މާލޭ މަގުމަތީގައި މާސްކު ނާޅާ މީހަކު ދުއްވާފައި ދަނީ: މާސްކު އެޅުން މިހާރު މަޖުބޫރެއް ނޫން. (ދައުރު ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް)

ކޮވިޑް-19

މާލޭގެ ކޮވިޑް ކޭސްތައް ވަރަށް ބޮޑަށް ދަށަށް: މިދިޔަ ހަފްތާގައި ޕޮޒިޓިވްވީ 72 މީހުން

މިދިޔަ ހަފްތާގައި ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 665 މީހުން
4 އޭޕްރީލު 2022

ރާއްޖޭގައި އިއުލާނުކޮށްފައި އޮތް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ މަހުގެ މެދުތެރޭގައި އުވާލައި އާންމު ހާލަތަަކަށް ރުޖޫއުވާން ފެށުމާ އެކު ކޮވިޑް-19އަށް ޓެސްޓު ކުރާ މިންވަރު ދަށްވުމުން މާލޭ ސަރަހައްދުގެ ކޮވިޑް ކޭސްތަކުގެ އަދަދު ވަރަށް ބޮޑަށް ދަށަށް ހިނގައްޖެ އެވެ.

ވީ ކިހިނެއް؟ - ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިއަދު ވަނީ މިދިޔަ ހަފްތާގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތަފާސްހިސާބުތައް އާންމުކޮށްފަ އެވެ. ކުރިން ކޮންމެ ދުވަހަކު ކޮވިޑްގެ ތަފާސްހިސާބުތައް އާންމު ކުރަމުން ދިޔަ ނަމަވެސް، މިހާރު އެޗްޕީއޭއިން ތަފާސްހިސާބުތައް އާންމު ކުރަނީ ހަފްތާއަކު އެއް ފަހަރު އެވެ.

އެޗްޕީއޭއިން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މާޗު 27އިން މިދިޔަ ހޮނިހިރު ދުވަހުގެ ނިޔަލަށް ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވެފައި ވަނީ ޖުމްލަ 665 މީހުންނެވެ. އެއީ:

  • މާލެ ސަރަހައްދުން: 72 މީހުން

  • އަތޮޅުތެރެއިން: 481 މީހުން

މާލޭ ސަރަހައްދުގައި ކޮވިޑަށް ޓެސްޓު ކުރާ މިންވަރު ދަށްވެފައި ވާއިރު، ކޭސްތައް ވެސް ވަނީ ވަރަށް ބޮޑަށް ވެއްޓިފަ އެވެ. އެގޮތުން، މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހޮނިހިރު ދުވަހާ ހަމައަށް ދުވާލަކު ކޮވިޑަށް ޕޮޒިޓިވްވީ އަދަދު ހުރީ 10އިން ދަށުގަ އެވެ.

ނަމަވެސް، މިދިޔަ ހަފްތާގައި މާލޭ ސަރަހައްދުން ނެގި ސާމްޕަލްތަކުގެ އަދަދާއި ޕޮޒިޓިވިޓީ ރޭޓު އެޗްޕީއޭއިން މިއަދު އާންމުކޮށްފައެއް ނުވެ އެވެ.

27 މާޗުން 4 އޭޕްރިލްއާ ދެމެދު މާލެ ސަރަހައްދުން ފެނުނު ކޮވިޑް ކޭސްތަކުގެ ތަފާސްހިސާބުތައް.
27 މާޗުން 4 އޭޕްރިލްއާ ދެމެދު އަތޮޅުތެރެއިން ފެނުނު ކޮވިޑް ކޭސްތަކުގެ ތަފާސްހިސާބުތައް.

މިދިޔަ ހަފްތާގައި އެއްވެސް މީހަކު ކޮވިޑް ޖެހިގެން މަރުވެފައެއް ނުވެ އެވެ. ރާއްޖޭން ކޮވިޑް ފެނުނު ފަހުން ބަލީގައި މިހާތަނަށް މަރުވެފައި ވަނީ 298 މީހުންނެވެ.

ވެކްސިން ޖެހި މީހުންގެ އަދަދުތައް:

  • ފުރަތަމަ ޑޯޒު - 398،525 މީހުން (ވެކްސިން ޖެހޭ އާބާދީިގެ %88.01)

  • ދެ ވަނަ ޑޯޒު - 383،768 މީހުން (ވެކްސިން ޖެހޭ އާބާދީިގެ %84.74)

  • ބޫސްޓާ ޑޯޒު - 156،846 މީހުން(ވެކްސިން ޖެހޭ އާބާދީިގެ %34.64)

އެނގުން މުހިންމު - މި އަހަރުގެ ކުރީކޮޅު ކޮވިޑް ކޭސްތައް ނިސްބަތުން މަދުވުމާ އެކު، ދެ އަހަރު ވަންދެން އިތުރުކުރަމުން ދިޔަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު މިދިޔަ މަހުގެ 13ގައި އުވާލައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަނީ ލުއިކޮށްފަ އެވެ.

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމާ އެކު، މާސްކު އެޅުން ފަދަ ފިޔަވަޅުތައް ވެސް ވަނީ އުވާލައިފަ އެވެ. އަދި އާންމު ތަންތަނުގައި ތިން މީހުންނަށް ވުރެ ގިނައިން އެއްވެ އުޅުން މަނާ ކުރުން ފަދަ ފިޔަވަޅުތައް ވެސް އުވާލައި ކުޅިވަރުގެ ހަރަކާތްތައް ވެސް ވަނީ އަލުން ފަށައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް