ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގައި މިއަދު ހެނދުނު ބޭއްވި ހާއްސަ އެސެމްބްލީގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ދިރާސީ އާ އަހަރު

ތިމާވެށި ހިމާޔަތްކޮށް އިގްތިސޯދުކުރަން ރައީސް ދަރިވަރުންނަށް އިލްތިމާސްކުރައްވައިފި

އިސްލާމީ އަދަބު އަހުލާގުގައި ހިފެހެއްޓުމަށް އެ މަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވި
7 އޯގަސްޓު 2022

ރާއްޖެ އާއި ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާއިރު، ތިމާވެށި ހިމާޔަތް ކުރުމަށާއި އިގްތިސޯދުކުރަން ދަސްކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުރިހާ ދަރިވަރުންނަށް އިލްތިމާސް ކުރައްވައިފި އެވެ.

ވީ ކިހިނެއް؟ - ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން މިއަދު ހެނދުނު އަމީނިއްޔާ ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީ ޝަރަފުވެރިކޮށްދެއްވީ ރައީސް ސޯލިހު އެވެ.

މުހިންމު ތަފާސްހިސާބުތައް:

  • މި އަހަރުގެ ކިޔެވުން ފެށިއިރު، ރާއްޖޭގެ 271 ސްކޫލެއްގައި ކިޔަވައިދޭނެ 

  • ސްކޫލުތަކުގައި 92،000އަށް ވުރެ ގިނަ ދަރިވަރުން ކިޔަވާނެ 

  • ސަރުކާރުގެ 217 ސްކޫލުގައި 76،000އަށް ވުރެ ގިނަ ދަރިވަރުން އެބަތިބި 

  • އެ ސްކޫލުތަކުގައި 8،300އަށް ވުރެ ގިނަ ޓީޗަރުން ކިޔަވައިދޭނެ

ތަފްސީލް - މިއަދުގެ ހާއްސަ އެސެމްބަލީގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، ކިޔެވުމަކީ ދިރިއުޅެން ދަސްކުރުން ކަމަށާއި އަހުލާގީ އެންމެ ރިވެތި ސިފަތައް ލިބިގަތުމަކީ ދަރިވަރުން ސްކޫލަށް ހާޒިރުވުމުގެ އެންމެ މުހިންމު މަގުސަދު ކަމަށެވެ.

މި ފެށޭ ދިރާސީ އަހަރު، ތިޔަ ކުދިންގެ އަޒުމަކަށް ހަދަންވީ، ކޮންމެ ދުވަހަކު ވެސް، ސްކޫލްގެ އެހެން ކޮންމެވެސް ކުއްޖަކަށް ކިތަންމެ ކުޑަ ކަމެއްގައި ވިޔަސް އެހީތެރިކަމެއް ފޯރުކޮށްދިނުން.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ދިރިއުޅެން ދަސްކުރުމަކީ، އެ ކުއްޖެއްގެ ވަށައިގެންވާ މާހައުލުން ކުރިމަތިވާ ގޮންޖެހުންތަކާއި ހުރަސްތައް ގިރާކުރުމުގައި، އެ ކުއްޖެއްގެ ފެންވަރުން މަސައްކަތް ކުރުމުގެ އާދަ ހަރުލެއްވުން ކަމަށް ވިދާޅުވެ ރައީސް ވަނީ، ރާއްޖެ އާއި ދުނިޔޭގެ މިހާރުގެ ހާލަތަށް ބަލާއިރު، ދަރިވަރުން ހާއްސަ ސަމާލުކަމެއް ދޭން ޖެހޭ ވަރަށް މުހިންމު ދެ ދާއިރާއެއް އެބައޮތް ކަމަށް ވިދާޅުވެފަ އެވެ.

އެއީ، އެ މަނިކުފާނު ވިދާޅުވި ގޮތުގައި:

  • 1-

    ތިމާވެށި ހިމާޔަތްކުރުން

  • 2-

    އިގްތިސޯދުކުރުން

އެ މަނިކުފާނު ވިދާޅުވީ ޕްލާސްޓިކް ބޭނުންކުރުން ހުއްޓާލުމާއި ކަރުދާސް އިސްރާފުކުރާ މިންވަރު މަދުކުރުމަކީ ދަރިވަރުންގެ އަމިއްލަ ފެންވަރުގައި ވެސް ކުރެވޭނެ ވަރަށް މުހިންމު ކަންތައްތައް ކަމަށާއި، ކިޔެވުމުގެ ކޮންމެ ކަމެއް ވެސް ތިމާވެއްޓާ ރައްޓެހި އާދަތަކެއްގެ މަތީގައި ބައްޓަންކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގައި ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން. (ފޮޓޯ/ރައީސް އޮފީސް)

ހަމަ އެއާ އެކު، ބޭކާރު ހަރަދުތައް ނުކުރުމާ އެކު، ކުރަން ޖެހޭ ކޮންމެ ކަމެއް ވެސް އެންމެ ހަރަދު ކުޑަ ގޮތަކަށް ކުރުމަކީ، ސްކޫލް މާހައުލުން ވެސް ކުދިންނަށް އުނގަންނައިދޭނެ އަދި ދިރިއުޅުމުގައި ނުހަނު ބޭނުން ހިފޭނެ މުހިންމު ފިލާވަޅެއް ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް މިއަދު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން، ސަރުކާރުން މަގު ކޮށައިދެނީ ހަމައެކަނި ދަރިވަރުންނަށް ނޫން ކަމަށާއި، ޓީޗަރުންނަށް ވެސް ރަނގަޅު ގޮތްތައް ހޯދައިދީ ސްކޫލުތަކުގެ އުމްރާނީ ތަރައްގީއަށް ވެސް ގިނަ ކަންތައްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ބުނީ ކީކޭ؟ - "ހަމަ އެފަދައިން، ޓީޗަރުންނާއި މުދައްރިސުންގެ އިލްމީ ގާބިލުކަން އިތުރުކޮށް، ޓީޗަރުންގެ ފެންވަރު މަތިކުރުމަށް ވެސް މުހިންމު މަސައްކަތްތަކެއް އެބަ ކުރެވޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އެފަދަ ކަންކަމުގެ ސަބަބުން، ކިޔަވައިދިނުމުގެ ދާއިރާއާ މެދު ޝައުގުވެރިކަން އިތުރުވެ، ފެންވަރު ރަނގަޅު ޓީޗަރުން ލިބުން ފަސޭހަވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އޭރުން، ދަރިވަރުންނަށް ދޭ ތައުލީމުގެ ފެންވަރު މަތިވެ، އިލްމީ ގޮތުން ކުރިއަރާފައިވާ ޒުވާން ޖީލެއް އުފެއްދުމަށް ކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ ވަރަށް އަވަހަށް ފެންނަން ފަށާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

އިސްލާމީ އަދަބު އަހުލާގުގައި ހިފަހައްޓަން ރައީސްގެ ނަސޭހަތެއް

ރައީސް ސޯލިހު މިއަދު ވިދާޅުވީ ކޮންމެ ކަމެއްގައި ވެސް އެންމެ ރިވެތި ނަމޫނާއެއް ފެންނަން އޮތީ، އިސްލާމީ އަދަބު އަހުލާގުގެ ތެރެއިން ކަމަށެވެ. އެހެން މީހުންނަށް އޯގާތެރިވެ، އިހްތިރާމު ކުރުމަކީ އެ މީހުންގެ ލޯތްބާއި އެހީތެރިކަން ލިބޭނެ ކަމެއް ކަމުގައި ރައީސް ހަނދާން ކޮށްދެއްވި އެވެ.

ދިރާސީ އާ އަހަރު ފެށުމުގެ ގޮތުން އަމީނިއްޔާ ސްކޫލްގައި ބޭއްވެވި ހާއްސަ އެސެމްބްލީގައި ރައީސް ސޯލިހު ބައިވެރިވެވަޑައިގަތުން. (ފޮޓޯ/ރައީސް އޮފީސް)

އޭގެ އިތުރުން، ސްކޫލްގެ ކޮންމެ ކުއްޖަކީ ވެސް އެއްބަނޑު އެއްބަފާ ކުދިން ކަމުގައި ދެކި، ހިތްހެޔޮކަމާ އެކު އެ ކުދިންނާ މުއާމަލާތު ކުރުމަށް ވެސް ރައީސް އިލްތިމާސްކުރެއްވި އެވެ.

"މި ފެށޭ ދިރާސީ އަހަރު، ތިޔަ ކުދިންގެ އަޒުމަކަށް ހަދަންވީ، ކޮންމެ ދުވަހަކު ވެސް، ސްކޫލްގެ އެހެން ކޮންމެވެސް ކުއްޖަކަށް ކިތަންމެ ކުޑަ ކަމެއްގައި ވިޔަސް އެހީތެރިކަމެއް ފޯރުކޮށްދިނުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ އޭރުން ސްކޫލަކީ ކޮންމެ ކުއްޖަކަށް ވެސް އުފާވެރިކަމާއި ހިނިތުންވުން ގެނެސްދޭ މާހައުލަކަށް ވެގެންދާނެ ކަމަށެވެ.

އެފަދަ ކަންކަމުގައި ދަރިވަރުންނަށް އިލްތިމާސް ކުރާއިރު، އެ ކަމުގައި ބެލެނިވެރިންނާއި މުދައްރިސުން އަމަލީ ގޮތުން ނަމޫނާ ދެއްކެވެމުން ވެސް ރައީސް އިލްތިމާސްކުރެއްވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް