މަސްދަރު ހާމަކުރަންޖެހޭ އިސްލާހާ ދެކޮޅަށް ނޫސްވެރިން މަޖިލިސް ދޮށުގައި އިއްޔެ ހުތިޖާޖު ކުރަނީ. (ދައުރު ފޮޓޯ/އަބްދުﷲ ޔަޝާއު)

ނޫސްވެރިކަން

ނޫސްވެރިން ދެކޮޅު ހަދަނިކޮށް ބިލް ފާސްކުރުމުން ބައިނަލްއަގްވާމީ ފަރާތްތަކުގެ ނުރުހުން ރާއްޖެއަށް

ބޭރުގެ ފަރާތްތަކުން ބުނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށް ދިނުމުގައި މަޖިލީހާއި ސަރުކާރު އިހުމާލުވެފައިވާ ކަމަށް

މުހިންމު ނުކުތާތައް

އާރުއެސްއެފްއިން ބުނީ މަޖިލީހުން އިހުމާލުވެފައިވާ ކަމަށް

އެމްނެސްޓީއިން ބުނީ ބިލުން ހިޔާލު ފާޅުކުރުން ނެތިގެން ހިނގައިދާނެ ކަމަށް

ހިއުމަން ރައިޓްސް ވޮޗްއިން ބުނީ މިއީ ރާއްޖެ ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް

ނޫސްވެރިން ލިޔާ ލިޔުމެއްގެ މަސްދަރު ހާމަ ކުރުމަށް މަޖުބޫރު ކުރެވޭ ގޮތަށް ފުޅާ ދާއިރާއެއްގައި ހެއްކާ ބެހޭ ބިލްގައި ފުރުސަތު ދީފައި ވާތީ އެކަންކަން އިސްލާހުކޮށް ދިނުމަށް ނޫސްވެރިން ގޮވާލަމުން ދަނިކޮށް އެ ބިލް އިއްޔެ މަޖިލީހުން ފާސްކުރުމުން ބައިނަލްއަގްވާމީ ޖަމްއިއްޔާ ޖަމާއަތްތަކުގެ ނުރުހުން ރާއްޖެއަށް އަމާޒުވެއްޖެ އެވެ.

މައްސަލައިގެ ފެށުން - ބައެއް ހާލަތްތަކުގައި ނޫސްވެރިން ލިޔާ ހަބަރުތަކުގެ މަސްދަރު ހާމަ ކުރަން މަޖުބޫރުކުރަން ކޯޓުން ކަނޑައެޅޭނެ ގޮތަށް އެމްޑީޕީގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހުން ހެއްކާ ބެހޭ ބިލު ވަނީ އިއްޔެ ފާސްކޮށްފަ އެވެ. އެގޮތުން އެ ބިލްގައި ވަނީ:

  • މައްސަލައެއްގައި ހިމެނޭ މީހަކު ހުށަހަޅާ ހުށަހެޅުމުގެ މައްޗަށް ބިނާކޮށް ޝަރީއަތުން ކަނޑައަޅާ ގޮތެއްގެ މަތިިން ނޫސްވެރިޔާގެ މައްޗަށް ނުވަތަ މީޑިއާއަކަށް މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށް ބަޔާންކޮށްފައިވޭ

  •  ނަމަވެސް  އެ ބިލުގެ 136 ވަނަ މާއްދާއަކީ ނޫސްވެރިންނާއި މައުލޫމާތު ދޭން ތިބޭ ފަރާތްތަކަށް ކުރިމަތިވާނެ ގޮންޖެހުމަކަށް ވާތީ ނޫސްވެރިންގެ ޖަމްއިއްޔާ އެމްޖޭއޭ އާއި އެމްއެމްސީއިން މީގެ ކުރިން ވެސް ވަނީ އެ މާއްދާ އުނި ކުރުމަށް ގޮވާލާފައި

  •  އެ މާއްދާ އުނި ކުރަން މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން، އެމްޖޭއޭ އިން ވެސް މީގެ ކުރިން ކޮމިޓީގައި ވަނީ އެދިފައި

  •  ނޫސްވެރިން ވަނީ އިއްޔެ މަޖިލީސް އިދާރާ ކުރިމަތީގައި އެކަމާ ގުޅިގެން އިހްތިޖާޖްވެސް ކޮށްފައި

ތަފްސީލް - އެކަމާ ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، އެ ބިލު ފާސްކުރުމުން ބައިނަލްއަގްވާމީ ނޫސްވެރިކަމުގެ ޖަމިއްޔާތަކަށް ވަނީ އަމާޒުވެފަ އެވެ.

އެގޮތުން ނޫސްވެރިންގެ ހައްގުގައި މަސައްކަތް ކުރާ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ ރިޕޯޓާޒް ވިތައުޓް ބޯޑާސް  (އާރުއެސްއެފް) އިން އިއްޔެ  ބުނެފައިވަނީ އެ ބިލާއި ގުޅިގެން ނޫސްވެރިންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދާއިދިނުމަށް މަޖިލީހުން އިހުމާލުވެފައިވާ ކަމަށެވެ. އަދި އެ ޖަމިއްޔާއިން ވަނީ އެމްޖޭއޭއިން މަޖިލީހަށް ހުށަހެޅި ލަފާތަކަށް ރިއާޔަތްކުރަން މަޖިލީހަށް ގޮވާލައިފަ އެވެ.

އެނގުން މުހިއްމު - އެމްޖޭއޭ އިން ހުށަހެޅި ހިޔާލު ކަރުދާހުގައި، އެ ބިލަށް ގެންނަން ބޭނުންވާ ޖުމްލަ ހަތް އިސްލާހެއް ހިމަނާފައިވެ އެވެ. މައިގަނޑު އިސްލާހަކަށް އޮތީ، މިހާރު ބިލު ފަރުމާކޮށްފައި އޮތް ގޮތުން މަސްދަރު ހާމަ ކުރުން ވަރަށް ފުޅާ ދާއިރާއެއްގައި މާނަ ކުރެވޭތީ އެކަން ހަނި ކުރާ ގޮތަށް ހުށަހަޅާފައިވާ އިސްލާހެވެ.

އެމްޖޭއޭ އިން ހުށަހެޅި ހިޔާލު ކަރުދާހުގައި ހިމެނޭ މުހިންމު ކަންކަން:

  • ތަހުގީގަށް މައުލޫމާތު ހޯދޭނެ ހުރިހާ ގޮތެއް ބޭނުންކޮށްގެން ވެސް ކަމުގެ ހަގީގަތަށް ވާސިލްނުވެވޭނެކަން ސާބިތުވުމާ އެކު، ދެން ހަމައެކަނި ކުރިއަށް ދެވެން އޮތް ގޮތަކީ މަސްދަރު ހާމަ ކުރުމުން ކަމަށް ބެލެވޭ ހާލަތުގައި ޝަރީއަތުން ގޮތެއް ކަނޑައެޅުން

  • އެގޮތަށް އެންގޭނީ ޓެރަރިޒަމް ފަދަ ވަކި ހާއްސަ، ބޮޑެތި މައްސަލަތަކުގައިކަން ބިލުގައި ބަޔާން ކުރުން

  • ސްދަރުގެ މާނަ ވީހާ ވެސް ފުޅާކޮށް ބިލުގައި ބަޔާން ކުރުން؛ އޭގެ ތެރޭގައި މީޑިއާގައި މަސައްކަތް ކުރާ ފަރާތްތައް ގެންގުޅޭ ލިޔެކިޔުމާއި ނޯޓުތަކާއި ފޯނު ކޯލާއި މެސެޖާއި އެ ނޫން ވެސް މުއާމަލާތްތަކާއި އަރުޝީފް އަދި އެ ނޫނަސް އެފަދަ ތަކެތި

މި މައްސަލައިގައި އެމްނެސްޓީ އިންޓަނޭޝަނަލްގެ ދެކުނު އޭޝިއާގެ ކެމްޕެއިނާ ސާދް ހައްމާދީ އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ގައުމީ ސަލާމަތަކީ" އިންސާނީ ހަައްގުތައް ނިގުޅައިގަތުމަށް ވަކިވަކި ފަރުދުންނާ ދެކޮޅަށް އިދާރާތަކުން ދައްކާ ބަހަނާއެއް ކަމަށެވެ. އަދި ނޫސްވެރިންގެ މަސްދަރު ހިމާޔަތް ކުރުމަށް ރާއްޖޭގެ ކަމާބެހޭ ފަރާތްތަކުން ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކާ ބެހޭ ގާނޫނާއި މިންގަނޑުތަކަށް ތަބާވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ހައްމާދީ ވިދާޅުވީ އެ މާއްދާގެ ދަށުން މަސްދަރު ހާމަ ކުރެވޭ ގޮތަށް ފުޅާ ދާއިރާއެއްގައި ފުރުސަތު އޮތް އިރު، އެއީ ވިސްލްބްލޯކުރާ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުގެ ހިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭ ކަމެއް ކަމަށެވެ. އަދި ހިޔާލުފާޅުކުރުމުގެ ހައްގު ނެތިގެން ދާނޭ ގޮތަށް ހިންގި އެ އަމަލު އޭނާ ވަނީ ކުށްވެރިކޮށްފަ އެވެ

އެމްނެސްޓީން މި މައްސަލައިގައި ކަންބޮޑުވުން ފާޅުކޮށްފައި ވާއިރު، އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ބައިނަލްއަގްވާމީ ޖަމާއަތެއް ކަމަށްވާ 'ހިއުމަން ރައިޓްސް ވޮޗް'ގެ އޭޝިއާ ސަރަހައްދުގެ ޑިރެކްޓަރު ޕެޓްރީޝިއާ ގޮސްމަން ވިދާޅުވީ އެ ބިލުގެ ދަށުން ހިޔާލު ފާޅުކުރުމުގެ ހައްގަށް ހުރަސްއެޅޭތީ، އެ ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭނެ ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މީގެ ކުރިން އެ ޖަމިއްޔާއަށް މައުލޫމާތު ދިން ކަމަށެވެ.

ނަމަވެސް ސަރުކާރުން އަމަލު ކުރީ އެއާ ހިލާފަށް ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ. އަދި މި ބިލު ފާސްކުރުމަކީ މީޑިއާއަށް ކުރިމަތިވެފައިވާ މައްސަލަތަކަށް ހައްލު ހޯދާދޭން ކުރާ މަސައްކަތުގައި ފަހަތަށް އެޅި ފިޔަވަޅެއް ކަމަށް ވެސް އޭނާ ސިފަކުރެއްވި އެވެ.

މި މައްސަލައާ ގުޅިގެން ޓްރާންސްޕޭރެންސީން ބުނެފައިވަނީ ގައުމެއްގައި ޑިމޮކްރަސީ ދެމެހެއްޓުމުގައި އެންމެ އިސް ދައުރެއް އަދާކުރަނީ މިނިވަން ނޫސްވެރިކަން ކަމަށެވެ. އަދި އެ މިނިވަންކަމަށް ހުރަސް އެޅޭ ކޮންމެ ބިލެއް އިސްލާހުކޮށް ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ޖެހޭ ކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.

ޓްރާންސްޕޭރެންސީން ވެސް މަޖިލީހަށް ގޮވާލީ އެމްޖޭއޭއާއި މީޑިއާ ކައުންސިލުން ދިން ލަފާތަކާއި އެއްގޮތަށް އިސްލާހު ގެނެސް، ބިލު ތަންފީޒު ކުރުން މަޑުޖައްސާލަންށެވެ.


އިތުރު އާޓިކަލް

އިތުރު އާޓިކަލް