ވާހަކަ: ކަތި ފިޔަވަޅު

ވާހަކަ

ވާހަކަ: ކަތި ފިޔަވަޅު

ސާނިޔާއަށް ތޯރިގު ކުރަހައިދީފައި އޮތީ ވަރަށް އަރާމު ދިރިއުޅުމެއްގެ ތަސްވީރެވެ. މުއްސަނދިކަމާއި ފަސޭހަ ކަމެވެ. މާލެ ގެނެސް ސާނިޔާ ވެއްދީ އެ ތަސްވީރާ މުޅިން ތަފާތު ތަނަކަށެވެ.
6 ޖޫން 2022

އެޕިސޯޑް 09

ސާނިޔާއަށް ކުރިއަށް އެންމެ ފިޔަވަޅެއް ވެސް ނޭޅުނެވެ. ހައިރާންވެފައި ބަލަހައްޓައިގެން ހުރެވުނީ އެވެ.

މައި ދޮރު ހުޅުވާލުމާއެކު މޭނުބައިކޮށް އޯކަށް ދެމެވޭ ގޮތްވި އެވެ. ނޭފަތުގައި ޖެހުނު ވަހަކުންނެވެ. ތަންކޮޅު ހަމައެކަނި ކުޑައީކީ އެކަންޏެއް ނޫނެވެ. ތަން ހަޑިވެފައި އެހާމެ މުޑުދާރެވެ. ތޯރިގުގެ ފަހަތުން ސާނިޔާ މަޑުމަޑުން އެތެރެއަށް ވަނެވެ. ވަންނަން ޖެހުނީ ފަހަރަކު މީހަކަށް ހިނގޭވަރުގެ ހިމަ ގޯޅި ކޮޅަކުންނެވެ. އަޒްނާ އޮތީ ސާނިޔާގެ ކޮނޑުގައި ބޯ އަޅާލައިގެން ނިދާފަ އެވެ.

އެތެރެއަށް ވަން ވަރަކަށް ތަނުގެ ނުތާހިރުކަން ފެންނަމުން ދިޔައެވެ. ހިނގަމުން ގޮސް ކުޑަކުޑަ ކޮޓަރިގަނޑަކަށް ވަނެވެ. ކޮޓަރީގެ ބިތް ހަދާފައި ހުރީ ފިލާއިންނެވެ. ރާނާފައި ހުރީ ހަމައެކަނި ބަދިގެއަށް ވީ ކުޑަ ތަންކޮޅުގެ ފާރު އެކަންޏެވެ. ވަން ކޮޓަރީގައި އޮތީ ތަރުފާލުގަނޑެއް އަޅާފައެވެ. ވެލި ގިނަ ކަމުން ފައި ޖައްސާލަން ނުކެރޭވަރު ވެ އެވެ. ހީވަނީ ފައިވާނާއެކު ހިނގާ ހަޑިކޮށްފައި އޮތް ތަނެއްހެންނެވެ. ސާނިޔާއަށް ހަޅޭއްލަވައި ގަނެވުނީ ކުރައްޕެއް ފެނުމުންނެވެ. ތޯރިގު ގޮސް ފައިން އަރާފައި އޭތި މަރާލި އެވެ. ތަނަށް ވެރިވެފައި ވަނީ ތެތް އެއްޗެހި ނުހިކި ގިނަ ދުވަސް ވުމުން ދުވާ ކަހަލަ ކަންމުޑު ވަހެކެވެ. ސާނިޔާގެ ލޮލުގައި އަޅައިގަތީ ތުނި ވެފައިވާ ގޮދަނޑިއެކެވެ. ރޯނު ފޯއްޔެއްހެން އޮޅިފައިވާ ބެޑްޝީޓެއް އޭގެ މަތީގައި އޮތެވެ. ބެޑްޝީޓް މަތީގައި އޮތް ބާލީހުގެ ކުލަ ކިޔައިދޭކަށް ސާނިޔާއަކަށް ނޭނގެ އެވެ. އެހާ ވެސް ކުލަ ހަޑިއެވެ. ގޮދަޑިއާ ދާދި ކައިރީގައި މުށިކުލަ އަރާފައިވާ ދެތިން އިސްޓާކީނު ވެސް އޮތެވެ. އެ ކަހަލަ ތަނަކަށް ވަދެވުމުން ސާނިޔާ ނޭވާ ހާސް ނުވީ ކިރިޔާ އެވެ. ވަށައިގެން މުޅި ކޮޓަރިއަށް ބަލަމުން ގޮސް ތޯރިގުގެ މޫނަށް ނަޒަރު ހުއްޓާލި އެވެ.

"މިއީ ކޮންތަނެއް؟" ސާނިޔާއަށް ނުހުރެވިގެން އަހާލި އެވެ.

"އަހަރެންގެ ގެ. މައިންބަފައިންގެ ގެއިން ބަހާފައި ލިބުނު ތަންކޮޅު މިއީ،" ތޯރިގުއަށް އެހެން ބުނަން ކެރުނީތީ ސާނިޔާ ހައިރާންވި އެވެ. ސާނިޔާ ގާތުގައި ދެއްކުނު ވާހަކަތައް ތޯރިގު ހަނދާން ނެތުނީ ހެއްޔެވެ؟ އެ ފަދަ ބޮޑު އޮޅުވާލުމެއް އޮޅުވާލަން ކެރުނީތީ ސާނިޔާ ހުރީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ. އެކަމަކު މިއަދު އެ ސުވާލު ކުރުމުގެ ބޭނުމެއް ނެތެވެ. ތޯރިގަކީ ފިރިމީހާ އެވެ. ދެއްކި ތަނެއްގައި އުޅުން ނޫން ދެން އޮތީ ކޮން ގޮތެއް ހެއްޔެވެ؟ ދަރިން ލިބި، ދިރިއުޅުން މި ހިސާބަށް ދިޔަ އިރު ވެސް ތޯރިގު އެފަދަ ކަންކަން ސިއްރު ކޮށްފައި ހުރެދާނެ ކަމަށް ސާނިޔާ ހީ ވެސް ނުކުރެ އެވެ.

"މިއީ އަހަރުމެން ނިދާ ކޮޓަރި. މިތަނާ ޖެހިގެން ހުންނާނެ އަދި ކޮޓަރިއެއް. އެތަނުގައި އުޅޭނީ އަހަރެންގެ ރައްޓެއްސެއް. އެކަމަކު ކުއްޔަށް. އޭނަ ދޭނެ ކޮންމެ މަހަކު 500ރ.،" ތޯރިގު ހިތުން އެއީ ބޮޑު އެއްޗެކެވެ. ސާނިޔާ ހުރީ ހިތްހަމަނުޖެހިފަ އެވެ.

"ދެން މިތާ ބޭރުގައި ހުންނާނެ ފާހާނާ. ދެންމެ ވަދެގެން އައި އިރު ފެނުނު ދޯ ބަދިގެ،" ސާނިޔާއަށް ދޯ ދެމުން ތޯރިގު ބުންޏެވެ. ސާނިޔާ އެތަނުން ނުކުމެ ކައިރީގައި ހުރި ގޮނޑިއެއްގައި އަޒްނާ ބޭންދިއެވެ. އަދި ފާހާނާއަށް ދިޔުމަށް ހިނގައިގަތެވެ.

ފާހާނާގެ ދޮރު ހުޅުވާލުމާއެކު އަނގަމަތީގައި އަތް އެޅުނެވެ. މިއިން ޒަމާނަކު ވެސް އެތަން ސާފުކޮށްލާފައި ނެތެވެ. ހުދު މުށިތަކުގައި ވަނީ ކިލާކުލައާއި އަޅި ކުލައެވެ. އިސްތަށްޓާއި ވެލި ވެސް އެހާ ގިނައެވެ. ދުވި ވަހެއް ބުނަން ވެސް ނޭނގުނެވެ.

"މިގޭ ވަޅުގައި ވަރަށް ނުބައި ވަސް ދުވާނެ. މިހާރު މާލެ ފެން ވަރަށް ލޮނު ވެއްޖެއެއްނު،" ސާނިޔާ އަނގަ މަތީގައި އަތް އަޅައިގެން ހުރި މަންޒަރު ފެނުމުން ތޯރިގު ބުންޏެވެ. ސާނިޔާ ހުރީ ކުޑަކަމުދާން ބޭނުންވެފަ އެވެ. ނަމަވެސް ފެނުނުތަނުގެ މުޑުދާރު ކަމުން ކުރިއަށް އެންމެ ފިޔަވަޅެއް ވެސް އަޅަން ނުކެރުނެވެ.

ރޭގަނޑުގެ ނިދިން މަހުރޫމް ވެފައި އޮތީ ސާނިޔާ އެވެ. ސާނިޔާ އޮތީ ގޮދަޑީގަ އެވެ. ކައިރީގައި އަޒްނާ ނިދާފައި އޮތެވެ. ތޯރިގު އޮތީ ތަރުފާލުގަނޑުގެ މަތީގަ އެވެ. ތަނުގެ ތެރޭގައި ދުވާ ވަހުން ސާނިޔާއަށް ނިންޖެއް ނާދެ އެވެ. ދިރިއުޅުމުގައި އެޅުނު ކަތި ފިޔަވަޅުގެ ސަބަބުން ވިސްނެނީ އެވެ. ވިސްނާނުލައި ކުރެވުނު ކަންތަކުގެ ސަބަބުން ދެން ވާނީ ކިހިނެއް ކަމެއް ނޭނގޭތީ އެވެ. ސާނިޔާ ހިތަށް އެރިއެވެ. ތޯރިގުއާ ސުވާލު ކުރަންވީބާ އެވެ. ދެވަނަ ސިކުންތުގައި ހިތް ބުންޏެވެ. ސުވާލު ކުރުމަކުން ވާނެ ފައިދާއެއް ނެތެވެ. ކައިވެނި ކުރެވިއްޖެ އެވެ. އެއް ދަރި ލިބި އަނެއް ދަރިއަކު ލިބެން ތައްޔާރު ވަނީ އެވެ. މިއީ ތަގުދީރޭ ހިތަށް އަރާފައި ކެތްކުރަން ވީ އެވެ. އެ ފަދަ ހިޔާލު ތަކެއްގައި އޮއްވައި ނިދުނީ ކިހާ އިރަކު ކަމެއް ނޭނގެ އެވެ.

"ކޯއްޗެއް ސައި ބޯން ހެދީ؟" ބަދިގޭގައި ހުރި ގޮނޑިއެއްގައި އިން ސާނިޔާ ގާތުގައި ތޯރިގު އެހި އެވެ. ތޯރިގު އޭރު ވެސް އާ ފުރެނީއެވެ. ގަޑިން އޭރު ހެނދުނު 10:30 ވެއްޖެ އެވެ.

"ސައި ހެދޭނީ ބަދިގޭގައި އެއްޗެހި ހުރެގެން ދޯ؟ މިތަނުގައި ނެތް އެއްވެސް އެއްޗެއް،" ސާނިޔާ އިސްއުފުލާ ބަލައި ވެސް ނުލާ ބުންޏެވެ. "އެހެން ނޫނަސް މަށަކަށް ނޭނގެ ކައްކާހަދާކަށް. މަ ދުވަހަކު ވެސް ކުރި ކަންކަމެއް ނޫން އެއީ"

"އޭނ؟ ކައްކާކަށް ނޭނގެއޭ. ތިއީ އަންހެނެއްތަ؟ މިއޮއް ފަދަ ޒަމާނުގައި ކައްކަން ނޭނގޭ އަންހެނެއް އުޅޭތަ؟" ލޯ އުނގުޅަމުން ފޫހިވެފައި ހުރެ ތޯރިގު ބުންޏެވެ. ސާނިޔާ ހައިރާންވީ ތޯރިގު ވާހަކަ ދެއްކި ގޮތުންނެވެ. ދުވަހަކު ވެސް އެފަދަ ގޮތަކަށް ވާހަކަ ނުދައްކާ ތޯރިގުގެ ހަގީގީ ކުލަވަރު ފެންނަން ފެށުމުންނެވެ.

"އަހަރެން އެބަ އަންނަން ސައި ހަދާނެ ބައެއް އެއްޗެހި ގަނެގެން،" ތޯރިގު މިހެން ބުނެފައި ގެއިން ނުކުތެވެ. ސާނިޔާ އިނީ ބުނާނެ އެއްޗެއް ނޭނގިފަ އެވެ.

ފިރިއަކާއި ދަރިއަކު ހުރި ނަމަވެސް ސާނިޔާއަށް ފަޅުކަން އިހުސާސް ކުރެވެން ފެށި އެވެ. އޯގާތެރި ފިރިއެއްގެ އޯގާތެރިކަމާއި އަޅާލުން ބޭނުންވި އެވެ. ތޯރިގު އަބަދު ވެސް ގާތުގައި ހުންނަން ބޭނުންވި އެވެ. ގޭތެރޭގެ ކަންކަމުގައި ފިރިއެއްގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވި އެވެ. މިއީ ދުވަހަކުވެސް ސާނިޔާއަށް ކުރެވުނު އިހުސާސްތަކެއް ނޫނެވެ. ނަމަވެސް މިއަދު ތަފާތެވެ.

ސާނިޔާ ބޭނުންވީ ގޭތެރެ ފޮޅައި ސާފު ކުރާށެވެ. އެއްޗެހިތައް ތަރުތީބުކުރާށެވެ. އެކަމަކު އެ ހިތްވަރެއް ނުލިބުނެވެ. ވިހަން އެހާ ކައިރިވެފައި ހުއްޓައި އެކަހަލަ ބުރަ ކަންކަން ނުކުރެވޭނެކަން ޚުދު ސާނިޔާ ވެސް ގަބޫލު ކުރިއެވެ. ވުމާ އެކު ތޯރިގު ގާތުގައި އެ ވާހަކަ ބުންޏެވެ.

"ތޯރިގު. ހިނގާ ގޭތެރެ ކުޑަކޮށް ތަރުތީބު ކޮށްލަން،" ފިނި ގޮތަކަށް އެހެން ބުނީ ތޯރިގު ރުޅި އައިސް ދާނެތީ އެވެ.

"މަށަކަށް ވަގުތެއް ނެތް،" ތޯރިގު ހިތްހަމަ ނުޖެހިފައި ބުންޏެވެ.

"އަހަރެން ބޭނުމެއް ނޫން ދުވަހަކު ވެސް ތޯރިގުއާ ޒުވާބު ކުރާކަށް. އެކަމަކު ކީއްވެ އަސްލު ތޯރިގު އަހަރެންނަށް އޮޅުވާލީ؟" ނުކުރަން ހިތުއަޅައިގެން ހުރި ސުވާލު ސާނިޔާ ކުރި އެވެ.

"ކޮން ކަމެއް އޮޅުވާލީތަ؟" ތޯރިގު ގާތަށް ރުޅިއަ އެވެ.

"ތޯރިގުގެ އުޅުމާއި ފެންވަރާއި ހައިސިއްޔަތު،" ރުންކުރުވެފައި ސާނިޔާ ބުންޏެވެ. ހަގީގަތުގައި ކެތްކުރާކަށް ސާނިޔާ ބޭނުމެއް ނޫނެވެ. އެ ވަގުތު ސާނިޔާ ބޭނުންވީ އަސްލު ސަބަބެވެ.

"އަހަރެން ބޭނުންވީ ފަސޭހަ ދިރިއުޅުމެއް. އަހަރެންނަށް ސާނިޔާގެ ހުރިހާ ކަމެއް ކިޔާ ދިނީމެއްނު. ސާނިޔާގެ މައިންބަފައިންގެ ފެންވަރާއި ކަންކަން އޮތް ގޮތް. އެހެންވެ އަހަރެން ހިތަށް އެރީ ސާނިޔާއާ ކައިވެނި ކުރަން. އަހަރެންނަށް އެނގޭ އަހަރެން ހަރަދު ނުކުރިޔަސް ސާނިޔާގެ ބައްޕަމެން ހަރަދު ކުރާނެކަން،" ތޯރިގު އެއްވެސް ޖެހިލުމެއްނެތި ކިޔައިދިނެވެ. ސާނިޔާ އިނީ ބަސް ހުއްޓިފަ އެވެ. ލޮލުގައި ހިފެހެއްޓެމުން ދިޔަ ކަރުނަ އެއްވެސް އިހުތިޔާރަކާނުލައި ފައިބައިގަތެވެ. ސާނިޔާ ކޮޅަށް ތެދުވި އެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

އިތުރު އާޓިކަލް

އިތުރު އާޓިކަލް