Majlis 2024

އިޓަލީގެ 'މާފިއާ ބޮސް' މަޓިއޯ މެސީނާ ޑެނާރޯ

އިޓަލީ

30 އަހަރު ފިލައިގެން އުޅުނު އިޓަލީގެ މާފިޔާ ބޮސް ހައްޔަރުކޮށްފި

ފިލައިގެން 30 އަހަރު އުޅުނު އިޓަލީގެ މާފިއާ ބޮސް މަޓިއޯ މެސީނާ ޑެނާރޯ އިޓަލީގެ ފުލުހުން މިދިޔަ ހޯމަ ދުވަހު ހައްޔަރުކޮށްފި އެވެ.

މެސީނާ ޑެނާރޯ އަކީ ކާކު؟

މެސީނާ ޑެނާރޯއަކީ އަނިޔާވެރި ގޮތަކަށް މީހުން މެރުމުގެ ތުހުމަތުކުރެވޭ މީހެކެވެ. އަދި އޭނާގެ އަނިޔާވެރިކަމުގެ ސަބަބުން، ކޯސާ ނޮސްޓްރާ މާފިޔާ ގްރޫޕުގެ ލޭއޮހޮރުވުން އިތުރުވެގެން ދިޔަ އެވެ.

"އަހަރެން އަމިއްލައަށް މަރާލި މީހުންގެ އަދަދުން ގަބުރުސްތާނެއް ފުރާލެވިދާނެ،"  މެސީނާ ޑެނާރޯ ފޮނިކެނޑުމުގެ ގޮތުން ކުރިން ބުނެފައިވެ އެވެ.

މެސީނާ ޑެނާރޯ ހަޔާތުގެ މައްޗަށް ބިނާކޮށް ހެދި ކޮމިކް ކެރެކްޓާއަކަށް ފަހު 'ޑައިބޮލިކް'ގެ ނަމުން މަޝްހޫރުވި މަޓިއޯ އަކީ ހުޅަނގު ސިސިލީގެ ޕްރޮވިންސެއް ކަމަށްވާ ޓްރަޕާނީގައި ހަރަކާތްތެރިވާ ކޯސާ ނޮސްޓްރާގެ ލީޑަރެވެ. ނަމަވެސް، އޭނާގެ ބާރު އިތުރަށް ފުޅާވެ، ސިސިލީގެ ވެރިރަށް ޕަލެރްމޯއަށް ވެސް އޭނާގެ ބާރު ފޯރި އެވެ. އޭނާ ހައްޔަރުކުރީ ވެސް އެ ތަނުންނެވެ.

މެސީނާ ޑެނާރޯ އަކީ ރޮލެކްސް ގަޑިއާއި ޑިޒައިނަރު ފޭރާމާއި ކޮމިކް ފޮތްތަކާއި ވީޑިއޯ ގޭމްތަކަށް ލޯބިކުރާ އަދި ޕްލޭބޯއީއެއްގެ ގޮތުގައި މަޝްހޫރުކަން ހޯދާފައިވާ މީހެކެވެ. އިޓަލީގެ މަޖައްލާއެއްގެ ކަވަރުގައި އެއް އިރެއްގައި ކަޅު ބިއްލޫރި އައިނެއް އަޅައިގެން ރޮކް ސްޓާރެއް ފަދައިން ފެނުނު ނަމަވެސް، އޭނާގެ ޝިކާރައަކަށްވި މީހުންގެ ލިސްޓު ދިގުވެ، އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކުށްތަކަކީ ބިރުވެރި ކުށްތަކަކަށް ވެގެން ދިޔަ އެވެ.

ތުހުމަތުތައް

މެސީނާ ޑެނާރޯ އުފަންވީ 26 އެޕްރީލް 1962ގައި ހުޅަނގު ދެކުނު ސިސިލީގެ ކެސްޓެލްވެޓްރާނޯއަށެވެ. އޭނާ ބޮޑުވީ އޯގަނައިޒްޑް ކްރައިމްގެ މައިދާނުގަ އެވެ.

އޭނާގެ ބައްޕަ ޑޮން ސިޗިއޯ އަކީ އެ ގައުމުގެ އިސް ދަރިކޮޅުގެ މީހެކެވެ. އެންމެ ފުރަތަމަ އޭނާގެ މައްޗަށް ތުހުމަތުކުރެވުނީ 1989 ވަނަ އަހަރު ދެ ގަބީލާއެއްގެ މެދުގައި ހިނގި ލޭ އޮހޮރުވުމެއްގައި ބައިވެރިވުމުންނެވެ.

އެ އަހަރު އޭނާގެ މައްޗަށް ތުހުމަތުކުރެވުނީ ހޮޓަލެއްގެ ވެރިއެއް ކަމަށްވާ ނިކޮލާ ކޮންސެލްސް މަރާލި ކަމުގެ ތުހުމަތެވެ. 

އިތުރު އާޓިކަލް

އިތުރު އާޓިކަލް