Majlis 2024

ހަނިމާދޫ އެއާޕޯޓުގައި ރޭ ބޭއްވި އިމަޖެންސީ ޑްރިލްގައި ފަޔަ ފައިޓަރަކު އަލިފާން ނިއްވުމުގައި ހަަރަކާތްތެރިވަނީ. (ފޮޓޯ/އާރުސީއެލް)

ހަނިމާދޫ އެއާޕޯޓުގައި ބޮޑު އިމަޖެންސީ ޑްރިލްއެއް ބާއްވައިފި

މިއީ ރާއްޖޭގައި ރޭގަނޑު ބޭއްވި ފުރަތަމަ އިމަޖެންސީ ހަރަކާތް ކަމަށް ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީން ބުނޭ

ކުއްލި ހާލަތްތަކުގައި އަމަލުކުރާނެ ގޮތް މުވައްޒަފުންނަށް ދަސްކޮށްދީ އެކަމުގެ ތަޖުރިބާ ހޯދައިދިނުމަށް ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި ބޮޑު އިމަޖެންސީ ޑްރިލްއެއް ރޭ ބާއްވައިފި އެވެ.

ވީ ކިހިނެއް؟ - މިއީ 'ހިމަކޮޅު'ގެ ނަމުގައި ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ (އާރުއޭސީއެލް)އިން ބޭއްވި ޑްރިލް އެކެވެ. މިއީ ރާއްޖޭގައި ރޭގަނޑު މި ގޮތަށް ބޭއްވި އެންމެ ފުރަތަމަ ހަރަކާތްކަން އެ ކުންފުނިން ފާހަގަކުރި އެވެ.

ތަފްސީލް - ރޭ 9:15ގައި ފަށައި 10:58ގައި ނިންމާލި މި ޑްރިލްގައި 250 މީހުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • އެމްއެންޑީއެފް 

  • ޕޮލިސް

  • އިމިގްރޭޝަން 

  • ކަސްޓަމްސް 

  • އައިލެންޑް އޭވިއޭޝަން 

  • ހަނިމާދޫ ކައުންސިލް

  • ހަނިމާދޫ ސިއްހީ މަރުކަޒު

  • އޭވިއޭޝަން ސެކިއުރިޓީ ކޮމާންޑް

  • ހަނިމާދޫގައި ހުންނަ ފެނަކަ ބްރާންޗު

  • ހަނިމާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ

ހަނިމާދޫ ރޭ ބޭއްވި އިމަޖެންސީ ޑްރިލްގެ ބައިވެރިން ފޮޓޯއަކަށް ހުއްޓިލައިގެން. (ފޮޓޯ/އާރުސީއެލް)

މި ޑްރިލްގައި މުވައްޒަފުން ހަރަކާތްތެރިވީ މާލޭން ފުރައިގެން އެ އެއާޕޯޓަށް ދަތުރުކުރަމުން ދިޔަ ޑޭޝް-300 މަރުކާގެ ބޯޓެއްގެ ލޭންޑިން ގިއަރުގެ މައްސަލަ ޖެހި އެ ބޯޓު ރަންވޭ މައްޗަށް ވެއްޓުނު ހާދިސާއެއްގަ އެވެ. އެ ބޯޓުން ދަތުރުކުރި ޖުމްލަ 52 ފަސިންޖަރުންގެ ތެރެއިން:

  • 1-

    10 މީހަކު މަރުވެފައި

  • 2-

    15 މީހެއްގެ ހަށިގަނޑު އެކި ތަންތަން ވަރަށް ބޮޑަށް ފިހިފައި

  • 3-

    17 މީހެއްގެ ހަށިގަނޑުގެ އެކި ތަންތަން ބިނދިފައި

  • 4-

    އަށް މީހަކަށް ހިނގާބިނގާވެ އުޅެވުނަސް އެކި ވަރުގެ އަނިޔާ ލިބިފައި

ހަނިމާދޫ އެއާޕޯޓުގައި ރޭ ބޭއްވި އިމަޖެންސީ ޑްރިލްގެ ތެރެއިން. (ފޮޓޯ/އާރުސީއެލް)
ހަނިމާދޫ އެއާޕޯޓުގައި ރޭ ބޭއްވި އިމަޖެންސީ ޑްރިލްގެ ތެރެއިން. (ފޮޓޯ/އާރުސީއެލް)

މި ޑްރިލްގައި ބައިވެރިވި އެކި ދާއިރާތަކުގެ މުވައްޒަފުން ވަނީ މިފަދަ ހާލަތްތަކުގައި އެ ބައެއްގެ ދާއިރާއަކުން ހަރަކާތްތެރިވާނެ ގޮތުގެ އަމަލީ ތަމްރީނު ހޯދާފަ އެވެ.

ގުޅުންހުރި ކަމެއް - ހަނިމާދޫ އެއާޕޯޓުގައި އިމާޖެންސީ ހަރަކާތެއް ބާއްވާފައި ވާއިރު، މި މަހުގެ 16ގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އާއި ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޭޖެންސީ (އެންޑީއެމްއޭ) ގުޅިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި މިފަދަ ހަރާކާތެއް ބާއްވަން ވަނީ ނިންމާފަ އެވެ. މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު އެއާޕޯޓް އިމަޖެންސީ ހަރަކާތެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް