މުކޭޝް އަންބާނީ އާއި އަކްޝާ އަންބާނީ.

އިންޑިއާ

މުކޭޝް އަންބާނީ ރިލަޔަންސް ޖިއޯ އިން ވަކިވެ، ކުންފުނި ދަރިފުޅާ ހަވާލުކޮށްފި

އިންޑިއާގެ އަމިއްްލަ މުވާސަލާތީ ކުންފުނި، ރިލަޔަންސް ޖިއޯގެ ޑިރެކްޓަރުކަމުން މުކޭޝް އަންބާނީ އިސްތިއުފާ ދެއްވައި އޭނާގެ ދޮށީ ފިރިހެން ދަރި އަކާޝްއާ ކުންފުނި ހަވާލުކުރައްވައިފި އެވެ.

ރިލަޔަންސް ޖިއޯ އިން ބުނީ އެ ކުންފުނީގެ ބޯޑުން ކަނޑައަޅާފައިވަނީ މިހާރު ނޮން އެކްޒެކެޓިވް ޑިރެކްޓަރެއްގެ ގޮތުގައި އިންނެވި އަކާޝް އަންބާނީ ބޯޑްގެ ޗެއާމަނަކަށް އައްޔަންކުރުމަށް ކަމަށެވެ.

އެ ކުންފުނީގެ ބޯޑުން ނިންމި ގޮތުގައި، މިދިޔަ ހޯމަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް އަހަރަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޕަންކާޖު މޯހަން ޕަވަރު ވަނީ އައްޔަންކޮށްފަ އެވެ. އަދި އެ ކުންފުނީގެ ޑިރެކްޓަރުންގެ ގޮތުގައި ސިންގް ގުޖުރާލް އާއި ކޭވީ ޗައުދަރީ ބޯޑަށް އައްޔަންކޮށްފައިވަނީ މިނިވަން ޑިރެކްޓަރުންގެ ގޮތުގަ އެވެ.

ނަމަވެސް ޖިއޯ ޕްލެޓްފޯމްސް ލިމިޓެޑްގެ ޗެއާމަނަކީ އަދިވެސް މުކޭޝް އަންބާނީ އެވެ. ޖިއޯ ޕްލެޓްފޯމްސް އަކީ ރިލަޔަންސް ޖިއޯއާ އަދި ހުރިހާ އިލެކްޓްރޯނިކްސް ބްރޭންޑްތަކުގެ ވެރި ކުންފުންޏެވެ.

އަކާޝް ވަނީ އެމެރިކާގެ ބްރައުން ޔުނިވަސިޓީން އިކޮނަމިކްސް އިން ގްރަޖުއޭޓްވެފަ އެވެ. އޭނާ މަސައްކަތް ކުރައްވަމުން އައީ ކުންފުނި އާ ނެނޯޓެކްނޮލޮޖީތަކަށް އަހުލުވެރިކުރުވުމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ވެސް އޭނާ މަސައްކަތް ކުރައްވާނީ ޑޭޓާ އާއި އާ ޓެކްނޮލެޖީ އާންމުންނަށް ފަސޭހައިން ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.

އިންޑިއާގެ އެންމެ ބޮޑު ޓެލެކޮމް އޮޕަރޭޓަރަކީ ރިލަޔަންސް ޖިއޯ އެވެ. މިދިޔަ އޭޕްރީލުގެ ނިޔަލަށް އެ ކުންފުންޏަށް އިޝްތިރާކު ދައްކާފައިވާ މީހުންގެ އަދަދު 16.8 މިލިއަނަށް އަރަ އެވެ.

ކޮމެންޓް

Placeholder

އިންޑިއާ

އިންޑިއާ