ވެއްޓުނު ބޯޓުން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ސިފައިން ކުރަނީ. (ފޮޓޯ/ރޮއިޓާސް)

ނޭޕާލް

ނޭޕާލްގައި ބޯޓެއް ވެއްޓި 40 މީހަކު މަރުވެއްޖެ

ބޯޓުގައި 68 ފަސިންޖަރުން ތިބި އިރު އޭގެ ތެރޭގައި 15 ޓޫރިސްޓުން ތިބި

ނޭޕާލްގެ މެދުތެރޭގެ އެއާޕޯޓެއް ކައިރިއަށް 72 މީހުންނާ އެކު ދަތުރުކުރި މަތިންދާބޯޓެއް މިއަދު ވެއްޓި، އޭގެ ތެރެއިން 40 މީހަކު މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

ވެރިރަށް ކަތުމަންޑޫން ފުރައިގެން ޓޫރިސްޓް ރަށެއް ކަމަށްވާ ޕޮކަރާއަށް ދަތުރުކުރި ޔެޓީ އެއާލައިންސްގެ ފްލައިޓް ޖެއްސުމުގެ ތެރޭގައި ވެއްޓިފައިވަނީ އަލިފާން ރޯވެގެންނެވެ.

ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މަތިންދާބޯޓް ވެއްޓުމުގެ ކުރިން ބޯޓު ދަތުރުކުރީ އާބާދީ ބޮޑު ސަރަހައްދެއްގެ މަތިންނެވެ.

ބޯޓުގައި 68 ފަސިންޖަރުން ތިބި އިރު އޭގެ ތެރޭގައި 15 ޓޫރިސްޓުން ތިއްބެވެ. އަދި ހަތަރު ފަޅުވެރިން ވެސް ތިއްބެވެ.

ބޯޓު ވެއްޓުނީ ސެޓީ ކޯރުގެ ގޮނޑުދޮށަށެވެ. މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ނޭޕާލްގެ އެތައް ސަތޭކަ ސިފައިންނެއް އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. 

މަތިންދާބޯޓު ވެއްޓުނު ތަނުން ނަގާފައިވާ ވީޑިއޯ އިން ފެންނަ ގޮތުން، ކަޅު ކުލައިގެ ދުންގަނޑެއް ހެދިފައި ވާއިރު، ބޯޓުގެ ބައިތަކުގައި ހުޅު ހިފައި އަނދަމުން ދިޔަ އެވެ.

އަސްކަރިއްޔާގެ ތަރުޖަމާނު ރޮއިޓާސްއަށް ވިދާޅުވީ އިތުރު ހަށިތައް ހޯދޭނެ ކަމަށް ބެލެވޭ ކަމަށާއި މަތިންދާބޯޓު "ފަޅައިގެން ގޮސް ކުދިކުދި ވެފައިވާ" ކަމަށެވެ.

ބޮޑުވަޒީރު ޕުޝްޕާ ކަމާލް ދަހަލް ވަނީ ކެބިނެޓްގެ ކުއްލި ބައްދަލުވުމެއް ބާއްވައި ދައުލަތުގެ އިދާރާތަކުން މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވުމަށް އެދިވަޑައިގެންފަ އެވެ.

ފަސިންޖަރުންގެ ތެރެއިން 53 މީހުންނަކީ ނޭޕާލް މީހުން ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ޓޫރިސްޓުންގެ ގޮތުގައި ތިބީ، އިންޑިއާގެ ފަސް މީހަކާއި ރަޝިއާގެ ހަތަރު މީހަކާއި ދެކުނު ކޮރެއާގެ ދެ މީހެކެވެ. މީގެ އިތުރުން އަޔަލޭންޑް، އޮސްޓްރޭލިއާ، އާޖެންޓީނާ އަދި ފްރާންސް ރައްޔިތުންގެ ތެރެއިން ވެސް މީހަކު ދަތުރުކުރި އެވެ.

ނޭޕާލުގައި އޭވިއޭޝަން އެކްސިޑެންޓްތަކަކީ އާ ކަމެއް ނޫނެވެ. ގިނަ ފަހަރަށް އެ ތަނުގެ އާދައިގެ ރަންވޭތަކާއި ކުއްލިއަކަށް މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ނުރައްކާތެރި ހާލަތްތަކަށް މަގުފަހިވެ އެވެ.

ތާރާ އެއާގެ މަތިންދާބޯޓެއް މިދިޔަ މޭ މަހު ނޭޕާލުގެ އުތުރުގެ ޑިސްޓްރިކްޓެއް ކަމަށްވާ މުސްތާންގްއަށް ވެއްޓި 22 މީހުން ވަނީ މަރުވެފަ އެވެ. އަދި 2018 ވަނަ އަހަރުގެ ކުރީކޮޅު ބަންގްލަދޭޝްގެ ޑާކާ އިން ފުރައިގެން ދަތުރުކުރި ޔޫއެސް-ބަންގްލާ އެއާލައިންގެ ބޯޓެއް ކަތަމަންޑުއަށް ޖައްސަން އުޅުމުގެ ތެރޭގައި އަލިފާން ރޯވެ، 51 މީހަކު ވަނީ މަރުވެފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް