ސިފައިންގެ ވެރިޔާ ޖެނެރަލް ކަމަރް ޖާވިދު ބަޖްވާ. (ފޮޓޯ/ އޭޕީ)

ޕާކިސްތާން

ސިޔާސީ ކަންކަމަށް ނުފޫޒު ފޯރުވި ކަމަށް ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އިއުތިރާފުވެއްޖެ

ޕާކިސްތާނުގައި ޒަމާނުއްސުރެ އަސްކަރިއްޔާއިން ގާނޫނާ ހިލާފަށް ސިޔާސީ މައިދާނަށް ނުފޫޒު ފޯރުވަމުން ގޮސްފައިވާ ކަމަށާއި ދެން އެކަން ތަކުރާނެ ނުކުރާނެ ކަމަށް އަންނަ އަންގާރަ ދުވަހު މަގާމުން އިސްތިއުފާ ދެއްވާ ސިފައިންގެ ވެރިޔާ ޖެނެރަލް ކަމަރް ޖާވިދު ބަޖްވާ ވިދާޅުވެއްޖެ އެވެ.

އަސްކަރިއްޔާގެ ވެރިޔާގެ ހައިސިއްޔަތުން އެންމެ ފަހުން ދެއްވި ތަގުރީރުގައި ބަޖްވާ ވަނީ އެ ގައުމުގެ އެންމެ ބާރުގަދަ މުއައްސަސާ ދިފާއުކުރައްވައިފަ އެވެ. ހާއްސަކޮށް ކުރީގެ ބޮޑުވަޒީރު އިމްރާން ހާން މިދިޔަ އޭޕްރީލް މަހު މަގާމުން ދުރުކުރުމުގައި އަސްކަރިއްޔާގެ ދައުރެއް އޮތް ކަމަށް ކުރާ ތުހުމަތާ ބެހޭ ގޮތުން ވެސް އޭނާ ވާހަކަދެއްކެވި އެވެ. އޭނާ ވިދާޅުވީ އެފަދަ ކަމެއް އަސްކަރިއްޔާ އިން ކޮށްފައި ނުވާ ކަމަށެވެ.

އިރުމަތީގެ ސިޓީއެއް ކަމަށްވާ ރާވަލްޕިންޑީގައި ހުންނަ އަސްކަރިއްޔާގެ މައި މަރުކަޒުގައި ބޭއްވި ހަފްލާއެއްގައި ވާހަކަދައްކަވަމުން އުމުރުން 62 އަހަރުގެ ޖެނެރަލް ވަނީ އަވަށްޓެރި އިންޑިއާގެ އަސްކަރިއްޔާއަށް އާންމުންގެ ފާޑުކިޔުން އަމާޒު ނުވަނީ ކީއްވެތޯ ސުވާލު އުފައްދަވައިފަ އެވެ.

"އަޅުގަނޑުގެ ނަޒަރުގައި އޭގެ ސަބަބަކީ ފާއިތުވި 70 އަހަރު ވަންދެން ސިޔާސީ މައިދާނުގައި އަސްކަރިއްޔާއިން ނުފޫޒު ފޯރުވުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް،" އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުން ފެށިގެން އަސްކަރިއްޔާއިން ނިންމާފައި އޮތީ ސިޔާސީ އެއްވެސް ކަމެއްގައި ނުފޫޒު ނުފޯރުވާން."

ސިޔާސީ ޕާޓީތަކުން ވެސް އެ މީހުންގެ އަމަލުތައް އަމިއްލައަށް ބަލާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ބަޖްވާ ވިދާޅުވި އެވެ.

"ހަގީގަތަކީ ޕާކިސްތާނުގައި މުއައްސަސާތަކާއި ސިޔާސީ ޕާޓީތަކާއި މަދަނީ ޖަމިއްޔާތަކުގައި އެ އެންމެން ވެސް ގޯސްތަކެއް ހަދާފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

 "މިއީ އެކަންކަމުން އިބްރަތް ހާސިލުކޮށް ކުރިއަށް ދާންވީ ވަގުތު."

ބަޖްވާ ވަނީ ޕާކިސްތާނުގެ އިގްތިސާދީ ހާލަތު ގޯސްވެފައިވާކަން ފާހަގަކުރައްވައި ހުރިހާ ފަރާތްތަކަކުން ވެސް އެ މީހުންގެ އަމިއްލަ ގޮތް އެއް ފަރާތް ކުރުމަށް ގޮވާލައްވައިފަ އެވެ. އަދި އެކުގައި މަސައްކަތްކޮށް، ކާމިޔާބީ އާއި ބަލި ގަބޫލުކުރަން ދަސްކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިއުކްލިއާ ހަތިޔާރު ލިބިފައިވާ އަސްކަރިއްޔާގެ އެންމެ އިސް ވެރިޔާގެ މަގާމާ ބަޖްވާ ހަވާލުވެވަޑައިގަތީ 2016ގަ އެވެ. އޭނާއަށް އިތުރު ތިން އަހަރުގެ މުއްދަތެއް ދީފައިވަނީ އޮގަސްޓް 2019ގައި އޭރުގެ ބޮޑުވަޒީރު އިމްރާން އެވެ. އޭނާ ރިޓަޔާ ކުރައްވާނީ އަންނަ އަންގާރަ ދުވަހު އެވެ.

ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ކުރިއަށް އޮތް ދުވަސްތަކުގައި ބަޖްވާ ފަހު ދެން ހުންނަވާނެ ބޭފުޅަކު އިއުލާނުކުރައްވާނެ ކަމަށް ބެލެވެ އެވެ.

ގާތްގަނޑަކަށް 10 ވަރަކަށް މިނެޓަށް ދެމިގެންދިޔަ ތަގުރީރެއްގައި ބަޖްވާ ވަނީ ސިޔާސީ ދާއިރާގައި ހުރި ގިނަ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަދައްކަވައިފަ އެވެ. އަދި 1947 ވަނަ އަހަރު ޕާކިސްތާނަށް މިނިވަންކަން ލިބުނު ފަހުން ދެބައިކުޅަ އެއްބަޔަށް ވުރެ ގިނަ ދުވަސް ވަންދެން ގައުމު ހިންގަމުން އަންނަ އަސްކަރިއްޔާއާ މެދު ބޮޑެތި ފާޑުކިޔުންތައް އަމާޒުވުން ކުށްވެރިކުރެއްވި އެވެ.

އިގްތިސާދުގައި އަސްކަރިއްޔާގެ ބޮޑު ހިއްސާއެއް އޮތުމާ އެކު ހާރިޖީ ކަންކަމުގައި ގެންގުޅޭ ސިޔާސަތު ކަނޑައެޅުމުގައި ސިފައިން ވަރަށް ބޮޑު ނުފޫޒެއް ފޯރުވަ އެވެ. އެއްވެސް ބޮޑުވަޒީރެއްގެ ދައުރު ފުރިހަމަކުރެވިފައެއް ނުވެ އެވެ.

ސިޔާސީ ޕާޓީތަކުންނާއި އާންމުންގެ ފަރާތުން އަސްކަރިއްޔާއަށް ފާޑުކިޔުމަކީ އެ މީހުންގެ ހައްގެއް ކަމަށް ބަޖްވާ އިއުތިރާފުވި ނަމަވެސް އަސްކަރިއްޔާއާ މެދު ހުތުރު ބަސްތައް ބޭނުންނުކުރުމަށް އޭނާ އިންޒާރު ދެއްވި އެވެ.

"މި ކެތްތެރިކަމަށް ލިމިޓްތަކެއް ވާކަން އެންމެން ވެސް ހަނދާނުގައި ބަހައްޓަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

"އަމިއްލަ ނަފްސާއި އަސްކަރިއްޔާއާ ދޭތެރޭ މި ހަރުކަށި ފާޑުކިއުންތައް ހަނދާން ނައްތާލަން ބޭނުންވަނީ ޕާކިސްތާނަކީ އަޅުގަނޑުމެން އެންމެން ވެސް އެންމެ އިސްކަންދޭ ގައުމަކަށް ވާތީ."

ކޮމެންޓް

Placeholder

ޕާކިސްތާން

ޕާކިސްތާން