Majlis 2024

ވާހަކަ: މިއީ ތަޤްދީރުހޭ

ވާހަކަ

ވާހަކަ: މިއީ ތަގުދީރު ހޭ؟

ސަމީހުގެ ފޯނު ކޯލެއް އަންނަ ނަމަ އެއީ ހިތަށް ބިރުވެރިކަމެކެވެ. ހާސްކުރުވާ ކަމެކެވެ. އޭގެ ފަހަތުގައި ވާނީ، ކޮންމެ ވެސް ގޯސް ހަބަރެކެވެ. އަހަރެންނަަށް ނޭނގި އޮތް ނަތާގެ ކަމެކެވެ.
10 އޮކްޓޯބަރު 2022
1

އެޕިސޯޑް 21

ނަމަވެސް ނަތާއެއް ނެތެވެ. އަހަރެން ފުންމައިގެން ތެދުވެ ކޮޓަރިން ނުކުތީމެވެ. ސިޓިން ރޫމަށް ނުކުތް އިރު ނަތާ ހުރީ ގެއިން ނުކުންނަ ދޮރު ކައިރީގައެވެ. އަހަރެން ފެނުމުން ގާތަށް އައެވެ.

"ކިހިނެއްވީ؟" ސުވާލު ކުރަން ވާ އިރަށް ނަތާ އެހިއެވެ.

"އަހަރެން ދޯ ތިހެން އަހަންވީ؟" އަހަރެން އެހީމެވެ.

"މީހަކު ޓަކި ޖެހިހެން ހީވެގެން ބަލާލަން މި އައީ،" ނަތާ މޫނުމަތީގައި ހުރި ދާ ތިކިތައް ފޮހެމުން ބުންޏެވެ.

"މިހާ ދަންވަރު؟" އަހަރެން އަނެއްކާވެސް އެހީމެވެ.

"އޮޅިގެން ކަންނޭނގެ،" ނަތާ ކޮޓަރިއާ ދިމާލަށް ދަމުން ބުންޏެވެ. އަހަރެން ދޮރާ ދިމާލަށް ބަލާލާފައި ނަތާގެ ފަހަތުން ހިނގައިގަތީމެވެ.

ޖެހިގެން އައި ދުވަހު މާލެ އައީމެވެ. ކޮންމެ ގޮތެއް ވިޔަސް ނަތާގެ ނުގަބޫލުގައި އެ ތަނަކު މަޑެއް ނުކުރެވޭނެއެވެ. އަބަދާއި އަބަދު ނަތާގެ ބޯކޮޅު ބަލާކަށް ވެސް ނުހުރެވޭނެއެވެ. އަހަރެން މާލެ އައިކަން އެނގުމުން ސަމީހު ގުޅިއެވެ. ސަމީހު ގުޅާ ކޮންމެ ފަހަރަކު މިހާރު ހިތަށް އަރައެވެ. އެ އުޅެނީ ނަތާގެ ކޮންމެވެސް ނުބައި ވާހަކައެއް ދައްކާށެވެ. އަހަރެން ފޯނެއް ނުނަގަމެވެ. އެ ވަގުތު އިނީ ހުޅުމާލޭގައި އަހަރެން ހުޅުވައިގެން އުޅޭ ފިހާރައިގައެވެ. ދެވަނަ ފަހަރު ވެސް ސަމީހު ގުޅިއެވެ. ފޯނާ ދިމާލަށް ބަލަހައްޓައިގެން އިނީއެވެ. ނަގަން ހިތަށް އެރި ނަމަވެސް އިވިދާނެ ހަބަރަކަށް ވިސްނާފައި ނުނެގީއެވެ.

"މިހާރު ހާދަ ފިލަފިލައިގެން." ފިހާރައިގެ ދޮރާ ދިމާލަށް ބަލާލެވުނީ ބޭއިޚުތިޔާރުގައެވެ. ހުރީ ސަމީހުއެވެ. "އަހަރެން ހައިރާނެއް ނުވޭ ލިފާން އަހަރެންގެ ކޯލްތައް ނުނެގިޔަސް،" ކައިރީގައި ހުރި ގޮނޑިއެއްގައި އިށީންނަމުން ސަމީހު ބުންޏެވެ.

"މި ވަގުތު ވަރަށް ބިޒީ ކޮށް މި އުޅެނީ." އަހަރެން ނޫން ކަމަށް ހެދުނީމެވެ.

"އެނގޭ ތިހެންކަން ބުނާނީ. އެކަމަކު މި ވަގުތު މިތާކު ނެތް ކަސްޓަމާއެއް ވެސް." ސަމީހު ހަމަޖެހިލިއެވެ.

"ކަމަކުތަ ގުޅީ؟" އަހަރެން އެހީމެވެ.

"އާނ. ވަރަށް ބޮޑު ކަމަކު. އެއްޗެއް އަހާލަން،" ސަމީހު ބުންޏެވެ.

"ކޯއްޗެއް؟" އަހަރެން ބަލަހައްޓައިގެން އިނީ ކުރިމަތީގައި ހުރި ލެޕްޓޮޕާ ދިމާލަށެވެ. ސަމީހަށް ޝައުގުވެރިކަން ނުދޭ ކަމަށް ހެދިގެންނެވެ.

"ކީއްކުރަން ވައިފް މެލޭއަށް ޗޭންޖު ކުރީ؟" ސަމީހު ކުރީ އަހަރެން ހީކުރި ކަހަލަ ސުވާލެއް ނޫނެވެ.

"މިހާރު ކިހިނެއްވީ؟" އަހަރެން ސަމީހަށް ނުބަލާ އިނދެ ބުނީމެވެ.

"އޭނަ ބުނެ ކިޔައިގެން ދޯ ދިޔައީ؟" ސަމީހު އަނެއްކާވެސް ބުންޏެވެ. "ކުރިން ވެސް ބުނިން އަހަރެން މާ ކުރާ ހިތްވާ ކަމެއް ނޫނޭ މީހުންގެ ވާހަކަ ދެއްކުން އެއީ. އެކަމަކު ތިއީ ފްރެންޑެއް ވީމަ ނުބުނެ ނުހުރެވިގެން މި ބުނަނީ."

އަހަރެން އެއްވެސް އެއްޗެއް ނުބުނަމެވެ. ނަމަވެސް މި ފަހަރު ސަމީހުއާ ދިމާލަށް ވައްކަޅިން ބަލާލެވުނެވެ.

"ލިފާން. ލިފާންއަށް އެނގޭތަ އޭނަ މެލޭއަށް ޗޭންޖްވީ ކީއްވެކަން؟" ސަމީހު ކުރީ ހޫނު ސުވާލެކެވެ. އަހަރެންގެ ކަންފަތް ކޮޅަށް ޖެހުނީ އެ ވަގުތުއެވެ.

އަހަންނަށް އުނދަގޫވިއެވެ. ވާހަކައިގެ ކޮޅު ހިއްލާލާފައި ސަމީހު ދިޔުމުން އަހަރެންގެ އަރުން އެއްޗެއް ނުދިރުނެވެ. ރޭގަނޑުގެ ހަމަހިމޭންކަން ފަޅުފިލުވައި ދިނީ އަހަރެންގެ ބޮލު ތެރޭގައި އެނބުރޭ ހާސަރުގަނޑެވެ. ސަމީހުގެ ވާހަކަ އަޑުއަހަން އަހަރެން ހުރީ ކެތްމަދުވެފައެވެ. އަހަރެން ގާތުގައި ނަތާ ދެއްކި ވާހަކަތަކުގެ އަސްލަކީ ކޮބައިތޯ ބަލާލަން ބޭނުންވެފައެވެ. ސަމީހަށް ގުޅަން ކިތަންމެ ފަހަރަކު ހިތަށް އެރިއެވެ. އެކަމަކު ޖެހިލުންވަނީއެވެ. ބަރާބަރު ދެ ގަޑިއިރު ވިސްނުމަށް ފަހު އަހަރެން ގުޅީމެވެ. އިވޭނެ އަޑަކަށް އަހަރެން ހުރީ ތައްޔާރު ވެގެންނެވެ. އޭރު ގަޑިން 12 ޖަހަނީއެވެ.

"މަށަށް ޔަގީންކަން އޮތް ލިފާން ގުޅާނެކަން،" އެންމެ ފުރަތަމަ ވެސް ސަމީހު ބުނީ އެހެންނެވެ.

"މިގެއަށް އަންނަން ވީނު؟" އަހަރެން އެދުނީމެވެ. ސަމީހު އެއްބަސްވިއެވެ. އަހަރެން ފޯނު ކަނޑާލާފައި ނޭވާ ހިފަހައްޓާލީމެވެ.

"ކޮން ހިސާބަކުން ފަށަންވީ؟" ސަމީހު އިށީންނަމުން ބުންޏެވެ. އަހަރެން ދެ ފަރާތަށް ބޯ ހޫރާލީމެވެ.

"އޯކޭ އޯކޭ،" ސަމީހު ބުންޏެވެ.

"ލިފާންއަށް އެނގޭނެ އޭނަގެ ކުރީގެ ހަޒް. އިޝާދު ދޯ ކިޔަނީ؟ އޭނަ އުޅެނީ މެރީ ކޮށްގެން. އިޝާދުގެ ވައިފަށް ބޭޒާރު ވެގެން އެ ކަމަށް ފިލަން ނަތާ މެލޭއަށް އެ ޗޭންޖްވީ. ނަތާ އާއި އިޝާދު ވައިފްއާ އެއީ ކުރީގެ ކްލާސްމޭޓްސް. ކުރިން އެ ދެ މީހުން ވެސް ވަރަށް ރައްޓެހިވާނެ. މިހާރު އިޝާދުގެ ވައިފް އިނީ ވިހަން ވެފަ. އަދި ބުނަން. އިޝާދު ވެސް ވީ މެލޭގަ. އެއްޗެއް ހީ ނުކުރާތި. އެކަމަކު މީހަކު ބުނާތީ މަ އަޑުއެހިން އިޝާދު ވެސް އުޅެނީ އެ އެޕާޓްމެންޓްގައޭ." ސަމީހު ކިޔައިދިން އެއްޗެހިން އަހަރެންގެ ހަވަނަ ހިއްސު ހަރަކާތްކުރިއެވެ. ކުއްލިއަކަށް ހަނދާނަށް އައީ އަހަރެން މެލޭޝިއާގައި ހުރި އިރު އެއް ރޭ ނަތާ ގޭ ދޮރު ކައިރީ ހުރި ތަނެވެ. ޒުފާން އަހަރެމެންގެ ކޮޓަރީގައި ނިދަން އޮތް ތަނެވެ. ޒުފާންގެ ކޮޓަރީގައި މީހަކު އެ ރޭ ހުރީ ހެއްޔެވެ؟ ދަންވީ ފަހުން އޭނާ ގެއިން ނެރުނީ ހެއްޔެވެ؟ އެކަމަކު ލަތީކާއަށް އެކަން ނޭނގެނީ ހެއްޔެވެ؟

އަހަރެންނަށް ބޮލުގައި ވަރަށް ބާރަށް ހިފެހެއްޓުނެވެ. ބޮލަށް އެނބުރުން އަރައި މީހާ ދާހިއްލަން ފެށިއެވެ. ހާސްވެ ނޭވާ ހިނގުން އަވަސްވިއެވެ. އޭސީ ޖައްސާފައި ހުރި ނަމަވެސް ތަން ހީވަނީ ދޮން ކޮށްފައި ހުރި އަވަނެއް ހެންނެވެ. ވަށައިގެން ވާ ފާރުތައް ހީވަނީ އަހަރެން ފިއްތާލާފާނެ ހެންނެވެ. ރޯން ބޭނުން ނަމަވެސް ނުރޮވުނެވެ. ނަތާއަށް ގިރާ ކުރެވޭނޭ ހުރިހާ އޮޅިއެއް ގިރާ ކޮށް ނިމުނީ ހެއްޔެވެ؟ ވަފާތެރި އަތްނބެއްގެ އިހުސާސްތައް ބާއްވާށެވެ. މައިވަންތަކަމުގެ ހުރިހާ އިމެއް ވެސް ހުރަސް ކުރީ ލަދުވެތިކަން ފަހަނައަޅައި ދިޔުމުންނެވެ.

އަހަރެންނަށް އެއްޗެއް ނުބުނެވި ގިނަ އިރުތަކެއް ވުމުން ސަމީހު ނުކުމެގެން ދިޔައެވެ. އަހަރެންގެ ބަނަވެފައިވާ ހަޔާތަށް ވާރޭވެހި ފެންބޮޑުވެފައި ވަނީ ކާކުގެ އިހުމާލުން ހެއްޔެވެ؟ ލޯބިވާ އަނބިމީހާ އަމިއްލަ މުށުތެރެއިން ދެމިގެން އެ ދަނީ ކޮން ކަމަކަށް ފަރުވާ ކުޑަ ކުރެވިގެން ހެއްޔެވެ؟ އަނބިމީހާއަށް ދޭން ޖެހޭ އަޅާލުމާއި ލޯތްބަށް އެއްވެސް އުނިކަމެއް ނެތި ދުވަހެއް ދުވަހަކަށް އަހަރެން ދިޔައީ ވާޖިބުތައް އަދާ ކުރަމުންނެވެ. ޝަކުވާއެއް ނެތި މިހާ ތަނަށް ނަތާގެ ކޮންމެ އެދުމަކަށް އަހަރެން މަރުހަބާ ކިއީ އެއްވެސް ދެކޮޅުވެރިކަމެއް ނެތިއެވެ. ބޭނުންވާ ކޮންމެ ކަމެއް ވީ އެންމެ ފުރިހަމައަކަށް އަހަރެން ކޮށްދިނީ ކޮށްދޭ ހިތުންނެވެ. ނަތާ އެކަން ބަލައި ނުގަތީ ކީއްވެގެން ހެއްޔެވެ؟ އަހަރެންގެ ކިބައިގައި ނަތާއަށް ކަމުނުދާ ސިފައެއް ހުރި ނަމަ ބުނަންވީއެވެ. އެ ކަމެއް އަހަރެން އިސްލާހު ކުރާނަމެވެ. ހިތާ އަހަރެން ސުވާލު ކުރީމެވެ. މިއީ ތަގުދީރުގައި އަހަރެންނަށް ހުރި ގޮތް ހެއްޔެވެ؟ އަހަރެންގެ ހަޔާތަށް ވެރިވެފައި މިވާ ކޮޅިގަނޑު އަލިވެ ބަހާރު މޫސުން އަންނާނީ ކޮން ދުވަހަކުން ހެއްޔެވެ؟

އަހަރެން މީގެ ކުރިން ހީކުރަމުން އައީ ނަތާ ދޫކޮށްލާކަށް އަހަރެންނަކަށް ނުކެރޭނެ ކަމަށެވެ. އަދިވެސް ނަތާ ދެކެ ލޯބިވާތީއެވެ. ދަރިފުޅަށްޓަކައި ނަތާ އިސްލާހުވާން ފުރުސަތު ދެވުނު އަދަދެއް ވެސް ނޭނގެއެވެ. އެކަމަކު ކޮންމެ ފަހަރަކު ވެސް ނަތާ ނަގަނީ އޭގެ ނާޖާއިޒު ފައިދާއެވެ. އަހަރެންގެ ބޭނުން ނަތާ ކުރަނީ އެންމެ ވިޔާނުދާ ގޮތަށެވެ.

ނާޅަން ހުރި ފިޔަވަޅު އަހަރެން އެޅީމެވެ. އެއީ ނަތާއަށް ފައިސާ ފޮނުވުން ހުއްޓާލުމެވެ. ގަދަބާރުންނެއް ނަތާ މާލެއަކަށް ނުގެނެވޭނެއެވެ. އެންމެ ފަސޭހައިން މާލެ ގެނެވޭނެ ގޮތަކީ އެއީ ކަމަށް އަހަރެންނަށް ވިސްނުނެވެ. މީހާ މާޔޫސްވެ ގޮތްހުސްވުމުން ކުރެވޭ ނުކުރެވޭ ހާލަތަށް ދެއެވެ. އެހެން ވާކަށް އަހަރެން ބޭނުމެއް ނޫނެވެ.

ނަތާ ގުޅީ ޖެހިގެން އައި ދުވަހު މެންދުރުއެވެ. ފޯނާ ދިމާލަށް ބަލަހައްޓައިގެން ހުރީ ނަތާ ބުނާނެ އެއްޗެއް ނޭނގޭތީއެވެ. ވިސްނާލަން ހުރެފައި ފޯނު ނެގީމެވެ. ފުރަތަމަ ބުނި ޖުމްލައިން މުޅި ހަށިގަނޑަށް ލޮޅުން އަރައިގެން ދިޔައެވެ. ކޮޅަށް ހުރި ނަމަ އެނބުރުން އަރައިގެން މީހާ ވެއްޓޭނެކަން ޔަގީނެވެ.

- ނުނިމޭ -

އެހެން ބައެއް ވާހަކަ

ކޮމެންޓް (1)

ފާތުން

10 އޮކްޓޯބަރު 2022
ޥަރަށް ރީތި
1 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް