ކޮމްޕިއުޓަރު ޗިޕެއް (ފޯޓޯ/ އިންޑަސްޓްރީ ވީކް)
ކޮވިޑް-19އާ ގުޅިގެން ކުރިމަތިވި ސަޕްލައި ގޮންޖެހުންތަކުން ރަނގަޅަށް އަރައިނުގަނެވި އުޅެނިކޮށް ޗިޕު އުފައްދާ ސެމީކޮންޑަކްޓާސް ސިނާއަތަށް މިވަނީ އަނެއްކާވެސް ބޮޑު ބޮލުގެރިހުމަކާ ކުރިމަތިލާން ޖެހިފަ އެވެ.
ޗިޕު އުފައްދަން ބޭނުންކުރާ އެކަމަކު ވަރަށް މަދުން ނޫނީ ނުލިބޭ ގޭހުގެ ވައްތަރުތައް އެންމެ ބޮޑަށް ބޭރުކުރާ ރަޝިޔާއިން ވަނީ މިފަދަ ގޭސްތައް ބޭރުކުރުން މަދުކުރަން ފަށައިފަ އެވެ.
ނިއޯން، އާގަން އަދި ހީލިއަމް ފަދަ 'ނޯބްލް'ގެ ނަން ދީފައިވާ މިފަދަ ގޭސްތައް ރަހުމަތްތެރި ނޫން ގައުމުތަކަށް ސަޕްލައިކުރުން ރަޝިޔާއިން މަދުކުރަން ފަށާފައި ވަނީ މޭމަހު ފަހުކޮޅުން ފެށިގެން ކަމަށް ރަޝިޔާ ސަރުކާރުގެ ޓާސް ނޫސް އެޖެންސީން ބުނެ އެވެ.
މި ތިން ވައްތަރުގެ ގޭސްތައް، ފޯނުތަކާއި، ދޮންނަ މެޝިނާއި، ކާރާއި، ފްރިޖާއި އަދި މިހެން ގޮސް އާންމުންގެ ދިރިއުޅުމާ ގުޅިފައިވާ ގިނަ ވައްތަރެއްގެ މުދަލުގައި ހުންނަ ކޮމްޕިއުޓަރު ޗިޕުތައް އުފައްދަން ބޭނުންކުރެ އެވެ.
ކޮންސަލްޓަންސީ ކުންފުނި ބެއިން އެންޑް ކޮމްޕެނީން ބުނާ ގޮތުގައި ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމުގެ ކުރިން ދުނިޔޭގެ ބާޒާރަށް ބޭނުންވާ ނޯބްލް ގޭހުގެ %30 ފޯރުކޮށްދެމުން އައީ ރަޝިޔާ އާއި ޔޫކްރެއިނުންނެވެ.
ނޯބްލް ގޭސްތައް ބޭރުކުރުން މަދުކުރަން ރަޝިޔާއިން އަޅާފައިވާ މި ފިޔަވަޅު ބެލެވެނީ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ގައުމުތަކާ ރައީސް ލަޑީމިއާ ޕޫޓިން ދެއްވި އެންމެ ފަހުގެ ހަމަލާގެ ގޮތުގަ އެވެ.
ބަލިމަޑުކަމުގެ ގޮންޖެހުންތަކުގެ ސަބަބުން މިދިޔަ އަހަރު އެކަނި ވެސް ސަޕްލައިތަކަށް އެރި ބުރޫތަކާ ހެދި ކާރު ފަދަ އުޅަނދުތައް އުފައްދާ ކުންފުނިތަކުގެ އުފެއްދުންތެރިކަމުން 10 މިލިއަން އުޅަނގު މަދުވެފައިވާ ކަމަށް އެލްއެމްސީ އޮޓޮމޯޓިވްއިން ބުނެ އެވެ.
"ރަނގަޅުވަމުން އަންނަ މާކެޓަށް ޗިޕް ސަޕްލައިގެ ސަބަބުން އަލުން ކަންތައްގަނޑެއް ކުރިމަތިވާކަށް ބޭނުމެއް ނުވާނެ،" އެލްއެމްސީ އޮޓޮމޯޓިވްގެ ޑިރެކްޓަ އޮފް ގްލޯބަލް ޕްރޮޑަކްޝަން ޖަސްޓިން ކޮކްސް ވިދާޅުވި އެވެ.
މިފަދަ ގޭސްތައް ރަޝިޔާއިން އެކްސްޕޯޓު ކުރާ މިންވަރާ ގުޅިގެން ކަންބޮޑުވުންތަކެއް އުފެދިފައިވީ ނަމަވެސް މިކަމާ މެދު ޗިޕު އުފައްދާ ސިނާއަތުން ހައިރާން ނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރަޝިޔާއިން މީގެ އަށް އަހަރު ކުރިން ޔޫކްރެއިނުގެ ކްރައިމިއާ ހިފުމާ ގުޅިގެން ކުރިމަތި ސަޕްލައިގެ ބުރޫތައް އަލުން ކުރިމަތިވާނޭ ކަމަށް ސެމީކޮންޑަކްޓާ ސިނާއަތުން އޮތީ އަންދާޒާކޮށްފަ އެވެ.
ކޮމެންޓް