Majlis 2024

މުވައްޒަފުން ވަޒީފާގައި ދެމިތިބުމަށް ހުރަހަކަށް ވަނީ ވަޒިފާގައި ހިތްހަމަޖެހުން ނުލިބުން

ވަޒީފާ ދެކެ ފޫހިވަނީ ކީއްވެ؟

އޮފީސްތަކުގައި މުވައްޒަފުން ހަރުނުލާ އެއް ސަަބަބަކީ ވަޒީފާއާ މެދު ހިތްހަމަނުޖެހުން
7 ނޮވެމްބަރު 2022

މުހިންމު ނުކުތާތައް

ވަޒީފާގައި ހިތްހަމަނުޖެހޭ މުވައްޒަފުންގެ ސަބަބުން އެހެން މުވައްޒަފުންގެ މަސައްކަތަށް އަސަަރު ކުރޭ

ހިތްހަމަނުޖެހުމަށް މެދުވެރިވަނީ ހަމައެކަނި މުސާރައެއް ނޫން

ވަޒީފާ ދޭ ފަރާތްތަކުން މުވައްޒަފުން ހިތްހަމަނުޖެހޭ ސަބަބު ހޯދުން މުހިއްމު

ވަޒީފާގެ ހިތްހަމަޖެހުން ގުޅިފައިވާ ބައިވަރު ކަންކަން ހުރެ އެވެ. ވަޒީފާ ދޭ ފަރާތްތަކުގެ އަމަލުތައް ހުންނަ ގޮތުން ބައެއް ފަހަރު މުވައްޒަފުން ހިތްހަމަނުޖެހިގެން އުޅެން މެދުވެރިވެ އެވެ. ދަންނަންވީ އެއް ކަމެއް އެބައޮތެވެ. މަސައްކަތުގެ މާހައުލުގައި މުވައްޒަފުން ހިތްހަމަނުޖެހޭ ނަމަ ތަފާތު އެކި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހެ އެވެ.

ފުރަތަމަ ކަމަކަށް އެމީހުންގެ އުފެއްދުންތެރިކަން ދަށްވެ އެވެ. އަދި އޮފީސް މަސައްކަތުގައި މާ ބޮޑު ޝައުގުވެރިކަމެއް ނުދޭނެ އެވެ. ވަޒީފާގައި މާ ގިނަ ދުވަހަކު ދެމިއެއް ނުހުންނާނެ އެވެ. އަދި ހިތްހަމަނުޖެހިފައި ހުންނަ މުވައްޒަފެއްގެ ސަބަބުން އެހެން މުވައްޒަފުންނަށް އެކަމުގެ އަސަރު ފޯރަ އެވެ. އެހެން މުވައްޒަފުންނާ މުއާމަލާތް ކުރާ އިރު ޝަކުވާ ބޮޑުވެ އެހެން މުވައްޒަފުންގެ މަސައްކަތުގެ ރޫހަށް އަސަަރު ކުރެ އެވެ.

ހިތްހަމަނުޖެހިގެން އުޅޭ މުވައްޒަފުންގެ ސަބަބުން އެހެން މުވައްޒަފުންނަށް އަސަރު ކުރޭ

ވަޒީފާދޭ ފަރާތްތަކުން މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ މެދުގައި ހިތްހަމަނުޖެހުން އޮަންނަ ސަބަބު ހޯދުމަކީ ކުރެވޭނެ އެންމެ މުހިއްމު ކަމެވެ. ތިރިީގައި މިވަނީ މުވައްޒަފުން ވަޒީފާ ދެކެ ފޫހިވެ، އޮފީހަށް އަންނަ ހިތްނުވެ، ސަލާމުގެ ދުވަސްތައް އިތުރުވެ އަދި މަސައްކަތުގައި ޝައުގު ގެއްލުމަށް މެދުވެރިވާ ބައެއް ސަބަބުތަކެވެ.

1. ތާށިވެފައިވާ ކަމުގެ އިހްސާސް ކުރެވުން

 މަސައްކަތުގެ މާހައުލުގައި މުވައްޒަފުންގެ ހިތްހަމަނުޖެހުމަށް މެދުވެރިވާ އެއް ސަބަބަކީ ކުރިއެރުމަށް ފުރުސަތު ނެތް ކަމުގެ އިހްސާސް ކުރެވުމެވެ. އެއް މަސައްކަތެއް އެއް ގޮތަކަށް ކޮށްލަކޮށްލާ ތާށިވެފައި ތިބޭ ކަމުގެ އިހްސާސް ކުރެވުމެވެ. ކޮންމެ މުވައްޒަފެއް އޭނާގެ ހުނަރުތައް ދެން އޮތް ހަރުފަތުގައި ތަޖުރިބާކޮށްލަން ބޭނުންވެ އެވެ. ނަމަވެސް، ގިނަ ކުންފުނިތަކުގައި މިކަން ދެނެއެއް ނުގަނެ އެވެ.

2. އެކަށީގެންވާ މުސާރައެއް ނުދިނުން

މުސާރައަކީ ގިނަފަހަރަށް މުވައްޒަފުން ހިތްހަމަނުޖެހުމަށް މެދުވެރިވާ މައިގަނޑު ސަބަބެއް ނޫނެވެ. ސަބަބަކީ ވަޒީފާއަށް ނުކުންނަ އިރު ވެސް މުވައްޒަފުންނަށް މި ދަނީ ކިހާ އުޖޫރައެއް ލިބޭ މަސައްކަތެއް ކުރުމަށްކަން އެނގެ އެވެ. ކޮންމެ މީހަކު ވެސް ރަނގަޅު މުސާރައެއް ބޭނުންވާނެ އެވެ. ނަމަވެސް ކުރާ މަސައްކަތާ ނުބައްދަލު މުސާރައެއް ދޭ ނަމަ މުވައްޒަފުންގެ ހިތްހަމަނުޖެހުން ބޮޑުވެ އެވެ.

ވަޒީފާގައި އުޅޭއިރު މަސައްކަތާ އެއްވަރު މުސާރައެއް މުހިއްމު

3. ވެރިޔާއާ އޮންނަ ގުޅުން ރަނގަޅު ނުވުން

މުވައްޒަފުން ލައްވާ މަސައްކަތް ކުރުވާ މީހާއަކީ ލީޑާޝިޕް ސިފަތައް ހުންނަ، ތަފާތު މިޒާޖުގެ މީހުންނާ އެކު މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައިވާން ޖެހެ އެވެ. އޮފީހުގައި މަސައްކަތް ބަލަހައްޓާ ސުޕަވައިޒަރާއި މުވައްޒަފުންނާ އޮންނަ ގުޅުން ރަނގަޅު ނޫން ނަމަ މަސައްކަތުގައި ހިތްހަމަނުޖެހުމަކީ މެދުވެރިވާ ކަމެކެވެ. އާއްމުކޮށް މިގޮތަށް މެދުވެރިވަނީ މާ ހަރުކަށިކަން ދެއްކުން، މުވައްޒަފުންގެ މެދުގައި ތަފާތުކުރުން އަދި މުވައްޒަފުންގެ ހިޔާލަށް ފުރުސަތު ނުދޭ ނަމަ އެވެ.

4. އެހެން ކުންފުނިތަކާ އަޅާކިޔުން

އަބަދުވެސް ތިމާ ހުންނަ ތަން ނޫން އެހެން ތަނެއް ރަނގަޅުވާނެ ކަމަށް ދުށުމަކީ އިންސާނުންގެ ތޮބީއަތެވެ. މަސައްކަތް ކުރާ ކުންފުންޏާ އެއްކަހަަލަ އެހެން ކުންފުންޏެއްގެ މުވައްޒަފުންނަށް ލިބޭ ފައިދާތަކާއި އިނާޔަތްތަކާ އަޅާކިޔުމަކީ މުވައްޒަފުންގެ މެދުގައި ހިތްހަމަނުޖެހުން އުފެދިދާނެ ކަމެކެވެ. އެހެންކަމުން ހަމައެކަނި މުސާރައިގެ އިތުރުން އެހެން އިނާޔަތްތައް ވެސް މުވައްޒަފުންނަށް ދިނުމާ މެދު ވިސްނަންް ޖެހެ އެވެ. މިފަދަ ކަންކަން ކުރުމުން މުވައްޒަފުން ވަޒީފާގައި ހަަރުލުން އިތުރުވެ އެވެ.

5. މުވައްޒަފުންނަށް މަސައްކަތް ކުރާ ތަން މުހިއްމުވާން ޖެހޭ

މަސައްކަތް ކުރާ ތަނުގެ މިސްރާބާއި ލަނޑުދަނޑި އާއި ހާސިލް ކުރަން އުޅޭ މަގުސަދު މުވައްޒަފުންނަށް ވަރަށް ބޮޑަށް ސާފުވާންވާނެ އެވެ. އެހެންނޫން ނަމަ، ކުރާ މަސައްކަތަކީ މާ މުހިއްމު ކަމެއް ކަމަށް އެ މީހުން ނުދެކުން އެކަށީގެންވެ އެވެ. އަދި ކުރާ މަސައްކަތުން މާ ބޮޑު މަންފާއެއް ލިބިދާނެ ކަމުގެ އުއްމީދެއް ނެތި މަސައްކަތް ކުރާ ނަމަ އެންމެ ރަނގަޅު ނަތީޖާ ހާސިލެއް ނުވެ އެވެ. މުވައްޒަފުންގެ ފަރާތުން ބޭނުންވާ ބައިވެރިވުމެއް ނުލިބެ އެވެ. އެހެންކަމުން މަސައްކަތުގައި ފޫހިވުމާއި ހިތްހަމަނުޖެހުން އުފެދެ އެވެ.

އަދާ ކުރާ ވަޒީފާ އަކީ ކިހާ މުހިއްމު އެއްޗެއްކަން މުވައްޒަފުންނަށް އެނގެން ޖެހޭ

6. އަމިއްލަ ދިރިއުޅުމުގެ ކަންކަމަށް ފުރުސަތު ނުލިބުން

މުވައްޒަފުންނާ މެދު މާ ބޮޑަށް ހަރުކަށިވުމަކީ އެމީހުންގެ އަމިއްލަ ދިރިއުޅުމަށް ފުރުސަތު ހޯދުމަށް އެޅޭ ހުރަހެކެވެ. މަސައްކަތްކުރާ ގަޑި ފްލެކްސިބަލް ކޮށްދިނުމާއި ގޭގައި ހުރެގެން މަސައްކަތްކުރުމުގެ ފުރުސަތުތައް ވަޒީފާ ދޭ ފަރާތްތަކުން ނުދޭ ނަމަ އާއިލާގެ ކަންކަން ބަލަހައްޓައި އަމިއްލަ ނަފްސަށް ބޭނުންވާ ވަގުތު ހޯދުމުގެ ފުރުސަތު ގެއްލެ އެވެ. މީގެ ސަބަބުން މުވައްޒަފުންގެ ދިރިއުޅުމުގެ ސްޓްރެސް މަތިވެ، ވަޒިފާގައި އެންމެ ރަނގަޅަށް އުފެއްދުންތެރިކަން ނުދެއްކިދާނެ އެވެ. މަސައްކަތުން ލިބެންވާ ހިތްހަމަނުޖެހުން ނުލިބެނީ މަސައްކަތްތަކުގެ ލަނޑުދަނޑިތައް ހާސިލް ނުކުރެވޭތީ ކަމަށް ވުން އެކަށީގެންވެ އެވެ.

7. އަގުވަޒަން ނުކުރުން

ގިނަ ވަގުތު ނަގައިގެން މުވައްޒަފުން ކުރާ މަސައްކަތްތައް ބަލައިނުގަތުމަކީ ވަޒީފާއާ މެދު ހިތްހަމަނުޖެހުމަށް މެދުވެރިވާ ސަބަބަކެވެ. އަދި މަސައްކަތުގެ މާހައުލުގައި ދޭދޭ މުވައްޒަފުން މެދުގައި ތަފާތުކުރުމަކީ ވެސް އަގުވަޒަން ނުކުރާ ކަމުގެ އިހްސާސް ކުރެވޭ ކަމެވެ. ތަރައްގީވުމުގެ ފުރުސަތުތަކުގައި، ތަމްރީންތަކުގައި އަދި ޕްރޮމޯޝަން ދިނުމުގައި އިންސާފުވެރި ނޫން ގޮތްތައް ގެންގުޅޭ ނަމަ މުވައްޒަފުން ވަޒީފާގައި ހިތްހަމަނުޖެހުމަށް މެދުވެރިވެ އެވެ.

ހުރިހާ މުވައްޒަފުންގެ އަގުވަޒަން ކުރާ ނަމަ މަސައްކަތާ މެދު ހިތްހަމަނުޖެހިގެން އުޅޭކަށް ނުޖެހޭނެ

8. މުވައްޒަފުންނަށް މާބޮޑަށް ފާރަލުން

މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުގައި އެމީހުންގެ މެނޭޖަރުން ފާރަލާކަމުގެ އިހްސާސް ކުރެވޭ ނަމަ އެއީ ރަނގަޅު ނިޝާނެއް ނޫނެވެ. އެކަމުން އެ ބުނެދެނީ މުވައްޒަފުންނަށް ކުރާ އިތުބާރު ކުޑަ ކަމުގަ އެވެ. އަބަދު މުވައްޒަފުންގެ ބޯކޮޅު ބަލާ ހަދާ ނަމަ އަމިއްލަ އަށް ކަންކަން ނިންމުމުގެ ފުރުސަތު ކުޑަވެ އެވެ. މިއީ ވަޒީފާއާ މެދު ހިތްހަމަނުޖެހުމަށް މެދުވެރިވާ ސަބަބެކެވެ.

9. ޝައުގުވެރިކަން ގެއްލުން

މުވައްޒަފުން އެމީހުން އަދާ ކުރާ ރޯލުގައި ޝައުގުވެރިކަން ގެއްލި މަސައްކަތުގައި ފޫހިވާ ނަމަ އެންމެ ރަނގަޅު ގޮތަކީ އެހެން ޑިޕާޓްމަންޓަކަށް ނުވަތަ އޭނާ މަސައްކަތް ކުރާހިތްވާ ތަނަކަށް ބަދަލު ކުރުމެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް