ރަށެއްގެ ވިލެއް: ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުގެ އަސަރު އެންމެ ބޮޑަށް ކުރާނީ ރާއްޖޭގެ މުރަކައިގެ ރަށްތަކަށް. (ފޮޓޯ/އަލީ ރަފީގު)

ރާއްޖޭގެ ރަށްތައް އުފެދިފައިވަނީ ކިހިނެއް، ކޮން ޒަމާނެއްގައި؟

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ރާއްޖެއަށް ބޮޑުވަނީ މުރަކަ އާއި އަކިރި އަދި ވެލިން އުފެދިފައިވާ ރާއްޖޭގެ ރަށްތަކުގެ ނާޒުކުކަމުން.
2 ނޮވެމްބަރު 2021
1

މީގެ 11،000 ވަރަކަށް އަހަރު ކުރިން ރާއްޖެ ހިމެނޭ ސަރަހައްދުގައި ދަތުރުކޮށްފި ނަމަ ފެންނާނީ ފުން ވިލާއި ތިލަ އަދި ފަރުތަކެވެ. އެއީ އެއްވެސް ރަށެއް ފުރިހަމައަށް އުފެދި ފެނުން މައްޗަށް ނާރާތީ އެވެ. ފަރާއި ފަޅުތަކުގައި ދިރެމުންދިޔަ މުރަކަ އާއި ގިނަވަމުން ދިޔަ ގަލާއި ވެލިން ރަށްތައް އުފެދި، ފެނުން މައްޗަށް އަރަން އަދި 6،000 އަހަރު ވަރު ނެގި އެވެ.

ރާއްޖެ އުފެދިފައިވާ ގޮތާ ބެހޭ ތަފާތު ދިރާސާތައް އެކި ފަރާތްތަކުން ކޮށްފައި ވެއެވެ. އެކި ރަށްރަށާއި ކަނޑުގެ ބިން ތޮރުފައިގެން ހޯދާފައިވާ މައުލޫމާތުގެ އަލީގައި ބައެއް ސައެންސްވެރިން ބުރަވަނީ ރާއްޖޭގެ ފަރާއި ފަޅުތަކުގެ މަތީގައިވާ  ބިން އުފެދެން ފެށީ މީގެ 33-56 މިލިއަން އަހަރު ކުރިން ކަމަށެވެ. މިއީ އަލިފާން ފަރުބަދަ ގޮވައިގެން އުފެދިފައިވާ ކަނޑު އަޑީގެ ބިމެވެ. މި ބިމުގެ އެންމެ މަތީގައި ވަނީ ބޯމިނުގައި 3 ކިލޯމީޓަރު ހުރި ލައިމްސްޓޯން ފަށަލައެކެވެ. އަދި ކަނޑުގެ ލޮނުގަޑުގެ އުސްމިނަށާއި، ވަޔާއި އޮޔަށް އައި ބަދަލުތަކާ އެކު މީގެ 5-23 މިލިއަން އަހަރު ކުރިން އެކި އަތޮޅުތައް ހިމެނޭ ގޮތަށް ލައިމްސްޓޯނުން އުފެދިފައިވާ ބިން ބައިބައިވެގެން ދިޔައީ އެވެ. މިހާރުގެ އަތޮޅުތަކުގެ އެތެރެވަރި އުފެދުނީ މި ދުވަސްވަރު ކަމަށް ވެއެވެ. ހަމަ އެއާ އެކު މުރަކަ އާއި ފަރުން އުފެދެމުންދިޔަ ވެލިން ރަށްތައް އުފެދެން ފެށީ އެވެ. އަދި  މީގެ 11،600 ވަރަކަށް އަހަރު ކުރިން ކަނޑުގެ ލޮނުގަނޑު އުފުލެން ފެށުމުން ފަރުތައް ވެސް ކުރިއަށް ވުރެ ތިލަވެގެން ދިޔަ އެވެ. އެއިރުވެސް ރާއްޖޭގެ ސަރަހައްދުގައި ހުރީ ތިލަ އާއި ވިލެވެ.

ދުނިޔޭގެ އެކި ހިސާބުތަކުގައި އަތޮޅުތައް މީގެ 500،000 އަހަރު ކުރިން އުފެދެން ފެށި ނަމަވެސް ރާއްޖޭގެ ސަރަހައްދުގައި ފަރުތަކާއި ފަޅުތައް އަދި ފަހުން ރަށްތައް އުފެދެން ފެށީ މާ ފަހުންނެވެ. އޮސްޓްރޭލިއާގެ ރިސާޗަރަކު ބުނެފައިވާގޮތުގައި ދުނިޔޭގެ އެކި ސަރަހައްދުތަކުގައި އަތޮޅުތައް އުފެދެން މެދުވެރިވި މައިގަނޑު ސަބަބަކީ ކަނޑުގެ ލޮނުގަނޑު އުފުލި އަދި ތިރިވުމެވެ. މި ބަދަލުތައް ކޮންމެ 100،000 އަހަރަކުން އެއް ފަހަރު އަންނަކަމަށް ވެއެވެ. މިއިން ކޮންމެ ފަހަރަކު ކަނޑުގެ ލޮނުގަނޑު މަދުވެގެން 120 މީޓަރަށް މައްޗަށް އަރައި އަދި ތިރިއަށް ދާކަމަށް ވެ އެވެ.

  • އެނގުން މުހިންމު - ރާއްޖޭގެ ދެކުނުން ހުވަދު އަތޮޅުގައި ކޮށްފައިވާ ދިރާސާއަކުން އެނގޭ ގޮތުގައި އެންމެ ފުރަތަމަ، ކަނޑުގެ ފަށަލައިން މަތީގައި، ރަށްތައް އުފެދެން ފެށީ މީގެ 4،200 އަހަރު ކުރިން، އަތޮޅުގެ އިރުމަތީ ފަރާތުގަ އެވެ. ހުޅަނގު ދެކުނުގައިވާ ރަށްތައް އުފެދެން ފެށީ ގާތްގަނޑަކަށް މީގެ 2،800 އަހަރު ކުރިންނެވެ. ރަށްތައް އުފެދުނީ ފުން ފަޅުތަކާއި ތިލަތަކުގައި ހެދުމުން ދިޔަ މުރަކައިން އުފެދުނު އަކިރި އާއި ވެލިންނެވެ. ހުޅަނގާއި އިރުން ޖެހެމުން ދިޔަ ވަޔާއި އޮއިވަރާ އެކު އަކިރި އާއި ވެލި އެއްތަންވެ، ރަށްތައް ފެނުން މައްޗަށް އަރައި އުފެދިގެން އައީ އެވެ. ރާއްޖޭގެ އެކި އަތޮޅާއި ރަށްތައް އުފެދި ފުރިހަމަވެފައިވަނީ އެއް ދުވަސްވަރެއްގައެއް ނޫނެވެ. ހުވަދު އަތޮޅު ވާދޫ  އުފެދިފައިވަނީ މީގެ 2،100 އަހަރު ކުރިން ކަމަށް އެހެން ދިރާސާއަކުން ދައްކަ އެވެ.

ދުނިޔޭގެ މޫސުމަށް އަންނަ ބަދަލާ އެކު، ރާއްޖޭގެ ރަށްތަކަށް އެންމެ ބޮޑަށް ނުރައްކާވަނީ ކަނޑުގެ ލޮނުގަނޑު އުފުލި އަދި ހަމައެ އާކު މޫސުން ގޯސްވާއިރު އުފެދޭ އުދަ އާއި ރާޅުތަކުގެ ސަބަބުންނެވެ. ބޮޑު ކަނޑެއްގެ މެދުގައި، ހިމާޔަތެއް ނެތި އޮތުމާ އެކު، މާ ދުރުގައި އުފެދޭ އުދައިގެ އަސަރު ވެސް ރާއްޖެއަށް ކުރެ އެވެ. މިސާލަކަށް 2007 ގައި ދެކުނުގެ ރަށްތަކަށް އުދަ އެރީ ދެކުނު އެފްރިކާ ކައިރީގައި އުފެދުނު އުދައިގެ ސަބަބުންނެވެ.

  • ރާއްޖޭގެ މަތިން ނަގާފައިވާ ފޮޓޯއެއް
  • ރާއްޖޭގެ މަތިން ނަގާފައިވާ ފޮޓޯއެއް
  • ރާއްޖޭގެ މަތިން ނަގާފައިވާ ފޮޓޯއެއް

ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ނުރައްކާ

ކަނޑުގެ ލޮނުގަނޑު އުފުލެން މެދުވެރިވަނީ ޖައްވު ހޫނުވެ މިހާރު ދުނިޔޭގައި ހުރި ގަނޑުފެންތައް ވިރުމުގެ އިތުރަށް ކަނޑުގެ ލޮނުގަނޑު ހޫނުވުމުންނެވެ. ކަނޑުގެ ލޮނުގަނޑު އުފުލުމުން ބިން ތިރި ރަށްތަކަށް ތިމާވެށީގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަން ގިނަ ދިރާސާތަކުން ދައްކަ އެވެ. ވޭތުވެ ދިޔަ 2000 އެއްހާ އަހަރުގެ ތެރޭގައި ދުނިޔޭގެ ފިނިހޫނުމިނަށް މާ ބޮޑު ބަދަލުތަކެއް އައިސްފައެއް ނެތެވެ. ނަމަވެސް 20 ވަނަ ގަރުނުން ފެށިގެން، ކުރިއާ އަޅާބަލާއިރު، ދުނިޔެ ހޫނުވުން ދަނީ އިތުރުވަމުންނެވެ.

 ގްރީންހައުސް ގޭސް މަދުކުރުމުގެ މަސައްކަތްތައް ފޭލިވެއްޖެ ނަމަ ކުރިމަތިވާ އެންމެ ނުރައްކާތެރި ހާލަތުގައި ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު، 2.5 މީޓަރަށް އުފުލޭނެ.(ފޮޓޯ/އަލީ ރަފީގް)

 ޖައްވު ހޫނުވުމުގެ މައިގަނޑު ސަބަބަކީ ސިނާއީ މަސައްކަތްތަކުގެ ސަބަބުން ޖައްވަށް ތަފާތު ވިހަ ގްރީން ހައުސް ގޭސް ބޭރުވުމެވެ. މި ގޭހުގެ ތެރޭގައި އެންމެ ބޮޑު ޕަސެންޓެއް ހިއްސާކުރަނީ ކާބަން ޑައިއޮކްސައިޑާއި (%75) މީތޭން (%16) އެވެ. ކާބަން ޑައިއޮކްސައިޑް އުފެދެނީ، މައިގަނޑު ގޮތެއްގައި، ބޯޓްދެއްޔާތި ތެޔޮ ސިނާއީ އަދި ދަތުރުފަތުރުގެ ބޭނުމުގައި ބޭނުންކުރުމުންދާތީ އެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ މަތިން ފެންނަގޮތް: ގްރީންހައުސް ގޭސް މަދުކުރުމުގެ މަސައްކަތްތައް ފޭލިވެއްޖެ ނަމަ ކުރިމަތިވާ އެންމެ ނުރައްކާތެރި ހާލަތުގައި ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު، 2.5 މީޓަރަށް އުފުލޭނެ.(ފޮޓޯ/އަލީ ރަފީގް)

ލިބެން ހުރި މައުލޫމާތުތަކަށް ބަލާއިރު 1880 އިން ފެށިގެން ކަނޑުގެ ލޮނުގަނޑު މިއަދާ ހަމައަށް 21-24 ސެންޓިމީޓަރަށް ވަނީ އުފުލިފަ އެވެ. އަދި 1993ގެ މިންގަނޑަށް ބަލާއިރު 2020 ގައި ކަނޑުގެ ލޮނުގަނޑު ވަނީ 91.3 މިލިމީޓަރަށް އުފުލިފަ އެވެ. ދިރާސާތަކުން ދައްކަނީ:

  • 20 ވަނަގަރުގެ ބޮޑު ބައިގައި ކޮންމެ އަހަރަކު 1.4 މިލިމީޓަރަށް ކަނޑުގެ ލޮނުގަނޑު އުފުލުން

  • 2015-2006 އާ ދެމެދު ކޮންމެ އަހަރަކު 2.6 މިލިމީޓަރަށް ކަނޑުގެ ލޮނުގަނޑު އުފުލުން

  • ގްރީން ހައުސް ގޭސް މަދުކުރުމުގެ ފިޔަވަޅުތައް ކާމިޔާބު ވިޔަސް ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު، 2000 ވަނަ އަހަރުގެ ލެވެލްއާ އަޅާބަލާއިރު، 3. މީޓަރަށް (12 އިންޗި) އަށް 2100 ގައި އުފުލުން

  • ގްރީންހައުސް ގޭސް މަދުކުރުމުގެ މަސައްކަތްތައް ފޭލިވެއްޖެ ނަމަ ކުރިމަތިވާ އެންމެ ނުރައްކާތެރި ހާލަތުގައި ދުނިޔޭގެ ކަނޑުގެ ލޮނުގަނޑު، 2000 ވަނަ އަހަރުގެ ލެވެލްއާ އަޅާބަލާއިރު، 2.5 މީޓަރަށް (8.2 ފޫޓް) އުފުލުން.

އިންޓަގަވަމެންޓް ޕެނެލް އޮން ކްލައިމެޓް ޗޭންޖުން 2019 ގައި ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 2100 އަށް ފަހު ވެސް ކަނޑުގެ ލޮނުގަނޑު ދާނީ އުފުލެމުންނެވެ.

އެހެންކަމުން ބިންތިރި ޖަޒީރާ ގައުމުތަކުގެ ދެމިއޮތުން ބިނާވެފައި އޮތީ މޫސުމާ ބެހޭ ދުނިޔޭގެ އިސް ވެރިން، ވަކިން ޚާއްސަކޮށް ގްރީން ހައުސް އެންމެ ގިނައިން ޖައްވަށް ބޭރުކުރާ ގައުމުތަކުން، އަޅާ ފިޔަވަޅެއްގެ މައްޗަށެވެ. ރާއްޖޭގެ ރަށްތަކުގެ ބިން ތިރިކަމާއި ރަށްތައް އުފެދިފައިވާ ގޮތަށް ބަލާއިރު، މޫސުމަށް އަންނަ ބަދަލުތަކުގައި ފަރުތައް ހަލާކުވެ، ކަނޑުގެ ލޮނުގަނޑު އުފުލެން ފަށައިފި ނަމަ ލިބޭނީ އިއާދަނުކުރެވޭވަރުގެ ގެއްލުންތަކެކެވެ. އެތައް  މިލިއަން އަހަރުގެ ތެރޭގައި މަޑުމަޑުން އުފެދި ފެނުން މައްޗަށް އެރި ގަލާއި ވެލީގެ ރަށްތައް، އިންޑިއާ ކަނޑުގެ ރާޅުތަކުގެ ތެރެއަށް ޣަރަގުވެ ނެތި ފަނާވެގެން ދާނީ އެވެ.

ކޮމެންޓް (1)

ޢިލްމީ

3 ނޮވެމްބަރު 2021
ވަރަށް ފުރިހަމަ ޢިލްމީ ލިޔުމެއް. އައި ލައިކް
3 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް