Majlis 2024

ފީފާ ވޯލްޑް ކަޕްގައި ޖަޕާނާއި ކްރޮއޭޝިއާ މިރޭ ބައްދަލުކުރި މެޗުގެ ތެރެއިން.

ޕެނަލްޓީގައި ޖަޕާނަށް ބަދުނަސީބު؛ ކްރޮއޭޝިއާ ކުއާޓާއަށް

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގައި ވެސް ނަތީޖާ ވަކި ކޮޅެއްގައި ނުޖެއްސުމުން، ނަތީޖާ ނެރެން ޖެހުނީ ހާސްކަން ބޮޑު ޕެނަލްޓީ ޝޫޓްއައުޓްގައި
5 ޑިސެމްބަރު 2022

ވޯލްޑް ކަޕްގެ ޗެމްޕިއަނުންގެ ތެރޭގައި ހިމެނޭ ސްޕެއިން އާއި ޖަރުމަނު ބަލިކުރި ޖަޕާން، ގަދަ 16ގައި ޕެނަލްޓީ ޖަހައިގެން ހިތްދަތި ގޮތަކަށް ކްރޮއޭޝިއާ އަތުން މިރޭ ބަލިވެއްޖެ އެވެ.

ގަތަރު ވޯލްޑް ކަޕްގެ ގަދަ 16އަށް ޖަޕާން ކޮލިފައިވީ މުޅި ދުނިޔެ ހައިރާންކޮށްލުމަށް ފަހު ގްރޫޕް އީގެ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. އެއީ ކުރީގެ ޗެމްޕިއަން ސްޕެއިން ފަހަތަށް ޖައްސާލައި ޖަރުމަނު މުބާރާތުން ވެސް ކަޓުވާލުމަށް ފަހު އެވެ.

ގަދަ 16ގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ފުރަތަމަ ހާފު ނިމެން ދަނިކޮށް ގޯލެއް ޖަހައި މެޗުގެ ލީޑު ނެގީ ޖަޕާނުންނެވެ. އެއީ ފުރަތަމަ ހާފުގައި ޖަޕާނުން އުފެއްދި ތިން ހަމަލާގެ ތެރެއިން ގޯލާ އަމާޒުވި ހަމައެކަނި ހަމަލާ އެވެ.

ޖަޕާނުން ލަނޑު ޖެހުމަށް ފަހު އުފާ ފާޅުކުރަނީ.

ނަމަވެސް، މެޗުގެ 55 ވަނަ މިނެޓުގައި ކްރޮއޭޝިއާ އިން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. ލިބުނު ހިލޭ ޖެހުމަކުން ތަނަވަސްވި ފުރުސަތުގައި ކްރޮއޭޝިއާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޕެރިސިޗް ބޮލުން ޖަހައި ފޮނުވާލި ބާރު ހަމަލާ ޖަޕާނުގެ ކީޕަރަށް ހުއްޓުވޭ ގޮތެއް ނުވި އެވެ.

ކްރޮއޭޝިއާގެ ތަޖުރިބާކާރު ކުޅުންތެރިޔާ ޕެރިސިޗް ބޮލުން ޖެހި ގޯލު.

މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގައި ވެސް ނަތީޖާ ވަކި ކޮޅެއްގައި ނުޖެއްސުމުން، ނަތީޖާ ނެރެން ޖެހުނީ ހާސްކަން ބޮޑު ޕެނަލްޓީ ޝޫޓްއައުޓްގަ އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ޖަޕާނުގެ ތިން ޕެނަލްޓީ މަތަކޮށް ކްރޮއޭޝިއާ ސަލާމަތްކޮށްދިނީ އެ ޓީމުގެ ކީޕަރު ލިވާކޮވިޗް އެވެ. ޖަޕާން ޖެހި ޕެނަލްޓީތަކުގެ ތެރެއިން ގޯލަށް ވައްދާލެވުނީ އެންމެ ޕެނަލްޓީ އެކެވެ. ކްރޮއޭޝިއާ އިން ޖެހި އެއް ޕެނަލްޓީ ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، ތިން ޕެނަލްޓީ ގޯލަށް ވައްދާލި އެވެ.

ޕެނަލްޓީ ޝޫޓްއައުޓްގައި ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް ބޯޅަ މަތަކުރަނީ.
ޕެނަލްޓީ ޝޫޓްއައުޓްގައި ކްރޮއޭޝިއާގެ ކީޕަރު ލިވާކޮވިޗް ބޯޅަ މަތަކުރުމަށް ފަހު އުފާ ފާޅުކުރަނީ.

ކުއާޓަ ފައިނަލްގައި ކްރޮއޭޝިއާ ބައްދަލުކުރަން ޖެހޭނީ މިރޭ ބްރެޒިލް އާއި ދެކުނު ކޮރެއާ ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާ އެވެ. ކްރޮއޭޝިއާގެ އިތުރުން މިހާތަނަށް ކުއާޓަ ފައިނަލުން ޖާގަ ކަށަވަރުކޮށްފައިވަނީ ނެދަލެންޑްސް، އާޖެންޓީނާ، ފްރާންސް އަދި އިންގްލެންޑް އެވެ.

ގަދަ 16ގައި މިހާރު ބާކީ އޮތީ ތިން މެޗެވެ. އެއީ މިރޭ ކުޅޭ ބްރެޒިލް އާއި ސައުތު ކޮރެއާގެ މެޗުގެ އިތުރުން، މާދަމާ ރޭ ކުޅޭ މޮރޮކޯ އާއި ސްޕެއިން މެޗު އަދި ޕޯޗުގަލް އާއި ސުވިޓްޒަލެންޑްގެ މެޗެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް