Total Votes | Leading Seats

1038 Result sheets | 202,388 Votes

Party icon

66 Seats

77393 Votes - 70.97%

Party icon

12 Seats

11228 Votes - 12.9%

Party icon

11 Seats

9284 Votes - 11.83%

Party icon

2 Seats

2371 Votes - 2.15%

Party icon

1 Seats

1264 Votes - 1.08%

Party icon

1 Seats

1029 Votes - 1.08%

Party icon

0 Seats

0 Votes - 0%

Party icon

0 Seats

0 Votes - 0%

94.07% Counted

5.93% Remaining

ފެހުންތެރިޔާ ފާތިމަތު ރަބީއާ މަސައްކަތުގައި (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ފެޝަން

ރަބީއާގެ ހިތްވަރުން ތިން ޖީލެއްގެ ހުނަރު ދިރިދިރި

އުމުރުން 11 އަހަރުގައި ފަހަން ދަސްކުރަން ފެށި ރަބީއާ އެކަމުގައި 33 އަހަރު ހޭދަކޮށްފައިވާ އިރު އެންމެ ހާއްސަ އެއް މަސައްކަތަކީ މަންމައާ ގުޅިގެން ކަސަބު ބޯވަޅު އެޅި ލިބާސް ތައްޔާރުކޮށް ވިއްކުން
24 ޑިސެމްބަރު 2022
1

ފާތިމަތު ރަބީއާ (ރަބީ) 'އޯތެންޓިކް ދިވެހި ހެދުން'ގެ ނަމުގައި ފޭސްބުކް ޕޭޖެއް ހަދައި އެކި ވައްތަރުގެ ސަގާފީ ހެދުން އޯޑަރަށް ވިއްކަން ފެށީ މީގެ ހަތެއްކަ އަހަރު ކުރީންނެވެ.

"އެ ޕޭޖު ހެދީ މަންމަ އަށް. މަންމަ އެ މަސައްކަތް ކުރާތީވެ މަންމައަށް އެހީތެރިވާންވެގެން،" އޭނާ ކިޔައިދިނެވެ.

ރަބީއާގެ މަންމަ ގއ. ކޮލަމާފުށީގައި ތައްޔާރުކުރާ ދިވެހި ކަސަބު ބޯވަޅު އެޅި ލިބާސް، މިހާރު ހުޅުމާލޭގައި ދިރިއުޅޭ ރަބީއާއަށް ފޮނުވަނީ އެވެ. ދެން އެ ލިބާހަށް ބޭނުންވާ ފޭއްޔާއި ރުމާފަޅި ތައްޔާރުކޮށް، ސެޓެއްގެ ގޮތުގައި ވިއްކަން ކުރަންޖެހޭ ހުރިހާ މަސައްކަތަކައިގެން އުޅެނީ ރަބީއާ އެވެ. މިއީ ރަބީއާ އާއި އޭނާގެ އާއިލާ އިހަކަށް ދުވަހަކު ފެށި މަސައްކަތެއް ނޫނެވެ. ކަސަބު ގެތުމާއި ފެހުމަކީ ރަބީއާގެ އާއިލާގެ ތިން ޖީލަކުން ކުރަމުން އަންނަ ޒަމާންވީ މަސައްކަތެކެވެ. 

ފެހުންތެރިޔާ ފާތިމަތު ރަބީއާ މަސައްކަތުގައި (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

އޭނާގެ އުމުރުން އެންމެ 8 އަހަރުގައި ވެސް މަންމަ ފަހާތަން ގާތުން ބަލަން އިންނަ ހަނދާން ރަބީއާގެ ހުރެ އެވެ. އަދި އޭރު މަންމަ ފަހާފައި ބާކީވާ ފޮތިކޮޅުކޮޅު ލިބުމުން އެއިން ހެދުން ފަހަން އުޅުނެވެ. ދެން އެކަން ހަރުދަނާކޮށް، އަމިއްލައަށް ފަހަން ދަސްކުރަން ފެށީ އުމުރުން 11 އަހަރުގަ އެވެ. ރަބީއާގެ މަންމަ ހެދުމެއްގެ ބައެއް ބައިތައް، މިސާލަކަށް ދިގުހެދުމެއްގެ ބޯވަޅު ނުވަތަ ގޮށްފަތި ހަރުކޮށްފައި ދިނުމުން، ދެން ހުންނަ ބައިތައް ރަބީއާ އަމިއްލައަށް ފުރިހަމަ ކުރަނީ އެވެ. އޭގެ އަހަރެއް ފަހުން އޭނާ އަމިއްލައަށް ފޮތި ކަނޑައިގެން ހެދުން ފަހަން ފެށި އެވެ. ރަހުމަތްތެރިންނަށާއި ސުކޫލުގެ ކްލާސް ކުދިންނަށް ވެސް ފަހައިދީ އުޅުނެވެ. ރަބީއާގެ ހުނަރަށް ރަށުތެރޭގެ ގިނަ ބައެއްގެ އިތުބާރު ލިބެން ފެށި އެވެ.

އެ ހިސާބުން ފެށި ގޮތަށް މި މަސައްކަތުގައި ރަބީއާ އުޅޭތާ 33 އަހަރު ހޭދަ ވެއްޖެ އެވެ. 

ފެހުންތެރިޔާ ފާތިމަތު ރަބީއާ، އޭނާގެ މަންމަ ކަސަބު ބޯވަޅު އަޅާފައިވާ ދިވެހި ލިބާހެއް ދައްކާލަނީ (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ރަބީއާ އަމިއްލަ ދިރިއުޅުމެއް ފެށުމަށް ފަހު އިތުރު އާމްދަނީއެއް ހޯދުމަށް ކުޑަ ވިޔަފާރިއެއްގެ ގޮތުގައި މީހުންނަށް ހެދުން ފަހައިދޭން ފެށި އެވެ. އޭނާގެ ތިން ކުދިން ބަލަމުން، ގޭތެރޭގެ ކަންކަމުގައި އުޅެމުން، ވަގުތު ހޯދައިގެން ހެދުން ފަހަން އިނދެ އެވެ.

ރަބީއާ އަންހެނުންގެ އެކި ވައްތަރުގެ ހެދުން ފަހައިދެ އެވެ. އޭގެ ތެރޭގައި ދިވެހި ސަގާފީ ހެދުން، އަބާޔާ، ޕާޓީ ހެދުން އަދި ކުޑަކުދިންގެ ހެދުން ހިމެނެ އެވެ. 

"އެންމެ ފަހާ ހިތްވަނީ ޕާޓީ ހެދުމާއި ކުޑަކުދިންގެ ހެދުން. މި ޒާތުގެ ހެދުންތަކަކީ ގިނަ ވަގުތު ހޭދަވާ، ބުރަ މަސައްކަތް ހިމެނޭ ވައްތަރުތަކެއް. އަގު ބޮޑު ވާނެ. އެކަމަކު އަޅުގަނޑު އަގު ހަދަނީ ކުރާ މަސައްކަތާއި ވަގުތާއި އެ ހެދުމެއް ޖަރީ ކުރަން ބޭނުންވާ ތަކެތި ހޯދަން އަޅުގަނޑުގެ އަތުން ދާ ހަރަދަށް ބަލާފައި. އަޅުގަނޑަކަށް ނުކެރޭ މިނަށްވުރެ އަގު ބޮޑު ކުރާކަށް،" ރަބީއާ ބުންޏެވެ.

ފެހުންތެރިޔާ ފާތިމަތު ރަބީއާ، އޭނާގެ މަންމަ ކަސަބު ބޯވަޅު އަޅާފައިވާ ދިވެހި ލިބާހެއް ދައްކާލަނީ (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ދިވެހިވަންތަ އޮރިޖިނަލް ލިބާހަށް ވެސް އޮންނަ ޑިމާންޑު ބޮޑުކަން ރަބީއާ ފާހަގަކުރި އެވެ. އޮރިޖިނަލް ލިބާސް ސެޓެއްގައި ހިމެނެނީ ލިބާސް، ފޭލި އަދި ރުމާ ފަޅި އެވެ. ކޮންމެ ދިވެއްސެއްގެ އަތުގައި ވެސް އަސްލު ދިވެހިވަންތަ ލިބާހެއް އޮތުން މުހިއްމެވެ. އެކަމަކު ފަހަކަށް އައިސް މުޅިން ވެސް މީހުން ލައިއުޅެނީ ރެޑީމޭޑު ރޭނދާ އަޅާފައި ހުންނަ، ދިވެހިވަންތަ ގޮތްގަނޑު ގެއްލިފައިވާ ލިބާހެވެ.

"އަސްލު ލިބާހުގެ ސިފަ ގެއްލޭތީ އެ ބިރުވެރިކަން އޮވޭ. ދިވެހިވަންތަ ލިބާހެއް މިހާރު ނުފެނޭ. އޭގެ އަސްލު ދިވެހިވަންތަކަން ގެއްލިގެން ދާތީ ވަރަށް ދެރަވޭ،" ރަބީއާ ބުންޏެވެ. 

އޭނާ ބުނެދޭން އޮތް ހިތްދަތި އަނެއް ވާހަކަ އަކީ ކޮލަމާފުށީގެ ކާބަފައިން ކޮށް އުޅުނު ކަސަބު ގެތުމުގެ މަސައްކަތް މިހާރު އުވެމުންދާ ކަމެވެ.

"ރަށުގައި ވެސް ބަޔަކު މި މަސައްކަތް ދަސްކުރާކަށް ނޫޅޭ. އެކަކު ވެސް މިކަމެއް ނުކުރޭ. ނެތެމުން ގޮސް މަންމަ އެކަނި، އެ މަސައްކަތް ކުރާ މީހަކަށް މި ވަގުތު ރަށުގައި ހުރީ،" ރަބީއާ ކިޔައިދިނެވެ.

އޮރިޖިނަލް ބޯވަޅު އެޅި ލިބާހަކީ އަގުހެޔޮ އެއްޗެއް ނޫނެވެ. ނަމަވެސް ސްކޫލްގެ ކޮންސާޓަކަށް ނުވަތަ އެފަދަ އިވެންޓަކަށް ތަންކޮޅެއް އަގު ހެޔޮކޮށް ވެސް ރަބީއާ ލިބާސް ތައްޔާރު ކުރެ އެވެ. އެއަށް ބޭނުންކުރަނީ ފިހާރައިން ގަންނަން ލިބެން ހުންނަ ރޭނދާ އެވެ. އެކަމަކު އެ ރޭނދާ ވެސް އޭނާ އަޅަނީ ވަކި އުސޫލަކަށް، ދިވެހިވަންތަ ފާޑުގަނޑު ނުގެއްލޭ ގޮތަށެވެ.

"މިއީ ރަނގަޅު އާމްދަނީއެއް ލިބޭ ކަމެއް،" ރަބީއާ ބުންޏެވެ.

އެކަމަކު ފަހައިގެން ލިބޭ އެއްޗެއްގެ ބޮޑު ބައި އޭނާ ހަރަދު ކުރަންޖެހެނީ ގޭގެ ކުއްޔަށާއި ދިރިއުޅުމަށް ބޭނުންވާ އެކި ކަންކަމަށެވެ. ފަހަން ބޭނުންވާ ސާމާނު ހޯދަނީ މާލެއިން ނުވަތަ ބޭރުން ގެނުވައިގެންނެވެ. މާލެއިން ގިނަ ތަކެތި އަގު ބޮޑުވެފައި ހޯދަން ދައްޗެވެ.

ފެހުންތެރިޔާ ފާތިމަތު ރަބީއާ މަސައްކަތުގައި (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

ރަބީއާގެ އިތުރުން އޭނާގެ ހަގަށް ތިބި ކޮއްކޮމެން ވެސް ފެހުމަށް ކުޅަދާނަ އެވެ. މާމަ، މާމަގެ އާއިލާގެ ގިނަ މެމްބަރުން، މަންމަ އަދި މަންމަގެ އެއްބަނޑު އެއްބަފާ އެންމެންނަކީ ވެސް ފެހުންތެރިންނެވެ.

"އެކަމަކު އަޅުގަނޑަށް ހީވަނީ އަޅުގަނޑާ ހިސާބުން މިކަން މި ނިމުނީހެން،" ރަބީއާ ބުންޏެވެ.

އޭނާގެ ދަރިން ކިޔަވައިގެން މަސައްކަތް ކުރަމުން އަންނަނީ މުޅިން ތަފާތު ރޮނގުތަކުންނެވެ. 

  • ފާތިމަތު ރަބީއާ ފަހާފައިވާ ހެދުމެއް
  • ރަބީއާ ފަހާފައިވާ ހެދުމެއް ލައިގެން ކުޑަކުއްޖަކު ފޮޓޯއަށް ހުއްޓި
  • ކުޑަކުއްޖެއް ރަބީއާ ފެހި ހެދުމެއްގައި
  • ދަރިވަރަކު، ރަބީއާ ފެހި ދިގުހެދުމެއްގައި ސްކޫލަށް ގޮސް
  • ރަބީއާ ފެހި ދިވެހި ލިބާހެއްގައި ކުޑަކުއްޖަކު ފޮޓޯއަކަށް ހުއްޓިލައިގެން
  • ކުޑަކުއްޖަކު ރަބީއާ ފެހި ހެދުމެއްގައި
  • ރަބީއާ ފެހި ދިގުހެދުމެއްގައި މީހަކު ހުއްޓިލައިގެން

ރަބީއާ ބުނިގޮތުގައި އޭނާ މާލެ ބަދަލުވި ފަހުން ވެސް ރަށުން ހެދުން ފަހަން އޯޑަރު އާދެ އެވެ. 

"ގިނަ މީހުން އެމީހުންގެ ހެދުން ފަހަން ދެނީ އެމީހުން ހިތްހަމަޖެހޭ ފެހުންތެރިއަކަށް. އަޅުގަނޑުގެ ފެހުން ކަމުދާތީ އަދިވެސް ގުޅަނީ. ވިލިމާލެ އަދި [ހުޅުމާލޭ] ފޭސް ޓޫއިން ވެސް އޯޑަރު އާދޭ. ދެން މިހާތަނަށް ކޮންމެ މީހެއް ވެސް ދަނީ އަޅުގަނޑުގެ މަސައްކަތާ މެދު ވަރަށް ހިތްހަމަޖެހިގެން،" އޭނާ ބުންޏެވެ. 

"ގަޑިއަށް ނުނިމިގެން ދުވަހަކު ވެސް މީހެއްގެ ކޮމެންޓެއް އައިސްފައެއް ނޯންނާނެ،" ރަބީއާ ފަހުރުވެރިކަމާ އެކު ބުންޏެވެ.

"ޕާޓީއަކަށް ނުވަތަ ވަކި ދުވަހަކަށް ނިންމަންޖެހޭ އޯޑަރެއް އައިމަ ހޭލާ ހުރެގެން ނަމަވެސް އަޅުގަނޑު އެ ނިންމަން."

ތެދެކެވެ. ރަބީއާގެ މަސައްކަތަށް ބޮޑު ޑިމާންޑެއް އޮވެ އެވެ. މި ޑިސެމްބަރު މަސް އޮތީ އޯޑަރުން ފުރިފަ އެވެ. އުމްރާއަށް ދާ މީހުންނާއި ޕާޓީތަކަށް ބޭނުންވާ ހެދުންތަކުގެ ލިސްޓު ދިގެވެ.

މިހާ ބުރަކޮށް މަސައްކަތުގައި އުޅެމުން ވެސް އާއިލާ އާއި ގޭތެރޭގެ ކަންކަން ހީވާގިކަމާ އެކު ރަބީއާ ބަލަހައްޓަ އެވެ. ފިރިމީހާ އާއި ދަރިން އޭނާއަށް އެހީތެރިވެ އެވެ. އެކަމަކު ރަބީއާ ބުނިގޮތުގައި އަދިވެސް އޭނާ ބޭނުންވާ މިންވަރަށް އޯޑަރު ނެގޭ ވަރެއް ނުވެ އެވެ. އެ މަސައްކަތް ބޮޑު ވިޔަފާރިއަކަށް ބަދަލު ކުރަން ރަބީއާ ބޭނުންވެ އެވެ. 

ފެހުންތެރިޔާ ފާތިމަތު ރަބީއާ (ދައުރު ފޮޓޯ/އަބްދުﷲ ރިޒާ)

މިކަހަލަ ކޮންމެ ހީވާގި ހުނަރުވެރިއެއް ސީދާކުރަން ބޭނުންވާ ފޮނި ހުވަފެނެއް އޮވެ އެވެ. ރަބީއާ ދެކެން ބޭނުންވަނީ އޭނާގެ އަމިއްލަ ފަހާ ތަނެއް ހުޅުވޭނެ ދުވަހަކެވެ. ހުނަރުވެރި މުވައްޒަފުންނާއި ރަނގަޅު މެޝިނަރީއާ އެކު ތަނަވަސްކޮށް މި މަސައްކަތް ކުރުމަށެވެ. އެކަމަށް އަލިމަގެއް ފަހިވޭތޯ އޭނާ އަންނަނީ ދުއާ ކުރަމުންނެވެ. 

ކޮމެންޓް (1)

އަހްމަދު

17 ޖެނުއަރީ 2023
3ޖީލު. ޖީލަކީ10އަހަރުކަމަށް އޮންނަނީ ކޮންފޮތެއްގައިތޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް