އަފްގާން ކުއްޖަކު ހުސްވެފައި ހުރި ފެން ހަންތަކެއް ހިފައިގެން ބިންހެލުމުގެ އަސަރުކޮށްފައިވާ ސަރަހައްދަކަށް ދަނީ. (ފޮޓޯ/ ރޮއިޓާސް)

އަފްގާނިސްތާން

އިންޑިއާ އާއި ޕާކިސްތާނުން އަފްގާނިސްތާނަށް އެހީވަނީ

ބިން ހެލުމުގެ ސަބަބުން އަފްގާނިސްތާނުގައި 1،000އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައި

މިދިޔަ ބުދަ ދުވަހު އަފްގާނިސްތާނަށް ކުރިމަތިވި ވަރުގަދަ ބިންހެލުމާ ގުޅިގެން ހާލުގައި ޖެހިފައި ތިބި މީހުންނަށް އިންޑިއާ އާއި ޕާކިސްތާނުން އިންސާނީ އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި އެވެ.

ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް އިންޑިއާ އިން 27 ޓަނުގެ ކާބޯތަކެތި ފޯރުކޮށްދީފައިވާ ކަމަށް އެ ގައުމުގެ ހާރިޖީ ވުޒާރާ އިން މިދިޔަ ބުރާސްފަތި ހާމަކޮށްފައި ވާއިރު، ޕާކިސްތާނުން ވަނީ ކާބޯތަކެއްޗާއި ޒަރޫރީ އެހެނިހެން މުދާ ބަރުކޮށްފައިވާ ލޮރީތަކެއް އަފްގާނިސްތާނަށް ފޮނުވާފަ އެވެ.

ކާބޯތަކެތި ފޯރުކޮށްދިނުމުގެ އިތުރުން އިންޑިއާ އިން ވަނީ ބިން ހެލުމުގެ އަސަރުކޮށްފައިވާ ސަރަހައްދުތަކުގައި ތިބި ހާލުގައި ޖެހިފައިވާ އެތައް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރެވެމުން އަންނަ މަސައްކަތްތައް ހަލުވި ކުރުމަށް ޓެކްނިކަލް ޓީމެއް ވެސް ކާބުލްއަށް ފޮނުވާފަ އެވެ.

އިންޑިއާގެ މި ޓީމު ހަރަކާތްތެރި ވަމުން އަންނަނީ ތޯލިބާނުން އަފްގާނިސްތާނުގެ ކޮންޓްރޯލު ނެގުމާ އެކު މިދިޔަ އޮގަސްޓު މަހުން ފެށިގެން ފަޅުކޮށްފައި ހުރި އިންޑިއާ އެމްބަސީގަ އެވެ. ޓެކްނިކަލް ޓީމުގެ މަސައްކަތްތަކާ ބެހޭ ގޮތުން އިންޑިއާގެ ހާރިޖީ ވުޒާރާ އިން އިތުރު ތަފްސީލުތަކެއް ދީފައި ނުވި ނަމަވެސް، މި ޓީމުން "އިންސާނީ އެހީތެރިކަން ފޯރުކޮށް ދިނުމަށް ކުރެވެމުންދާ މަސައްކަތްތައް ގާތުން ބަލައި އެކަމުގައި އެހީތެރިކަން ފޯރުކޮށްދެމުން ދާނެ ކަމަށް" އެ ވުޒާރާ އިން ވަނީ ބުނެފަ އެވެ.

"އެތައް ސަތޭކަ އަހަރެއް ވަންދެން އަހަރެމެންނާ ގާތް ގުޅުމެއް ބަދަހިކޮށްފައިވާ އަފްގާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ އިން ސާބިތުވެ ތިބޭނަން،" އިންޑިއާގެ ހާރިޖީ ވުޒާރާ އިން ނެރެފައިވާ ބަޔާނެއްގައިވެ އެވެ.

އަފްގާނިސްތާނުގެ ގަޔާން ސަރަހައްދަށް ހެލިކޮޕްޓަރެއްގައި ފޯރުކޮށްދިން ޕާން ކޮތަޅުތަކެއް މީހަކު އެއްކުރަނީ. (ފޮޓޯ/ ރޮއިޓާސް)

އިންޑިއާގެ އިތުރުން، އަފްގާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދީފައިވާ ޕާކިސްތާނުން ފޮނުވި އިންސާނީ އެހީގެ ތެރޭގައި ހިމެނެނީ "އާއިލީ ޓެންޓުތަކާއި ސަތަރި އާއި ރަޖާ އަދި ކުއްލި ހާލަތުގައި ބޭނުންކުރާ ބޭސް" ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރުގެ އޮފީހުން ވަނީ ހާމަކޮށްފަ އެވެ.

އަދި "6.1 މެގްނިޓިއުޑުގެ ބިންހެލުމުން އަފްގާން އާއިލާތަކަށް ކުރިމަތިވެފައިވާ ހާލަތު ހައްލުކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނެކަމުގެ ޔާގީންކަން ޕާކިސްތާނުން ދޭ ކަމަށް" އެ ގައުމުގެ ބޮޑުވަޒީރުގެ އޮފީހުން އަލްޖަޒީރާއާ ހިއްސާކުރި ބަޔާނެއްގައިވެ އެވެ.

ބިން ހެލުމާ ގުޅިގެން އަފްގާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ. (ވީޑިއޯ/ ސްކައި ނިއުސް)

އަފްގާނިސްތާނަށް ކުރިމަތިވެފައިވާ މި ކާރިސާއަކީ އެ ގައުމުގެ ވެރިކަމުގައި ތިބި ތޯލިބާނުންނަށް ކުރިމަތިވެފައިވާ ބޮޑު އިމްތިހާނެކެވެ. އިންސާނީ ހައްގުތަކާ ހިލާފު ގިނަ އަމަލުތަކެއް ހިންގަމުންދާކަމުގެ ތުހުމަތުގައި ބައިނަލްއަގްވާމީ މުޖުތަމައުގެ ގިނަ ގައުމުތަކަކުން ވަނީ ތޯލިބާނުންގެ ސަރުކާރު ބަަލައިގަތުމަށް ދެކޮޅު ހަދާފަ އެވެ.

މިދިޔަ އޮގަސްޓު މަހު އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާ އެކު އިންޑިއާ އިން ވެސް ވަނީ ކާބުލްގައި ހުރި އެ ގައުމުގެ އެމްބަސީ ބަންދުކޮށްފަ އެވެ.

ނަމަވެސް، އެމްބަސީ ބަންދުކުރި ފަހުން މިވީ ނުވަ ވަރަކަށް މަސް ތެރޭގައި ވެސް 20،000 ޓަނުގެ ހުތާއި 13 ޓަނުގެ ބޭހާއި 500،000 ޑޯޒުގެ ކޮވިޑު ވެކްސިނާއި ފިނި މޫސުމަށް ބޭނުންވާ ފޭރާން އަފްގާނިސްތާނަށް އެހީގެ ގޮތުގައި ފޯރުކޮށްދީފައިވާ ކަމަށް އިންޑިއާގެ ހާރިޖީ ވުޒާރާ އިން ބުނެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް