އަފްގާނިސްތާނަށް އައި ވަރުގަދަ ބިންހެލުމެއްގައި އަވަށެއްގެ އިމާރާތްތައް ވެއްޓިފައި: މިހާތަނަށް 1،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި.

އަފްގާނިސްތާން

އަފްގާނިސްތާން ބޮޑު ހިތާމައެއްގައި

23 ޖޫން 2022
މިހާތަނަށް މަރުވި މީހުންގެ އަދަދު 1،000 އަށް ވުރެ މަތި؛ ބައިނަލްއަގުވާމީ އެހީއަށް ތާލިބާނުން ވަނީ ގޮވާލާފައި

މިދިއަ ބުދަދުވަހުގެ ފަތިހު އަފްގާނިސްތާންގެ އިރު ދެކުނު ސަރަހައްދަކަށް އައި ވަރުގަދަ ބިންހެލުމަކީ މިހާރު ވެސް ވަރަށް ނިކަމެތި ހާލެއްގައި ދިރިއުޅެމުން ދާ ރައްޔިތުންނަށް އަނެއްކާވެސް ވަރަށް ބޮޑު ހިތާމައެކެވެ.

މި ބިންހެލުމުގައި މިހާތަނަށް މަރުވި މީހުންގެ އަދަދު 1،000 އަށް ވުރެ މައްޗެވެ. އަދި އެތައް ބަޔަކު އިމާރާތްތަކުގެ ދަށުވެފައި ވާނެ ކަމަށް ވެސް ލަފާކުރެވެ އެވެ. އަނިޔާވި މީހުންގެ އަދަދު އުޅެނީ 1،500 އަށް ވުރެ މަތީގަ އެވެ.

އެންމެ ފަހުން ތާލިބާން ސަރުކާރުން މިހާރު ވަނީ ބައިނަލްއަގުވާމީ މުޖުތަމައުގެ އެހީއަށް ގޮވާލައިފަ އެވެ. މިދިއަ އަހަރު ކުއްލިއަކަށް އެމެރިކާ ސިފައިން ފޭބުމާ އެކު އަގްފާނިސްތާނުގެ ވެރިކަން ލިބުނީ ތާލިބާނުންނަށެވެ. އެކަމަކު ތާލިބާނުންގެ ހަރުކަށި ވިސްނުމާ ގުޅިގެން ބައިނަލްއަގުވާމީ ގިނަ އެހީތަކެއް ވަނީ މެދުކަނޑާލައިފަ އެވެ.

 ބާރުގަދަ ބިންހެލުމެއްގައި ސަލާމަތްވި ބަޔަކު ހޮސްޕިޓަލްގައި: މިހާތަނަށް ހާހަކަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި.

ބިންހެލުން އައީ އިރު-ދެކުނު ސިޓީއެއް ކަމަށްވާ ޚޮސްތުއާ 44 ކިލޯމީޓަރު ދުރަށެވެ. އެކަމަކު ބިންހެލުމުގެ އަސަރު، ޕާކިސްތާނާއި އިންޑިއާއަށް ވެސް ކުރި އެވެ.

"އަހަރެންގެ އެނދު ތެޅެން ފެށި. ދެން ސީލިން ވެއްޓިއްޖެ. އަހަރެން ތާށިވީ. އެކަމަކު އަހަންނަށް އުޑު ފެނޭ،" ބިންހެލުމުގައި ސަލާމަތްވި މީހެއް ކަމަށްވާ ޝާބިރު ބުންޏެވެ.

ކޮނޑު ހުޅު ނައްޓައިގެން ދިޔަ ނަމަވެސް އޭނާ ސަލާމަތްވި އެވެ. އެކަމަކު އާއިލާގެ އަނެއް ހައެއް ނުވަތަ ނުވަ މީހުން މަރުވެފައިވާ ކަމަށް ބުންޏެވެ.

އިއްޔެ އަފްގާނިސްތާނަށް އައި ބިންހެލުމެއްގައި ބިމާ ހަމަވި ގެއެއްގެ ތެރެއިން އެއޗެހިތަކެއް ބޭރުކުރެވޭތޯ ބަޔަކު ބަލަނީ

ބިންހެލުމުގެ ބާރުމިން ހުރީ 6.1 މެގްނިޓިއުޑްގަ އެވެ. އެކަމަކު ބައެއް ވިލެޖްތައް އޮތީ ބިމާ ހަމަވެފަ އެވެ. އަފްގާނިސްތާނަކީ ބިންހެލުން އައުން އާންމު ގައުމެއް ނަމަވެސް ފަގީރުކަމާ ހެދި އިމާރާތްތައް ހުންނަނީ ވަރަށް އާދައިގެ ގޮތަކަށެވެ. އެހެންކަމުން ބިންހެލުންތަކުގެ ގެއްލުން ނިސްބަތުން ބޮޑުވެ އެވެ.

ބިންހެލުމުގައި ހަލާކުވެފައިވާ އިމާރާތެއް ކައިރީގައި އަފްގާނިސްތާންގެ އާންމުން ހަރަކާތްތެރިވަނީ

ތާލިބާނުން ބުނާ ގޮތުގައި އެހީތެރިކަން ފޯރުކޮށްދޭނެ ގާބިލްކަން ވެސް ނެތުމުން މިވަގުތު އަފްގާނިސްތާނަށް ބޭރުގެ އެހީ ބޭނުންވެ އެވެ.

މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ބޭނުންކުރަން އޮތީ އެންމެ ދެ ހެލިކޮޕްޓަރެވެ. ސިއްހީ ހިދުމަތުގެ ފެންވަރު އެހާ ދަށެވެ. ސަރުކާރުގައި އެހީތެރިކަން ދޭނެ މާލީ ގާބިލްކަމެއް ވެސް ނެތެވެ.

"ބިންހެލުން އައި ހިސާބަށް ދެވޭނެ ގޮތެއް ނެތް،" ތާލިބާންގެ ތަރުޖަމާނަކު، ރޮއިޓާސްއާ ވާހަކަދައްކަވަމުން ވިދާޅުވި އެވެ.

"އަހަރެމެންގެ ނިޒާމް ހަގީގަތުގައި ވަރަށް ދެރަ."

އދ. އިން މިހާރު ވަނީ އެހީތެރިކަމުގެ މަސައްކަތަށް ވަދެފަ އެވެ. އެގޮތުން އިމަޖެންސީ ހިޔާވަހިކަމާއި ކާނާ ފޯރުކޮށްދެވޭތޯ އަންނަނީ ބަލަމުންނެވެ.

 ބިންހެލުމެއްގައި އަވަށެއްގެ އިމާރާތްތައް ވެއްޓިފައި: އަފްގާނިސްތާނުގެ އާންމު އިމާރާތްތަކުގެ ފެންވަރު ވެސް ދަށް

އދ. އިން އެކުލަވާލި މައުލޫމާތުތަކުން އެނގޭ ގޮތުގައި މިދިއަ 10 އަހަރުގެ ތެރޭގައި އަފްގާނިސްތާނަށް އައި އެކި ބިންހެލުންތަކުގައި މަދުވެގެން 7،000 މީހުން މަރުވެއްޖެ އެވެ. މިއީ ބިންހެލުންތަކުގައި އަހަރަކު ގާތްގަނޑަކަށް 560 މީހުން މަރުވުމުގެ ނިސްބަތެކެވެ.

މިދިއަ ޖެނުއަރީ މަހު ހުޅަނގު ސަރަހައްދަކަށް އައި ބިންހެލުމެއްގައި މަދުވެގެން 20 މީހުން މަރުވި އެވެ.

ބާރުގަދަ ބިންހެލުމުގައި ވެއްޓިފައި ހުރި އިމާރާތްތަކެއްގެ ކައިރީގައި ކުޑަކުދިންތަކެއް

ތާލިބާންގެ ވެރިކަމުގައި އަފްގާނިސްތާންގެ އިގުތިސާދު އަނެއްކާވެސް ވަނީ ބޮޑު ވަޅުގަނޑަކަށް ވެއްޓިފަ އެވެ. ބައިނަލްއަގުވާމީ ފަރާތްތަކުން ބުނާ ގޮތުގައި އެ ގައުމުގެ 93 ޕަސެންޓް މީހުންނަށް ކާނާގެ މައްސަލަ ވަނީ ދިމާވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް