ސެމީ ފައިނަލްގައި ކްރޮއޭޝިއާ ބަލިކޮށް އާޖެންޓީނާ ފައިނަލަށް ގެންގޮސްދިނުމަށް ފަހު ލިއޮނެލް މެސީ އުފާ ފާޅުކުރަނީ

މެސީ އާއި އެމްބާޕޭއެއް ނޫން، އެހެން ބަތަލުން ވެސް ފެނިދާނެ

މި ދެ ކުޅުންތެރިންގެ ފަހަތުން ފްރާންސްގެ ޖިރޫ އާއި އާޖެންޓީނާގެ އަލްވަރޭޒް ހަތަރު ލަނޑާ އެކު ދެއްކި ކުޅުން މިރޭ ތަކުރާރުކޮށްފާނެ
18 ޑިސެމްބަރު 2022
1

މަހެއްހާ ދުވަހުގެ ފުޓްބޯޅަ ފޯރި މިރޭ ނިމުމަކަށް އަންނަނީ އެވެ.

ދުނިޔޭގެ ފުޓްބޯޅައިގެ މައި ދެ ތަރިން ކަމަށްވާ އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ އާއި ފްރާންސްގެ ޒުވާން ފޯވަޑް ކީލިއަން އެމްބާޕޭގެ ހިތްގައިމު ކުޅުން، ވަރުގަދަ ހިފުމެއްގައި ފެންނާނީ ކިހިނެއް ބާވައޭ ބުނެ، އެތައް ބަޔަކު އެ އަންނަނީ ސުވާލު އުފައްދަމުންނެވެ.

ދެ ކުޅުންތެރިންގެ ނަން އޮތީ މި ވޯލްޑް ކަޕްގެ ރަން ބޫޓު ހޯދުމުގެ ރޭހުގެ ކުރީގަ އެވެ. މެސީ އާއި އެމްބާޕޭގެ ލަނޑުގެ ޖުމްލައަކީ ފަހެކެވެ.

 ވޯލްޑް ކަޕްގައި އެމްބާޕޭ ޕޮލެންޑް ކޮޅަށް ލަނޑު ޖަހަނީ: މެސީ އާއި އެމްބާޕޭގެ ކުޅުން ފުރިހަމަ

ނަމަވެސް ވާދަވެރިކަން ބޮޑު މި ވޯލްޑް ކަޕްގައި މި ދެ ކުޅުންތެރިންގެ އިތުރުން އާޖެންޓީނާ އާއި ފްރާންސްގައި އެހެން ދެ ކުޅުންތެރިޔަކު ތިބީ ފައިނަލް މެޗުގެ ބަތަލުންނަށް ވުމުގެ މަގުމަތީގަ އެވެ؛ ފްރާންސްގެ ފޯވަޑް އޮލިވިއޭ ޖިރޫ އާއި އާޖެންޓީނާގެ އަރަމުން އަންނަ ފޯވަޑް ޖޫލިއަން އަލްވަރޭޒް އެވެ. މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ ހަތަރު ލަނޑު ޖަހައިފަ އެވެ.

މި ހުރިހާ ހުނަރަކުން ފުރިފައި އޮތް ދެ ޓީމެއްގެ ކުރިމަތިލުމަކީ ވޯލްޑް ކަޕެއްގެ ހުވަފެނީ ނިމުމެކެވެ. މިފަހަރު މި އޮތީ އެފަދަ ނިމުމަކާ ހަމައަށް އާދެވިފަ އެވެ.

ކްއާޓާ ފައިނަލްގައި އިންގްލެންޑް ބަލިކުރަން ފްރާންސަށް ލަނޑު ޖަހައިދިނުމަށް ފަހު އޮލިވިއޭ ޖިރޫ އުފާ ފާޅިކުރަނީ

"މީހުން ބުނާނެ ފްރާންސަކީ ފޭވަރިޓޭ، އެކަމަކު އަހަރެމެންނަށް ލިބިފައި ހުރީ ދުނިޔެ ދުށް އެންމެ މޮޅު ކުޅުންތެރިޔާ،" ފައިނަލް މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް، މެސީއަށް ނިސްބަތްކޮށް، ބުންޏެވެ.

އޭނާ ބުނި ގޮތުގައި ޓީމުގެ ދިފާއު ރަނގަޅު ކުރެވިއްޖެ ނަމަ މެސީގެ އެ މޮޅުކަން ވަރަށް ފުރިހަމައަށް ބޭނުންކުރެވިދާނެ އެވެ.

އާޖެންޓީނާއަކީ ކޮން ބައެއްކަން އެނގޭ

މުޅި ދުނިޔޭގެ އެތައް ސަތޭކަ މިލިއަން މީހުން ވަގުތުން ބަލާނެ މިރޭގެ ފައިނަލް މެޗުގެ ވާދަވެރިކަން ވޯލްޑް ކަޕްގެ އެހާ ގަދަ ދެ ގައުމެއްގެ މެދުގައި އޮތުމުން މުހިންމު ބައެއް އެހެން ކަންކަން ވެސް ފާހަގަކުރެވެ އެވެ. އެގޮތުން ފްރާންސްގެ ކޯޗު ޑިޑިއާ ޑިޝޯމްޕްސް އެ ހުރީ ތާރީހު ލިއުމުގެ މަގުމަތީގަ އެވެ.

ކެޕްޓަނެއްގެ ގޮތުން ފްރާންސަށް 1998ގައި ފުރަތަމަ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކުޅުންތެރިޔާގެ ކޯޗުކަމުގެ ދަށުން އެންމެ ފަހުގެ ވޯލްޑް ކަޕް ވެސް ހޯދައިދިނެވެ. މިރޭގެ ތައްޓަކީ 60 އަހަރުގެ ތެރޭގައި ޖެހިޖެހިގެން ދެ ފަހަރަށް ވޯލްޑް ކަޕް ހޯދާ ފުރަތަމަ ގައުމަށް ފްރާންސް ވާނެ ކާމިޔާބީއެކެވެ. 

 ފްރާންސްގެ މެޗަކަށް ފަހު ކުޅުންތެރިންނާ އެކު ކޯޗު ޑިޑިއާ ޑިޝޯމްސްޕް ދަނޑުގައި: މިއީ އޭނާއަށް ތާރީހު ބަދަލުކޮށްލާނެ މުބާރާތެއް (ފޮޓޯ/އޭއެފްޕީ)

އެކަމަކު އާޖެންޓީނާއަކީ ކޮން ކަހަލަ ޓީމެއްކަން ޑިޝޯމްޕްސްއަކަށް ނޯޅެ އެވެ. އޮޅިގެން ވެސް ނުވާނެ އެވެ. ހާއްސަކޮށް މެސީ ހުރުމުންނެވެ.

"އާޖެންޓީނާއަކީ ކޮން ބައެއްކަން އަހަންނަށް އެނގޭ،" ޑިޝޯމްޕްސް، 54، ބުންޏެވެ.

އޭނާ ބުނީ މެސީ ހުރުމާ އެކު ވޯލްޑް ކަޕްގެ ތަށި އާޖެންޓީނާ ހޯދާނެ ކަމަށް ވަރަށް ގިނަ ބަޔަކު ގަބޫލުކުރާނެ އެވެ.

"އެކަމަކު އަހަރެމެންގެ ލަނޑުދަނޑި ހާސިލްކުރަން ހުރިހާ ކަމެއް ވެސް ކުރާނަން،" ޑިޝޯމްޕްސް ބުންޏެވެ.

ތަށި ނުލިބުނަސް ފަހަރެއް

އާޖެންޓީނާގެ ލިއޮނަލް ސްކަލޯނީއަކީ ވެސް އާދައިގެ ކޯޗެއް ނޫނެވެ. ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން 2-1 އިން ބަލިވެ ދުނިޔެއަށް ހައިރާންކަން ގެނެޔަސް އޭގެ ފަހުން އާޖެންޓީނާ ވަނީ އެއީ ރޫޅާނުލެވޭނެ ބައެއްކަން ސާބިތުކޮށްދީފަ އެވެ. އެ ކާމިޔާބީގެ ފަހަތުގައި ހުރީ ސްކަލޯނީ އެވެ.

އޭނާ ބުނި ގޮތުގައި މިހާރު ވެސް އާޖެންޓީނާގެ ކުޅުންތެރިންނާ މެދު އޭނާ ފަހަރުވުރިވެ އެވެ.

އޭނާ ސިފަކުރި ގޮތުގައި އާޖެންޓީނާގެ ކުޅުންތެރިން ވަނީ ލެވެން ހުރި ހުރިހާ ހިތްވަރެއް، ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ދީފަ އެވެ. އެކަން ހިތަށްއަރާފައި އޭނާއަށް ޖަޒުބާތީވެވޭ ކަމަށް ވެސް އެއްބަސްވި އެވެ.

"އުއްމީދުކުރަމާ އަހަރެމެންނަށް މުބާރާތް ކާމިޔާބުކުރެވޭނެ ކަމަށް،" ސްކަލޯނީ ބުންޏެވެ.

"އެކަން އެގޮތަށް ނުވިޔަސް މިހާރު ވެސް އެ ކުޅުންތެރިން ފަހަރުވެރިވާން ޖެހޭނެ. މިއީ އުފާކުރުމުގެ ވަގުތެއް."

މެސީއަށް ފަހު ފުރުސަތު

މިއީ މެސީއަށް ދެން ނުލިބޭނެ ފަދަ ފުރުސަތެކެވެ. ފުޓްބޯޅާގައި އޭނާއަށް ދުނިޔޭގެ ފެންވަރުގެ ހުރިހާ މަގާމެއް ހާސިލްކުރެވިއްޖެ އެވެ. އެކަމަކު ވޯލްޑް ކަޕްގެ ތަށި ފިޔަވަ އެވެ.

ވޯލްޑް ކަޕްގެ މެޗަކަށް ނުކުތުމުގެ ކުރިން މެސީ ޓީމާ އެކު (ފޮޓޯ/އޭއެފްޕީ)

ޑިއެގޯ މެރަޑޯނާ 1986ގައި އާޖެންޓީނާއަށް ތަށި ހޯދައިދިން ފަހުން އެ ނަސީބު އޮތީ އެ ގައުމުގެ ފުޓްބޯޅައިގެ ފޮތުގައި ލިއެވިފައެއް ނޫނެވެ. މީގެ ކުރިން 2014ގެ މުބާރާތުގެ ފައިނަލަށް މެސީއާ އެކު އާޖެންޓީނާ ދިޔަ އެވެ. އެކަމަކު ޖަރުމަން އަތުން އިތުރު ވަގުތުގައި 1-0 އިން ބަލިވީ އެވެ.

އެ ފަހަރަށް ވުރެ މި ވޯލްޑް ކަޕްގައި މެސީގެ ވިދުން ގަދަ އެވެ. ފައިނަލާ ހަމައަށް އާޖެންޓީނާ ދިއުމުގެ މައިބަދައަކީ އޭނާ އެވެ. ލީޑު ނަގަން ޖެހޭ އެންމެ ނާޒުކު ދަނޑިވަޅުގައި އޭނާ ލަނޑު ޖަހައިދިނެވެ. ލަނޑު ޖަހަން އެހެން ކުޅުންތެރިންނަށް ފުރުސަތު ހޯދައިދިނެވެ. މެސީގެ ފެންވަރާއި ހުނަރާއި ބޯޅަ ލިބުމުން އެ އުފެދޭ ޖާދުލެއް ފަދަ ހަރަކާތްތައް ދުނިޔެއަށް ފެނިއްޖެ އެވެ.

ކްރޮއޭޝިއާ ކޮޅަށް ދެ ލަނޑު ޖެހި އަލްވަރޭޒްއާ އެކު މެސީ އުފާ ފާޅުކުރަނީ

އުމުރުން 35 އަހަރުގެ ކުޅުންތެރިޔާގެ މިއީ ފަހު ވޯލްޑް ކަޕަށް ވުން ވަރަށް ކައިރި އެވެ. އެހެންކަމުން ތައްޓާ އެކު ވޯލްޑް ކަޕަށް އަލްވަދާއު ކިއުމަށް ވުރެ ބޮޑު ކާމިޔާބީއެއް މެސީގެ ހަޔާތުގައި ނުލިބޭނެ އެވެ.

މިއީ ފުޓްބޯޅަ އެވެ. ސެމީ ފައިނަލްގައި ކްރޮއޭޝިއާ ކޮޅަށް އަލްވަރޭޒް ޖަހާލި ރީތި ދެ ލަނޑުން އޭނާގެ ފެންވަރު އެނގުނެވެ. ކޮންމެ ގޮތަކަށް ބޯޅަ ލިބުނަސް ގޯލަށް ވައްދާލުމަކީ އޭނާގެ ހާއްސަ ހުނަރުކަން ޖިރޫ ވަނީ ސާބިތުކޮށްދީފަ އެވެ. އެހެންކަމުން މެސީ އާއި އެމްބާޕޭގެ ހިޔަނީގެ ތެރެއިން ނަމަވެސް މި ދެ ކުޅުންތެރިން މިރޭގެ މެޗަށް ދިރުން ގެނެސްދިނުން ވަރަށް ކައިރި އެވެ.

މުހިންމު ޕޮއިންޓްތައް

  • މިއީ އާޖެންޓީނާގެ ހަ ވަނަ ފައިނަލް. އޭގެ ތެރެއިން 1978 އާއި 1986ގައި މޮޅުވި. ބަލިވީ 1930،1990 ،2018 ގައި

  • ވޯލްޑް ކަޕްގައި އާޖެންޓީނާ އާއި ފްރާންސް ތިން ފަހަރު ބައްދަލުކުރި. އޭގެ ތެރެއިން 1930 އާއި 1978ގެ ގްރޫޕް ސްޓޭޖްގައި އާޖެންޓީނާ މޮޅުވި. ފްރާންސް ކާމިޔާބުކުރީ ނޮކްއައުޓް ފުރަތަމަ ބައްދަލުވުމުގައި 2018ގައި 4-3 އިން

  • މެސީއަށް ރަން ބޫޓު ލިބިއްޖެ ނަމަ އޭނާ ވާނީ އެ ޝަރަފު ހޯދި އާޖެންޓީނާގެ ތިން ވަނަ ކުޅުންތެރިޔާއަށް. މީގެ ކުރިން ލިބުނީ 1930ގައި ގިލާމޯ ސްޓެބައިލް އާއި 1978ގައި މާރިއޯ ކެމްޕެސްއަށް

  • މިއީ ވޯލްޑް ކަޕް ފައިނަލްގައި ފްރާންސް ކުޅޭ ހަތަރު ވަނަ ފަހަރު، އެއީ މުޅިން ވެސް 1998ގެ ފަހުން

ކޮމެންޓް (1)

މުހައްމަދު

18 ޑިސެމްބަރު 2022
އިންޝާﷲ މިއީ މެސީ ގެ ފަހަރު
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް