Majlis 2024

މަޖިލީހުގެ މެމްބަރުން މިއަދު ކުރެއްވި ސުވާލުތަކަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ޖަވާބުދެއްވަނީ. (ފޮޓޯ/ މަޖިލިސް)

ރަށް ގިރާ މައްސަލަ ހައްލުކުރުން ލަސްވަނީ ކޮންޓްރެކްޓަރުން މަދުވުމުން: އަސްލަމް

40 ރަށެއް ގިރާ މައްސަލަ މިހާރު ފާހަގަކުރެވިފައިވާ ކަމަށް އަސްލަމް ވިދާޅުވި

ރާއްޖޭގެ ރަށްތައް ގިރާ މައްސަލައަށް ބޭނުންވާ ސްޕީޑުގައި ހައްލު ހޯދައި ނުދެވެނީ އެ މަސައްކަތް ކުރާ ކޮންޓްރެކްޓަރުން މަދުވުމުން ކަމަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެމްބަރުން ވަނީ ހުޅަނގު މޫސުމާ ދިމާކޮށް ބައެއް ރަށްތައް އާދަޔާ ހިލާފަށް ގިރަމުންދާ މައްސަލަ ފާހަގަކުރައްވައި އެކަމާ ގުޅޭ ގޮތުން މިނިސްޓަރާ ސުވާލުކުރައްވާފަ އެވެ.

ބުނީ ކީކޭ؟ - އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަސްލަމް ވިދާޅުވީ 40 ރަށެއް ގިރާ މައްސަލަ މިހާރު ފާހަގަކުރެވިފައިވާ ކަމަށެވެ. އެކަމަކު ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ހަވާލުކުރަން ބަލާއިރު، އެކަމުގެ ގާބިލުކަން ހުރި ކުންފުނިތައް މަދު ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ރަށްތަކަށް އެޓެންޑްކުރުމަށްޓަކާ އޮންނަ ހަތަރު ފަސް ކުންފުންޏެއް މި އޮންނަނީ. ޕްރައިވެޓް ސެކްޓާގައި ވެސް އެކަން ކުރަން މި އޮންނަނީ ވަރަށް މަދު ކުންފުންޏެއް. އެ ކުންފުނިތައް މި ހުންނަނީ އެ މީހުންގެ އަތުގައި މިހާރު ހުރި މަސައްކަތާ އެކީގައި ކެޕްވެފައި،" އަސްލަމް ވިދާޅުވި އެވެ.

މަޖިލީހުގެ މެމްބަރުން މިއަދު ކުރެއްވި ސުވާލުތަކަށް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ޖަވާބުދެއްވަނީ. (ފޮޓޯ/ މަޖިލިސް)

އަސްލަމް ވިދާޅުވީ މިފަދަ މަޝްރޫއުތައް ހަވާލުކުރާއިރު، އެ ކުންފުންޏެއްގެ މާލީ އަދި ފަންނީ ގާބިލުކަމަށް ބަލަން ޖެހޭ ކަމަށް މާލިއްޔަތު ގަވާއިދުގައި ބަޔާންކުރާ ކަމަށެވެ. މިހާރު މަޝްރޫއުތައް ހަވާލުކޮށްފައިވާ ކުންފުނިތަކާ އިތުރު މަޝްރޫއެއް ހަވާލުކުރަން ބަލާއިރު، އެވަރުގެ ގާބިލުކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން މިވާ ގޮތަކީ މިހާ ބައިވަރު މަސައްކަތް ހުރީމަ އެ މީހުންނަކަށް ދެން މި ގަވާއިދުގެ ދަށުން އިތުރު ކޮންޓްރެކްޓެއް ނެތް ދެވޭކަށް. ޓެންޑާކޮށްގެން އެކަން ކުރެވެން ނެތީމަ ދެން ޖެހެނީ ގަވާއިދުތަކެއް ބަދަލުކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

އަސްލަމް ވިދާޅުވީ މި މައްސަލައަށް ހައްލު ހޯދުމަށް މަޖިލީހާއި ސަރުކާރާ ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ގާނޫނުތަކާއި ގަވާއިދުތައް ބަދަލުކޮށް، ރާއްޖޭގައި "ސިވިލް ވޯކް" ކުރުމުގެ ގާބިލުކަން އިތުރުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް