ރޮނގުން ހިތްގައިމު އާޓެއް، ޑިޕްރެޝަނަށް ފަރުވާއެއް

ސްކޫލްގައި އުޅުނު އިރު ހުސް ވަގުތު ހޭދަކޮށްލި ހުނަރު މިހާރު ވެފައިވަނީ އޭނާގެ އެންމެ ބޮޑު އެއް ހިތްހަމަޖެހުމަށް
5 ޑިސެމްބަރު 2021
2

'ދައުރު' ނޫހަށް މި އިންޓަވިއު ދޭން އައިޝާ ހަލީމް، މާލޭގެ ހިތްގައިމު ކުޑަ ކެފޭއަކަށް އައީ  ބައެއް މަސައްކަތް ދައްކާލާ ސެކެޗް ފޮތަކާއި އޭނާގެ ގަލަން ސެޓު ހިފައިގެންނެވެ. އިންޓަވިއު ފެށުމާ އެކު ވެސް އަތުގައި އޮތް ހުސްގަނޑު ނަގާ އޭގައި ރީތި ގޮތަކަށް 'ދައުރު' މި ބަސް އަޅާލި އެވެ. އިރުކޮޅަކުން ވާހަކައަށް ވުރެ ބޮޑަށް އޭނާ ގެބެން ފެށީ ތިން އަކުރު މި ބަސް ގަލަމުން ފަވާ އެ ޑިޒައިންކޮށްލުމަށެވެ. ބަލާބެލުމަށް މި ގޮތަށް މި މަސައްކަތް ފަރިތަކަމާ އެކު ކޮށްލެވޭނީ ވަރަށް ކެތްތެރިކަމާއި ސަމާލުކަން ދީގެންކަން އިހްސާސް ކުރެވުނެވެ. ރީތި މަންޒަރުތަކުގެ އިތުރުން ސިޔާސީ މައިދާނުގައި ހަރަކާތްތެރިވާ މީހުން ވެސް، ފަސޭހަކަމާ އެކު، އައިޝާގެ ގަލަމުން ކުރަހާ ސިފަކޮށްލަ އެވެ.

އައިޝާގެ މަސައްކަތުގެ ފެށުމަކީ ސްކޫލް ދައުރުގައި އެހެން ކުދިންނެކޭ އެއްގޮތަށް، ކްލާހުގައި ތިބޭ އިރު ފޫހިފިލުވާލަން ކުރާ ކަމަކަށް ވެފައި އޮންނަ ޑޫޑުލް ކުރުމެވެ. އެއީ އައިޝާ ވެސް  ފޯރީގާ ކުރި ކަމެކެވެ. ހިޔާލެއް ފިކުރެއް ނެތި ސްކޫލް ދައުރު ނިންމި އިރު އޭގެ މާ ބޮޑު ފަންނީ އަގެއް އޮވެދާނެ ކަމަކަށް އޭރަކު އޭނާ ނުދެކެ އެވެ.

"ދެން އޭރު މާ ބޮޑު އާޓެއް، ފަންނެއް ކަމަށް ދެކިގެނެއް ނޫން ކުރެހީ. ޕްރެކްޓިކަލް އާޓްސް މާއްދާގައި ވެސް އަބަދުވެސް އާޓް ކަމަށް އޮންނަނީ ޑްރޮވިން އެންޑް ޕެއިންޓިން އެކަނި. ކުދިންގެ ކްރިއޭޓިވިޓީ އޭރު އޮންނަނީ ވަރަށް ބޮޑަށް ލިމިޓްވެފައި. އެހެންވެ ނޭނގެނެތާ،" އައިޝާ ބުންޏެވެ.

އައިޝާގެ ކޮންމެ ކުރެހުމަކުން ވެސް އޭނާއަށް ލިބެނީ ހިތްހަމަޖެހުން (އައިޝާ ހަލީމް)
ކަޅު ގަލަމަކުން އައިޝާ ކުރަހާލަނީ ޒަމާނީ ކުރެހުންތަކެއް (އައިޝާ ހަލީމް)

މިހާރު އެކަން ބަދަލުވެ އެކި މީޑިއަމްތަކުން ހަދާ ތަކެތި އާންމުން ބަލައިގަންނަ މިންވަރު މިވަނީ އިތުރުވެފަ އެވެ. އާޓްގެ ރޮނގުން ނޫނަސް، ސްކޫލް ނިންމާ ފުރިހަމަކުރި  ޓީޗިން ޑިިޕްލޮމާއަށް ފަހު އައިޝާ މަސައްކަތުގެ މައިދާނަށް ވަނީ ސެކަންޑްރީ ސްކޫލް ދަރިވަރުންނަށް ހިސާބު މާއްދާ ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގަ އެވެ. 

ޓީޗިން ޑިގްރީއަށް ކިޔެވި އިރު ވެސް ކުރިން ސްކޫލްގައި އޭނާގެ ކިބައިގައި ހަރުލާފައި އޮތް އާދަ ކަމަށްވާ ޑޫޑުލް ކުރުން ނުހުއްޓެ އެވެ. މީގެ އަހަރުތަކެއް ކުރިން ފޭދޭ ކަޅު ގަލަމަކުން އޭނާ ކުރަހާ ސްޓައިލަށް ރޮނގު ބުރި ބޭނުންކޮށްގެން ކުރަހާ އާޓިސްޓެއް އޭނާއަށް ޓީވީއެމްގެ "ހޭޔަންބޯ" އިން ފެނުނެވެ.

"ޝޯގެ މެހްމާނަށް އައި އާޓިސްޓެއް އެއްވެސް ކުލައެއް ބޭނުން ނުކޮށް ކަޅު ގަލަމުން ކުރަހާ މީހެއް. އޭރު ރޭކާލީ ވައްތަރެއްގެ އާޓެއްކަން މިއީ،" އައިޝާ އޭނާގެ އާޓް މަސައްކަތުން ކުރިއަށް ދާން ހިތްވަރު ލިބުނު ގޮތް ކިޔައިދިނެވެ. 

މަޖިލިހުގެ މެމްބަރު އަބްދުﷲ ޖާބިރުގެ ފޮޓޯއެއް އައިޝާ ކުރެހުމުން (ފޮޓޯ/އައިޝާ ހަލީމް)

"ލައިން އާޓް އަދި ލައިން ޑްރޮވިން އަކީ ހަމައެކަނި ކަޅު ގަލަމެއް ބޭނުން ކޮށްގެން ގިނައިން ހުސް ރޮނގުން އެކި ކުރެހުން ކުރާހާ ގޮތެއް. ކުރެހުމަށް އިންސްޕިރޭޝަން ލިބެނީ ދިރިއުޅޭ މާހައުލުން. އަބަދުވެސް އެކި ތަންތަނުގައި ހުންނަ ޕެޓާންތައް ލޮލުގައި އަޅައިގަނޭ،" އައިޝާ ކިޔައިދިނެވެ.

"މިސާލަކަށް މުށީގައި ހުންނަ ޕެޓާންތައް ފާހަގަވޭ. ދެން ރަށުގައި އުޅޭ އިރު ފެންނަ ސީނާރީ އާއި ނޭޗާގެ ވެސް މިހެން ޕެޓާންތަކެއް ހުންނަކަން އަހަންނަށް ފާހަގަވޭ. އެހެންވެ މި ޕެޓާންތަކުން އިންސްޕިރޭޝަން ލިބިގެން ސީނަރީ ކުރެހުމަށް ނިންމީ އަަހަރެންގެ ސްޓައިލަށް." 

ހުސް ތިކި ބޭނުންކޮށްގެން ކުރަހާފައިވާ މީހެއް (ފޮޓޯ/އައިޝާ ހަލީމް)
ފެންނަ މަންޒަރުތަކުން ކުރެހުމަށް ޝައުގުވެރިކަން ބޮޑުކޮށްލަދޭ

މިހާރު ބިލަބޮންގް ސްކޫލްގައި މަތީ ގްރޭޑްތަކަށް ކިޔަވައިދޭން އުޅުނަސް މީގެ ކުރިން އައިޝާ ވަނީ ޓީޗަރެއްގެ ގޮތުގައި މާލޭގެ އެހެން ސްކޫލެއް ކަމަށްވާ ދަރުމަވަންތަ ސްކޫލުގެ އިތުރުން ކެނދިކުޅުދޫ ސްކޫލާއި އޭދަފުށީގައި ވެސް ކިޔަވައިދީފަ އެވެ. ރަށްފުށު ދިރިއުޅުން އޭނާ ތަޖުރިބާކުރި އެވެ. އެ ތަޖުރިބާ އޭނާގެ އާޓުން ފެނެ އެވެ. މި މަސައްކަތްތައް ތަފާތަކީ އޭނާ ރަށްފުށު ދިރިއުޅުމާއި ރާއްޖޭގެ އެހެން މަންޒަރުތައް އޭނާ ކުރަހާލަނީ ކަޅުން އެކަންޏެވެ. އޭނާގެ ސްޓައިލަށެވެ.  ލައިންސްބައިއައިޝާ ނަމުގައި ހިންގާ އިންސްޓަގްރާމް އެކައުންޓުން އޭނާގެ ހުނަރު ދައްކާލަ އެވެ.

އައިޝާ ކުރަހާފައިވާ މަސްވެރިއެއް
އައިޝާ ކިޔައިދެނީ އޭނާގެ އިހުސާސްތައް

ދިރިއުޅުމުގައި ދިމާވާ ބޮޑެތި ކަންކަމުން އަރައިގަތުމަށް ސިކުނޑިއަށާއި ހިތަށް ލުއިކަމެއް ހޯދައިދިނީ އޭނާގެ މި މަސައްކަތުންނެވެ. ޑިޕްރެޝަންގެ އަނދިރިކަން ހަޔާތަށް ވެރިވީ ދިރިއުޅުމަށް އައި ކުއްލި ބޮޑެތި ބަދަލާ އެކު އެވެ. މާބަނޑުވެ ބަނޑަށް ފަސް މަހުގައި އަލަތު ދަރިފުޅު ބައިގެން ދިއުމެވެ. އަބަދު ހިތްވަރުދޭ ލޯބިވާ ބައްޕަ ނިޔާވުމެވެ. ހިތާމައާ އެކު ގޮތްހުސްވެ 'އެނދުހުރަސް' ބަލި ޖެހުނު ކަމަށް މީހުން ކިޔަސް ޑިޕްރެޝަންއާ ކުރިމަތިލައި ކުޅިފަސް ހޯދާނެ ހިތްވަރެއް އޭނާގެ ގަޔަކު އޭރު ނެތެވެ. ލޯބިވާ މަންމަ ނިޔާވި އިރު ވެސް ޑިޕްރެޝަންގެ އަނދިރިކަމުގެ ވާހަކަ އެ މަންމައާ ހިއްސާކުރަން ނުވަތަ ބުނެދޭނެ ގޮތެއް އަދި ހިތްވަރެއް ވެސް ނެތެވެ. އެކަން ކުރަން އޭނާއަށް އުނދަގޫވި އެވެ.

"ބައްޕަ އަހަރެންގެ އާޓަށް އަބަދުވެސް ތަރުހީބު ދީ ހަދާނެ. މާލޭގައި ނައުޝާދު އާޓްސް އިން ހިންގި އާޓް ކްލާސްތަކެއްގައި ވެސް ބައިވެރިކުރި. އެކަމަކު ކުރިއަށް ނުދިޔައީ އަހަރެން ޕެއިންޓްކޮށް ޑްރޯ ނުކުރާތީ،" އައިޝާ ބުންޏެވެ.

"ޑިޕްރެޝަނަށް ޑައެގްނޯސްކޮށް ބޭސް ކާން ފެށީ 2020 ގައި. ކައުންސިލިން އަގުބޮޑު ކަމުން ނުދެވުނު. ނުތަނަވަސް ހިޔާލުތަކުން މީހާ ދުރަށް ދާން ބައެއް މީހުން ލިޔާ އިރު އަހަންނަށް އާޓް މަސައްކަތް ކުރެވިދާނެކަން ދެނެގަނެ އެކަމަށް ހުސްވީ." 

ނުތަނަވަސް ހިޔާލުތަކުން ދުރަށް ދާން އައިޝާ ހުސްވީ އާޓް މަސައްކަތަށް (ދައުރުފޮޓޯ/އަނާމް އަޒްމީލް)

 އޭނާގެ ބަހުން ނަމަ "ނަފްސާ ތަޅާފޮޅައިގެން ވެސް" ސްކޫލަށް ކިޔަވައިދޭން ދަނީ ދަރިވަރުން އޭނާއަށް މުހިއްމު ވީމަ އެވެ. 

"ކިޔަވައިދިނުމަކީ އަހަރެންގެ ހަޔާތުގެ މުހިއްމު ބައެއް. ސާދަ އަހަރު ޓީޗަރެއްގެ ގޮތުގައި މި މަސައްކަތް ކުރަނީ ފުރާވަރުގެ އުމުރުގެ ކުދިންނާ އެކު. ކިޔަވައިދިނުމުގެ އިތުރުން އެކުދިންގެ ވާހަކަތަކާއި ކަންބޮޑުވުން އަޑުއަހާ މީހެއް އަހަންނަކީ. އެކުދިންގެ ކަންކަން ހައްލު ހޯދަން އުޅެގެން އަމިއްލަ މައްސަލަތަކާ މެދު ފިކުރުކުރުމުން ދުރުވޭ. ނަސީބެއް އަހަންނަށް ޓީޗަރަކަށް ވެވުން ކަން ވެސް،" އައިޝާ ބުންޏެވެ.

މާ ބޮޑު ޕްލޭނެއް ހަދައިގެނެއް ނޫން ކުރަހަން ފަށަނީ. އެކަމަކު ނިމޭ އިރު އެ ކުރެހުމަކުން އަހަރެންގެ ހިތަށްއަރާ ބައިވަރު އިހްސާސްތައް ބޭރުކޮށްލެވޭ. މީހާއަށް ބޮޑު ލުއެއް ލިބޭ.

14 އަހަރު ކިޔަވާދީ ތަޖުރިބާ ހޯދާފައިވާ ޓީޗަރު، އައިޝާ

ކޮވިޑް-19ގެ ލޮކްޑައުންއަކީ އައިޝާގެ ނަފްސާނީ ހަމަޖެހުމަށް ބޮޑު އަސަރެއް ކުރި ކަމެކެވެ. ލޮކްޑައުންގައި ސުކޫލްތައް ބަންދުވުމުންނާއި އޭނާގެ ކިޔެވުން މެދުކެނޑުމުން ހާސްކަން ފިލުވާލީ އޭނާގެ ފަންނުންނެވެ. ލިބުނު ހުސް ވަގުތުގައި އިހްސާސްތައް އާޓްގެ އެހީގައި ބޭރުކޮށްލަން ލިބުމަކީ ނަފްސަށް އައި ބޮޑު ހަމަޖެހުމެއް ކަމަށް އޭނާ ދެކެ އެވެ.

"މާ ބޮޑު ޕްލޭނެއް ހަދައިގެނެއް ނޫން ކުރަހަން ފަށަނީ. އެކަމަކު ނިމޭ އިރު އެ ކުރެހުމަކުން އަހަރެންގެ ހިތަށްއަރާ ބައިވަރު އިހްސާސްތައް ބޭރުކޮށްލެވޭ. މީހާއަށް ބޮޑު ލުއެއް ލިބޭ،" އައިޝާ ބުންޏެވެ.

ލޮކްޑައުން ނިންމާ އަލުން ސްކޫލްތައް ހުޅުވުނު އިރު  ބިލަބޮންގް ސްކޫލްގައި "ކޮވިޑް ޓެލެންޓް ޝޯ"އަކީ އޭނާއާ އެކު މަސައްކަތްކުރަމުން އަންނަ މީހުންނަށް އައިޝާގެ އާޓްވޯކް ފެނުނު ފުރަތަމަ ފަހަރެވެ. އެމީހުން ވެސް ހައިރާންކޮށްލި އެވެ. އެ މުބާރާތުން އޭނާ އެއް ވަނަ ހޯދި އެވެ.

ރާއްޖޭގައި އެންމެ ފުޅާކޮށް ބާއްވާ އާޓް މައުރަޒު "އަންވެއިލިން ވިޝަންސް 2020"ގައި އައިޝާ ބައިވެރިވި އެވެ. އޭގައި އޭނާ ދައްކާލީ ގަލަމުން ތިކި ޖަހައިގެން ނުވަތަ ސްޓިޕްލިން އާޓުން ކުރަހާލި މަހެކެވެ. މިއީ ދިވެހިންގެ ލޭނާރު ކަމުގައިވާ މަސްވެރިކަމަށް އޭނާދިން ޝަރަފެކެވެ.

އަންވެއިލިން ވިޝަންސް 2020 ގައި އައިޝާގެ މަސައްކަތް

ފަސް ފޫޓު ދެ ފޫޓު ބޯޑެއްގައި، 11،000 އަށް ވުރެ ގިނަ ތިކި ޖަހާފައި ކުރަހާލި މަހުގެ މަންޒަރު ފުރިހަމަކުރީ ކަޅު ގަލަމުންނެވެ. އަދި އެ ފަހަރުގެ މައުރަޒުގައި އޭނާ ކަހަލަ އެހެން ފަންނާނެއްގެ މަސައްްކަތް ލޮލުގައި އަޅައިގަތެވެ.

"އެއްވެސް ކުލައެއް ނުހުންނާތީ މީހުން އަހާނެ ކީއްވެހޭ އެގޮތަށް މަސައްކަތް ކުރަނީ. އެކަމަކު އެއީ އަހަރެންގެ ސްޓައިލް. ޔޫވީ 2020 އިން އަހަންނަށް ލޮލުގައި އަޅައިގަތީ ސްޓިޕްލިން އާޓު ބޭނުންކޮށްގެން މުޅި މާލެ ކުރަހާފައިވާ އާޓިސްޓެއްގެ މަސައްކަތް. އެއީ ވަރަށް ބޮޑު އިންސްޕިރޭޝަނެއް. އަދި ލައިން/ސްޓިޕްލިން އާޓިސްޓުން ކުރިއަށް ނުކުންނާތީ ވެސް ލިބުނު ހިތްހަމަޖެހުމެއް،" އައިޝާ ބުންޏެވެ.

ލޮކްޑައުންގެ ހާސްކަމާއި އުދާސްތަކަށް އޭނާގެ 'ކޯޕިން މެކޭނިޒަމް' ކަމުގައިވާ މި ފަންނުން ކުދިކުދި ޕްރޮޖެކްޓްތަކަށް މަސައްކަތްކޮށްދެ އެވެ. މިގޮތުން ސިޔާސީ ކެމްޕެއިންތަކަށް ޕޯސްޓާ ކުރަހައިދެ އެވެ. އެންމެ ފަހުން ނެގި ބޮޑު މަސައްކަތަކީ ފޮތެކެވެ.

ކޮވިޑްގެ ލޮކްޑައުން އޭނާ ހާސްކަން ފިލުވާލީ ކުރަހައިގެން (ދައުރު ފޮޓޯ/އަނާމް އަޒްމީލް)

"އެއީ ދިވެހި ލިޔުންތެރިއެއް ވަރަށް އަވަހަށް ނެރެން ގަސްދުކުރާ އިނގިރޭސި ޅެން ފޮތެއް. އޭގައި އިލަސްޓްރޭޝަން ގޮތުގައި ބޭނުންވީ ލައިން ޑްރޮވިން. އަހަރެން އެ ޅެންތައް ކިޔާލި އިރު އެއީ ދިރިއުޅުމުގައި ކޮންމެވެސް އެއް ހިސާބެއްގައި ތަޖުރިބާ ކުރެވިފައި ހުރި ކަންކަން ނުވަތަ އިހްސާސްތައް ހިމެނޭ ފޮތެއް،" އައިޝާ ބުންޏެވެ.

"އެ ފޮތުން އެންމަ އަވަހަށް އަހަރެންގެ މަސައްކަތް ދެން ފެންނަނީ." 

ކޮވިޑް-19ގެ ލޮކްޑައުންގައި އާޓަށް ހުސްވިޔަސް، ސްކޫލް ޓީޗަރެއްގެ މަސައްކަތާއި އަށް އަހަރުގެ ދަރިފުޅުގެ ކަންކަން ބަލަމުން މާސްޓާސް ޑިގްރީއަށް ކިޔަވަމުން އަންނަ އައިޝާއަށް ވަގުތުގެ ދަތިކަން ބޮޑެވެ. އެހެންކަމުން އާޓަށް ހުސްވެވޭކަށް މިވަގުތު ނެތެވެ.

އައިޝާ ހަލީމް އޭނާގެ ބައެއް މަސައްކަތްތައް ދައްކާލަނީ

ނަމަވެސް އޭނާގެ އުއްމީދަކީ މަސައްކަތް އާންމުންނަށް ދައްކާލުމެވެ.

"މި އަހަރުގެ އެގްޒިބިޝަންގައި ބައިވެރި ނުވަން ވަގުތު ނުލިބުމުގެ ސަބަބުން. އެކަމަކު އުއްމީދު ކުރަނީ އަމިއްލަ އެގްޒިބިޝަނެއް ބާއްވަން،" އައިޝާ ބުންޏެވެ.

"މިއީ އަވަސް އަރުވާލައިގެން ކުރެވޭނެ ކަހަލަ މަސައްކަތެއް ނޫން. ހަމަޖެހިލައިގެން އިނދެ ބޭނުންވަނީ ކޮށްލަން. ވަގުތު ދީގެން. މައިންޑްފުލް އެކްސްޕީރިއަންސެއް މިއީ. ނިދި ނަގާލައިގެން ކުރާކަށް ނޫން ބޭނުންވަނީ. ވަރުބަލިވެފައި ހުންނާތީ ނިދި މާ މުހިއްމުވޭ."

އައިޝާ ބުނާ ގޮތުން އޭނާ އަދިވެސް އަންނަނީ ނަފްސާނީ ދުޅަހެޔޮކަށް މަސައްކަތް ކުރަމުން އެވެ.

"އަހަންނަށް އަހަރެންގެ އާޓުން މި ދަސްވީ ބޭހާ ދުރަށް ގޮސް އަހަރެންގެ އިހްސާސްތައް އަމިއްލައަށް މެނޭޖްކުރަން،" އޭނާ ބުންޏެވެ.

އައިޝާ ބޮޑު އަކުރުން 'ދައުރު'ފަރުމާކޮށްލާފައި

ބޮޑުއަކުރުން ލިޔެ އަތުން ފަވާލި "ދައުރު" އެ ބަސް ލިޔެފައި އިން ގަނޑު އަހަންނަށް ދައްކާލި އެވެ. މިއީ އައިޝާ ހަލީމްގެ ވާހަކަ އެވެ. ނަފުސާނީ މައްސަލަތަކަކީ ހަމައެކަނި ވަކި ބަޔަކަށް ދިމާވާ ކަމެއް ނޫން ކަން ބުނެދޭ ވާހަކަ އެވެ. އަދި ކުރިން މާ ބޮޑު ހުނަރެއް ނޫން ކަމަށް ނުދެކޭ އަދި އެހެން މީހުންނަށް ވެސް ގަބޫލުނުކުރެވުނު ފަންނަކުން އެ ބައްޔަށް ލުއި ކަމެއް ގެނެސްދިން 'ދައުރު' ކިޔައިދިން ގޮތެވެ.

ކޮމެންޓް (2)

ބަޑީ- ނިލާއީ

6 ޑިސެމްބަރު 2021
އައި މިސް އައިޝާ. ސަޗް އަ ގްރޭޓް ސޯލް ޖަސްޓްލައިކް ހާ މަދާ އެންޑް ފާދާ. އައިޝާގެ މަންމަޔާ ބައްޕަ ކަހަލަ މައިންބަފައިން ވަރަށް ނުލިބޭނެ
0 0

މާޒިން

5 ޑިސެމްބަރު 2021
ވަރަށް ސަޅި މަސައްކަތްތައް. ރޮނގަށް ހުންނަ ޝައުގު ހެދުމަށްވެސް ކޮށްފަ. ރީތި
0 1

އިތުރު އާޓިކަލް

އިތުރު އާޓިކަލް