ސްރީ ލަންކާގެ ރިޔާސީ ގަނޑުވަރު ބަލާލަން ދިޔަ ދެ މީހަކު އެކުގައި ފޮޓޯއެއް ނަގަނީ. (ފޮޓޯ/އޭއެފްޕީ)

ސްރީ ލަންކާ

ރިޔާސީ ގަނޑުވަރު ރައްޔިތުންގެ އަތްމައްޗަށް

ލަންކާގެ ވެރިންގެ މުއްސަނދި ދިރިއުޅުން ފެނުމުން، ބަނޑަށް ޖެހެން ކައިރިވެފައިވާ ރައްޔިތުންގެ ރުޅިގަނޑު ވަނީ އިތުރަށް ފަޅައިގެން ގޮސްފައި
12 ޖުލައި 2022

ނޯޓު: މި ރިޕޯޓުގައި ބޭނުންކޮށްފައިވާ އިންޓަވިއުތަކާއި މައުލޫމާތު ނަގާފައި ވަނީ ބީބީސީ އާއި އޭއެފްޕީ ނޫހުންނެވެ.

ސްރީ ލަންކާގެ ވެރިރަށް ކޮލަމްބޯގައި ހުންނަ ރިޔާސީ ގަނޑުވަރުގެ އެތެރެއަށް އޭނާގެ ހަޔާތުގައި ވަނުމުގެ އުންމީދެއް، ހުވަފެނެއްހާ ހިސާބު ވެސް ރަޝްމީ ކަވިންދިޔާ ދުވަހަކު ވެސް ނުދެކެ އެވެ.

ސަލާމަތީ ގޮތުން އެންމެ ރައްކާތެރި އެއް އިމާރާތަށް އެތައް ހާސް ބަޔަކު ވަދެގަތްތާ ތިން ދުވަސް ވެފައި ވާއިރު، ކަވިންދިޔާ ފަދަ އެތަކެއް ހާސް އާންމު ރައްޔިތުން އަންނަނީ އެ ބިޔަ ބޮޑު ތަން ބަލާލުމަށް ޖަމާވަމުންނެވެ.

އެއީ އިނގިރޭސީންގެ އިސްތިއުމާރީ ދުވަސްވަރުގެ ފަރުމާތައް ދައްކައިދޭ ބޮޑު ބިޔަ ގަނޑުވަރެކެވެ. ބައްދަލުވުންތައް ބާއްވާނެ ކޮޓަރިތަކާއި ސިޓިން ރޫމަކާއި ނިދާނެ ކޮޓަރިތަކެއްގެ އިތުރުން، ސުވިމިން ޕޫލަކާއި ބޮޑު ބަގީޗާއެއް ހިމެނެ އެވެ. މުޒާހަރާ ކުރާ މީހުން މިދިޔަ ހޮނިހިރު ދުވަހު ގެއަށް ވަދެގަންނަން ދިމާކޮށްލުމާ އެކު ރައީސް ގޯތާބާޔަ ރާޖަޕަކްސައަށް ވަނީ ފިއްލަވައިގެން އުޅުއްވަން ޖެހިވަޑައިގެންފަ އެވެ.

"މި ތަނުން މި ފެންނަ މުއްސަނދި ދިރިއުޅުން ނިކަން ބަލާބަލަ،" ރައީސްގެ ގެއަށް އޭނާގެ ހަތަރު ދަރިންނާ އެކު ގޮސް ހުރި ކަވިންދިޔާ ބުންޏެވެ.

"އަހަރެމެން ދިރިއުޅެނީ ދުރު އަވަށެއްގައި، ކުޑަކުޑަ ގެއެއްގައި. މިއީ ރައްޔިތުންގެ މިލްކެއް، ރައްޔިތުންގެ ފައިސާ އިން ބިނާކުރި ގަނޑުވަރެއް."

އެތައް ހާސް ފިރިހެނުންނާއި އަންހެނުންނާއި ކުޑަކުދިން އެ އިމާރާތަށް ވަންނަން މަސައްކަތް ކުރަމުން ދިޔަ އިރު، މުޒާހަރާ އިންތިޒާމް ކުރާ ބައެއް ފަރާތްތަކުން ދިޔައީ އެއްވުން ކޮންޓްރޯލް ކުރަމުންނެވެ. ލަންކާގެ ފުލުހުންނާއި ސްޕެޝަލް ފޯސްގެ ސިފައިން ދުރު ކަނެއްގައި ހުއްޓިގެން، އެ މަންޒަރުތައް ބަލަން ތިއްބެވެ.

އެއް ކޮޓަރިން އަނެއް ކޮޓަރިއަށް މީހުން ދުވަމުން ދިޔަ އިރު، ކޮންމެ މީހަކުހެން ދިޔައީ ހައިވަކަރު މޭޒާއި އަގުބޮޑު ކުރެހުންތަކުގެ ކުރިމަތީގައި އަދި އެ ބޮޑު ސިޓިން ރޫމުގެ އެކި ހިސާބުތަކުގައި ހުއްޓި ސެލްފީ ނަގަމުންނެވެ.

ހަލާކުވެފައިވާ ގޮނޑިތަކާއި ފުނޑުފުނޑުވެފައިވާ ބިއްލޫރިތަކުގެ އެތިކޮޅުތައް ބައެއް ހިސާބުތަކުގައި ހުއްޓެވެ. މުޒާހަރާ ކުރަމުން ދިޔަ މީހުން ސެކިއުރިޓީ ފޫއަޅުވާލުމަށް ފަހު އެ ތަނަށް ވަދެގަތް އިރު ހިނގި ހަމަނުޖެހުމާއި އޮޅުންބޮޅުންތަކުގެ ހެކިތަކެވެ.

ސްރީ ލަންކާގެ ރިޔާސީ ގަނޑުވަރުގެ ތެރޭގައި ހަލާކުވެފައި ހުރި ބައެއް ގޮނޑިތަކާއި ތަކެތި. (ފޮޓޯ/އޭއެފްޕީ)

ގަނޭމުއްލާ ނަމަކަށް ކިޔާ އަވަށުގައި ހުންނަ ކުޑަކުދިންގެ މުނިފޫހިފިލުވުމުގެ ޕާކެއްގައި މަސައްކަތް ކުރާ އޭއެލް ޕްރޭމަވަރްދަނޭ ބުނީ "މިކަހަލަ ގަނޑުވަރެއް ފެނުމަކީ އަހަރެން ދެކެމުން އައި ހުވަފެނެއް ހަގީގަތަކަށް ވުން" ކަމަށެވެ.

"ކިރު، ގޭސް އަދި ކާބޯތަކެއްޗަށް ދިގު ކިއޫތަކެއްގައި މަޑުކޮށްލައިގެން އަހަރެމެން މި ތިބީ. އެކަމަކު ރާޖަޕަކްސަ ގެންދަވަނީ ތަފާތު ދިރިއުޅުމެއް އުޅެމުން."

މުޒާހަރާގެ ލީޑަރުން މިހާރު ވެސް ބުނަމުން ގެންދަނީ، ގޯތާބާޔަ އާއި ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ ރަސްމީކޮށް އިސްތިއުފާ ނުދެއްވަނީސް އެ ބޭފުޅުންގެ ރަސްމީ ގެތައް ދޫކޮށް ނުދާނެ ކަމަށެވެ.

މީހުން ގިނަވެ، ފިތިބާރުވެގެން ބައެއް މީހުންނަށް އަނިޔާވުމުގެ ބިރު އޮތަސް، އަދިވެސް އާންމުން އަންނަނީ ރިޔާސީ ގަނޑުވަރު ދެކިލަން އެ ތަނަށް ޖަމާވަމުންނެވެ. ހަތިޔާރު އެޅި ސިފައިންނާއި ފުލުހުން އެ ތަނުގެ ތެރޭގައި ތިއްބަސް، އެ މީހުން ތިބީ އެ ތަނުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ އަމިއްލަ އިސް ނެގުމަށް ހަވާލުވެ ތިބި މުޒާހަރާގެ ބައިވެރިންނަށް ދޫދީގެންނެވެ.  

ސްރީ ލަންކާގެ ރިޔާސީ ގަނޑުވަރު ބަލާލަން ގޮސް ތިބި މީހުން އެ ތަނުގެ ގޯތިތެރޭގައި މަޑުކޮށްލައިގެން. (ފޮޓޯ/އޭއެފްޕީ)

އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބުނީ ސްވިމިން ޕޫލަށެވެ. މުށި ކުލައަކަށް ބަދަލުވެފައިވާ އެ ޕޫލް ފެނި އެ ތަނުގެ ވަށައިގެން ކޮޅަށް ތިބި އާއިލާތައް ތިބީ ބަސް ހުއްޓިފަ އެވެ. މުޒާހަރާގެ ބައިވެރިން ޕޫލުގައި ފަތާ މަންޒަރު ފެންނަ ވީޑިއޯތައް އާންމުވެފައި ވާއިރު، ފެންގަނޑުގެ ތެރެއަށް ޒުވާނަކު ފުންމާލުމުން ބަލަން ތިބި މީހުން ވަނީ އޭނާއަށް ތަރުހީބު ދީ، އަޑުގަދަކޮށްފަ އެވެ.

"އަހަރެން ހިތާމަކުރަން،" ނިރޯޝާ ސުދަރްޝިނީ ހަޗިންސަން އޭނާގެ ދެ އަންހެން ދަރިންނާ އެކު އެ ތަނުގައި ހުރެ ބުންޏެވެ.

"ޑިމޮކްރެޓިކް އުސޫލުން ރައީސް ކަމަށް ހޮވިވަޑައިގެންނެވި ބޭފުޅަކު މިހާ ހުތުރު ގޮތަކަށް ނިކުމެވަޑައިގަންނަވަން ޖެހިވަޑައިގަތުމުން. އަހަރެމެން މިހާރު ދެރަ ވަނީ އެ ބޭފުޅާއަށް ވޯޓު ދެވުނީމާ. ރައްޔިތުން ބޭނުންވަނީ [ރާޖަޕަކްސަ އާއިލާ އިން] ވަގަށް ނެގި ފައިސާ އަނބުރާ ދޭން."

ރިޔާސީ ގަނޑުވަރުގެ އެންމެ މަގުބޫލު އެއް ތަނަކީ ގޯތާބާޔަ އަވަހާރަފުޅުލެއްޕެވި އެނދެވެ. ޒުވާން ފިރިހެނުންގެ ގްރޫޕަކުން އޮށޯވެލައިގެން ތިއްބެވެ. ގަނޑުވަރުގެ އެކި ތަންތަނުން ލަންކާގެ ރަސްމީ ތިން ބަސް ކަމަށްވާ ސިންހަޅަ އާއި ތަމަޅަ އަދި އިނގިރޭސި ބަހުން ވާހަކަދައްކާ އަޑު އިވެމުން ދެ އެވެ. އެ ތަނަށް ޒިޔާރަތްކުރާ މީހުންގެ ހިތުގައި އޮތް ޖަޒުބާތާއި ޝުއޫރުތައް ފާޅުކުރަމުން ދިޔަ އެވެ.

ސްރީ ލަންކާގެ ރައީސްގެ ރަސްމީ ގޭގެ ސްވިމިން ޕޫލަށް މިދިޔަ ހޮނިހިރު ދުވަހު އާންމުން އެރި ވަގުތު ހޭދަކުރަނީ. (ފޮޓޯ/ޑެއިލީ މިރާ)

ގަނޑުވަރުން ބޭރުގައި، ނަލަނަލަ ގަސްތަކުން ފެހިކޮށްލާފައިވާ ބިޔަ ބޮޑު ބަގީޗާގައި، ބުދު ދީނާއީ ހިންދޫ ދީނުގެ މީހުންނާއި ކްރިސްޓިއަނުން އަދި މުސްލިމުން ހިމެނޭހެން އެތައް ހާސް ބަޔަކު ކޮޅުކޮޅަށް ހިނގަމުން ދެ އެވެ. ވިނަގަނޑު މަތީގައި އާއިލާއެއް ވަރަށް ސާދާ ގޮތަކަށް އެއްޗެއް ކާން ތިބި އިރު، އެއީ އޭގެ 24 ގަޑިއިރު ކުރިން ދުވަހަކު ވެސް އާންމު ރައްޔިތަކަށް ލިބޭނެ އަދި ދޭނެ ފުރުސަތެއް ނޫނެވެ.

ލަންކާގެ ރައްޔިތުން އެތައް މަހެއް ވަންދެން ކުރި މުޒާހަރާއަށް ފަހު، އިގުތިސޯދީ ހީނަރުކަމުގެ ޒިންމާ އުފުލަން ޖެހޭ އެ ގައުމުގެ ވެރިން މަގާމުން ދުރުކުރެވުމުގެ އަމާޒު ހާސިލުކުރެވުމާ ގާތަށް ދެވިއްޖެ ކަމުގެ އިހުސާސް މިހާރު ކުރެވެ އެވެ. ވެރިންގެ ދިރިއުޅުމުގެ ވައްޓަފާޅި ފެނުމުން، ބަނޑަށް ޖެހެން ކައިރިވެފައިވާ ރައްޔިތުންގެ ރުޅިގަނޑު ވަނީ އިތުރަށް ފަޅައިގެން ގޮސްފަ އެވެ.

އިތުރަށް ކިޔާލަން -

އިތުރު އާޓިކަލް

އިތުރު އާޓިކަލް