ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގެ ރިޔާސަތުގައި: ބާރުގަދަ މަގާމެއް އެކަމަކު ނުކުރެއްވޭނެ ކަންކަން ވެސް ހުންނާނެ (ފޮޓޯ މަޖިލިސް)

ބަރަހަނާވީމާ މަޖިލީހުގެ ރައީސަށް އެކަން ދިފާއުކުރެއްވޭނެތަ؟

ދައުލަތުގެ ވެރިންނާއި ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުން ބޭޒާރުވާ ހިސާބުން ޖެހޭނީ އިސްތިއުފާ ދޭން

ދައުލަތުގެ މަތީ މަގާމުތަކުގައި ތިބޭ މީހުންގެ ބަދުއަހުލާގީ މައްސަލަތައް ފަޅާއެރުމުން ދުނިޔެ އިން ފެންނަ މަންޒަރަކީ އެ މަގާމަކުން އަވަހަށް އިސްތިއުފާ ދީ، އާންމުންނަށް 'ފިލުމެ"ވެ. އިނގިރޭސި ޕާލިމަންޓްގެ ޖަލްސާއެއްގައި އިންނަވައި، ބަރަހަނާ ވީޑިއޯ ބެއްލެވި މެމްބަރުގެ އިސްތިއުފާގެ ވާހަކަ ފެތުރުނީ އަދި އިހަކަށް ދުވަހު އެވެ. މި ދައްކަނީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދު ނަމޫނާއަކަށް ނަންގަވާ އިނގިރޭސި ރައްޔިތުންގެ މަޖިލީހުގެ ވާހަކަ އެވެ. ނުވަތަ އެ މަނިކުފާނު ރާއްޖެއަށް ގެންނަވަން ބޭނުންފުޅުވާ ބަރުލަމާނީ ނިޒާމްގެ ހުވަފެން ގުޅިފައި އޮތް މަޖިލީހުގައި މެމްބަރުން ގެންގުޅުއްވާ، ލިއެފައި ނެތް އެކަމަކު އަމަލުން ދައްކާ ރަނގަޅު ނަމޫނާތަކުގެ ވާހަކަ އެވެ.

މިއީ އަނެއްކާވެސް ރާއްޖޭގައި ހުތުރުކަން ބޮޑު އަމަލުތަކެއްގެ ވީޑިއޯތައް ސޯޝަލް މީޑިއާގައި އާންމުވެ، މަޝްހޫރު ބައެއް މީހުންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާ މެދު ވެސް ޝައްކުތަކެއް އުފެދިގެން އުޅޭ ދުވަސްވަރެކެވެ. މިއީ 2013ގެ ރިޔާސީ އިންތިހާބުގެ ކުރިން ސުޕްރީމް ކޯޓު "ވާކޮށްފައި" ބާއްވަން، އޭރުގެ ފަނޑިޔާރު އަލީ ހަމީދުގެ ބަރަހަނާ ފޮޓޯތަކެއް އާންމުންނަށް ދޫކޮށްލި ހާލަތު ފަދަ ދުވަސްކޮޅެކެވެ. އޭރު ދައުލަތުގެ ވެރިޔަކަށް ވީތީ އަލީ ހަމީދުގެ ދިފާއުގައި ނަޝީދެއް ނުނިކުންނަވަ އެވެ. އެ މަނިކުފާނު ހުންނެވީ ފަނޑިޔާރުކަމުން އޭނާ ވަކިކުރައްވަން ތާއީދުކުރައްވައިގެންނެވެ.

އެކަމަކު މިހާރު ނަޝީދުގެ އަމަލްފުޅުތައް ހުރީ ތަފާތުކޮށެވެ. އެ މަނިކުފާނުގެ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންގެ ފޮޓޯތަކެއް ނުވަތަ ވީޑިއޯތަކެއް އާންމުވެދާނެކަމުގެ ބިރުގައި ވިދާޅުވަނީ "މެމްބަރުން ހަވަރަށް ދޭތަން" ބައްލަވަން މަޑުން ނުހުންނަވާނެ ކަމަށެވެ.

ނަޝީދު ވިދާޅުވާ އެއް ވާހަކަފުޅު ރަނގަޅެވެ. ބަރަހަނާވުމަކީ ޒާތީ ކަމެކެވެ. ބަދުއަހުލާގީ އަމަލުތައް ހިންގުމަކީ ވެސް ޒާތީ ކަމެކެވެ. އެ ޒާތީ ކަންތައް ރައްޔިތުންނަށް ނޭނގި، ސިއްރުގައި އޮތް ނަމަ، އެއާ މެދު ފާޅުގައި ވާހަކަ ދެއްކޭނެ ފުރުސަތެއް ސޯޝަލް މީޑިއާގެ އަހުލުވެރިންނަކަށް ނުލިބޭނެ އެވެ. އެކަމަކު ޒާތީ ކަންތައް އާންމުންގެ ލޯ މައްޗަށް އަންނަ ހިސާބުން، ދައުލަތުގެ ވެރިންނާއި ޒިންމާދާރު ވަޒީފާތަކުގައި ތިބޭ މީހުންނަށް އެ މަގާމުތަކުގައި ތިބުމުގެ އަހުލާގީ މިންގަނޑުން އެބަ ބޭރުވެ އެވެ.

އެއީ ދިފާއުކުރެވޭނެ ހާލަތެއް ނޫނެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނާއި ދައުލަތުގެ ވެރިންނާއި ޒިންމާދާރު ވަޒީފާތަކުގައި ތިބޭ (މިސާލަކަށް ތައުލީމީ ދާއިރާ، ޝަރުއީ ދާއިރާ)ގެ މީހުންގެ ބަދުއަހުލާގީ މައްސަލަތައް ފަޅާއަރާ ހިސާބުން، އެކަން ދިފާއުކުރައްވަން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް އާއި ސިޔާސީ ޕާޓީތަކުން ނުކުތުމަކީ، ވަރަށް ބޮޑު މައްސަލައެކެވެ. މިސާލަކަށް ޓީޗަރެއްގެ އެފަދަ ފޮޓޯތަކެއް ނުވަތަ ވީޑިއޯއެއް އާންމު ވެއްޖެ ނަމަ އޭނާގެ ވަޒީފާ ގެއްލުން ވަރަށް ކައިރި އެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކަށް ވުމުން އޭނާއާ މެދު އެޅޭނެ ފިޔަވަޅެއް ނެތެވެ. މިއީ ދައުލަތުގެ ނިޒާމް ހަމަޖެހިފައި އޮންނަން ވާނެ ގޮތެއް ނޫނެވެ.

ރާއްޖޭގެ ރައްޔިތުންގެ މަޖިލިސް: މިއީ ކުޅޭކުޅޭ ތަނެއް ނޫން

މިހާތަނަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރެއްގެ ބަދުއަހުލާގީ ވީޑިއޯއެއް އާންމުވެފައެއް ނެތެވެ. ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ޝަމީމް (އަނދުން ހުސައިން)އަށް ނިސްބަތްކުރާ ފޮޓޯއެއް ސޯޝަލް މީޑިއާގައި އުޅޭ ކަމަށްވެ އެވެ. އެކި މީހުންގެ ވީޑިއޯތައް ލީކުކޮށްލާނެކަމުގެ އިންޒާރު ދެމުން އަންނަކަމުގެ އަޑުތައް ވެސް މި ދުވަސްވަރު ދަނީ އަރަމުންނެވެ. ނަމަވެސް އެ އިންޒާރު ދޭ މީހުންގެ އަތުގައި އޮތީ ކޮން އެއްޗެއް ކަމެއް އެއްގޮތަކަށް ވެސް ނޭނގެ އެވެ.

ގެސްޓްހައުސްތަކުގެ ކޮޓަރިތައް ކުއްޔަށް ހިފައިގެން ބައެއް މީހުން ހިންގާ ބަދުއަހުލާގީ އަމަލްތަކުގެ ވީޑިއޯ ރެކޯޑްކޮށް، ބްލެކްމެއިލް ކުރުމުގެ ސިލްސިލާތަކެއް ވެސް ދޭތެރެދޭތެރެއިން ފެށެ އެވެ. އަދި އާންމުންނަށް ނޭނގޭ ހިސާބުގައި އެތައް ބަޔަކު ބްލެކްމެއިލްކޮށް ފައިސާ ހޯދުމަށް ފަހު ވީޑިއޯތައް އާންމުނުކޮށް ވެސް ހުރެދާނެ އެވެ. 

ސޯޝަލް މީޑިއާގެ ނުފޫޒު ގަދަ ޒަމާނެއްގައި މީހަކު ބޭޒާރުވާކަށް މާ ގިނައިރެއް ނުނަގަ އެވެ. އަދި 'ސިޔާސީ ޒަހަރުން' ގިނަ ބައެއްގެ ހިޔާލާތު ގަޑުބަޑުވެފައި އޮތް ދުވަސްވަރެއްގައި ސިޔާސީ ކުލައެއް ހުރި މީހެއްގެ އެކަހަލަ ކޮންމެ ފޮޓޯ/ވީޑިއޯއެއް ވެސް މިވަނީ ލިބޭ ހަތިޔާރަކަށެވެ. އެފަދަ ވީޑިއޯ ނުވަތަ ފޮޓޯގައި ނެތް މީހުންގެ އަބުރު ވެސް ގެއްލޭ ގޮތަށް، ސޯޝަލް މީޑިއާއިން އަޑުއަރުވަ އެވެ. ކޮން ބައެއްކަން ނޭނގި ތިބެ ހިންގާ އޮންލައިން މީޑިއާތަކުން ސުރުހީ ހަދަ އެވެ. އޭގެ ތެދުދޮގު ނުބަލާ އެތައް ބަޔަކު އެ ޕޯސްޓްތައް ސޯޝަލް މީޑިއާގައި ފަތުރާލަ އެވެ.

އިނގިރޭސި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއްގައި އިންނަވައި ބަރަހަނާ ވީޑިއޯއެއް ބެއްލެވިކަން ފަޅާއެރުވުމުން މަގާމުން އިސްތިއުފާ ދެއްވި މެމްބަރު ނީލް ޕެރިޝް

މި ހުރިހާ ކަމެއްގެ ތެރެއިން ވެސް ދައުލަތުގެ ވެރިންނާއި ޒިންމާދާރު މަގާމުތަކުގައި ތިބޭ މީހުންނަށް ލިބޭ ސަމާލުކަން ބޮޑުވެ އެވެ. ސިޔާސީ ވަކި ފިކުރެއް ނެތް އެތައް ބަޔަކަށް ވެސް، އެފަދަ މީހުންގެ ބަދުއަހުލާގީ މައްސަލަތައް ނެގެނީ، އާންމު މީހެއްގެ އެކަހަލަ މައްސަލައަކަށް ނިސްބަތްކުރާ މިންވަރަށް ވުރެ މާ މަތިން އަދި މާ ސީރިއަސްކޮށެވެ. އެންމެ ސަބަބެކެވެ: އެއީ ދައުލަތުގެ ވެރިންނަށް ވުމެވެ. އެއީ ޒިންމާދާރު މަގާމުތަކުގައި ތިބޭ، އާންމު ރައްޔިތުންގެ ހިދުމަތްތެރިންނަށް ވުމެވެ. 

އެއީ ހަމަ އެއްވެސް ޝައްކެއް ނެތި ގޯސް ކަމެއް

ނީލް ޕެރިޝް، ބަރަހަނާ ވީޑިއޯ ބެއްލެވި މައްސަލައަށް އިޝާރަތްކުރައްވާ

އަހުލާގު ރަނގަޅު، ނަމޫނާ ބަޔަކަށް ވުމުގެ ސިފަތައް އާންމު ހިދުމަތުގެ ދާއިރާގައި ވަރަށް މުހިންމެވެ. ސިޔާސީ ވެރިންގެ ކިބާގައި ގޮތާއި ފޮތާއި އަހުލާގު ހުންނަން ޖެހޭނެކަމަށް އާންމުން ގަބޫލުކުރަނީ، އެ ސިފަތަކަކީ ވެސް ޒިންމާއެއް ކަމަށް ބަލާތީ އެވެ. އެހެންކަމުން ދައުލަތުން މުސާރަ ދޭ ވަޒީފާތަކުގައި އުޅޭ މީހުން ރައްކާތެރިވާން ޖެހޭނެ ކަންކަން ވެސް ގިނަ އެވެ. ހާއްސަކޮށް ސިޔާސީ ވެރިންނެވެ. ހާއްސަކޮށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނެވެ. ކެބިނެޓެވެ. އެހެންކަމުން ބަދުއަހުލާގީ އަމަލްތައް ހިންގާކަން އާންމުންނާ ހަމައަށް ފޮޓޯ/ވީޑިއޯގެ ޒަރީއާއިން ތިލަވާ އެފަދަ މީހުންގެ ހިމާޔަތުގައި ދެއްކޭނެ ވާހަކައެއް އޮވެގެން ނުވާނެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ ރައީސް ނަޝީދު ކިތައްމެ ކެރިވަޑައިގެން ހުންނަވާ، މެމްބަރުން ދިފާއުކުރައްވަން އުޅުއްވިޔަސް އާންމުންގެ ކުރިމަތީގައި އެކަމެއް ނުވާނެ އެވެ. މެމްބަރެއްގެ ބަދުއަހުލާގީ އަމަލެއް އާންމުންނާ ހަމައަށް ތިލަވާ ހިސާބުން ނަޝީދަށް ވެސް ޖެހިވަޑައިގަންނަވާނީ އެ މެމްބަރަކާ ދުރަށް ވަޑައިގަންނަވާށެވެ. އިނގިރޭސި ވިލާތުގެ ރައްޔިތުންގެ މަޖިލިސް ނަމޫނާއަކަށް ނަންގަވަންޏާ މިދިއަ އެޕްރީލް މަހު އިސްތިއުފާ ދެއްވި ނީލް ޕެރިޝްގެ މަތިން ހަނދުމަފުޅު ހުންނަން ވާނެ އެވެ.

ރައްޔިތުންގެ މަޖިލިހުގައި އިންނަވައި ޕެރިޝް ވަނީ ދެ ފަހަރެއްގެ މަތިން ބަރަހަނާ ފިލްމު ބައްލަވައިފަ އެވެ. ފުރަތަމަ ފަހަރު އޮޅުމަކުން ލިންކަކަށް ފިއްތަވާލެއްވިގެންނެވެ. އެކަމަކު ދެ ވަނަ ފަހަރު އެ ފިލްމު ބެއްލެވީ ގަސްދުގަ އެވެ. އެކަމަށް އޭނާ އިއުތިރާފްވެވަޑައިގަތެވެ.

"އެއީ ހަމަ އެއްވެސް ޝައްކެއް ނެތި ގޯސް ކަމެއް،" 2010 އިން ފެށިގެން މަޖިލިހުގެ މެމްބަރަކަށް އިންނަވާ ޕެރިޝް އޭރު ވިދާޅުވި އެވެ.

އޭނާ ސިފަކުރެއްވި ގޮތުގައި މަޖިލިހުގެ ތަޅުމުގައި އިންނަވާ އެފަދަ ވީޑިއޯއެއް ބެއްލެވުމަކީ އޭނާގެ ހަޔާތުގައި ވެސް ކުރެއްވުނު އެންމެ ބޮޑު ކުށެވެ. މި ދައްކަނީ އެހެން ބަޔަކު ކުޅެފައި އޮތް ފިލްމެއް ބެލި ވާހަކަ އެވެ. އޭނާގެ އަމިއްލަ ވީޑިއޯއެއް ނުވަތަ ފޮޓޯއެއް ނޫނެވެ.

ނަޝީދު އެވެ. އާންމުވާ ބަރަހަނާ ފޮޓޯތަކާއި ވީޑިއޯތައް ނިސްބަތްވަނީ މެމްބަރުންނަށް ކަމަށް ވާ ނަމަ، 'ވީ ހާލައިގެން' އުޅެން އެ މީހުން ދޫކޮށްލައްވާށެވެ. ރާއްޖޭގެ ސިޔާސީ ވެރިންނާއި ރާއްޖޭގެ ރައްޔިތުންގެ މަޖިލިހާއި ރާއްޖޭގެ ކެބިނެޓާއި ރާއްޖޭގެ ޝަރުއީ ނިޒާމާއި ރާއްޖޭގެ މިނިވަން މުއައްސަސާތައް ހިންގަން ތިބެން ޖެހޭނީ އާންމުންގެ ކުރިމަތީގައި ސާފު މީހުންނެވެ.

އެހެން މީހަކަށް ނޭނގި ކުރާ ހުތުރު އަމަލުތައް ވަކި ބަޔަކާ ގުޅުވައިގެން އާންމުންގެ ތެރޭގައި ބަހުސަކަށް ހަދައިގެންނެއް ނޫޅެ އެވެ. އެކަމަކު ވަކި ބައެއްގެ ފޮޓޯ އާއި ވީޑިއޯތައް އާންމުންނަށް ފެންނަ ހިސާބުން، އެ ބައެއްގެ ކިބައިން މަގާމުގެ އަހުލާގީ ސިފަ ގެއްލިދެ އެވެ. ރައްޔިތުންގެ އިތުބާރު ގެއްލެ އެވެ. ލޯބި ގެއްލެ އެވެ. އިހުތިރާމް ގެއްލެ އެވެ.

އެހާ ހިސާބުން ރައީސުލްޖުމްހޫރިއްޔާ އާއި ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް ވެސް އެ ބަޔަކު ހިމާޔަތެއް ނުކުރެއްވޭނެ އެވެ. ހިމާޔަތްކުރައްވަން މަސައްކަތް ކުރައްވައިގެން ވެސް ނުވާނެ އެވެ.

ކޮމެންޓް (2)

ދިވެއްސެއް

27 ޖޫން 2022
މީ ރިވެތި އަޚްލާގުން ބޭރުވުމެއް ނޫން. މީ އިސްލާމްދީނުން ބޭރުވުން. އިސްލާމީ ގައުމެއްގަ އިސްލާމީ ޝަރީއަތް ހިނގާ ތަނެއްގެ ގާނޫނު ހަދަން ތިބޭމީހުންގެ ހަގީގަތް މި ފެންނަނީ. ދެން ކޮން ކަމެއް ރަގަޅުވާނީ މިގައުމުގަ
0 1

ދިވެހި ބަސް

27 ޖޫން 2022
"ޒިންމާދާރު ވަޒީފާތަކުގައި ތިބޭ (މިސާލަކަށް ތައުލީމީ ދާއިރާ، ޝަރުއީ ދާއިރާ)ގެ މީހުންގެ ބަދުއަހުލާގީ މައްސަލަތައް ފަޅާއަރާ ހިސާބުން،" މި ޖުމްލައިގައި ބްރެކެޓްގެ ފަހަތުގައި އޮތް "ގެ" އޮންނަންވާނީ ބްރެކެޓްގެ ތެރޭގައި ދޯ؟
0 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް