ގޮވި ގުދަން ރައްކާތެރި ކުރުމަށް ބަރު ވެހިކަލްތަކެއް ގެންގޮފައި. (ފޮޓޯ/ ގެޓީ އިމޭޖެސް)

ޖަރުމަން

ޖަރުމަނުގައި އަސްކަރީ ގުދަނެއްގައި އެއްޗެހިތަކެއް ގޮވައި ވަލުތެރޭގައި ރޯވެއްޖެ

މި ހާދިސާގައި މިހާތަނަށް 15،000 އަކަމީޓަރުގެ ސަރަހައްދެއް ވަނީ އަނދައި ހުލިވެފައި

ޖަރުމަނުގެ ވެރިރަށް ބާލިންގެ ހުޅަނގުގައި ހުންނަ ގޮވާތަކެތި ރައްކާކުރާ ގުދަނެއްގައި އިއްޔެ އެއްޗެހިތަކެއް ގޮވައި އެ ސަރަހައްދުގެ ވަލުތެރޭގައި ވަރަށް ބޮޑަށް އަލިފާން ރޯވެއްޖެ އެވެ.

ގްރޫނެވަލްޑް ވަލުތެރޭ ހުންނަ މި ގުދަނަކީ ޖަރުމަނުގެ ފުލުހުން ނުގޮވާ ހުންނަ ބޮން ފަދަ ތަކެތި ރައްކާކުރާ ތަނެކެވެ. މި ތަނުގައި ގިނައިން ރައްކާކުރަނީ ޖަރުމަނުން މިހާރު ވެސް ދޭތެރެ ދޭތެރެއިން ފެންނަމުންދާ، ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ބޭނުންކޮށްފައިވާ، ނުގޮވާ ހުންނަ ބޮންތަކެވެ.

މި ހާދިސާގައި ގުދަން ވަށައިގެންވާ ވަލުތެރޭގައި ހިފާފައިވާ އަލިފާންގަނޑު ނިއްވާލުމަށް އަލިފާން ނިއްވާ ސިފައިން މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ގުދަނުގައި އިތުރު ގޮވުންތައް ގޮވަމުން ދިއުމުގެ ސަބަބުން އެ މީހުންގެ މަސައްކަތަށް ވަރަށް ބޮޑެތި ހުރަސްތަކެއް ވަނީ ކުރިމަތިވެފަ އެވެ.

އަލިފާން ފަސޭހައިން ރޯވާނެ ފަދަ ސަރަހައްދެއްގައި މިފަދަ ގުދަނެއް ހުރުމުން ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

މިވަގުތު މި ސަރަހައްދުގައި 140 ފަޔަފައިޓަރުން މަސައްކަތް ކުރަމުން ދާއިރު، އެ މީހުން ވަނީ މި ސަރަހައްދުގެ ވަށައިގެން 1،000 މީޓަރުގެ ރައްކާތެރިކަމުގެ ސަރަހައްދެއް މީހުންނަށް ނުވަދެވޭ ގޮތަށް ކަނޑައަޅާފަ އެވެ.

"[ގޮވުންތަކާ އެކު]، މިތާ ހަރަކާތްތެެރިވަމުންދާ ފަރާތްތަކުގެ ފުރާނައަށް ގެއްލުންވާ ފަދަ އެއްޗެހި ވައިގެ ތެރެއަށް ވެސް އަރައިގެން އެބަދޭ. އެހެންވެ އެ މީހުން ފަހަތަށް ޖެހެން މަޖުބޫރުވީ،" ބާލިންގެ ފަޔާ ބްރިގޭޑުގެ ތަރުޖަމާނު ތޯމަސް ކާސްޓެއިން ނޫސްވެރިންނަށް ވިދާޅުވި އެވެ.

މިއީ "ވަރަށް އާދަޔާހިލާފު" ހާލަތެއް ކަމުގައިވީ ނަމަވެސް، "ބާލިންގެ ރައްޔިތުންނަށް އެއްވެސް ބިރުވެރިކަމެއް ނެތް" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގޮވާތަކެތި ރައްކާކުރާ ގުދަނެއްގައި އެއްޗެހިތަކެއް ގޮވުމުގެ ސަބަބުން ވަލުތެރޭ ރޯވެފައިވާ ހުޅުގަނޑުގެ ވީޑިއޯއެއް. (ވީޑިއޯ/ ޔޫރޯ ނިއުސް)

ޖަރުމަނުގެ މީޑިއާއިން ބުނާ ގޮތުގައި، މި ސަރަހައްދުގެ ހާލަތު ދެނެގަތުމަށް ރިމޯޓް ކޮންޓްރޯލު މެދުވެރިކޮށް މައިން ޑީއެކްޓިވޭޓުކުރާ ރޮބޮޓުތަކާއި ޑްރޯންތައް ވެސް ދަނީ ބޭނުންކުރަމުންނެވެ.

މި ސަރަހައްދުގެ ވަލުތެރޭގައި ރޯވެފައިވާ ހުޅުގަނޑު އިއްޔެ މެންދުރާ ހަމައަށް ކޮންޓްރޯލު ކުރެވިފައި ނުވާއިރު، 15،000 އަކަމީޓަރުގެ ސަރަހައްދެއް އަނދާފައިވާ ކަމަށް އެ ސަރަހައްދުގެ ވުޒާރާތަކުން ވަނީ ބުނެފަ އެވެ. 

ޔޫރަޕުގެ ގިނަ ސަރަހައްދުތަކެއްގައި ހޫނުމިން އިންތިހާއަށް މައްޗަށް ގޮސްފައިވާ މި ދުވަސްވަރު ޖަރުމަނުގެ ބާލިންގައި ވެސް އިއްޔެ ހޫނުމިން ހުރީ 37 ޑިގްރީ ސެލްސިއަސްގަ އެވެ.

ކޮމެންޓް

Placeholder

ޖަރުމަން

ޖަރުމަން