އޮސްޓްރޭލިޔަން އޯޕަން ކާމިޔާބުކުރުމަށް ފަހު ނޮވަކް ޖޮކޮވިޗް ތައްޓާ އެކު. މިއީ މި މުބާރާތް އޭނާ ކާމިޔާބުކުރި 10 ވަނަ ފަހަރު

ޖޮކޮވިޗްގެ ހިތި ހަނދާނަށް ފަހު ރެކޯޑް ކާމިޔާބީއަކުން ހިނިތުންވެލައިފި

މި ތައްޓާ އެކު ގްރޭންޑް ސްލޭމްގެ ސިންގަލްސް ޗެމްޕިއަންކަން 22 ފަހަރު ހޯދައި، ނަޑާލްގެ ރެކޯޑާ ވަނީ އެއްވަރުކޮށްފައި
29 ޖެނުއަރީ 2023

މިދިއަ އަހަރުގެ އޮސްޓްރޭލިޔަން އޯޕަން ޓެނިސް މުބާރާތަށް، ކޮވިޑް-19 ވެކްސިން ފުރިހަމަނުކޮށް އޮޅުވާލައިގެން އޮސްޓްރޭލިޔާއަށް އެތެރެވުމުން ތިން އަހަރަށް ޑިޕޯޓްކޮށްލި ޓެނިސް ކުޅުންތެރިޔާ ސާބިއާގެ ނޮވަކް ޖޮކޮވިޗް، މިރޭ ހިނިތުންވެލައިފި އެވެ.

މި އަހަރުގެ އޮސްޓްރޭލިޔަން އޯޕަން ޓެނިސް މުބާރާތުގެ ފިރިހެނުންގެ ސިންގަލްސް ފައިނަލްގައި ގްރީސްގެ ސްޓެފަނޯސް ސިޓްސިޕާސް ސީދާ ތިން ސެޓުން ބަލިކޮށް، ގްރޭންޑް ސްލޭމްގެ 22 ވަނަ މުބާރާތް ކާމިޔާބުކުރީ އެވެ. މިއީ މިހާތަނަށް ގްރޭންޑް ސްލޭމްގެ އެންމެ ގިނަ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދި ސްޕެއިންގެ ރަފޭލް ނަޑާލްއާ އެއްވަރުގެ އަދަދެކެވެ.

ފުރަތަމަ ފަހަރަށް ގްރޭންޑް ސްލޭމް މުބާރާތެއް ކާމިޔާބުކުރުމުގެ އުއްމީދުގައި ކޯޓަށް ނުކުތް، ސިޓްސިޕާސް ،24، ބަލިކުރީ 6-3 ،7-6 (7-4)، 7-6 (7-5) އިންނެވެ.

މިއީ އުމުރުން 35 އަހަރުގެ ޖޮކޮވިޗް އޮސްޓްރޭލިޔަން އޯޕަންގެ ޗެމްޕިއަންކަން ހޯދި 10 ވަނަ ފަހަރެވެ. މިހާ ގިނަ ފަހަރު، އެހެން ކުޅުންތެރިޔަކަށް މި މުބާރާތުގެ ފިރިހެން ސިންގަލްސް ޗެމްޕިއަންކަން ހޯދިފައެއް ނުވެ އެވެ.

"މިއީ ވަރަށް ދިގު ދަތުރެއް، އެކަމަކު އެހާމެ ހާއްސަ ދަތުރެއް ވެސް މެ،" މެޗަށް ފަހު ވާހަކަ ދައްކަމުން އޭނާ ބުންޏެވެ.

މިދިއަ އަހަރު ދިމާވި މައްސަލައަކާ ގުޅިގެން ޖޮކޮވިޗް ތިން އަހަރަށް ޑިޕޯޓްކޮށްލިޔަސް، އޮސްޓްރޭލިޔާއިން ވަނީ ފަހުން އެ އަދަބު އުވާލައިފަ އެވެ. މި ފަހަރުގެ މުބާރާތަށް ދަތުރުކުރެވުނީ އެހެންވެ އެވެ.

އިތުރު އާޓިކަލް

އިތުރު އާޓިކަލް