ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ވާހަކަފުޅު ދައްކަވަނީ. (ފޮޓޯ/ޕީޕީއެމް)

ރާއްޖެ-އިންޑިއާ

ޔާމީން ސިފަކުރެއްވީ މިހާރު އިންޑިއާ އާއި ނާޒީންގެ އަމަލުތަކާ މާ ބޮޑު ތަފާތެއް ނެތް ކަމަށް

ޔާމީން ވިދާޅުވީ މީގެ ކުރިން ވަކި ނަސްލެއް ނައްތާލަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާފައި ހުރި ޖަރީމާތަކުގެ ހުރިހާ ސިފަތަކެއް މިހާރު އިންޑިއާގައި އެބަހުރި ކަމަށް

އިންޑިއާގެ ހަރުކަށި ހިންދޫން މުސްލިމުންނަށް ކުރަމުންދާ އަނިޔާ އާއި ފުރައްސާރަ އަކީ އިއްތިފާގެއް ނޫން ކަމަށާއި މި އަމަލުތައް އެންމެ އެއް ގޮތް ކުރަނީ ނާޒީ ޖަރުމަނުންގެ އަމަލުތަކާ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ކޯލިޝަންގެ ރައީސް، އަބްދު ﷲ ޔާމީން ވިދާޅުވެއްޖެ އެވެ. 

ހިންދުތުވާ އަކީ ސިޔާސީ ހަރަކާތެއް، 'ރާޝްތުރާ'އެއް ބިނާކުރުން. ހިންދުސްތާނުގައި އުޅެންވާނީ ހަމައެކަނި ހިންދޫން ކަމަށް ގަބޫލުކުރާ ފަލްސަފާއެއް

ރައީސް ޔާމީން

ވީ ކިހިނެއް؟ - އިންޑިއާގެ ވެރިކަން ކުރާ ޕާޓީ ބީޖޭޕީއިން ރަސޫލާއަށް ފުރައްސާރަ ކުރުމާ ގުޅިގެން އެކަމާ ދެކޮޅަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ރޭ ކާނިވާ ސަރަހައްދުގައި 'ނަބިއްޔާގެ ދިފާއުގައި'ގެ ނަމުގައި ވަނީ ޖަލްސާއެއް ބާއްވައިފަ އެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން 'މަގޭ ނަބިއްޔާ'ގެ ނަމުގައި ރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ. (ފޮޓޯ/ޕީޕީއެމް)

ބުނީ ކީކޭ؟ - އެ ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ބީޖޭޕީއިން ރަސޫލާއަށް ފުރައްސާރަ ކުރުމަކީ އިއްތިފާގެއް ކަމަށް ދައްކަން އުޅެފާނެ ކަމަށާއި އެހެން ނަމަވެސް އެއީ އިއްތިފާގެއް ނޫން ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި މިއީ 1923 ވަނަ އަހަރު އިންޑިއާގެ އުފެދުނު ޕޮލިޓިކަލް މޫވްމަންޓު 'ހިންދުތުވާ'ގައި ހިމެނޭ، ހިންދުތުވާއަށް ތާއީދުކުރާ ބަޔަކު ގަސްތުގައި ކުރި ކަމެއް ކަމަށެވެ. ހިންދޫންގެ ފާޑުކިޔުން ވެސް ހިންދުތުވާއަށް އަމާޒުވިކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ، ހިންދޫ ދީނަކީ އަސްލުން އަސްލަށް އަދި އަކުރުން އަކުރަށް ހިންދުތުވާއެއް ނޫން ކަމަށެވެ.

"ހިންދުތުވާ އަކީ ސިޔާސީ ހަރަކާތެއް، 'ރާޝްތުރާ'އެއް ބިނާކުރުން. ހިންދުސްތާނުގައި އުޅެންވާނީ ހަމައެކަނި ހިންދޫން ކަމަށް ގަބޫލުކުރާ ފަލްސަފާއެއް،" ޔާމީން ވިދާޅުވި އެވެ.

"މިއީ ޒަޔަނިޒަމް އުފެދިގެން އައި ގޮތް. ސަހުޔުނުންގެ އަމަލުތައް އޭގެ ފަހުން ބައްޓަންވެގެންދިޔަ ގޮތް. މިއީ ނާޒީ ޖާމަނީގައި، ޖަރުމަނުގައި ތިބި ޖަރުމަން މީހުންނަކީ އެންމެ ސުޕްރީމަސިސްޓް، އެންމެ ވަރުގަދަ، އެންމެ ތާހިރު، އެންމެ ގާބިލު ހަމަ އެ މީހުން ނޫން އެހެން ބަޔަކަށް ޖާގަ ލިބިގެން ނުވާނެ ކަމަށް ގަބޫލުކުރި ސުޕްރީމެސިސްޓް، ރޭސިސްޓް، އެންޓި ޑިމޮކްރެޓިކް، ނާސިސްޓް، ފެސިސްޓް އުސޫލުތަކެއް."

ތަފްސީލު - ޔާމީން ވިދާޅުވީ އެ އުސޫލުތަކަށް ބައިވަރު ނަންއިތުރުތައް އެބަހުރި ކަމަށާއި އެ ހުރިހާ ކަމަކަށް ވެސް އިންޑިއާއިން މިހާރު ގެންގުޅޭ އުސޫލުތައް ފެތޭ ކަމަށެވެ.

އެހެން ނަމަވެސް އެމަނިކުފާނު ވިދާޅުވީ އިންޑިއާއިން ކުރިން ގެންގުޅުނު ފަލްސަފާ ވަރަށް ތަފާތު ކަމަށެވެ. އެގޮތުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ދުވަސްވަރު ދުނިޔެ އޮތީ ސިޔާސީ ގޮތުންނާއި ހަނގުރާމައިގެ ގޮތުން އަަދި އައިޑިއޮލޮޖީގެ ގޮތުން ދެކަފިވެފައިކަން ފާހަގަކުރައްވައި ޔާމީން ވިދާޅުވީ އޭރު އިންޑިއާ އޮތީ 'ނޮން އެލައިންޑް' ނުވަތަ ވަކި ފަރާތަކަށް ނުޖެހޭ ގައުމެއްގެ ގޮތުގައި ކަމަށެވެ.

"އިންޑިއާއަކީ [އޭރު] ނޮން-އެލައިންޑް މޫވްމަންޓުގެ ލީޑަރެއް. ފައުންޑަރެއް. މިއަދު ކިހިނެއްތޯ މިވީ. ހުރިހާ ކަމެއް މި ދޫކޮށްލީ،" ޔާމީން ވިދާޅުވި އެވެ.

"އެންމެ ވަރުގަދައަށް އަރަބި، އިސްލާމުންނާ އެކީ ފަލަސްތީނުގެ ހައްގުގައި ވަކާލާތު ކުރި ބައެއް އިންޑިއާ ނޮން އެލައިންޑް މޫވްމަންޓުގެ ލީޑަރުގެ ގޮތުގައި އޮތް އިރު. އެކަމަކު އެހިސާބުން އެކަން ވެސް ހުއްޓުނީ. ހުއްޓިފައި މިއަދު އިންޑިއާގެ އެންމެ ގާތް އަހުންގެ ގޮތުގައި އިސްރާއީލް އިހުތިޔާރުކޮށްފައި އެ އޮތީ،"

އިންޑިއާގައި ހިންދުތުވާގެ ފިކުރު ގާއިމުކުރަން އެންމެ ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަނީ، ބީޖޭޕީއިން ގާތް ގުޅުންތަކެއް ބާއްވާ ކަމަށް ބުނާ އާރުއެސްއެސް ޖަމިއްޔާއިންނެވެ. މިއީ ފަހަކާ ޖެހެންދެން މާ ބޮޑު ބާރެއް އޮތް ޖަމިއްޔާއެއް ނޫން ނަމަވެސް، ޔާމީން ވިދާޅުވީ ފަހަކަށް އައިސް އިންޑިއާގައި ހިނގާ ހުރިހާ ދާހިލީ ހަމަނުޖެހުންތަކުގެ ތެރޭގައި އާރުއެސްއެސް ހަރަކާތްތެރިވެފައިވާ ކަމަށެވެ.

"މި ކުރާ ކަމަކީ ނާޒީ ޖާމަނީ ވެސް ކުރި ކަންތައް. ފޭސިސް މުސަލީނީގެ އިޓަލީ ވެސް ކުރި ކަންތައް. އަދި މި ކުރި ކަމަކީ އެމެރިކާގެ ވައިޓް ސުޕްރީމަސިސްޓުން ވެސް ކުރި ކަންތައްތައް." ޔާމީން ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް