ދ. ކުޑަހުވަދޫ އެއާޕޯޓުގެ ބޭރުގައި އެ ރަށުގެ ބަޔަކު އިއްޔެ މުޒާހަރާ ކުރަނީ. (ފޮޓޯ/ޔުނައިޓެޑް ކުޑަހުވަދޫ)

ދ. ކުޑަހުވަދޫ

ކުޑަހުވަދޫ އެއާޕޯޓު ކައިރީގައި ހިންގި ހަމަނުޖެހުމާ ގުޅިގެން އިތުރު 11 މީހަކު ހައްޔަރުކޮށްފި

ކުޑަހުވަދޫގައި އާންމުން އިހުތިޖާޖު ކުރަން ފެށީ މަންޓާ އެއާގެ މަތިންދާބޯޓެއްގައި ބަލިމީހަކު މާލެއަށް ނުފޮނުވިގެން
4 އޯގަސްޓު 2022

ދ. ކުޑަހުވަދޫގައި އޮންނަ ދާލު އެއާޕޯޓުން ފުރާ މަންޓާ އެއާގެ ބޯޓުތަކުގައި ބަލިމީހުން ނުގެންދެވޭ މައްސަލައިގައި އެ ރަށުގެ ރައްޔިތުން އެއާޕޯޓު ކުރިމަތީގައި ކުރި އިހުތިޖާޖާ އަދި އެ ތަނުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ފުލުހުން އިތުރު 11 މީހަކު ހައްޔަރުކޮށްފި އެވެ.

މައްސަލައިގެ ފެށުން - ކުޑަހުވަހުދޫ އެއާޕޯޓުގެ ބޭރުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ 7:30 ހާއިރު އެ ރަށުގެ ބައެއް ރައްޔިތުން މުޒާހަރާ ކުރަން ފެށީ ބަލިމީހަކު މަންޓާގެ ބޯޓެއްގައި މާލެ ނުފޮނުވިގެންނެވެ. އެގޮތުން:

  • އެ މުޒާހަރާގެ ބައިވެރިން އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓުމަކަށް ގެނައި

  • އަދި ބައެއް މީހުން ވަނީ އެތަނުގައި ހަމަނުޖެހުން ހިންގައި ފުލުހުންނާ ކުރިމަތިލައިފައި

  • މީގެ ކުރިން އެ ހަމަނުޖެހުމާ ގުޅިގެން އެކަކު ހައްޔަރުކޮށްފައިވޭ؛ އޭނާ ވަނީ އެ ދުވަހު ދޫކޮށްލާފައި

ބުނީ ކީކޭ؟ - ފުލުހުންގެ ތަރުޖަމާނަކު މިއަދު 'ދައުރު'އަށް ވިދާޅުވީ ކުޑަހުވަދޫ އެއާޕޯޓު ކައިރީގައި ހިންގި އިހުތިޖާޖާ ގުޅިގެން އިތުރު 11 މީހަކު މިހާރު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ތަފްސީލު - އޭގެ ތެރެއިން ނުވަ މީހަކު ހައްޔަރުކޮށްފައި ވަނީ ކުޑަހުވަދޫ އެއާޕޯޓު ކައިރީގައި ހިންގި ހަމަނުޖެހުމާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުންނެވެ. ބާކީ ދެ މީހުން ހައްޔަރު ކުރީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުންނެވެ.

ހައްޔަރުކޮށްފައި ވަނީ:

  • 31 އަހަރުގެ ދެ ފިރިހެނުން

  • 27 އަހަރުގެ ތިން ފިރިހެނުން

  • 29 އަހަރު ފިރިހެނެއް

  • 28 އަހަރުގެ ފިރިހެނެއް

  • 32 އަހަރުގެ ދެ ފިރިހެނުން

  • 45 އަހަރުގެ ފިރިހެނެއް

  • 51 އަހަރުގެ ފިރިހެނެއް

އެނގުން މުހިންމު - ކުޑަހުވަދޫ ރައްޔިތުންގެ ކަންބޮޑުވުމަކީ، އެ އެއާޕޯޓަށް ދަތުރުކުރާ ހަމައެކަނި އެއާލައިން ކަމަށްވާ މަންޓާ އެއާގެ ބޯޓުތަކުގައި ބަލިމީހުން ނުގެންދެވުމެވެ. ނަމަވެސް، މަންޓާގެ ބޯޓުތަކަކީ ސްޓެރެޗާގައި ގެންދާ ބަލިމީހުން އުފުލޭ ގޮތަށް ފަރުމާކޮށްފައިވާ ބޯޓުތަކެއް ނޫން ކަމަށް މަންޓާއިން ބުނެ އެވެ. އެކަން ކުރަން އާސަންދައިން ހަވާލުކޮށްފައި އޮންނަނީ މޯލްޑިވިއަންއާ އެވެ.

މުޒާހަރާގެ ސަބަބުން އެއާޕޯޓުގެ އޮޕަރޭޝަންތައް ހުއްޓި އާންމުންނާއި ޓޫރިސްޓުން އެއާޕޯޓުގައި ތާށިވި އެވެ. އެކަމާ ގުޅިގެން މަންޓާއިން ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.

އެ މުޒާހަރާއާ ގުޅިގެން މަންޓާގެ އިސްވެރިން މަޝްވަރާކުރުމަށް އިއްޔެ ކުޑަހުވަދޫއަށް ދިޔަ އެވެ. އެ މަޝްވަރާތައް ކުރިއަށްދިޔަ އިރު ރޭ ވެސް އެއާޕޯޓު ކައިރީގައި ބަޔަކު މުޒާހަރާ ކުރި އެވެ.




އިތުރު އާޓިކަލް

އިތުރު އާޓިކަލް