(ފޮޓޯ/ ހެލްތުޑެއިލީ)

ސޯޝަލް މީޑިއާ

ފުރާވަރު ކުދިންގެ ދެބައިކުޅަ އެއްބައި އަބަދުހެން އިންޓަނެޓު ބޭނުން ކުރޭ: ދިރާސާ

ފުރާވަރު ކުދިންގެ މެދުގައި ފޭސްބުކްގެ މަގުބޫލުކަން ވަރަށް ބޮޑަށް ދަށްވެފައިވާ އިރު އެންމެ ގިނަ ކުދިން މިހާރު ބޭނުންކުރަނީ ޔޫޓިއުބާއި ޓިކްޓޮކް

އެމެރިކާގައި ފުރާވަރު އުމުރުގެ ކުދިންގެ ދެބައިކުޅަ އެއްބައި 'ގާތްގަނޑަކަށް އަބަދުހެން' އިންޓަނެޓު ބޭނުން ކުރާ ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ޕިއު ރިސާޗް ސެންޓަަރުން ކުރިއަށް ގެންދިޔަ މި ދިރާސާގައި ފުރާވަރުގެ 1،316 ކުދިން ޓެކްނޮލޮޖީއާ ބާއްވަމުންދާ ގާތްކަން ވަނީ ބަލާފަ އެވެ. 

ޕިއު އިން ވަނީ މީގެ ހަތް އަހަރުކުރިން 2015 ގައި ވެސް މި ދިރާސާ ކުރިއަށް ގެންގޮސްފަ އެވެ. އެފަހަރު 'ގާތްގަނޑަކަށް އަބަދުހެން' އިންޓަނެޓު ބޭނުންކުރާ ކުދިންގެ އަދަދު ހުރީ ހަތަރުބައިކުޅަ އެއްބަޔާ ހަމައިގަ އެވެ. އެހެންކަމުން ހަތް އަހަރު ތެރޭ މި އަދަދު މި ވަނީ ދެ ގުނަ މައްޗަށް ގޮސްފަ އެވެ.

ޕިއުގެ މިފަހަރުގެ ދިރާސާއިން ވަނީ ފުރާވަރު ކުދިންގެ މެދުގައި އެންމެ މަގްބޫލު ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކަށް ވެސް ބަދަލުތަކެއް އައިސްފައިވާކަން ފާހަގަވެގެން ގޮސްފަ އެވެ.

ކުރިއާ އަޅާބަލާ އިރު ފޭސްބުކްގެ މަގުބޫލުކަން ވަނީ ވަރަށް ބޮޑުތަން ދަށަށް ގޮސްފަ އެވެ. އެގޮތުން އެމެރިކާގެ 17-13 އަހަރާ ދެމެދުގެ އުމުރުފުރައިގެ ކުދިންގެ ތެރެއިން ފޭސްބުކް މިހާރު ބޭނުން ކުރަނީ %32 ކުދިންނެވެ. މި އަދަދު 2015 ވަނަ އަހަރު ހުރީ %71 ގަ އެވެ.

ޕިއު ރިސާޗް ސެންޓަރުގެ ދިރާސާއާ ގުޅޭ (ވީޑިއޯ/ ޑަބްލިއުޓީއެޗްއާރް)

ފޭސްބުކް ބޭނުންކުރުން ވަރަށް ބޮޑަށް ދަށްވި އިރު ޔޫޓިއުބާއި ޓިކްޓޮކާއި އިންސްޓަގްރާމާއި ސްނެޕްޗެޓް ބޭނުންކުރާ ކުދިންގެ އަދަދު މިހާރު އިތުރުވެފައިވާ ކަމަށް ޕިއުގެ ދިރާސާއިން ވަނީ ދައްކާފަ އެވެ. 

އެންމެ މަގުބޫލު ޕްލެޓްފޯމަކަށް ޔޫޓިއުބު ވަނީ ވެފަ އެވެ. ފުރާވަރު އުމުރުގެ %95 ކުދިން ޔޫޓިއުބް ބޭނުންކުރެ އެވެ. ޔޫޓިއުބު 'ގާތްގަނޑަކަށް އަބަދުހެން' ބޭނުންކުރާ ކުދިންގެ ނިސްބަތް އުޅެނީ %20 ގަ އެވެ. ޔޫޓިއުބަށް ފަހު ފުރާވަރު ކުދިން އެންމެ ގިނައިން ބޭނުންކުރަނީ ޓިކްޓޮކް އެވެ.

ޖުމްލަ ގޮތެއްގައި ދުވާލަކު އެއް ފަހަރު އިންޓަނެޓު ބޭނުންކުރާ ކުދިންގެ ނިސްބަތް ވަނީ 2015 ވަނަ އަހަރު ހުރި %92 އިން މިއަހަރު %97 އަށް މައްޗަށް ޖެހިފައިކަން ވެސް ޕިއު އިން ބުދަ ދުވަހު ޝާއިއުކޮށްފައިވާ ދިރާސާއިން ދައްކަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް