ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޕްރައިމަރީގެ ކެމްޕެއިނަށް މާޅޮހުގައި. (ފޮޓޯ/ކެމްޕެއިން ޓީމް)

ރައީސް އޮފީސް

ރަށްރަށުގައި ސަލާމަތީ ކަންކަން ވަރުގަދަކުރީ އިދިކޮޅުން ހަމަޖެހުން ނަގާލަން އުޅޭތީ: ސަރުކާރު

މި ފަހަރު ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އެކި ރަށްރަށަށް ވަޑައިގެންނެވިއިރު، ބައެއް ރަށްރަށުގައި އިދިކޮޅު ފަރާތްތަކުން އިހުތިޖާޖުކުރި
26 ޖެނުއަރީ 2023

ވެރިކަން ކުރާ އެމްޑީޕީގެ ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަށްރަށަށް ވަޑައިގަންނަވާއިރު، ސަލާމަތީ ކަންކަން ވަރުގަދަކުރަނީ އިދިކޮޅުން އެ ރަށްރަށުގެ ހަމަޖެހުން ނަގާލައި އެ މަނިކުފާނުގެ ސަލާމަތަށް ނުރައްކާކުރަން އުޅޭތީ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

ވީ ކިހިނެއް؟ - ރައީސް ރަށްރަށަށް ވަޑައިގަންނަވާއިރު، ރަށުތެރޭގައި ސިފައިން ކޮމްބެޓް ޔުނީފޯމުގައި ހަރަކާތްތެރިވާ ފޮޓޯތަކެއް އާންމުކޮށް، ބައެއް ފަރާތްތަކުން ދިޔައީ އެ މަނިކުފާނަށް ސޯޝަލް މީޑީއާގައި ވެސް ފާޑުކިޔަމުންނެވެ. މިއަދު ރައީސް އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވަނީ ރަށްރަށުގައި ސަލާމަތީ ބާރުތަކުން ހަރަކާތްތެރިވަމުން ދާތީ އެކި ގޮތް ގޮތަށް ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.

ބުނީ ކީކޭ؟ - މިއުވާން ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު ހުރިހާ ފަރާތްތަކަށް ވެސް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ދީފައިވާ ކަމަށެވެ. އެގޮތުން، އޭނާ ފާހަގަކުރެއްވި ގޮތުގައި:

  • މި ފަހަރު ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް އެކި ރަށްރަށަށް ވަޑައިގެންނެވިއިރު، ބައެއް ރަށްރަށުގައި އިދިކޮޅު ފަރާތްތަކުން އިހުތިޖާޖުކުރި 

  • ބައެއްް ފަރާތްތަކުން އެ މިނިވަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އަހުލާގީ މިންގަނޑަށް ވެސް ނުފެތޭ ކަންކަން ކުރަމުން ދިޔަ

"ރައީސްގެ ކެމްޕެއިން ޖަލްސާ ހިނގަމުންދިޔަ ވަގުތު ގުރުއާން ކިޔަވާ ގަޑީގައި ވެސް އިދިކޮޅުން އަޑުގަދަކޮށް ލަވަ ޖަހައި ވާހަކަދެއްކި ތަނާ، ކުޑަކުދިން ކައިރީގައި ތިއްބާ އެ އަޑުތައް ޓީވީން ދައްކައިފި ކަމަށް ވަންޏާ، ފިޔަވަޅު އެޅޭނެ ވާހަކަތައް ވެސް ކުޑަކުދިން ކައިރީގައި ތިބެގެން ވެސް ދައްކަމުން ދިޔަ ތަން އަޅުގަނޑުމެންނަށް ވެސް ފެނުނު،" މިއުވާން ވިދާޅުވި އެވެ.

"އެ މިނިވަންކަން އޮތް ނަމަވެސް، އެކަމުގެ ނާޖާއިޒު ފައިދާ ނަގާ، ސުލްހަވެރި ސިޔާސީ ހަރަކާތްތައް ހިންގަން އޮތް ފުރުސަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އެ ފުރުސަތުގެ ތެރެއިން ހަމަނުޖެހުން ހިންގަން އިދިކޮޅުގެ ފަރާތްތަކުން މަސައްކަތްކޮށްފައިވޭ."

އައްަޑޫ ހުޅުދޫ ބަނދަރު ސަރަހައްދުގައި ޕީޕީއެމް ސަޕޯޓަރުން، ރައީސް ސޯލިހު ވަޑައިގަތް ވަތުރު ޔާމީން ދޫކޮށްލަން ގޮވާލައި އިހުތިޖާޖުކުރަނީ. (ދައުރު ފޮޓޯ)

މިއުވާން ވިދާޅުވީ، އެ ގޮތަށް ރަށުތެރޭގެ ހަމަޖެހުން ނަގާލައި ރައީސްގެ ސަލާމަތަށް ނުރައްކާވެދާނެ އެއްވެސް ކަމަކަށް ސަލާމަތީ ހިދުމަތްތަކުން ފުރުސަތެއް ނުދޭޭނެ ކަމަށެވެ. އިދިކޮޅަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތަސް، އެކަން ކުރަން ޖެހޭނީ، އޭނާ ވިދާޅުވި ގޮތުގައި، ޕާޓީތަކުގެ ސިޔާސީ ހަރަކާތްތަކަށް ހުރަސް އެޅޭ ގޮތަކަށް ނޫނެވެ.

"... އިދިކޮޅު ފަރާތްތަކުގެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމަކީ ސަރުކާރުގެ ފަރާތުން ނުވަތަ ސަރުކާރުގައި ތިއްބަވާ ސަރުކާރުގެ ޕާޓީތަކުން ބާއްވާ ސިޔާސީ ހަރަކާތްތަކަށް ހުރަސްއެޅޭ ގޮތަށް ކުރެވޭ ކަމަކަށް ވެގެން ނުވާނެ،" މިއުވާން ވިދާޅުވި އެވެ.

އެނގުން މުހިއްމު - ޕްރައިމަރީގެ ކެމްޕެއިނަށް ރައީސް ސޯލިހު އެކި ރަށްރަށަށް ދަތުރުކުރައްވަމުން ގެންދަވާއިރު، ބައެއް ރަށްރަށުގެ އިދިކޮޅު މެމްބަރުން ވަނީ ރައީސް ވަޑައިގަންނަވާ ވަގުތާ ދިމާކޮށް އެ ރަށްރަށުގައި މުޒާހަރާކޮށްފަ އެވެ. އެ މީހުން އިހުތިޖާޖުކުރަމުން ދިޔައީ އިިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ކުރި ހުކުމާ ދެކޮޅަށެވެ. އަދި ސަރުކާރުގެ އިސްތިއުފާއަށް ވެސް އެ ފަރާތްތަކުން ގޮވާލާފައިވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް