މިންނަ އޭނާގެ މަސައްކަތުގެ ތެރޭގައި ފޮޓޯއަކަށް ހުއްޓިލައިގެން. (ދައުރު ފޮޓޯ: އަބްދުﷲ ޔަޝާއު)

ކުލަ އާއި ރަހަ ވެސް ދިވެހި: ކަންފަތު ލާން ބަޖިޔާ އާއި ކިރިމު ޖެހި ބަނަސް

ކުޅު ކިތަންމެ ދިޔާވިޔަސް، މިންނަގެ މި އުފެއްދުންތައް ހާއްސަކޮށްފައި ވަނީ ތިޔަބޭފުޅުންގެ އަނގަޔަކަށް ނޫނެވެ. ތިޔަބޭފުޅުންގެ ކަންފަތުފޫޅަށެވެ.
26 އޮކްޓޯބަރު 2022
2

މިއީ މުޅި މި ހަފުތާގައި ވެސް ފެންނާނެ އެންމެ 'މީރު' ދިވެހި އުފެއްދުންކަން ޔަގީނެވެ. ކުލަ އާއި ރަހަ ވަރަށް ރަނގަޅަށް ހެޔޮވަރުކޮށްފައިވާ ދިވެހި އެކި ފާޑުފާޑުގެ ހެދިކާ އާއި ދިވެހިންގެ ސަގާފަތާއި ކެއުމާއި ބުއިމާއި ހެލިފެލިވެ އުޅުން އެންމެ ކުލަގަދަކޮށް ސިފަކޮށްދޭ ތަރުކާރީ އާއި މޭވާގެ ފޮނިކަމުން ފުރިފައިވާ ވާހަކަ އެވެ. މި އާދަޔާހިލާފު އުފެއްދުމުގެ ފަހަތުގައި ހުރި ހުނަރުވެރިޔަކީ އައިޝަތު މިންހަތު އާގިލް ނުވަތަ ރައްޓެހިންގެ ނަމުން ތައާރަފްކޮށްދޭ ނަމަ މިންނަ އެވެ.

މި އުފެއްދުންތަކަށް މިންހަތު ދީފައިވާ ނަމަކީ 'ވުޑް އެންޑް އާތު' އެވެ. މިއީ ކޮވިޑްގެ ފުރަބަންދުގެ ތެރެއިން އޭނާ ފަށައިގެން އަދި ކިރިޔާ އެންމެ ދެ އަހަރު ވީ ކުޑަކުޑަ އޮންލައިން ވިޔަފާރިއެކެވެ. އޭނާގެ މި އާޓްސް އެންޑް ކްރާފްޓް ބާޒާރު ކިތަންމެ ކުޑަވެފައި އޭގެ ތަޖުރިބާގައި ކިތަންމެ ހަގަކަސް 'ވުޑް އެންޑް އާތު' މި ވަނީ ހަމަ ރަނގަޅަށް ފައްކާވެ ފޯދިފަ އެވެ. އަދި އޭގައި ނާޅާ ވައްތަރެއްގެ މޭވާއެއް، ތަރުކާރީއެއް ނެތްއިރު ހެދިކާގެ 'ސުފުރާމަތި' ވެސް މާލޭގެ ސައިހޮޓަލަކަށް ދޫނުކުރެ އެވެ.

އެކަމަކު ކުރާނީ ކީއް ހެއްޔެވެ؟ ކުޅު ކިތަންމެ ދިޔާވިޔަސް، މިންނަގެ މި އުފެއްދުންތައް ހާއްސަކޮށްފައި ވަނީ ތިޔަ ބޭފުޅުންގެ އަނގަޔަކަށް ނޫނެވެ. އާދޭހެވެ! ތިޔަ ބޭފުޅުންގެ ކަންފަތުފޫޅަށެވެ. – މިއީ ހުސް ކަންފަތުލާ މުންޖެވެ!

އެހެންވީމަ މިފަހަރު މި އޮތީ މިންނަގެ މި އާދަޔާހިލާފު މަސައްކަތަށް ހާއްސަ ފޮޓޯސްޓޯރީއެކެވެ. އޭނާގެ ހުނަރުން ފަވައި ކުރަހައި ކުލަޖައްސައި ދިވެހި ރަހަތަކުން ނަންހުސްކޮށްފައިވާ ވަރަށް ކަލަގަދަ ކަލެކްޝަނެކެވެ. އަޅުގަނޑުމެންގެ ފޮޓޯގްރާފަރު އަބްދުﷲ ޔަޝާއުގެ ލެންސުންނެވެ.

ފޮޓޯނަގަން އަހަރެމެން ދިޔައިރު ހީވީ ކާބޯތަކެތީގެ ކުލަގަދަ މައުރަޒަކަށް ގޮސް ވަދެވުނު ހެންނެވެ. އަދި 'މި މައުރަޒަށް' މިންހަތު އަށް ވަދެވުނު ގޮތް އޭނާ ކިޔައިދިނެވެ.

"ވަރަށް ގިނައިން ފެންނަ އެއްޗެއް އެއީ ބޭރު ގައުމުތަކުގެ މަޝްހޫރު އެކި ކެއުންތައް ސިފަވާ ގޮތަށް ހަދާފައި ހުންނަ ގަހަނާ އާއި ކަންފަތުލާ އެއްޗެހިތައް. މިސާލަކަށް ސޫޝީ އާއި ބާގާ އާއި ޕިއްޒާ އަދި އެކަހަލަ މަޝްހޫރު ކާއެއްޗެހީގެ ސިފައަށް ކަންފަތުލާ ގަހަނާ ހަދާފައި ހުންނަތަން ވަރަށް ގިނައިން ފެނޭ،" މިންހަތު ކިޔައިދިނެވެ.

"އެހެންވީމަ އަޅުގަނޑުގެ ހިތަށް އެރީ ހަމަ އެގޮތަށް، ދިވެހިވަންތަކަން ސިފަވާ، ދިވެހި ކެއުންތަކާއި ރަހަތައް ސިފަވާ އެއްޗެހިތައް މިގޮތަށް ގެނެސްދޭން. އެއީ އާންމުކޮށް މިގޮތަށް ކްރާފްޓް މަސައްކަތްތަކުން އެންމެ ގިނައިން ފެންނާނީ އަބަދުވެސް މޫދުގެ ދިރުންތަކާއި ސަގާފީ ޑިޒައިންތައް. އެހެންވީމަ ބޭނުންވީ ދިވެހި ކާ އެއްޗެއްސާއި ރަހަ ގެނެސްދޭން."

އެހިސާބުން އޭނާ ފެށީ އޭގެ ރަހަ އެންމެ ހެޔޮވަރުކުރާނެ ފޯމިއުލާ ހޯދާށެވެ. ނަމަވެސް މިންހަތު އަކީ މިފަދަ ކްރާފްޓް މަސައްކަތެއް ކުރުމަށް އެއްވެސް ކަހަލަ ޕްރޮފެޝަނަލް ތަމްރީންތަކެއް ހަދައި ދަސްކޮށްފައިވާ ޒުވާނެއް ނޫނެވެ. އަމުދަކުން ކެއްކުމާއި ކެއުމުގެ މާ ބޮޑު ފޯރިއެއް ވެސް ނެތެވެ. އަނެއްކޮޅުން އޭނާގެ ރަސްމީ މަސައްކަތުގައި މިކަހަލަ ކުލައެއް ނުވެސް ނުހުރެ އެވެ.

"އަޅުގަނޑު ކުރިން އުޅުނީ އެއާލައިން ޓިކެޓިކްގެ ދާއިރާގައި. އަޅުގަނޑު 2019އާ ހަމައަށް ވަޒީފާ އަދާކުރީ މޯލްޑިވިއަން ހޮލިޑޭސްގައި. އޭގެ ފަހުން ގޭގައި މަޑުކޮށްފައި، ކޮވިޑްގެ ތެރޭގައި މި މަސައްކަތް ފެށުނީ،" އަބަދުވެސް ކަވި، ކްރާފްޓް މަސައްކަތަށް ފޯރި ހުންނަ ޒުވާނާ ކިޔައިދިނެވެ.

ނަމަވެސް އޭނާ ބުނީ އެ މަސައްކަތް މިގޮތަށް ފޯދި، އޭނާގެ ހުނަރުގައި މިފަދަ މޭވާ އާއި ތަރުކާރީ އަޅައިފާނެ ކަމަށް އުއްމީދު ވެސް ނުކުރާ ކަމަށެވެ. އަދި މިހާ ކަވި މަސައްކަތަކަށް މިވަރަށް ހިތްޖެހި އެކަމުގެ ތެރޭގައި މިހާ ގިނަ ވަގުތު ހޭދަކުރެވޭ ގޮތެއް ކިޔައިދޭން ވެސް ނޭނގެ އެވެ.

"އަޅުގަނޑު މިއީ އަސްލު ވަރަށް އިމްޕޭޝަންޓް މީހެއް. އަޅުގަނޑަކަށް ނޭނގޭ މި ކަވި މަސައްކަތްތައް ފުރިހަމަކުރަން މިހާ ގިނަ ވަގުތު މި އެއްޗެއްސަށް ދެވޭ ގޮތެއް ވެސް،" މިންހަތު ބުންޏެވެ.

އޭނާ ބުނީ މީގެ ދެ އަހަރު ކުރިން 'ފޫހިފިލުވާލުމެއްހެން' މި މަސައްކަތް ފެށިއިރު ކޮންމެ ދުވަހަކުހެން ގާތްގަނޑަކަށް ހަ ގަޑިއިރު މަސައްކަތުގައި ހޭދަކުރި ކަމަށެވެ. އޭގެ ނަޖީތާ މިއަދު އޭނާއަށް ވަރަށް ވެސް ފޮންޏެވެ. މިންހަތުގެ ދެ އަތުން ކްލޭ ކަފައިގެން އޭގައި އެކި ސިފަތަކާއި ކުލަތައް ޖައްސައިގެން އަވަނުގައި ވަކި ހޫނުމިނެއްގައި ފިހެ 'ހަރުކޮށްފައިވާ' މި ގަހަނާ ކަލެކްޝަންގައި މިހާރު ތިރީހަކަށް ވައްތަރު އެ ވަނީ ފައްކާވެފަ އެވެ.

"މިހާރު މީހަކު އޯޑަރެއް ދިނީމަ ގާތްގަނޑަކަށް ތިން ދުވަސް ތެރޭގައި ނިންމާލެވޭނެ މީގެ ކަންފަތުލާ ޖޯޑެއް. ބިޒީ ދުވަސްކޮޅެއް ނަމަ އެއް ޖޯޑު ނިންމަން ހަފުތާއެއްވަރު ނަގާފާނެ،" މިންހަތު ބުންޏެވެ.

ހެވެއް ނޫން ހެއްޔެވެ؟ އޭނާގެ މަސައްކަތް ފުރިހަމަކޮށް އަތަށް އަރާއިރު ހީވާނީ އޯޑަރު ކުރި މޭވާ، ތަރުކާރީ ނުވަތަ ހެދިކާގެ އަސްލު އެކަމަކު 'މިނީ ވާޝަން' އެއް ބަލާލަން ލިބޭހެންނެވެ. މިންހަތު ބުނީ އޭނާ އެންމެ ބޮޑު ސަމާލުކަމެއް ދޭ ކަމަކީ ވެސް ވީހާ ވެސް ފުރިހަމައަށް އަސްލާ އެއްގޮތް ސިފަޖެހިފައިވާ އެއްޗެހިތަކެއް އުފެއްދުން ކަމަށެވެ.

"ރިއަލިސްޓިކް ވެގެން ވަރަށް ގިނަ މީހުން ތައުރީފުކުރޭ. އެހެންވީމަ މިހާރު ބޭނުންވަނީ ޕޭޖަށް ވެސް ލާން އެންމެ ރީތި އެއްޗެހި ނުވަތަ އެންމެ ޑީޓެއިލްޑް އެންމެ ޕާފެކްޓް އެތި ތައްޔާރުކުރަން މިހާރު ބޭނުންވަނީ. ކިތަންމެ ގިނަ އިރެއް އެކުގައި ހޭދަކުރަން ޖެހުނަސް ބޭނުމެއް ނުވޭ އެއްޗަކަށް އެއްޗެއް ހަދާކަށް،" އޭނާ ބުންޏެވެ.

މިންހަތު ބުނީ އެންމެ ގިނަ މީހުންނަށް ކަމުދަނީ އަދި އެންމެ ގިނައިން އޯޑަރު ލިބެނީ 'ދިވެހި ކުރުނބާ' އަށް ކަމަށެވެ. އެހެން ނުވާންވީ ސަބަބެއް ވެސް ނެތެވެ. އަދި ހަގީގަތަކީ ވެސް މިއެވެ. ކުރުނބަލަށް ވުރެން ވެސް އޭނާގެ މި މަސައްކަތް އަސްލު 'ފޮންޏެވެ'.

މިންހަތުގެ މި ހުނަރުވެރިކަމުގެ ވާހަކައަށް މާ ގިނަ ފޮނިތޮށިކާފޫރުތޮޅި އެއްކުރާކަށް އަޅުގަނޑު ނެތީމެވެ. ކުލަކޮށް ފެންނަން މިހިރީ އެވެ. އަދި ގަންނަން ބޭނުން ނަމަ މިންހަތު އިންސްޓަގްރާމް ޕޭޖު 'ވުޑް އެންޑް އާތު' މެދުވެރިކޮށް އޯޑަރު ކުރެވިދާނެ އެވެ. ނުވަތަ ދިވެހި އާޓިސްޓުންގެ މިފަދަ މަސައްކަތަށް ހާއްސަ ބާޒާރު 'އޯތެންޓިކް މޯލްޑިވްސް' އިން ވެސް އޭނާގެ މި ހުރިހާ މޭވާއަކާއި ތަރުކާރީއަކާއި ހެދިކާއެއް ލިބެން އެބަހުއްޓެވެ. – ބަނޑުނުފުރުނަސް، ހިތްފުރޭނެކަން ޔަގީނެވެ.

ކޮމެންޓް (2)

މިންނު

27 އޮކްޓޯބަރު 2022
ބިޔުޓިފުލް ސްމައިލް
4 1

ލޮމީރު

26 އޮކްޓޯބަރު 2022
ބަޒޫކާޒް!!!!! ވެޜީ ގުޑު!
8 0

އިތުރު އާޓިކަލް

އިތުރު އާޓިކަލް