޔައިދިނަސް، އެޗްޕީއޭ އިން ކިތަންމެ ބައިވަރު މައުލޫމާތެއް އާއްމުކުރިޔަސް، ކުއްޖާއަށް ގޭތެރެއިން ފެންނަނީ އެހެން މަންޒަރެއް. މަންމަ އާއި ބައްޕަ އާއި ބޭބެ އާއި ދައްތައާ މި ނޭދެވޭ އަމަލުތަކުގައި އުޅޭ ތަން އެބަ ފެނޭ. މަގުމަތިން އެބަ ފެނޭ،" އޭނާ ވިދާޅުވި އެވެ.

ހެލްތު ޕްރޮޓެކްޝަން އޮތޯރިޓީ (އެޗްޕީއޭ)ގެ ޑެޕިއުޓީ ޑިރެކްޓަރު ހަސަން މުހައްމަދު ޓީވީއެމްގެ ޕްރޮގްރާމެއްގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަދައްކަވަނީ

ހަސަން ވިދާޅުވީ ސަރުކާރަށް ކުރެވޭނެ ކަމަކީ ހޭލުންތެރިކުރުމާއި އެކި ކަންކަމަށް މަގުފަހިކޮށްދިނުން ކަމަށެވެ.

"މިއީ ވަރަށް ބޮޑަށް ތިމާގެ އަމިއްލަ ވަގުތުގައި، ތިމާގެ އަމިއްލަ ނިންމުންތަކެއްގެ މައްޗަށް، ތިމާގެ އަމިއްލަ ފައިސާ ހޭދަކޮށްގެން ތިމާގެ އަމިއްލަ ދިރިއުޅުން ބައްޓަންކުރާ ގޮތް،" އޭނާ ވިދާޅުވި އެވެ.

ސަރުކާރުގެ ސިޔާސަތުތަކުން ބަދަލުކުރަން ޖެހޭ ކަންކަން ވެސް ހުރިކަން ހަސަން ފާހަގަކުރެއްވި އެވެ. އެގޮތުން އޭނާ ވިދާޅުވީ ރަށެއް ނުވަތަ ސިޓީއެއްގެ ތަރައްގީގެ ޕްލޭން ހަދާއިރު އެ ތަނުގައި ގަސްގަހާއި ހުސް ސަރަހައްދާއި ޕާކުތަކާއި ބައިސްކަލް ލޭނުތައް ހުންނަންވީ މިންވަރު ވެސް ކަނޑައެޅުން މުހިއްމު ކަމަށެވެ. މީހުން ކަސްރަތުކުރުމަށް މަގުފަހިކުރަނީ އެފަދަ ސިޔާސަތުތަކުންކަން ފާހަގަކުރައްވައި މާލޭގެ ހާލަތު އޭނާ ހަނދާނަށް ގެންނެވި އެވެ.

"ބައެއް ފަހަރު މަގުގައި ޕޭވްމެންޓުން ހިނގާފައި ދިޔުމަށް ވުރެ މާ ރައްކާތެރި ކަންނޭނގެ، ސައިކަލަކަށް އަރައިގެން ދާން، ކުޑަ ތަންކޮޅަކަށް ވެސް. ޕޭވްމެންޓް ރައްކާތެރިތޯ [ސުވާލަކީ]،" ހަސަން ވިދާޅުވި އެވެ.

"ދެން އެހެރީ މަޖީދީމަގުގައި މިސާލަކަށް ޕޭވްމެންޓް ވަރަށް ފުޅާ. އޭނާ ހިނގާފައި ގޮސް ނެތް އެ ތަނުން ނުކުމެވޭކަށް. ދެކޮޅުގައި ސައިކަލު ތާށިކޮށްފައި. ކިހިނެއް އެކަން ކުރާނީ؟"

ރާއްޖޭގައި މިހާރު ހުރި ދުންފަތުގެ ގަވާއިދުތަކަށް އަމަލުކޮށް ތަންފީޒުކޮށްގެން އެކަނި ވެސް، ހައެއްކަ އަހަރު ތެރޭ "ވަރަށް ބޮޑު ބަދަލެއް" އަންނާނެ ކަމަށް ހަސަން ގަބޫލުކުރައްވަ އެވެ. 

ޑރ. ޝަނީޒްގެ ނަސޭހަތަކީ "ބަލިވުމުގެ ކުރިން، އެއްގޮތަކަށް ވެސް ބަލި އައުމުގެ ފުރުސަތު ވީހާ ބޮޑަށް ދަށްކުރަން ހުރިހާ މަސައްކަތެއް" ކުރުމެވެ. އޭގެ މާނައަކީ، އޭނާ ވިދާޅުވިގޮތުގައި:

  • އެއްވެސް ގޮތަކުން ދުންފަތުގެ އިސްތިއުމާލުނުކުރުން (އީ-ސިނގިރޭޓު، ޝީޝާ އަދި ވޭޕް ވެސް ހިމެނޭ ގޮތަށް)

  • ހެލިފެލިވެއުޅުމާއި ބަރުދަން އެކަށީގެންވާ މިންވަރެއްގައި ބެހެއްޓުން

  • ކެއުމުގައި ތަރުކާރީ ގިނަކުރުން، ކޮންމެވެސް ވަރަކަށް މޭވާ ބޭނުންކުރުން އަދި ހަކަތަ ލިއްބައިދޭ އެއްޗެއްސާއި ހަކުރު މަދުކުރުން

  • ގަޑިން ގަޑިއަށް ކެއުން

  • ގަޑިން ގަޑިއަށް ނިދުން

"އެހެންވީމާ ބޭސިކަލީ ޑިސިޕްލިންޑް ލައިފްސްޓައިލެއް ގެންގުޅެން ޖެހެނީ،" ޑރ. ޝަނީޒް ވިދާޅުވި އެވެ.

އޭގެ އިތުރުން ހިތުގެ ބަލިތަކާ ބެހޭގޮތުން އޭނާގެ އިރުޝާދަކީ:

  • ހިތުގެ ބައްޔަށް ހުށަހެޅޭ ފަދަ ސަބަބުތަކެއް ހުރި ނަމަ އުމުރުން 30ގެ އަހަރުތަކުގައި ކޮލެސްޓްރޯލް ލެވެލް ފަދަ ކަންކަން ޗެކްކުރަން ފެށުން، ޑޮކްޓަރެއްގެ އިރުޝާދެއްގެ ދަށުން ޓެސްޓުތައް ހެދުން

  • ހިތުގެ ބަލީގެ އަލާމާތެއް ފެންނަ ނަމަ އަވަހަށް ފަރުވާ ހޯދުން

  • ހިތުގެ ބަލި ހުންނަ މީހުން ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް އަމަލުކުރުން

"ބިހޭވިއާ ޗޭންޖު ކުރުމަކީ ވަރަށް ގިނަ އަހަރުތަކެއް ވަންދެން އެއް ސިޔާސަތުތަކެއް އެއް ވާނެއްގައި ހިފަހައްޓައިގެން ކުރިއަށް ގެންގޮސްގެން އެތައް އަހަރެއް ފަހުން ބަދަލު އަންނާނީ. އެކަމަކު ކޮންމެވެސް ހިސާބަކުން އެބަ ޖެހޭ ފަށަން،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ކެއުން ބަދަލުކުރުމަކީ ކޮންމެ މީހަކަށް އެހާ ފަސޭހައިން ކުރެވެން ނެތް ކަމަކަށް ވިޔަސް، މިހާރުން މިހާރަށް ވެސް ކުރެވިދާނެ ދެ ކަމެއް އެބައޮތެވެ. އެއީ ކަސްރަތުކުރަން ފެށުމާއި ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުން އަދި ދުންފަތް ބޭނުންނުކޮށް އޭގެ ދުމަށް ހުށަހެޅޭ މީހުން އެކަމުން ސަލާމަތްވުމެވެ. ހަސަން ވިދާޅުވީ އެ ދެ އާދަ ބަދަލުކޮށްލިޔަސް "ވަރަށް ބޮޑު ބަދަލެއް އަންނާނެ" ކަމަށެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް