'އިރުވައި' ބްރޭންޑުގެ އުފެއްދުމެއް.

ފެޝަން

އިރުވައި: ހަތަރު ރަހުމަތްތެރިންގެ ގުޅުމުން ފަންނުވެރި ބްރޭންޑެއް

ދިވެހިވަންތަ ގަހަނާ އާއި ދަބަސް ވިއްކާ އިރުވައި އިން އަންނަނީ އާ އުފެއްދުންތަކެއް ނެރެން ތައްޔާރުވަމުން
1 ޑިސެމްބަރު 2022
2

ގާތް ރަހުމަތްތެރިންނަކީ އެބައެއްގެ އާއިލާއާ އޮންނަ ފަދަ ވަރުގަދަ ގުޅުމަކާއި ބަދަހިކަމެއް ގެންގުޅޭ ބައެކެވެ. އެކަމަކު އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދީ، ގުޑުވާނުލެވޭ އިތުބާރެއް އޮންނަނީ މަދު ބައެއްގެ ތެރޭގަ އެވެ. ދިވެހި ބްރޭންޑު 'އިރުވައި' އުފެއްދީ މިކަހަލަ ނަމޫނާ ހަތަރު ރަހުމަތްތެރިން ވެގެންނެވެ.

މުހައްމަދު އަމީން، ޝާހު ޝަހީދު، މުހައްމަދު އީމާން އަދި ޒުއްނޫން އަހުމަދު އަކީ ގިނަ ދުވަސްތަކެއްވީ ރަހުމަތްތެރިންނެވެ. އެކުގައި ވިޔަފާރިއެއް ފަށަން އަބަދުވެސް ބޭނުންވި އެވެ. އެކަމަކު ކޮންމެ ކޮންމެ ވިޔާފަރިއެއް ނޫނެވެ. އެ މީހުން ބޭނުންވީ އަމިއްލަ އުފެއްދުންތަކެއް ވިއްކާ ވިޔާފަރިއެއްގެ ގޮތުގައި ފާހަގަވާށެވެ. އަމާޒަކަށްވީ ދިވެހި ސަގާފަތާއި ގުދުރަތީ ރީތިކަން ރަމްޒުކޮށްދޭ ދިވެހިވަންތަ އުފެއްދުންތަކެއް ގެނެސްދިނުމެވެ.

އެމީހުންގެ އެ ހުވަފެން ހަގީގަތަކަށް ވެއްޖެ އެވެ. 

އިރުވައި ބްރޭންޑުގެ ފެށުމަކީ ކުޑަ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެގެން ޓޫރިސްޓުންނަށް ވިއްކަން ފެށި އުފެއްދުންތަކެވެ. ދުވަސްތަކެއް ފަހުން އިރުވައިގެ ސޯޝަލް މީޑިއާ ޕޭޖުގެ ޒަރިއްޔާއިން ދިވެހިންނަށް ވެސް މި އުފެއްދުންތައް ވިއްކަންފެށި އެވެ. 

ހަތަރު އެކުވެރިން ބުނިގޮތުގައި އިރުވައި އަކީ "ސްޓޭޓްމެންޓް އޮފް އެކްސްޕްރެޝަން" އެކެވެ. ކޮންމެ އުފެއްދުމެއްގައި ތަފާތު ގޮތެއް ހުރެ އެވެ. މިހާތަނަށް އެ ބްރޭންޑުން ނެރެފައި ވަނީ ތިން ބާވަތެއްގެ އުފެއްދުންތަކެކެވެ. އެއީ ފަންވަތް ދޫނި އެޑިޝަން، ދޮންދޫނި އެޑިޝަން އަދި ވައިފިޔަ މަޑި އެޑިޝަނެވެ.

ފުރަތަމަ އެޑިޝަނުން ދައްކައިދެނީ ފަންވަތް ދޫންޏެއްގެ ސިފަޔަށް ފަރުމާ ކޮށްފައިވާ ފަށުފުލެކެވެ. އެއީ ދިވެހިން އިހުޒަމާނުއްސުރެން ރުކު ފަނުން ހަދައިއުޅޭ 'އޮރިގާމީ' ސްޓައިލަކަށް ފަށްޖަހާފައިވާ ދޫންޏެކެވެ. ދެވަނަ އެޑިޝަނުން ފެންނަނީ ދޮންދޫނީގެ ސިފަޔަށް ހުންނަ ފަށުފުލެކެވެ. މިއިން ކޮންމެ ގަހަނާއެއް ވެސް އުފައްދާފައިވަނީ ރަން، ރިހި އަދި ރޯޒް ގޯލްޑް ޕްލޭޓު ކޮށްގެނެވެ. އެންމެ ފަހުން ނެރުނު ވައިފިޔަ މަޑި އެޑިޝަންގައި ހިމެނެނީ ވައިފިޔަ މަޑީގެ ކުރެހުމެއް ދައްކައިދޭ އަތްދަބަސްތަކެކެވެ.

އެހެން ބްރޭންޑުތައް ބާޒާރުގައި ލިބެން ހުރުމަކީ ވަރަށް އުފާވާ ކަމެއް ކަމަށް އިރުވައިގެ މޭސްތިރިން ބުންޏެވެ. ބާޒާރުން އާއްމުކޮށް ލިބެން ހުންނަ އުފެއްދުންތަކަށް ވުރެ އިރުވައިގެ އުފެއްދުންތައް ތަފާތު ކަމަށް ވެސް އެމީހުން ބުންޏެވެ. މިއިން ކޮންމެ އުފެއްދުމެއް ވެސް އޭގެ ޒާތުގައި ތަފާތު އަދި ނަލަ އުފެއްދުމަކަށް ހަދަން ގަދައަޅާ މަސައްކަތް ކުރަނީ އިރުވައިގެ ޓީމެވެ. އޭގެ ތެރޭގައި އުފެއްދުންތައް ފަރުމާކުރުމުން ފެށިގެން، މާކެޓް ކުރުން، އެ ތަކެތީގެ ފޮޓޯ ނެގުން އަދި އެ ތަކެތި ބަންދުކޮށް ޑެލިވާ ކުރުން ހިމެނެ އެވެ.

އިރުވައިގެ މުޅިން އާ އުފެއްދުންތަކެއްގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެ ތަކެތި ނެރޭނެ ކަމަށް އެ ބްރޭންޑުން ބުންޏެވެ. ގިނަ ބައެއްގެ މަގުބޫލުކަން ހޯދި ދޮންދޫނި އެޑިޝަންގެ ޑިޒައިނަށް ރަނގަޅު ބަދަލުތަކެއް ގެނެސް ވިއްކަން ފަށާނެ އެވެ. މީގެ އިތުރުން މީހުންނަށް ފަސޭހައިން ތަކެތި އޯޑަރު ކޮށްލެވޭނެ ވެބްސައިޓެއް ވެސް އެ ބްރޭންޑުން މިހާރު އަންނަނީ ހަދަމުންނެވެ. ވެބްސައިޓާ އެކު އާ އުފެއްދުންތައް ވެސް ލިބެން ހުންނާނެ އެވެ. 

ކޮމެންޓް (2)

މީމުހާ

1 ޑިސެމްބަރު 2022
އަސްލު ބިދޭސީންނަށް މިކަހަލަ ވިޔަފާރިތައް ނުކުރެވޭގޮތަށް ގާނޫނާއި ގަވާއިދުތަކުގައި އޮންނަނީ. މިފަދަ ކަންކަން ބެލޭނެ ގޮތެއް ނޯވޭ.
1 0

އެކްސް

4 ޑިސެމްބަރު 2022
@މީމުހާ ކޮބަތޯ ބިދޭސީން؟؟؟؟؟ މިއީ ދަވެހިން ތަކެއްގެ ވަހަކަ.
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް