ކްރައިމް ސީންއެއްގައި ފުލުހުން ހަރަކާތްތެރި ވަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ކުށްކުރުން

ދައުވާ ނުކޮށް ބަންދުގައި 3 މަސް ބެހެއްޓޭ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

މިހާރު ގާނޫނު އޮންނަ ގޮތުން ދައުވާނުކޮށް ބަންދުގައި ބެހެއްޓޭނީ ގިނަވެގެން 75 ދުވަހު

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންނަށް ތަހުގީ ކުރުމަށް ލިބޭ މުއްދަތު ތިން މަހަށް އިތުރުކުރަން ޖިނާއީ އިޖުރާތުގެ ގާނޫނަށް އިސްލާހު ގެންނަން ސަރުކާރުން މަޖިލީހަށް ހުށަހަޅައިފި އެވެ. އެއާ އެކު، ދައުވާނުކޮށް ތިން މަސް ވަންދެން މީހުން ބަންދުގައި ބޭތިއްބުމުގެ ފުރުސަތު އޮންނާނެ އެވެ.

އެނގުން މުހިންމު - މިހާރު ގާނޫނު އޮންނަ ގޮތުން، ފުލުހުންނަށް ޓެރައިޒަމް މައްސަލަތައް ފިޔަވައި ޖިނާއީ ބޮޑެތި މައްސަލަތަކުގައި ގިނަވެގެން ލިބެނީ 75 ދުވަހެވެ. ނަމަވެސް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް މީގެ ކުރިން ގެނެސްފައިވާ އިސްލާހުން، އެ ގާނޫނުގެ ދަށުން ހައްޔަރު ކުރާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ގިނަ ވެގެން 90 ދުވަސް ލިބެ އެވެ.

ވީ ކިހިނެއް؟ - ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ސަރުކާރުން އިސްލާހު ހުށަހެޅީ މިދިޔަ މަހުގެ 26ގަ އެވެ. އިހަވަންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މެންބަރު މުހައްމަދު ޝިފާއު ސްޕޮންސާ ކުރެއްވި މި ބިލުގެ ފުރަތަމަ ކިޔުން މިދިޔަ ހޯމަ ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އިއްވާފަ  އެވެ. ބިލު ހުށަހެޅި ސަބަބުތަކަކީ:

  • ގާނޫނު ތަންފީޒުކުރުމަށާއި ޖިނާއީ އަދުލުގެ ނިޒާމުގެ އިޖުރާއަތްތައް ހިންގުމުގައި ދިމާވާ ދަތިތައް ހައްލު ކުރުން

  • އިއުތިރާފް އެއްބަސްވުން ހެދޭނެ ހާލަތްތަކާއި އެކަން ކުރުމުގައި އަމަލު ކުރާނެ އިޖުރާއަތްތައް އިތުރަށް ތަފްސީލު ކުރުން

  • ހެކިބަސް ދޭ މީހުން ހިމާޔަތްކުރުމާ ގުޅޭ ތަފްސީލީ އުސޫލުތަކެއް ކަނޑައެޅުން

ބިލު ހުށަހެޅުއްވި އިހަވަންދޫ ދާއިރާގެ މެމްބަރު ޝިފާއު. (ފޮޓޯ/ މަޖިލިސް)

ތަފްސީލު - މި ބިލުގައި އެންމެ ބޮޑު ބަދަލަކަށް އޮތީ، ޖިނާއީ ބޮޑެތި މައްސަލަތައް ތަހުގީގު ކުރަން ފުލުހުންނަށް ލިބޭ މުއްދަތުތަކާއި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ދައުވާ އުފުލަން ލިބޭ މުއްދަތުތައް އިތުރު ކުރުމެވެ.

ޖިނާއީ އިޖުރާތުގެ ގާނޫނު މިހާރު އޮންނަ ގޮތުން:

  • މައްސަލައެއްގައި މީހަކު ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖަހަން ފަނޑިޔާރުގެ ކުރިމައްޗަށް ހާޒިރު ކުރުމުން އޭނާ ބަންދުގައި ބަހައްޓަން އަމުރުކޮށްފި ނަމަ، އެ ދުވަހުން ފެށިގެން 30 ދުވަހުގެ ތެރޭގައި އެ މައްސަލައެއްގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވަން ޖެހޭ 

  • ބަންދުން ދޫކޮށްލާ މީހެއްގެ ތަހުގީގު ނިންމައި ދައުވާ ކުރަން ފޮނުވަން ލިބެނީ 45 ދުވަސް

  • ތުހުމަތުކުރެވޭ ކުށަކީ ޖިނާއީ ބޮޑު ކުށަކަށް ވެފައި، އެ މައްސަލައިގެ ބާވަތުން 30 ދުވަހުގެ ތެރޭގައި ތަހުގީގު ފުރިހަމަ ނުކުރެވޭ ނަމަ، ތަހުގީގުގެ މުއްދަތު ގިނަވެގެން އިތުރު 45 ދުވަހަށް އިތުރުކޮށްދިނުމުގެ ބާރު ޕީޖީއަށް ލިބިގެންވޭ

މެންބަރު ޝިފާއު ހުށަހެޅުއްވި އިސްލާހުގައި ހިމަނާފައިވަނީ، އެފަދަ ޖިނާއީ ބޮޑެތި މައްސަލަތަކުގައި ތަހުގީގު ދިގު ދަންމަން ފުލުހުން ބޭނުން ވާނަމަ، ތަހުގީގުގެ މުއްދަތު އިތުރު ކުރުމަށް ޕިޖީއަށް މިހާރު އޮތް 45 ދުވަސް އިތުރު ކުރުމުގެ ބާރު، 60 ދުވަހަށް ބަދަލު ކުރުމަށެވެ.

މި އިސްލާހު މަޖިލީހުން ފާސްވެއްޖެ ނަމަ، ބޮޑެތި މައްސަލަތައް ތަހުގީގު ކުރުމަށް ފުލުހުންނަށް ގިނަވެގެން ތިން މަސްދުވަސް ލިބޭނެ އެވެ. އެއާ އެކު، އެ މީހަކަށް ދައުވާ ނުކޮށް ތިން މަސް ވަންދެން ބަންދުގައި ބެހެއްޓޭނެ އެވެ.

 ޕީޖީ ހުސެން ޝަމީމް ނޫސްވެރިންނާ ބައްދަލުކުރަނީ: ތަހުގީގުގެ މުއްދަތު އިތުރު ކުރުމުގެ ބާރު އޮންނަނީ ޕީޖީއަށް. (ދައުރު ފައިލް ފޮޓޯ/އަބްދުﷲ އަނޫފް ޖުނައިދު)

ޖިނާއީ ބޮޑެތި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ:

  • މީހުން މެރުން

  • ރޭޕް ކުރުން

  • ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުން

  • މަނީ ލޯންޑަރިން

  • މީހުން ޓްރެފިކް ކުރުުން

  • މަސްތުވާތަކެތި ޓްރެފިކް ކުރުން

  • 100،000ރ. އިން ފެށިގެން މަތީގެ ފައިސާގެ އަދަދުތައް ހިމެނޭ ބައެއް ކުށްތައް

  • ނުރައްކާތެރި މާރާމާރީ

  • 10 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޖަލު އަދަބު ކަނޑައަޅާފައިވާ ކޮންމެ ކުށެއް

ދެން ބިލުގައި ހިމެނޭ މުހިންމު އިސްލާހަކަށް އޮތީ، ދައުވާ އުފުލުމަށް ޕީޖީއަށް ދީފައިވާ މުއްދަތު 15 ދުވަހަށް އިތުރު ކުރުމަށެވެ. ގާނޫނު މިހާރު އޮންނަ ގޮތުން ފުލުހުން ޕީޖީއަށް މައްސަލައެއް ފޮނުވާތާ 10 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ކޯޓަށް ހުށަހަޅަން ޖެހެ އެވެ. އެހެންކަމުން، މި އިސްލާހާ އެކު އިތުރު ފަސް ދުވަސް ޕީޖީއަށް ލިބޭނެ އެވެ.

ބިލުގައި ހިމެނޭ ބައެއް އެހެން މުހިންމު ކަންކަން:

  • ޖިނާއީ ބޮޑު މައްސަލައެއްގައި ހެކިބަސް ދޭ މީހާ ދޭ ހެކިބަހެއްގެ ސަބަބުން އޭނާއަށް ނުކުރައްކަލެއް ކުރިމަތިވުމުގެ ފުރުސަތެއް އޮތް ނަމަ، އެ މީހާއަށް ހިމާޔާތްކުރުމުގެ އަމުރެއް ހޯދުމަށް ކޯޓަށް ހުށަހެޅިދާނެ

  • އެގޮތަށް އަމުރެއް ހޯދުމަށް ކޯޓަށް ހުށަހެޅުމަށް ދައުލަތުގެ ކިބައިގެން އެދުމުގެ ހައްގު ހެކިބަސް ދޭ މީހާއަށް ވެސް  އޮވޭ

  • އިއުތިރާފް އެއްބަސްވުމުގެ ބައެއް ކަންކަން އިތުރަށް ތަފްސީލުކޮށްފައިވޭ

  • މައްސަލައެއްގެ ތުހުމަތުގައި ޕާސްޕޯޓު ހިފަހައްޓަން އޮންނަ އިބާރާތްތައް ފުރުން މަނާ ކުރުމަށް ބަދަލުކޮށް، އެ މާއްދާތައް އިތުރަށް ތަފްސީލުކޮށްފައިވޭ

އިތުރު އާޓިކަލް

އިތުރު އާޓިކަލް