ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު.

ބިލު ޑްރާފްޓުކުރުމުގެ ގާބިލުކަމެއް އޭޖީގެ ނެތް: ނަޝީދު

ސަރުކާރުން މަޖިލީހަށް ބިލު ފޮނުވުން ލަސްވެ، ފޮނުވާ ބިލުތަކުގެ ފެންވަރު ދަށް ކަމުގެ ވާހަކަ ނަޝީދު އެންމެ ފުރަތަމަ ދެއްކެވީ 2019ގައި
22 ޖެނުއަރީ 2023

ބިލުތައް އެކުލަވާލައި ޑްރާފްޓުކުރުމުގެ ގާބިލުކަން ބަންޑާރަ ނައިބުގެ އޮފީހުގައި ހުރި ކަމަށް ގަބޫލުނުކުރައްވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - އަންނަ ހޮނިހިރު ދުވަހު ބާއްވާ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާ ނަޝީދު ވަނީ، އެ މަނިކުފާނުގެ ކެމްޕެއިނާ ގުޅިގެން މައުލޫމާތު ދެއްވުމަށް މިއަދު ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވަވާފަ އެވެ. އަންނަ މަހު މަޖިލީހުގެ ދައުރު ފަށާއިރު، މެމްބަރުންގެ މެދުގައި އުފެދިފައިވާ ވާދަވެރިކަމުގެ ސަބަބުން މަޖިލީހުގެ މަސައްކަތަށް އެއްވެސް ބުރުލެއް އަރާފާނެތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނަޝީދު ދެއްކެވީ ބިލުތައް އެކުލަވާލުމާ ގުޅޭ ގޮތުން 2019ގައި ސަރުކާރާއި މަޖިލީހާ ދެމެދު އުފެދުނު ހިޔާލު ތަފާތުވުންތަކެވެ.

އެނގުން މުހިއްމު - ސަރުކާރުން މަޖިލީހަށް ބިލު ފޮނުވުން ލަސްވެ، ފޮނުވާ ބިލުތަކުގެ ފެންވަރު ދަށް ކަމުގެ ވާހަކަ ނަޝީދު އެންމެ ފުރަތަމަ ދެއްކެވީ 2019ގައި، ނަފްސާނީ ސިއްހަތުގެ ބިލު އަނބުރާ ފޮނުވާލަން ޖެހުމުންނެވެ. އެ މަނިކުފާނު އޭރު ވިދާޅުވީ:

  • ސަރުކާރުން ފޮނުވާ ބިލުތަކަކީ "އަންޒަމާނު ކަރަޔަށް ވައި އެރި އިރުގެ ތަކެތި" 

  • މަޖިލީހަށް ބިލު ލިބުން ލަސްވެ، ނަޝީދުގެ އެންގުމަކަށް މަޖިލީހުގެ ކޮމިޓީތަކުން ބިލުތައް ޑްރާފްޓު ވެސް ކުރަން ފެށި 

  • މަޖިލީހަށް ބިލު ޑްރާފްޓުނުކުރެވޭނެ ކަމަށް ބުނެ ބައެއް ވަޒީރުންގެ ފާޑުކިއުން ނަޝީދަށް އަމާޒުވި 

  • ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތު ވަނީ މަޖިލީހުގެ ނަޒާހާތްތެރިކަމާ މެދު އޭރު ސުވާލު އުފައްދަވާފައި

  • އެއީ މަޖިލީހަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ރިއްފަތު ވިދާޅުވެފައިވޭ

ބަންޑާނައިބު އިބްރާހިމް ރިއްފަތު. (ފައިލް ފޮޓޯ/ރައީސް އޮފީސް)

ބުނީ ކީކޭ؟ - ބިލު ޑްރާފްޓުކުރުމާ ގުޅޭ ގޮތުން އުފެދުނު ދެބަސްވުމުގައި ދޫދެއްވިކަން ފާހަގަކުރައްވައި ނަޝީދު މިއަދު ވެސް ދެއްކެވީ ބިލު އެކުލަވާލުމުގެ ގާބިލުކަން ބަންޑާރަ ނައިބުގެ ނެތް ކަމުގެ ވާހަކައެކެވެ. އެ މަނިކުފާނު ވިދާޅުވީ، މަޖިލީހަށް ބަންޑާރަ ނައިބުގެ އޮފީހުން ފޮނުވާ ބިލުތަކަށް އެތައް އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އަދި ސަރުކާރުން ބިލުތައް ފަރުމާ ކުރާ ގޮތުން މަސައްކަތް ކުރިއަށް ނުގެންދެވި ކޮމިޓީ މަރުހަލާގައި ވެސް އެތައް ބިލެއް ބަހައްޓަން ޖެހޭ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ބަންޑާރަ ނައިބުގެ ހަގީގަތުގައި ނުވެސް ނެތް އެ ކެޕޭސިޓީ. އަދި ޑްރާފްޓު ކުރައްވައިގެން ގެންނަވާއިރުގައި ވެސް އެތައް ފަހަރަކު މިއިން ކޮންމެ ބިލެއް އެތައް ގޮތަކަށް އެބަ ހަދަން ޖެހޭ. އަދި އެކި އެކި ކޮމިޓީތަކުގައި ބިލުތައް އެބަ ބަހައްޓަން ޖެހޭ، މި ކުރިއަށް ނުގެންދެވިގެން ބިލް ޑްރާފްޓުކޮށްފައި އޮތް ގޮތުގެ ސަބަބުން،" ނަޝީދު ވިދާޅުވި އެވެ.

ޕްރައިމަރީގެ ކެމްޕެއިންގެ ތެރެއިން ނަޝީދު ސަޕޯޓަރުންނާ ވާހަކަފުޅު ދައްކަވަނީ. (ފައިލް ފޮޓޯ/ކެމްޕޭނު ޓީމު)

އެގޮތަށް ކަންތައްތައް ދިމާވަނީ، ނަޝީދު ވިދާޅުވި ގޮތުގައި، މަޖިލީހުގެ ކޮންޓްރޯލް ނެގުމުގެ ބޭނުމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރިޔާސީ ނިޒާމު ގަޑުބަޑުކުރެއްވުމުގެ ސަބަބުންނެވެ.

ބިލު އެކުލަވާލުމުގެ ދަތިކަން ހުރި ނަމަވެސް، އެ މަނިކުފާނަށް މަޖިލިސް ހިންގެވުމުގައި ދަތިކަމެއް ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް