މައިކްރޯޕްލާސްޓިކްސް (ފޮޓޯ/ ގެޓީ އިމޭޖެސް)

ތިމާވެށި

އެންޓާޓިކާގެ ސްނޯއިން ފުރަތަމަ ފަހަރަށް މައިކްރޯޕްލާސްޓިކް ފެނިއްޖެ

ޕްލާސްޓިކުގެ ސަބަބުން ދުނިޔޭގެ ތިމާވެއްޓަށް ބޮޑެތި އަސަރުތަކެއް ދަނީ ކުރަމުން

އެންޓާޓިކާއަށް އަލަށް ފައިބާފައިވާ ސްނޯއިން ސައިންސްވެރީންނަށް ފުރަތަމަ ފަހަރަށް މައިކްރޯޕްލާސްޓިކް ފެނިއްޖެ އެވެ.

ނިއު ޒީލެންޑުގެ ޔުނިވާސިޓީ އޮފް ކެންޓަބަރީގެ ސައިންސްވެރީން އެންޓާޓިކާގެ 19 ސަރަހައްދަކުން ނެގި ސްނޯގެ ހުރިހާ ސާމްޕަލަކުން ވެސް މައިކްރޯޕްލާސްޓިކް ވަނީ ފެނިފަ އެވެ.

މައިކްރޯޕްލާސްޓިކަކީ ޕްލާސްޓިކު ކުނިން ނުކުންނަ ވަރަށް ކުދިކުދި އަދި ބައެއް ފަހަރު ލޮލަށް ވެސް ނުފެންނަ ވަރު ޕްލާސްޓިކުކޮޅުތަކެވެ.

އެންޓާޓިކާ އިން ނެގި ސްނޯގެ ސާމްޕަލުތަކުގެ ކޮންމެ ލީޓަރެއްގައި އެވްރެޖުކޮށް 29 މައިކްރޯޕްލާސްޓިކު ކޮޅު ހުރިކަން ސައިންސްވެރީން ހޯދާފައި ވާއިރު، %79 އާއެކު، އެންމެ ގިނައިން ހުރި ކަމަށް ފާހަގަ ކުރެވިފައިވާ ޕްލާސްޓިކުގެ ވައްތަރަކީ ޕޮލިޔެތުލީން ޓެރެފްތަލޭޓު (ޕީއީޓީ) އެވެ. މީ އާންމުކޮށް ސޮފްޓް ޑްރިންކުގެ ފުޅި އާއި އަންނައުނުގައި ބޭނުންކުރާ ޕްލާސްޓިކުގެ ވައްތަރެކެވެ. މީގެ އިތުރުން ވެސް ތަފާތު 13 ވައްތަރުގެ ޕްލާސްޓިކު މި ސާމްޕަލުތަކުން ސައިންސްވެރީންނަށް ފެނިފައިވެ އެވެ.

ވައިގެ ޒަރިއްޔާއިން ވެސް ފެތުރޭ މި ކުދިކުދި ޕްލާސްޓިކުކޮޅުތައް އެންޓާޓިކާއަށް ފޯރާފައިވުން ގާތީ، ކައިރީގައި ހުރި، ސައިންސްވެރީން ތަހުލީލުކުރަން ހަދާފައިވާ ސެންޓަރުތަކުން ކަމަށް ލަފާ ކުރެއްވޭ ކަމަށް ކްރަޔޮސްފިއާ ޖާނަލުގައި ސައިންސްވެރިޔާ އެލެކްސް އާވެސް ވަނީ ފާހަގަކުރައްވާފަ އެވެ.

"ނަމަވެސް މި ޕްލާސްޓިކުކޮޅުތައް އައިސްފައި ވަނީ 6،000 ކިލޯމީޓަރު ދުރުން ކަމަށް ވެސް ބައެއް ތަފާސްހިސާބުތަކުން ވަނީ ދައްކާފައި،" އާވެސް ލިޔުއްވާފައިވެ އެވެ.

އެންޓާޓިކާގެ ކަނޑުގައިވާ ގަނޑުފެންތަކާއި ކަނޑުގެ ލޮނުގަނޑުގައި މައިކްރޯޕްލާސްޓިކު ހުރިކަން ކުރީގެ ދިރާސާތަކުން ވަނީ ދައްކާފަ އެވެ. ނަމަވެސް އަލަށް ވެހިފައިވާ ސްނޯގައި މިފަދަ ޕްލާސްޓިކު ހުރިކަން ހޯދުނު މިއީ ފުރަތަމަ ފަހަރެވެ.

އެންޓާޓިކާގައި އަލަށް ފައިބާފައިވާ ސްނޯ އިން މައިކްރޯޕްލާސްޓިކު ފެނުމާ ގުޅޭ. (ވީޑިއޯ/ 1ނިއުސް)

ދުނިޔޭގެ އެންމެ އުސް ފަރުބަދަ މައުންޓު އެވަރެސްޓުގެ މަތިން ވެސް މައިކްރޯޕްލާސްޓިކުގެ އަސަރު 2020ގައި ފެނިފައި ވާއިރު، ދުނިޔޭގެ އެންމެ ފުން ކަނޑުތަކުގެ އެންމެ އަޑިން ވެސް އޭގެ އަސަރުތައް ވަނީ ހޯދިފަ އެވެ.

އިންސާނުންގެ ހަށިގަނޑު ތެރެއަށް ވެސް، ވަޔާއި ފެނާއި ކާބޯތަކެތީގެ ރަޒިއްޔާއިން މައިކްރޯޕްލާސްޓިކް ވަންނަމުންދާ ކަމަށް ބައެއް މާހިރުން ވަނީ އަންދާޒާކޮށްފަ އެވެ. މީގެ ސަބަބުން އިންސާނާގެ ސިއްހަތަށް ކުރާނެ އަސަރުތަކާ ބެހޭ މާބޮޑު ދިރާސާއެއް އަދި ހެދިފައި ނެތް ނަމަވެސް، މީގެ ސަބަބުން ހަށިގަނޑުގެ ސެލްތައް މަރުވެ، އެލާޖީތައް އުފެދުމުގެ ފުރުސަތު އޮތް ކަމަށް ޔުނިވާސިޓީ އޮފް ހަލް އިން މިދިޔަ އަހަރު ހެދި ދިރާސާއަކުން ވަނީ ދައްކާފަ އެވެ.

ދުނިޔެ ހޫނުވުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކުގެ އަސަރުތައް މައިކްރޯޕްލާސްޓިކްގެ ސަބަބުން އިތުރުވާ ކަމަށް ވެސް ބައެއް މާހިރުން ދެކެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް