(ފޮޓޯ/ އިންޑިއަން އެކްސްޕްރެސް)

ޗައިނާ

ޗައިނާއިން ހަދަމުން އަންނަ ޖައްވީ އިދާރާގެ އެންމެ ފަހު ބައި ގުޅާލައިފި

އަމިއްލަ ޖައްވީ އިދާރާ ބިނާކުރުމުގެ މަސައްކަތް މި އަހަރު ތެރޭ ނިންމާލަން ޗައިނާއިން ވަނީ އަމާޒު ހިފާފައި

ޗައިނާއިން ޖައްވުގައި ހަދަމުން އަންނަ އަމިއްލަ ޖައްވީ އިދާރާގެ އެންމެ ފަހު މޮޑިއުލް ކާމިޔާބުކަމާ އެކު ލޯންޗުކޮށް މިހާރު ޖައްވުގައި އޮތް ބަޔާ ގުޅާލާފައިވާ ކަމަށް ޗައިނާ ސަރުކާރުގެ މީޑިއާ އިން ބުނެފި އެވެ.

ޗައިނާގެ މޭންޑް ސްޕޭސް އެޖެންސީއާ ހަވާލާދީ ސަރުކާރުގެ މީޑިއާ ސީސީޓީވީ އިން ބުނި ގޮތުގައި ޖައްވީ އިދާރާއަށް ބޭނުންވާ ތިންވަނަ އަދި އެންމެ ފަހުގެ މޮޑިއުލް ގުޅާލީ އިއްޔެގެ އިރާކޮޅުގެ ވަގުތެއްގަ އެވެ.

'މެންގްޓިއަން' ނުވަތަ 'ސުވަރުގެއެއް ފަދަ ހުވަފެނެއް'ގެ ނަން ދީފައިވާ މި މޮޑިއުލް ލޯންޗުކޮށްފައި ވަނީ ހައިނާނުގައި ހުންނަ ވެންގްޗަންގް ލޯންޗު ސެންޓަރުން ލޯންގް މާޗް 5ބީ ރޮކެޓެއްގަ އެވެ. ލޯންޗުކޮށް ޖައްވީ އިދާރާއާ ގުޅާލުމަށް އެކު ޖުމްލަ ހޭދަވެފައި ވަނީ 13 ގަޑިއިރެވެ. 

މި އަހަރު ނިމުމުގެ ކުރިން މަސައްކަތް ނިންމާލަން ހަމަޖެހިފައިވާ މި ޖައްވީ އިދާރާއާ އެކު ޗައިނާ ވެސް އެމެރިކާ، ރަޝިޔާ އަދި ޔޫރަޕާ އެއްހަމައަކަށް ޖައްވީ ކަންކަމުގައި އައިސްފައިވާކަން ސާބިތުވެގެންދާނެ ކަމަށް ޗައިނާގެ ޖައްވީ އިދާރާއާ ބެހޭ އެނެލިސްޓު ޗެން ލަން އޭއެފްޕީއަށް ވިދާޅުވި އެވެ.

"އާ ބައިވެރިން އައުމަކީ އަބަދުވެސް ރަނގަޅު ކަމެއް. ވާދަވެރިކަމުން އަބަދުވެސް އުފެއްދުންތެރިކަން ހަލުވިވެގެން ދާނެ،" ލަން ވިދާޅުވި އެވެ.

ޗައިނާއިން ހަދަމުން އަންނަ ޖައްވީ އިދާރާގެ ފަހު މޮޑިއުލް ލޯންޗުކުރުމާ ގުޅޭ (ވީޑިއޯ/ ވިއޯން)

ބެއިޖިންގް އިން އަންނަނީ ޖައްވީ ޕްރޮގްރާމަށް ވަރަށް ބޮޑަށް ފަންޑުކުރަމުންނެވެ. ޓިއަންގޮންގްގެ ނަން ދީފައިވާ މި ޖައްވީ އިދާރާ ބިނާކުރުމުގެ އިތުރުން އެ ޕްރޮގްރާމްގެ ދަށުން ޗައިނާއިން ވަނީ ހަނދަށާއި މާސް އަށް ރޮބޮޓުތަކެއް ފޮނުވާފަ އެވެ. އަދި އިންސާނުން އޯބިޓަށް ފޮނުވި ތިންވަނަ ގައުމަށް ވެސް ޗައިނާ ވަނީ ވެފަ އެވެ.

ނާސާގެ ހަބްލް ޓެލެސްކޯޕަށް ވުރެ 350 ގުނަ ދުރު ފެންނަ، ޝުންޓިއާންގެ ނަންދީފައިވާ ޓެލެސްކޯޕެއް އަންނަ އަހަރު ޖައްވަށް ފޮނުވުމަށް ވެސް ބެއިޖިންގް އިން ވަނީ ރާވައިފަ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް