ވައިޓް ހައުސްގެ މުވައްޒަފު ކެސިޑީ ހަޗިންސަން ކޮންގްރެސްގެ ކޮމިޓީއަށް ހެކިބަސް ދެނީ (ފޮޓޯ/ ވޮޝިންގްޓަން އެގްޒެމިނާ)

އެމެރިކާ

ޖަނުއަރީ 6ގެ ތަހުގީގު: ޓްރަމްޕް އަމަލްކުރެއްވި ގޮތް ނުރައްކާކަމުގެ ފުރަތަމަ ހެކި ލިބިއްޖެ

ވައިޓް ހައުސްގެ ކުރީގެ މުވައްޒަފަކު ބުނީ އެއްވި މީހުންގެ ތެރޭގައި ހަތިޔާރާ އެކު ބަޔަކު ތިބިކަން ޓްރަމްޕަށް އެނގިވަޑައިގަންނަވާ ކަމަށް

މުހިންމު ނުކުތާތައް

ޓްރަމްޕް ވިދާޅުވީ "އެމީހުން އައީ އަހަންނަށް ގެއްލުމެއް ދޭކަށް ނޫން"

ހަތިޔާރާ އެކު ތިބި މީހުން ވައްދަން ސެކިއުރިޓީންނަށް ޓްރަޕްމް އެންގެވި

މިއީ ޖެނުއަރީ 6 ގެ ތަހުގީގުގައި ޓްރަމްޕާ ދެކޮޅަށް ލިބުނު އެންމެ ބޮޑު ހެކި

މިދިޔަ އަހަރުގެ ޖަނަވަރީ 6 ގައި އެމެރިކާގެ ގާނޫނު ހަދާ މަޖިލިހަށް ސަޕޯޓަރުން ވަދެގަތުމަށް ހިތްވަރުދެއްވިއިރު އެމީހުން އަތުގައި ހަތިޔާރު ހުރިކަން އޭރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ކަނޑައެޅިގެން އެނގިވަޑައިގަންނަވާ ކަމަށް ވައިޓް ހައުސްގައި މަސައްކަތްކުރި މުވައްޒަފަކު، ކޮންގްރެސްގައި މިދިއަ އަންގާރަދުވަހު ބުނެފި އެވެ. 

މިއީ 2020ގެ އިންތިހާބުން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް ޖޯ ބައިޑަން މޮޅުވިކަން ކޮންގްރެސްގައި އިއުލާންކުރަން ބޭއްވި ޖަލްސާއަށް ހުރަސްއަޅަން ނުކުތް ޓްރަމްޕްގެ ސަޕޯޓަރުން ލައްވާ ޖިނާއީ ކުށެއް ކުރުވުމާ ޓްރަމްޕާ ގުޅިދާނެ ކަމަށް، މިހާތަނަށް އެނގުނު އެންމެ ބޮޑު ހެއްކެކެވެ.

ކެސިޑީ ހަޗިންސަން، 6 ޖެނުއަރީގެ ހާދިސާ ތަހުގީގުކުރާ ކޮމެޓީގެ ހުޅުވާލެވިފައިވާ ބައްދަލުވުމުގައި ކެރިގެން ވާހަކަ ދައްކަމުން ބުނީ ހަމަނުޖެހުމަށް ޓްރަމްޕް ހިތްވަރުދެއްވީ އެކަމުން ކުރިމަތިވެދާނެ ހަމަނުޖެހުންތައް އެނގިވަޑައިގެން ހުންނަވާ ކަމަށެވެ. އަދި އެކަން ޓްރަމްޕްގެ އެންމެ އަރިސް އެހީތެރިން ވެސް ގަބޫލުކުރެއްވި ކަމަށް، އޭނާ ބުންޏެވެ.

ބައެއް ސަޕޯޓަރުން ހަތިޔާރު ހިފައިގެން ތިބީ "އަހަންނަށް ގެއްލުމެއް ދޭން ނޫން" ކަމަށް ޓްރަމްޕް ވިދާޅުވި އަޑު އޭނާ އެހި ކަމަށް ވެސް، ކެސިޑީ ބުންޏެވެ.

އޭނާގެ ހެކިބަހުން ދެން އެނގުނު އެންމެ ހައިރާންކުރުވަނިވި ކަމަކީ، ކޮންގްރެސްގެ އިމާރާތް ކެޕިޓަލްއަށް ވަދެގަންނަން ދިޔަ މީހުންނާ އެކު ވަޑައިގަންނަވަން ޓްރަމްޕް މަސައްކަތްކުރެއްވި ކަމެވެ. އެކަމަކު އޭނާ ހުއްޓުވީ ސަލާމަތީ މީހުން ކަމަށް، ކެސިޑީ ބުންޏެވެ.

ކެސިޑީއަކީ ވައިޓް ހައުސްގެ އޭރުގެ ޗީފް އޮފް ސްޓާފް މާކް މެޑޯސްގެ އިސް މުވައްޒަފެކެވެ. ވަރަށް ގިނަ ފަހަރު އޭނާއަށް ޓްރަމްޕާ ވަރަށް ކައިރީގައި ވެސް ހުންނަން ޖެހެ އެވެ. އެހެންކަމުން ބައެއް ވާހަކަތައް ސީދާ އިވި، އަނެއް ބައި ވާހަކަތައް، ޓްރަމްޕްގެ އަރިސް މީހުންގެ ފަރާތުން ވެސް އޭނާއަށް އިވިފައި ހުރި ހުރި ކަމަށް، ކޮމިޓީގައި ބުންޏެވެ.

ޖަނަވަރީ 6ގެ ހަމަނުޖެހުންތައް ތަހުގީގުކުރަމުން އަންނަ ކޮންގްރެސްގެ ކޮމިޓީއަށް މިހާތަނަށް އެއްކުރެވިފައިވާ މައުލޫމާތުތަކުގެ ތެރޭގައި ވައިޓް ހައުސްގައި އެދުވަހު ކަންތައްތައް ހިނގަމުން ދިޔަ ގޮތުގެ މައުލޫމާތެއް ނުހިމެނެ އެވެ.

ނަމަވެސް 25 އަހަރުގެ ކެސިޑީ މިވަނީ ވައިޓް ހައުސްގައި އެދުވަހު ކަންކަން ހިނގަމުންދިޔަ ގޮތް ތަފުސީލުކޮށް ކިޔައިދީފަ އެވެ.

ކެސިޑީގެ އޮފީސް ހުންނަނީ ޓްރަމްޕް އިންނަވާ އޯވަލް އޮފީހާ ވެސް ވަރަށް ކައިރީގަ އެވެ.

އަންގާރަ ދުވަހު ބޭއްވުނު ތަހްގީގީ ކޮމިޓީގެ ތެރެއިން (ވީޑިއޯ/ ބްލޫމްބާގް ކުއިކްޓޭކް)

ކެސިޑީ ދިން ހެކިބަހުގައި ހިމެނޭ މުހިންމު ބައެއް ނުކުތާތައް:

  • 1-

     ޖަނަވަރީ 6 ގައި ކަންތައްތައް "ވަރަށް، ވަރަށް ގޯސްވެގެން ހިނގައިދާނެ ކަމަށް" މެޑޯސް ވިދާޅުވި.

  • 2-

    ޓްރަމްޕުގެ ސަޕޯޓަރުން އައީ ވަޅި އާއި، ބަޑި އާއި އެހެނިހެން ހަތިޔާރު ހިފައިގެން ކަމަށް ޖަނަވަރީ 6 ވަނަ ދުވަހު މެޑޯސްއަށް ދެންނެވުމުން ފޯނުން އިސްއުފުލާ ބަލާ ވެސް ނުލައްވާ ހަމައެކަނި އެއްސެވީ "އިތުރު ކަމެއް ނެތް؟" 

  • 3-

    ސަޕޯޓަރުން ގެެނައި ހަތިޔާރުތަކާ ހެދި ސަލާމަތީ އާލާތްތަކުން އަޅަމުން ދިޔަ އެލާމުތަކާ ހެދި ސީއައިއޭގެ ޓީމުން ސަޕޯޓަރުން ފޮނުވާލަމުން ދިޔުމުން ޓްރަމްޕު ކޯފާއިސްވި

  • 4-

    "އެމީހުން އައީ އަހަންނަށް ގެއްލުމެއް ދޭކަށް ނޫން" ކަމާއި "އެމީހުން ވައްދާ" ޓްރަމްޕު ވިދާޅުވި.

  • 5-

    މި ހަރަކާތުގެ ސަބަބުން ޓްރަމްޕުގެ ރައީސްކަމުގެ ދައުރަށް ވަރަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމަށް ގައުމީ އިންޓެލިޖެންސާ ބެހޭ ޑިރެކްޓަރު ޖޯން ރެޓްކްލިފް ވައިޓް ހައުސްއަށް އިންޒާރު ދެއްވި.

  • 6-

    މި ހަރަކާތުގެ ސަބަބުން ވައިޓް ހައުސް އިން ހަމަނުޖެހުން ހިންގަން ހިވްވަރު ދޭކަމަށް ފެނިދާނެ ކަމަށް ވައިޓް ހައުސްގެ ގާނޫނީ ވަކީލު ޕެޓް ޗިޕޮލޯން ފާހަގަކުރެއްވި

ތަހުގީގު ކޮމިޓީގައި ކެސިޑީ ހެކިބަސް ދެމުން ގެންދިޔައިރު ރައީސް ގެންދެވީ އޭނާގެ އަމިއްލަ ސޯޝަލް މީޑިއާ ޕްލެޓްފޯމް 'ޓްރޫތު ސޯޝަލް' ގައި ކެސިޑީގެ ވާހަކަތައް ދޮގުކުރައްވަމުންނެވެ.

"އަހަރެން ނުވެސް އެދެން އަދި ބޭނުމެއް ވެސް ނޫން އަހަރެންގެ ތަގްރީރު އަޑުއަހަން ހަތިޔާރު އެޅި ބަޔަކު އަންނާކަށް. އެކަހަލަ ކަމެއް ދުވަހަކު ވެސް ބޭނުންވާނީ ކާކު؟" ޓްރަމްޕު ލިޔުއްވި އެވެ.

ކެސިޑީއަކީ މިތަހުގީގަށް ހެކިބަސް ދޭން ހަމަޖެހިފައިވާ ރިޕަބްލިކަން ޕާޓީ އާއި ވައިޓްހައުސްގެ ކުރީގެ މުވައްޒަފުންގެ ތެރެއިން އެންމެ ފުރަތަމަ މީހެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް